"ބައްޕާ... ކަމެއް ބޭނުންވީތަ؟" ސަޖަލް އަހައިލިއެވެ. ރަޝާދު ފުންނޭވާއެއް ލަމުން ބޯ ޖަހައިލިއެވެ.

"ކިހިނެއްވީ ބައްޕާ؟ ބުނެބަލަ!" ސަޖަލް އަހައިލިއެވެ. ރަޝާދުގެ މޫނުމަތީގައި ހުރި އަސަރުތައް ދެނެގަންނަން އޭނާ ނުކުޅެދުނެވެ.

"އަދިވެސް އޭނަ އުނދަގޫ ކުރޭތަ؟" ރަޝާދު ސުވާލުކޮށްލިއެވެ.

"ތި ބުނީ އެ ދުވަހު..." ސަޖަލް ސުވާލުކޮށްލިއެވެ.

"އާނ.. އޭނަގެ ވާހަކަ މި ދައްކަނީ؟" ރަޝާދު ސުވާލުކޮށްލިއެވެ. އެއާއެކު ސަޖަލް ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ދެން އެކަހަލަ ކަމެއް އޭނާގެ ފަރާތުން ފެނިއްޖެއްޔާ ފުލުހަށް ނުގޮސް ނުހުންނާތީ އިނގޭ..." ރަޝާދު ބުނެލިއެވެ. ސަޖަލް ބޯ ޖަހައިލިއެވެ. އެއަށްފަހު އޭނާ ކުރަން ހުރި މަސައްކަތަށް ސަމާލުކަން ދިނެވެ.

***

ޖެހިގެން އައި ދުވަހު ދިހައެއް ޖަހާއިރު ރަޝާދުގެ އެޕޮއިންޓްމެންޓް ހަމަޖެހިފައި އިނުމުން ސަޖަލްއާ ރަޝާދާ ދެމީހުން ހޮސްޕިޓަލަށް ދާން ނުކުތެވެ. އޭރު ގަޑިން ނުވަގަޑި ބައިވަނީއެވެ. އެމީހުން ދެމީހުން ޓެކްސީއެއްގައި ގޮސް ހޮސްޕިޓަލް ކައިރިއަށް މަޑުކޮށްލިއެވެ. ޑްރައިވަރަށް ލާރި ދައްކާފައި ދެމީހުން ފައިބައިގެން ގޮސް ހޮސްޕިޓަލަށް ވަތްއިރުވެސް އެތެރޭގައި މީހުން ފުދޭވަރަަކަށް ގިނައެވެ. ސަޖަލްއާ ރަޝާދާ ދެމީހުން ދިޔައީ ކެންސަރާ ބެހޭ ޑިޕާރޓްމެންޓާ ދިމާލަށެވެ. އެ ޑިޕާރޓްމެންޓަށް ގޮސް ސަޖަލް ކައުންޓަރު ދޮށަށް ކައިރިވެލިއިރު، ރަޝާދު ގޮނޑި ބަރީގައި މަޑުކޮށްލިއެވެ. އޭނާ އެތަނުގައި އިންދާ އިރުކޮޅަކުން ސަޖަލް އައިސް ގޮނޑީގައި އިށީނދެލިއެވެ. ރަޝާދުގެ ނަންބަރު ޖެހުމާއެކު، އޭނާ އެތެރެއަށް ވަނެވެ. ސަޖަލް މަޑުކޮށްލީ ބޭރުގައެވެ. އޭނާއަށް ފޯނެއް އައުމާއެކު ވަށައިގެންވީ ހަލަބޮލި މާހައުލަށް ނަޒަރު ހިންގައިލަމުން އެތަނުން ނުކުމެލީ ފޯނަށް ޖަވާބު ދެމުންނެވެ. ގުޅީ ރާއްޖޭން ބޭރު ނަންބަރަކުންނެވެ. އެއާއެކު އޭނާއަށް އެއީ ޝައުފާކަން އެނގުނެވެ. ޝައުފާ ބުނީ އޭނާއަށް ފޮނުވި ލިޔުންތަކުގައި ހުރި ބައެއްކަންތައްތައް ރަނގަޅުކޮށްފައި އަލުން ފޮނުވައިލުމަށެވެ.

"އެހެންވީމަ ޒާމިން ކައިރީ ބުނަންވީ ދޯ ޒާމިން ނިންމި އެއްޗެހިވެސް އަލުން ރަނގަޅުކޮށްލަން..." ސަޖަލް ސުވާލުކޮށްލިއެވެ.

"އާނ... " ޝައުފާ އެހެން ބުނެލުމަށްފަހު އޭނާ ގެންނަން ބޭނުންވާ ބަދަލުތައް ތަފްސީލް ކޮށްލަދިނެވެ. ސަޖަލް އެ ވާހަކަތައް ކަނުލާ އަޑު އަހަން ހުރުމަށްފަހު، އޭނާ އެ ހުރިހާ އެއްޗެއް އަލުން ރަނގަޅުކޮށްފައި ފޮނުވާނެކަމުގައި ބުނެލިއެވެ.

ޝައުފާ ފޯނު ބޭއްވުމުން، ސަޖަލް އަވަސްވެގަތީ ޒާމިންއަށް ގުޅައިލުމަށެވެ. އޭނާ ޒާމިންގެ ނަންބަރު ހޯދާ އެ ނަންބަރަށް ޑައިލް ކޮށްލިއެވެ. ލަސްތަކެއްނުވެ ޒާމިން ފޯނު ނަގާ ހަލޯ އޭ ބުނެލައިފިއެވެ.

"ޒާ... ޒާމިންތަ؟" ސަޖަލްއަށް ސުވާލުކޮށްލެވުނެވެ.

"އަހަރެންގެ ނަންބަރަކަށް ނޫންތަ ތި ގުޅީ؟ އަހަންނޭ މީ... ކީކޭ ސަޖޫ..." ލުއި ހުނުމަކާއެކު ޒާމިން އެހެން ބުނެލުމުން ސަޖަލްއަށްވެސް ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލެވުނެވެ. އޭނާ އިސްތަށިތައް ކަންފަތުގެ އެއްފަރާތަށް ލައްވައިލިއެވެ.

"ނޫނޭ... ދެން އެހެންނެއް ނޫން ދޯ!" ސަޖަލް ލަދުވެތި ހުނުމަކާއެކު ބުނެލިއެވެ.

"ސޯ ކިހިނެއްވީ؟ ކަމަކުތަ؟ ނޫނީ އަހަރެން މަތިން ހަނދާންވީތަ؟" ޒާމިން ސުވާލުކޮށްލިއެވެ.

"ހެހެ. އެއީ ޝައު ދެންމެ ގުޅާފަ ބައެއް ޕޮއިންޓްސްތައް ބަދަލުކޮށްލަން ބުނީމަ. އެ މަސައްކަތް އެބެޖެހޭ ނިންމަން... ޒިމް ބިޒީ ނޫނިއްޔާ މިރޭގެ ވަގުތެއްގެ ދެމީހުން އޮފީހަށް ގޮސް ނިންމައިލަމާ..." ސަޖަލް ކަންތައްތައް އޮޅުން ފިލުވައިލަމުން ޚިޔާލެއް ދިނެވެ. ޒާމިންްވެސް އެ ޚިޔާލާ އެއްބަސްވިއެވެ. ސަޖަލްއާ ވާހަކަ ދައްކަން ހުއްޓާ ޒާމިންއަށް އޭނާގެ ކްލައިންޓެއްގެ ފޯނެއް އައެވެ.

"ސަޖޫ... އައި ގޮޓަ ގޯ... ކްލައިންޓެއް އެބަ ގުޅާ... އަހަރެން ފަހުން ހަބަރެއް ވެލާނަން އިނގޭ" ޒާމިން ބުނެލިއެވެ. އެއަށްފަހު އޭނާ ފޯނު ކަނޑައިލިއެވެ. ސަޖަލްއަށް ފޯނު ކަންފަތާ ދުރުކޮށްލަމުން ސްކްރީނުން ފެންނަމުންދިޔަ ޒާމިންގެ ނަމަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނެވެ. އޭނާގެ ތުންފަތްމަތީގައި އޭރުވެސް ލުއި ހިނިތުންވުމެއް ވެއެވެ.

އެހެން ހުރެފައި އޭނާ ގަޑިއަށް ބަލައިލަމުން އެތެރެއަށް ވަނެވެ. އޭނާ ގޮނޑި ބަރީގައި އިށީނދެގެން އިންދާ ރަޝާދު ނުކުތެވެ. އެއަށްފަހު އޭނާ އަތުގައި ހުރި ގަނޑުތައް ސަޖަލްއަށް ދައްކައިލިއެވެ. އެއަށްފަހު އެ ދެމީހުން ޑޮކްޓަރަށް ދެއްކޭތޯ އަވަސްވެގަތީ ރަޝާދުގެ ޗެކްއަޕް ހަދާ ދުވަސްވެސް އައިސް ޖެހިފައިވާތީއެވެ.

"މިއަދު އަޅެ އެޕޮއިންޓްމެންޓެއް ލިބޭތޯ ބަލަމާ...ޑޮކްޓަރަށް ދައްކައިލަން!" ސަޖަލް ބުނެލިއެވެ. އެއަށްފަހު އޭނާ ގޮސް ކައުންޓަރު ދޮށުގައި ހުއްޓެވެ. އަދި ޑޮކްޓަރު ފައިސަލްއަށް ދައްކާލުމަށް އެޕޮއިންޓްމެންޓެއް ހަމަޖައްސައިދިނުމަށް އެދުނެވެ. ނަސީބަކުން އެމީހުންނަށް އެ ދުވަހުގެ އޯޕީޑީއިން ނަންބަރެއް ލިބުނެވެ. ޑޮކްޓަރު ބަލަން ފަށަން ވަގުތު އޮތުމާއެކު، އެ ދެމީހުން ކާންވެގެން ކެންޓީނާ ދިމާލަށް ހިނގައިގަތެވެ. ރަޝާދުގެ މޫނުމަތިން އޭރު ވަރުބަލިކަން ކޮންމެވެސް ވަރަކަށް ފާޅުވަމުން ދިޔައެވެ. ލުއި ކާއެއްޗެއް ކައިގެން ދެމީހުން ހިގައިގަތް ވަގުތު ޑޮކްޓަރު ބަލަން ފެށިކަމަށް ފޯނަށް މެސެޖުއައެވެ.

ރަޝާދަށް ލިބުނީ ފަސްވަނަ ނަންބަރެވެ. އެމީހުން އެތަނުގައި ތިބޭތާ ބައިގަޑިއިރު ވާން ކައިރިވެފައި ހުއްޓާ ނަންބަރާ ޖެހުނެވެ. ސަޖަލްއާ ދެމީހުން ގޮސް ޑޮކްޓަރު ބަލަމުންދާ ކޮޓަރިއަށް ވަދެލިއެވެ.

؛ޑޮކްޓަރު ފައިސަލް އެ ދެމީހުން ފެނުމާއެކު ހިނިތުންވެލިއެވެ. ފެށުނީއްސުރެ ރަޝާދު ދައްކަނީ، ފައިސަލަށް ކަމަށްވުމާއެކު އެ ދެމީހުންގެ ދެމެދުގައިވެސް ކޮންމެވެސް ވަރެއްގެ ގާތްކަމެއް ވެއެވެ.

"ކިހިނެއްތަ މިހާރު؟" ޗެކްއަޕް ހަދަންވެފަ ދޯ..." ލިޔުންތައް ބަލަމުން ފައިސަލް އަހައިލިއެވެ. ރަޝާދު ބޯ ޖަހައިލިއެވެ. ކުރީގެ ރިޕޯޓްތައްވެސް ފަރުވާތެރިކަމާއެކު، ބަލަމުން ފައިސަލް ދިޔައެވެ. އެންމެފަހުން ހެދި ޓެސްޓްތަކުގައި ވެސް ކުރިއާ ބަލާފައި މާ ބޮޑު ކުރިއެރުމެއް ނުފެނިހުރުމުން، އޭނާ ލަފާ ދިނީ ދެން ޓެސްޓްތައް ތަންކޮޅެއް އަވަސް އަވަހަށް ހެދުމެވެ. ދެން ކުރިއަށް ފަރުވާދޭނޭ ޕްލޭން އެކުލަަވައިލާ ނިންމައިލުމަށްފަހު، ފައިސަލް އެމީހުންނަށް ތަފްސީލް ދިނެވެ. އަދި ހަދަންވީ ލޭގެ ޓެސްޓްތަކުގެ މައުލޫމާތުތައްވެސް ދިނެވެ.

ދެމީހުން ޑޮކްޓަރު ކޮޓަރިން ނުކުމެގެން ދިޔައީ ލެބޯޓްރީއަށެވެ. ނަންބަރު ނަގައިގެން އެތަނުގައިވެސް އެތައް އިރަކު މަޑުކުރަން ޖެހުނެވެ. ސަޖަލް އޭނާގެ ފޯނަށް މެސެޖެއް އައުމާއެކު ފޯނު ބަލައިލިއެވެ. ޒާމިންގެ މެސެޖެކެވެ. މެސެޖުގައި އޮތީ މިރޭ ފަހަރެއްގައި އޭނާއަށް އެ މަސައްކަތް ކުރަން ނުދެވިދާނޭ ކަމަށް ބުނެފައެވެ. އެއާއެކު ސަޖަލްގެ ހިތް ކުޑަކޮށް މާޔޫސްވާގޮތްވިއެވެ. އޭނާ މަޑުމޮޅިވިއެވެ.

"ކިހިނެއްވީ ދަރިފުޅާ... ހާސްވީ ތި؟" ސަޖަލްގެ މޫނުމައްޗަށް އެރި ކުލަވަރު ރަޝާދަށް ފެނުމާއެކު އޭނާ ސުވާލުކޮށްލިއެވެ.

"ނޫނޭ ބައްޕާ... އެއީ އެންޖީއޯ ކަމެއްގަ!" ސަޖަލް ހިނިތުންވެލިއެވެ. ނަންބަރު ޖެހުމާއެކު ރަޝާދާ އެކު ސަޖަލްވެސް އެތެރެއަށް ވަނެވެ. ދެމީހުން ޓެސްޓްތައް ހަދާ ނިންމާލައިގެން ގެއަށް ދާން ނުކުތްއިރު ހުރީ މެންދުރުން އަނބުރާ ދެއެއް ޖަހާފައެވެ. އެހެންކަމުން ގެއަށް ގޮސް ސަޖަލް އެއްޗަކަށް އޯޑަރު ދިނީ އޭނަވެސް ވަރުބަލިވެފައިހުރީތީއެވެ.

ބާކީ އޮތް ހުރިހާ ވަގުތެއްވެސް އޭނާ ގޭގައި އުޅެފައި ޒާމިން ނުދިޔަޔަސް އޭނާ އެކަނި ގޮސް އެމަސައްކަތްތައް ނިންމާނީއޭ ހިތާ ސަޖަލް ގެއިން ނުކުމެލިއެވެ. އެއާއެކު އޭނާގެ ފައިގައި ޖެހުނީ ދޮރުމަތީގައި އޮތް މާ ބޮނޑިއެކެވެ. އޭނާ ދެބުމަ އުފުއްލައިލުމާއެކު، އެ ނަގާ ބަލައިލިއެވެ. މާ ބޮނޑީގެ އެތެރޭގައި އޮތް ލިޔުންކޮޅު އޭނާ ކިޔައިލިއެވެ. އެއާއެކު އެއީ ރިއުމާންގެ ކަމެއްކަން އޭނާއަށް ޔަޤީން ކުރެވުނެވެ. އެ މާ ބޮނޑި ރީތިކަމުން އެ ނަގައިގެން ގޮސް އޭނާ މޭޒުމަތީގައި ބާއްވައިލިއެވެ. އެއަށްފަހު ގަޑިއަށް ބަލައިލަމުން ގެއިން ނުކުންނަން ހިނގައިގަތެވެ. އޭރު ރަޝާދުވެސް ވީ ކޮޓަރީގައެވެ. އޭނާ ވަރުބަލިވާތީ އަރާމު ކުރަނީކަން ސަޖަލްއަށް އެނގުނެވެ. ގެއިން ނުކުމެގެން ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާ ސައިކަލުމަތީގައި އިށީނދެލިއެވެ. އެއަށްފަހު ފުންނޭވާއެއް ލިއެވެ. އެހެން ކުޑަ އިރުކޮޅަކު އިނުމަށްފަހު، ފުންނޭވާއެއް ދޫކޮށްލާ އޭނާ ސައިކަލަށް ތަޅުދަނޑި ޖަހައިލާ އަނބުރައިލަން އުޅުނު ވަގުތު މީހަކު އައިސް އޭނާގެ އަތުގައި ހިފެއްޓިއެވެ. އޭނާ ބަލައިލިއިރު ހުރީ ރިއުމާންއެވެ. އަނެއްކާވެސް ދުވަސްތަކެއް ފަހުން ރިއުމާން އެގޮތަށް އައުމުން ސަޖަލްއަށް އިރުކޮޅަކު އެމޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނާއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.

"ސަޖޫ... އައި އެމް ސޮރީ ... މިހެން ސަޖޫ ހޯދަން އާދެވޭތީ... އެކަމަކު އައި ރިއަލީ ޑޫ ލަވްޔޫ އޭ... އަހަރެން ވަރަށް މަސައްކަތްކޮށްފިން ސަޖޫއާ ނުލާ އުޅެވޭތޯ...ދުރުގަ ހުރެވޭތޯ! އެކަމަކު އެކަމެއް އަހަންނަކަށް ނުވިޔޭ... ޖަސްޓް ކަމް ބެކް. ޔޫ ވިލް ސީ ދަ ޑިފަރެންންސް..." ރިއުމާން ބުނެލިއެވެ.

"ނޫނޭކޭ... ނޫނެކޭ ބުނަންވީ ކިތައް ފަހަރުތަ؟ އަދިވެސް ތި ހުރީ އުޅޭ ގޮތް. އެ އުޅުމެއް ނުހުނެއްޓެއެއްނު. ދެން ކިހިނެއް އަހަރެން ޤަބޫލުކުރާނީ؟" ސަޖަލް ބުނެލިއެވެ. ރިއުމާން އޭނާގެ އަތުން ސަޖަލްގެ އަތަށް ބާރުކޮށްލިއެވެ. އޭރު އޭނާގެ މޫނުމަތިންވެސް ފެންނަނީ މަޑުމޮޅިކަމެވެ.

"ދޫކުރޭ އަތުން... އަހަރެން ދން ދާނީ ފުލުހަށް..." ސަޖަލް ރިއުމާންގެ އަތް ފޮޅުވައިލިއެވެ. ރިއުމާން ތަޅުދަނޑި ކުއްލިއަކަށް ނެގިއެވެ. އެއާއެކު ރިއުމާންގެ މަޤްސަދު ސަޖަލްއަށް އެނގުނެވެ. އޭނާ އާދޭސްކޮށްކޮށްވެސް ރިއުމާން އެ ތަޅުދަނޑި ދޭ ޚިޔާލެއް ނުކުރިއެވެ. އެންމެފަހުން ސަޖަލް ގާތަށް ވެސް ރުޅި އަންނަ ގޮތްވިއެވެ. އޭނާއަށް ބާރަށް ވާހަކަ ދެއްކުނީވެސް ރިއުމާންގެ އަމަލުތަކުން ރުޅި އައި ވަރުންނެވެ.

ސަޖަލް ކުއްލިއަކަށް ރިއުމާންގެ އަތުން ތަޅުދަނޑި އަތުލިއެވެ. އެއަށްފަހު އޭނާ ސައިކަލު ސްޓާރްޓްކޮށްލިއެވެ. ސަޖަލް ސައިކަލުގައި ދިޔުމާއެކު ރިއުމާންވެސް އޭނާގެ ކާރަށް އަރާ ސަޖަލްގެ ފަހަތުން އެ ދާ ތާކަށް ދާން މިސްރާބުޖެހިއެވެ.

ސަޖަލް ސައިކަލުގައި ގޮސް މަޑުކޮށްލީ ފުލުސް އިދާރާ ކުރިމައްޗަށެވެ. އެއަށްފަހު އޭނާ އެތަނުގައި ސައިކަލު ޕާކުކޮށްލާފައި ގޮސް އެތެރެއަށް ވަނެވެ. އޭރު އެ މަންޒަރު ބަލަހައްޓައިގެން ރިއުމާން އިންއިރު އޭނާއަށް ހިންދިރުވައިލެވުނެވެ.

އެހެން ކިޔާފައިވެސް ފަހަރެއްގައި ސަޖަލް އެގޮތަށް އަމަލު ކޮށްފާނޭ އޭނާއަށް ހީކުރެވިފައެއް ނެތެވެ. އޭނާ ފުންނޭވާއެއްލާ ހުންގާނުގައި އަތުން ޖަހައިލިއެވެ. އެއަށްފަހު ދެ އަތް މުށްކަވައިލިއެވެ. ދެން ކަންތައް ވެގެންދާނީ ކިހިނެއްކަން ނޭނގޭ ޙާލުގަ ރިއުމާންގެ ހިތުގެ ތެޅުންވެސް ކޮންމެވެސް ވަރަކަށް ބާރުވެގެން ދިޔައެވެ.

(ނުނިމޭ)

comment ކޮމެންޓް