ހިޔާވަހިކަމުގެ ފުރަތަމަ ނަޒަރުން އުފެދުނީ ހުސް ޝަކުވާ!

"ވޯތެއް ނޫން، 8،500 ކޮންމެ މަހަކު ހޭދަކޮށްފަ، އަދި ދެން ކުރަން މިޖެހޭ ހުރިހާ މަސައްކަތެއް ކޮށްފަ، އަސްލު ވޯތެއް ނޫން،" މިއީ މާލެއަށް އުފަންވެ މާލޭގައި އުޅެ ބޮޑުވި އަދި ސަރުކާރު ކުންފުންޏެއްގެ ވަޒީފާ އަދާކުރާ ޝިހާމް އޭނާއަށް ހިޔާ މަޝްރޫއުގެ ދަށުން ލިބުނު ފްލެޓްގެ ދޮރުމަތީގައި ހުރެގެން ފާޅުކުރި ޝުއޫރެވެ. އޭނާ ހިޔާ ފްލެޓަށް އެދި ފޯމު ހުށަހެޅީ މިހާރަށްވުރެ ފަސޭހަ ގޮތެއް ހޯދުމަށެވެ. މަހު މުސާރައިގެ ބޮޑު އިންސައްތައެއް ކުއްޔަށް ނުދައްކައި، ދެކޮޅުޖެހިގެން ފުދުންތެރި ދިރިއުޅުމެއް ލިބޭނެކަމުގެ އުންމީދުގަ އެވެ. އެހެންނަމަވެސް އެ ހިޔާވެހިކަން ލޮލުން ފެނި އަތުން ހިފުމުން ހިތަށް އައީ އަނެއްކާވެސް ނުތަނަވަސްކަމެވެ. ހިޔާވާން ލިބުނު ފްލެޓަށް ބަދަލުވާން ކުރިމަތިވެފައި ހުރި ހުރަސްތަކުގެ ސަބަބުންނެވެ. އިޖުތިމާޢި ބޯހިޔާވަހިކަމުގެ ނިޒާމަކީ އެންމެ އާދައިގެ ރައްޔިތުންނަށްޓަކައި ސަރުކާރުން ހިންގާ ނިޒާމެކެވެ. އަދި އެ ނިޒާމުގެ ދަށުން ދޫކުރެވޭ ގެދޮރުގެ އަގުތައް ވާންޖެހޭނީ އެންމެ އާދައިގެ ރައްޔިތުންނަށް ލިބޭ އާންމުދަނީން ދެކޮޅު ޖައްސައިގެން ދިރިއުޅުން ކުރިއަށް ގެންދެވޭނެ މިންވަރުގެ އަގުތަކަށެވެ.

ފްލެޓްތައް ބަލައިލަން ލިބުނު ފުރުސަތުގައި އެތައް ބަޔަކު އެތަނަށް ޒިޔާރަތްކުރިއިރު ދެ ދުވަސް މަތިންވެސް އެތައް އިންޓަވިއުއެއް ކޮށްގެން އެ ފްލެޓްތަކާމެދު ހިތްހަމަޖެހިފައި ތިބި ބަޔަކާ ވާހަކަދެއްކޭ ގޮތެއް ނުވި އެވެ. ކޮންމެ މީހަކުވެސް ދައްކަނީ ފްލެޓްތަކުގައި ހުރި މައްސަލަތަކުގެ ވާހަކަ އެވެ. އެ ފްލެޓްތަކުގައި ދިރިއުޅެން ކުރިމަތިވާނެ ދަތިތަކުގެ ވާހަކަ އެވެ. ގިނަ ބަޔަކު ތިބީ އެ ފްލެޓްތަކަށް ބަދަލުވާން ކުޑަ ދުވަސްކޮޅެއްތެރޭ އަތުން ދާނެ ބޮޑު ހަރަދުތަކާ މެދު ކަންބޮޑުވެފަ އެވެ. އެތަނަށް ބަދަލުވެގެން ހުޅުމާލެ ދެވަނަ ފިޔަވަހި އާރާސްތުވުމަށް ހޭދަވާނީ ކިހާ ދުވަހެއްތޯ ވިސްނާށެވެ. މާލެއަށް އެމީހުންވާ ބަރޯސާ ނިމުމަކަށް އަންނާނީ ކިހާ ދުވަހެއް ފަހުންތޯ ވިސްނާށެވެ.

"މިއީ އެންމެ ރަނގަޅު ގޮތެއް ނޫންކަންނޭނގެ، އަޅުގަނޑު ދެކޭ ގޮތުގައި. އެކަމަކުވެސް ބަދަލުވާނަން. އެއީ ދެން އިތުރަށް ކުރާނެ ކަމެއް ނެތްތާ. ފްލެޓް ލިބުނީތީ އުފާވޭ އެކަމަކު މި ބަދަލުވުމަކީ ކުރަން ޖެހިގެން ކުރާ ކަމެއް،" މިއީ ހިޔާ ފްލެޓް ލިބިގެން އެތަން ބަލާލުމަށްފަހު ނިކުމެގެން ދިޔަ މެދުއުމުރެއްގެ މީހެއްގެ ވާހަކަތަކެވެ.

އުމުރުގެ ބޮޑު ބައި މާލޭގައި ކުއްޔަށް އުޅޭ އެމީހާ އާއިލާއާއެކު އެ ފްލެޓަށް ބަދަލުވާން ނިންމައިގެން ހުރިނަމަވެސް އެމީހާވެސް ހުރީ ހިތްހަމަޖެހިގެނެއް ނޫނެވެ.

ފްލެޓްތަކަށް ކުރި ޒިޔާރަތުން އެތައް މައްސަަލައެއް ފެނުނުއިރު އޭގެ ތެރެއިން ބައެއް މައްސަލައަކަކީ އަގުބޮޑު އަދި އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް އެތައް ގޮތަކުން އިޖުތިމާއީ މައްސަލަތަކެއް ކުރިމަތިވާނެ ކަންކަމެވެ. ފެނިގެންމިދަނީ މީހުން ދިރިއުޅެން ވަންނަން މުޅިން ތައްޔާރު ނޫންތަނަކަށް އަވަހަށް މީހުން ވައްދަން މަސައްކަތްކުރާ މަންޒަރެވެ.

ހުރިހާވެސް މައްސަލައަކީ ފިނިޝިންގް!

"ޖެހޭނީ ދަރަންޏަށް ލޯނެއް ނަގަން، ފިނިޝިންގް މަސައްކަތް ނިންމަން. އިތުރު ގޮތެއް ނެތް. އެވަރުގެ ބޮޑު ހަރަދެއް ކުރާނެ ފައިސާއެއް ނެތް،" ފްލެޓަށް ބަދަލުވުމަށް ކުރަންޖެހޭ މަސައްކަތްތައް ބަލައިލަން އެޕާޓްމެންޓް ތެރޭގައި ހުރި ކިޔައިދިނެވެ.

ލިބުނު ފްލެޓް ބަލައިލަން އެމީހާ ދިޔައީ ފޫޓުފީތާއެއްވެސް ހިފައިގެންނެވެ. އަދި އެތަނުގެ ތެރޭގައި އެމީހާ ދިޔައީ ފްލޯރިންގްގެ މަސައްކަތަށް މިންއަޅައި އަންދާޒާ ކުރަމުންނެވެ. އެތަނުގައި ފަންކާއާއި ދޮރާއި ބޮތްކާއި ފަރުނީޗަރު ފަދަ ތަކެތި ވައްދައި ދިރިއުޅެން ފައްޓަން ދާނެ ހަރަދަށް ވިސްނަމުންނެވެ.

ހިޔާ ފްލެޓް ލިބުނު ގިނަ މީހުންނަކީ މަދުވެގެން 10 އަހަރު މަލޭގައި ދިރިއުޅެފައިވާ މީހުންނެވެ. އެއީ ބޮޑު ކުލި ދީގެން ދިރިއުޅެމުން ދިޔަ މީހުންނެވެ. އެފަދަ ކުލީގެ ދުނިޔެއެއްގައި ވަށައިޖެހި އުޅެ ބޮޑުވި މީހުން ކުރަމުންދިޔަ އުންމީދަކީ ހިޔާ ފްލެޓަކީ އެމީހުންގެ މާލީ ހިތްދަތިކަމަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިގެންދާނެ ކަމެއްގެ ގޮތުގަ އެވެ.

އެހެންނަމަވެސް ކަން ދިމާވި ގޮތުން ގިނަ ބަޔަކު ތިބީ ހިޔާ ފްލެޓްގެ ފިނިޝިންގް މަސައްކަތް ސަރުކާރުން އެތަނަށް ބަދަލުވާ މީހުންގެ "ބޮލަށް ޖެހި" ޖެހުމާ ދޭތެރޭ ހިތްހަމަނުޖެހިފަ އެވެ.

"ސަރުކާރުން ކުރާ ކަމަކަށް (ހިޔާ މަޝްރޫއު) ވީމަ ދެން ތަންކޮޅެއް ދެރަ ދޯ. މިހާރު މިތަނަށް ބަދަލުވާ މީހާވެސް މި ޖެހެނީ އިތުރު ހަރަދުތަކެއް ކުރަން. އަދި އެވެސް ކުޑަ ހަރަދެއް ނޫން،"

"ފްލެޓް ރަނގަޅު ކުޑަ އާއިލާއަކަށް! އެކަމަކު އެ މަސައްކަތް އެއީ ކުޑަ އާއިލާއަކަށް ދަރަނިވެރިވެގެން ނޫން ގޮތަކަށް ނުވާނެ ވަރުގެ ބޮޑު ހަރަދެއް، އެހާ ކުޑަ ދުވަސްކޮޅެއް ތެރޭ، އެކިޔަނީ ތިން މަހޭ" މިއީވެސް ހަމަ ހިޔާ ފްލެޓެއް ލިބުނު މީހެއްގެ ވާހަކަތަކެވެ. ދެން ވާހަކަދެއްކި އެހެން މީހުންގެ ތެރެއިންވެސް ފިނިޝިންގް މައްސަލައިގެ ހިތްހަމަނުޖެހުން ހިއްސާ ނުކުރާ މީހެއް ނެތެވެ. އެންމެންވެސް އެދެނީ ސަރުކާރުން އެކަމަށް ހައްލެއް ހޯދައިދޭށެވެ. އެންމެ ކުޑަމިނުން ތިން މަސްދުވަހުގެ މުހުލަތު އިތުރުކޮށްދޭށެވެ.

އާންމުންގެ ކިބައިން އިވުނު އަނެއް ޝަކުވާއަކީ އެތަނުގައި ޖާގަ ކުޑަކަމުގެ ވާހަކަ އެވެ. ދެ ކޮޓަރީގެ ފްލެޓްތަކަށް ކުރި ޒިޔާރަތުގައި ފާހަގަ ކުރެވުނު ކަމަކީ އެތަނަކީ ދެމަރިފިންނާއި އެއް ކުއްޖަކު ނުވަތަ ދެ ކުއްޖަކު ދިރިއުޅުމަށް ފަރުމާކޮށްފައި ހުރިތަނެއްކަމެވެ. އެހެންނަމަވެސް މިއީ މާލޭގައި ދިރިއުޅޭ ހުރިހާ އާއިލާއެއްގެ ހާލަތެއް ނޫނެވެ. ބައެއް އާއިލާތަކަކީ ދެ ދަރިންނަށް ވުރެ ގިނައިން ކުދިން ތިބޭ އާއިލާތަކެވެ. އަނެއްބައި މީހުންނަކީ ބަލަންޖެހޭ އިތުރު މީހުންވެސް ތިބި އާއިލާތަކެވެ. އެމީހުންގެ ވިސްނުމަކީ އެކުގައި ދިރިއުޅެމުން ދިޔަ އާއިލާގެ ތެރެއިން، އެއްބަޔަކު މާލޭގެ އަގު ބޮޑު ކުލި ދައްކައިގެން މާލޭގައި އުޅެން ދޫކޮށްލައިފައި، އަނެއް ބަޔަކު ހިޔާ ފުލެޓަށް އައުމުގެ ބަދަލުގައި އާއިލާ އެއްކޮށް އެލިބުނު ދެ ކޮޓަރީގެ ފްލެޓަށްވިޔަސް ބަދަލުވާށެވެ.

"ގާތްގަނޑަކަށް ހަ މީހުން އުޅޭނެ. ދެން މި ވިސްނަނީ ދެ ކުދިން ސިޓިންގް ރޫމުގައި ނިންދަވަން، އެކަހަލަ ގޮތެއް ހަދަން،" ހިޔާ ފްލެޓްގެ ކޮޓަރިތަކުގެ ސައިޒާމެދު ހިތްހަމަ ނުޖެހި، ލިބުނު ފްލެޓަކީ އާއިލާއަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ކިޔައިދެމުން މީހަކު ބުންޏެވެ.

މީގެ ނަތީޖާއަކަށްވެގެން ދަނީ ކުޑަ އާއިލާއަކަށް ފަރުމާކޮށްފައިވާ އެޕާޓްމެންޓް ތޮއްޖެހުމެވެ. ފްލެޓަށް އެދޭއިރު ފްލެޓް ލިބޭ މީހުންނަށް ބަރޯސާވާ މީހުންގެ މައުލޫމާތުވެސް ނަގަ އެވެ. ވުމާއެކު ދެން އުފެދޭ ސުވާލަކީ މި ފްލެޓްތައް ދީފައި ހުރީ އެކަމަށް ރިއާޔަތްކޮށްގެންތޯ އެވެ.

އަނެއް މައްސަލައަކީ ހިޔާ ފްލެޓަކީ އިޖުތިމާއީ ބޯހިޔަވަހިކަމުގެ ކޮންސެޕްޓަކަށް ވާއިރު މިއީ ރާއްޖޭގައި މީހުން ދިރިއުޅެން އެންމެ ބޭނުންވާ ގޮތް ނޫންކަމެވެ. ފްލެޓްގެ ބަންދުވެފައިވާ ކޮރިޑޯތަކާއި ކުރިން ސަރުކާރުން ދޫކުރި ހުޅުމާލެ ނެއިބާހުޑް 2 ގެ ދަންނަ ނަމުންނަމަ "ޗައިނާ ފްލެޓް" ތަކާއި އަޅާބަލާއިރު ދިރިއުޅުމުގެ ފެންވަރު ދަށް އަދި އަގުބޮޑު ތަނެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ. ރަނގަޅެވެ، ބޯހިޔާވަހިކަމުގެ ކޮންމެ ސްކީމެއް އެއްގޮތަަކަށް ނުހުންނާނެ އެވެ. އެހެންނަމަވެސް ޗައިނާ ފްލެޓްތަކަކީ ޖާގަ ބޮޑު، ދިރިއުޅެން ފަސޭހަ ތަނެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަގުވެސް ރަނގަޅެވެ. މާހައުލީ ގޮތުން ހިޔާ ފްލެޓާއި ޗައިނާ ފްލެޓާއި ދެމެދުގައި އޮތް ފަރަގު ގިނަ ބަޔަކަށް އިހުސާސް ވާން ފެށީ ހިޔާ ފްލެޓްތައް ބަލަން ދާން ފެށުމުންނެވެ. ހައުސިން ސްކީމްތައް ރަނގަޅަށްވެސް ކުރެވޭނެކަން ޗައިނާ ފްލެޓްތަކުން ފެނިގެންދާކަމަށް ހިޔާ ފްލެޓްތައް ބަލަން ދިޔަ ގިނަ މީހުންވެސް ގަބޫލުކުރެ އެވެ.

"އެތާގަ ދެ ލިފްޓް ހުރުން، އެއީ ރަނގަޅުކަމެއް ނޫން. އެއީ އެތަނަކީ އެތައް ސަތޭކަ ބަޔަކު ދިރިއުޅޭ ތަނެއް، އެތައް ބަޔަކު އެ ލިފްޓް ބޭނުންކުރާނެ. ދެން އެންމެ މަތިން ތިރިޔަށް ސިޑިންނެއް ނުއެއް ފައިބާނެ އެއްވެސް މީހަކު،" ހިޔާ ފްލެޓްގެ ތިރީގައި ހުރެ ވާހަކަދައްކާލި މީހަކު ބުންޏެވެ. އެމީހާގެ ވާހަކަތަކުގައި ތެދެއްވާކަން އެތަނަށް ކުރި ޒިޔާރަތުގައި ލިފްޓަށް ކުރަން ޖެހުނު އިންތިޒާރުން ކޮންމެވެސް ވަރަކަށް ތަޖުރިބާކުރެވުނެވެ. އެއީ އަދި އެތަނުގައި މީހުން ދިރިއުޅެން ވެސް ނުފަށާއިރު ކުރި ތަޖުރިބާއެވެ.

ޒިޔާރަތްކުރި ފްލެޓުގައި ހުރީ އާންމުން ބޭނުންކުރަން ދެ ލިފްޓާއި ކާގޯ ލިފްޓެކެވެ. އަދި ޖުމްލަ ތިން ސިޑި އެވެ. އަލިފާނުގެ ހާލަތުގައި އެ ފްލެޓުގައި ހުރި ނުރައްކަލަކީ އެ ތިން ލިފްޓާއި ދެ ސިޑިވެސް ފްލެޓްގެ އެއް ފަޅީގައި ހުރުމެވެ. ނުރައްކަލުގެ ހާލަތުގައި ފްލެޓްގެ ލިފްޓް ހުރި ފަޅި ބޭނުންނުކުރެވިއްޖެނަމަ އެތަނުގައި ދިރިއުޅޭ އެތައް ސަތޭކަ މީހުން އެއްފަހަރާ ބާކީ ހުރި އެންމެ ސިޑިއެއް ބޭނުންކުރުމަކީވެސް ކުރިމަތިވާނެ ބޮޑު ނުރައްކަލެކެވެ.

ފްލެޓް އެޅިއްޖެ އެވެ. އެހެންނަމަވެސް އެ ފްލެޓުގެ ފިނިޝިންގް މަސައްކަތް އަވަހަށް ނިންމައި އެތަނަށް ބަދަލުވާން ތައްޔާރުވަމުންދާ އާއިލާތަކުން ދަނީ އެ ސަރަހައްދުގައި ދިރުމެއް ނެތްކަމަށާއި އެއީ ސަހަރާއަކަށް ދޫކޮށްލުން ފަދަ ކަމެއްކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފޭސް 2 ގައި މިސްކިތެއް، ސްކޫލެއް، އަދި ފިހާރައެއްވެސް އަދި ނެތެވެ. އެންމެ ފަހުންވެސް އިއުލާންކުރި ސްކޫލަކީ ދޮޅު އަހަރު ދުވަހު ތެރޭ ނިންމަން ހަވާލުކުރި ތަނެކެވެ. އާންމުންގެ ކަންބޮޑުވުން ހުރީ އެތަނުގައި ދިރިއުޅުމެއް ފަށާއިރު ހަމައެކަނި ފްލެޓްތަކެއް އެތަނުގައި ހުރެގެން ދިރިނޫޅެވޭނެތީވެ ވާންޖެހޭ ކަންބޮޑުވުމެވެ. މިހެންވުމުން އެތަނަށް އާންމުން ބަދަލުވާއިރު ސަރުކާރުން އެ ސަރަހައްދުގައި ދިރިއުޅުމަށް ބޭނުންވާ އަސާސީ އެހެންކަންކަންވެސް ފުރިހަމަކުރާނެކަމަށް ގިނަ ބަޔަކު ދަނީ އުންމީދުކުރަމުންނެވެ. އެކަމަށް އޮތީ ތިން މަހެވެ.

ޒިޔާރަތްކުރި އާންމުންގެ ފަރާތުން ލިބުނު ޝަކުވާތަކާއި ކަންބޮޑުވުންތައް ހައުސިންގް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހިއްސާކޮށްލުމުން ކުންފުނީގެ ފަރާތުން ވަނީ އެ ފްލެޓްތަކުގައި ހުރި މައްސަލަތައް ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެފަ އެވެ. ހުރިހާ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ހައްލުކުރެވެން ހުރި މައްސަލަތަކެވެ.

އެޗްޑީސީއިން ފިނިޝިންގް މަސައްކަތަށް ތިން މަސް ދުވަސް ދޭން ނިންމާފައިވާއިރު އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެ ހަރަދުތަކާއެކު އެ މުއްދަތާމެދު ޝަކުވާތަކެއް އާންމުންގެ ފަރާތުން ލިބޭކަމަށާއި އޭގައި ބުރަދަނެއް ހުރިތޯ ބަލާފައި އެޗްޑީސީއިން އެ މުއްދަތު އިތުރުކޮށް، ދެވެން އޮތް ހުރިހާ ލުއިތަކެއްވެސް ދޭނޭކަމަށެވެ.

"މީގެ ތަންކޮޅެއް ކުރިންވެސް ވާނެ އެވާހަކަ ކުންފުނިން ބުނެފަ، އެއީ ވެލިޑް ކޮންސާންސްތަކަކަށް ވިއްޔާ އެ މުއްދަތު އިތުރުކޮށްދޭނަމޭ،" އެ އޮފިޝަލް ވިދާޅުވި އެވެ. ކޮންމެއަކަސް އެޗްޑީސީއަކުން އެތަނުގައި ފިނިޝިންގް މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތެވެ. އެނިންމުން ނިމި ވަނީ މާޒީގެ ތެރެއަށް ގޮއްސަ އެވެ.

ޓަވަރުތަކެއްގައި މީހުން ދިރިއުޅެން ދޫކޮށްލުން އެއީ ހަގީގަތެއް ނޫންކަމަށް ބުނަމުން އެ އޮފިޝަލް ވިދާޅުވީ މީހުން އާބާދުވާންވާއިރަށް އެ ސަހަރައްދުގައި ކޮމާޝަލް ތަންތަންވެސް ނިންމައި އެ ސަރަހައްދު ރަނގަޅަށް އެދެވޭ ގޮތަކަށް އާބާދުކުރެވޭނެކަމަށެވެ. އެގޮތަށް ދޫކުރާ ބައެއް ކޮމާޝަލް ޖާގައިގެ އިވެލުއޭޝަން ހަދައި ތިން މަސް ތެރޭ އެތަނުގައި ކުދި އަދި އަމިއްލަ ވިޔަފާރިތަކަށްވެސް ފަށައިގަނެވޭނެކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

"ލިފްޓްގެ ކަންކަން އެއީ ބޮޑަށް ބިލްޑިންގް ޑިޒައިން، އެކަން އެއޮތީ މާ ކުރިން، މި ދެންނެވީ، ކުރިން ނިންމާފަ ކުރީ ސަރުކާރުގައި، ދެން ބިލްޑިންގްގެ ސްޓްރަކްޗަރަލް ޑިޒައިނަށް ބަދަލެއް ގެންނާނެކަމަކަށް ނުބެލެވޭ، އެމްއެންޑީއެފްއާ ގުޅިގެން އެ ފްލެޓްތަކުގައި ވަރަށް ފަހުން ފަޔާ ޑްރިލްތަކެއްވެސް ކުރިޔަށް ގެންދިޔަ،" އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ފްލެޓްތަކުގެ ކުއްޔާއި ގުޅޭ ގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެއީ ބޮޑު އަދަދެއްކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އަދި ސަރުކާރުން އެ އަގަށް އެހެންވެ ބަދަލުތަކެއްވެސް ގެނެސްފައިވާނޭކަން ފާހަގަކުރައްވާފަ އެވެ. އެހެންނަމަވެސް ކޮމާޝަލް ލޯނެއް ނަގައިގެން ކުރިޔަށް ގެންދިޔަ އެ މަޝްރޫއުގެ ސަބަބުން އިތުރަށް އަގު ކުޑަކުރަންޏާ ސަރުކާރަށް ވަރަށް ބޮޑު ތަކުލީފެއް އަންނާނެކަމަށް ރައީސް ސޯލިހު ވިދަޅުވި އެވެ.

"ސަރުކާރުގެ ބަޖެޓުން އެބަ ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާ. މިއީ ސަރުކާރަށް އެކި ގޮތްގޮތުން ރައްޔިތުން ދައްކާ ޓެކްސް ފައިސާ އިން ހަމައެކަނި މި ފްލެޓުތަކަށް ހޭދަކުރަންޖެހޭ ވަރު،" ރައީސް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގައި ހުރި މައްސަލަތަކާ ގުޅިގެން ހިޔާ މަޝްރޫއު ފެއްޓެވި އިރު ހައުސިންގް މިނިސްޓަރުކަމުގައި ހުންނެވި އަދި މިހާރު މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން ކަންކަން ރާވާފައި އޮތް ގޮތަށް މި ސަރުކާރުން ކުރިޔަށް ނުގެންދާ ކަމަށާއި އަދި އެއީ ކުރީ ސަރުކާރުގެ ރޭވުންތެރިކަމެއް ނެތުން ނޫންކަމަށެވެ.

"އަޅުގަނޑުމެން މި ދިރާސާކުރުމުގެ ތެރެއިން އެޗްޑީސީގެ ކުރީގެ މެނޭޖްމެންޓްގެ ތިބި ބައެއް ބޭފުޅުންނާއި އެކި ބޭފުޅުންނާ އަޅުގަނޑުމެން ވާހަކަދެއްކިން، ދެން ކުރީގަ ހުރި ހައިސިއްޔަތުންނާ އެކީގައި ދަންނަވަންޏާ އޭރުގަ ކުރަން ނިންމާފައި އެއްވެސް ކަމެއް މި ސަރުކާރުންނެއް ކުރިޔަކަށް ނުގެންދޭ ދެއްތޯ. މިސާލަކަށް ބުނަންޏާ ތަން ނުނިމި ދިޔަ 18 މަސްވެސް، އެއީކީ ކުރީ ސަރުކާރުން އެކަން ރާވާފައި އޮތްގޮތަށް ދިޔަކަމެއް ނޫން. އެތަނުގައި އަދިވެސް ޓްރާންސްފޯމަރު ކޮމިޝަން ކުރެވުނީކީއެއް ނޫން،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ވަނީ ހުރިހާ ކަމެއްވެސް ރާވާފަ އެވެ. އެގޮތުން ހިޔާ ފްލެޓްގައި "ކޮމްޕްރިހެންސިވް ފަޔާ ސެފްޓީ" ޕްލޭނެއްވެސް ހަދާފައިވާކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި މިހާރުވެސް ފްލެޓްތައް އާންމުންނަށް ދައްކާލަންވެސް ފުރުސަތު ދޭން އެ ފެށީ މޭޔަރު އަމިއްލައަށް އެކަމަށް ވަކާލާތުކުރެއްވުމުންކަމަށް ވިދާޅުވެފަ އެވެ.

އެޗްޑީސީގެ ފަރާތުން އެތަނުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަން މިވަނީ ހާމަކޮށްފަ އެވެ. މައްސަލަ އެބަ ހުއްޓެވެ. އެ މައްސަލަތަކާއެކުގައި ވެސް އެތަނަށް ކުރިޔަށް އޮތް މަސްތަކުގެ ތެރޭގައި އެތައް ހާސް ބަޔަކު ބަދަލުވާނެ އެވެ. އެންމެ ހިތްހަމަޖެހިގެން ފަހި ދިރިއުޅުމެއްގައި އުޅެވެން ނެތަސް ދިރިއުޅޭށެވެ.

"ދެން އަނެއްހެން ކުރެވޭނެ މާ ބޮޑު ކަމެއް ނެތް، ބަދަލުވާންތާ ޖެހޭނީ، އަގު ކުޑަވީމަ މާލެއަށްވުރެ،" ހިތްހަމަނުޖެހުންތަކާއެކުގައި ވެސް އެތަނަށް ބަދަލުވާން ތައްޔާރުވަމުންދިޔަ ޝިހާމް ބުންޏެވެ. މާލޭގައި ލިބޭ އާމްދަނީގެ 50 އިންސައްތައަށްވުރެ ބޮޑު އެއްޗެއް ކުއްޔަށް ދީގެން އުޅުމަށްވުރެ 8،500 ރުފިޔާ ދީގެން ހިޔާ ފްލެޓްގައި އުޅުންވެސް މާލީ ގޮތުން ތަންކޮޅެއް ދެކޮޅު ޖެހޭ ކަމެއްކަމުގައިވާތީ އެވެ. އެކަމަކު އެތަނަށް ބަދަލު އެވަނީ އެންމެ ހިތްހަމަޖެހިގެން އުފަލުގައެއް ނޫންކަން އެ ސަރަހައްދުން ވާހަކަދެއްކި އެންމެންގެ ބަހުންވެސް އެކަން އެނގެ އެވެ. ލިބޭ މިންވަރަށް ފުއްދައިގެން ޝުކުރުވެރިވެގެން ދަނީ އެވެ. އެމީހުންގެ ސުވާލަކީ ސަރުކާރުން މިކަންކަން ހައްލުކުރާނެތޯ؟ އަދި ކުރާނީ ކިހިނެއްތޯ؟ ކާކުތޯ މިކަމުގައި ޒިންމާ ނަންގަވާނީ؟ މީގެ ޖަވާބު ފަހުން ނަމަވެސް ލިބޭނެ ކަމަށް ރައްޔިތުން އުއްމީދު ކުރެއެވެ.

comment ކޮމެންޓް