ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެއް އަންހެނަކު ގެވެށި އަނިޔާގެ ޝިކާރައަކަށްވޭ

އެޗްއާރްސީއެމްގެ މެމްބަރުން - ފޮޓޯ/ރައީސް އޮފީސް

ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެއް އަންހެނަކު ގެވެށި އަނިޔާގެ ޝިކާރައަކަށް ވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެމްބަރު މުއުމިނާ ވަހީދު ވިދާޅުވެއްޖެ އެވެ.

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭގޮތުން 'ދިވެހި ޗެނަލް' ގެ ހަވާސާ ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މުއުމިނާ ވިދާޅުވީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެފަދަ އަންހެނުންނަށް ސައިކޮލިޖިކަލް ޑިސްޓްރެސް އެއްގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އެކަމުގެ އަސަރު ކުރާ ކަމަށެވެ.

އޭގެ ސަބަބުން އެންޒައިޓީ ނުވަތަ ޑިޕްރެޝަން ކުރިމަތިވެ، ބޭސްކުރަން ޖެހޭ ހާލަތަކަށް ދާކަމަށް މުއުމިނާ ވިދާޅުވި އެވެ.

"ފިރިހެނުންނަށް މަދެކޭ ނޫން އިނގޭތޯ، އެކަމަކު މިކަހަލަ މައްސަލަތަކުގެ ސަބަބުން އަންހެނުންނަށް މުޖުތަމައުގެ ރައްކާތެރިކަން ބޭނުންވާކަމަށް އެބަ ފެނޭ،" މުއުމިނާ ވިދާޅުވި އެވެ.

އެޗްއާރްސީއެމްގެ މެމްބަރު ޝިފާތު އަބްދުއްރައްޒާގް ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަން ދެ ޖިންސަށް ވެސް ބޭނުންވާ ކަމަށާއި، ނަމަވެސް އަންހެނުންނަށް ކުރިމަތިވާ ކަންތައްތަކަށް ބަލައިލާއިރު، ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާ ވަރަށް ގިނަ ސަބަބުތައް އެބަ ހުރި ކަމަށެވެ.

"ދިވެހި ރާއްޖެއަށް ބެލި ކަމުގައި ވިޔަސް، ގެވެށި އަނިޔާގެ މައްސަލަތައް ވެސް އެންމެ ބޮޑަށް ތަހައްމަލް މި ކުރަނީ އަންހެނުން. ދިވެހިރާއްޖޭގެ މުޖްތަމައަށް ބަލާކަމަށް ވަންޏާ، ކުދިން ބޮޑުކުރުމާއި މުސްކުޅި ބެލެނިވެރިން ބެލުމުގެ މަަސައްކަތްތައް ވެސް ބޮޑަށް މި ކުރަނީ އަންހެނުން،" ޝިފާތު ވިދާޅުވި އެވެ.

ޝިފާތު ފާހަގަކުރެއްވި ގޮތުގައި، ފުރިހަމަ ސިއްހަތެއްގައި ހުރުމަށްޓަކައި ޖިސްމާނީ ދުޅަހެޔޮކަން ބޭނުންވާ ފަދައިން، ނަފްސާނީ ދުޅަހެޔޮކަން ވެސް ވަރަށް މުހިންމެވެ.

ޖިސްމާނީ ގޮތުން ބަލިކަމެއް ދިމާވުމުން ޑޮކްޓަރަކަށް ދައްކައިގެން ބޭސްކުރާ ފަދައިން، ނަފްސާނީ އެހީ ބޭނުންވާ ދަނޑިވަޅުގައި އެކަމުގެ މާހިރުންގެ އެހީތެރިކަން ހޯދަންޖެހޭކަމަށް ޝިފާތު ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވެފައިވާ މިންވަރު ބެލުމަށްޓަކައި 2003 ވަނަ އަހަރު ކުރި ދިރާސާއަކުން ވެސް، 'މެންޓަލް ހެލްތް ޑިސްއޯޑަރ' ހުންނަ ފަރާތްތައް އެތައް ގުނައެއް އިތުރުވަމުން ދާކަން ފާހަގަ ކުރެވިފައި ވާކަމަށް މޫމިނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އެހެންކަމުން ސިއްހީގޮތުން ކަމެއް ދިމާވުމުން ބޭނުންވާ ފަރުވާ ހޯދުމުގެ އިތުރަށް، ޖިސްމާނީ ދުޅަހެޔޮކަމަށް މަސައްކަތް ކުރާ ފަދައިން ނަފްސާނީ ދުޅަހެޔޮކަން ބެލެހެއްޓުމަށް ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް އެޗްއާރްސީއެމް އިން ޝިފާތު ވިދާޅުވި އެވެ.

comment ކޮމެންޓް