ނަފްރަތުގެ ބިލުގައި ހުރި ކަންބޮޑުވުންތައް މެމްބަރުންނަށް އިއްވަން ޖަމިއްޔަތުއްސަލަފުން ގޮވާލައިފި

އައްޝެއިހް ހަސަން މޫސާ ފިކުރީ --- ސަން ފޮޓޯ/މުހައްމަދު އަފްރާޙް

ނަފްރަތުގެ އަމަލުތައް ގާނޫނީ ކުށަކަށް ހެދުމަށްޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބިލާ ގުޅޭގޮތުން އާންމުން ހޭލުންތެރިވެ އެ ބިލުގައި ހަގީގަތުގައި އޮތް އެއްޗަކާއި މެދު ކަންބޮޑުވުން ފާޅުކޮށް އެކަމުގެ އަޑު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިއްވަން ޖަމިއްޔަތުއްސަލަފުން ގޮވާލައިފި އެވެ.

މިހާރު މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީއިން ދިރާސާ ކުރަމުންދާ އެ ބިލާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހޫނު ބަހުސްތަކެއް ހިނގަމުންދާއިރު އެ ބިލުގެ މަސައްކަތް އަންނަ މަހުގެ އެކެއްގައި ނިންމުމަށް އެ ކޮމިޓީއިން ވަނީ ނިންމައިފަ އެވެ.

ޖަމިއްޔަތުއްސަލަފުން ފޭސްބުކް ލައިވް މެދުވެރިކޮށް ކުރިއަށް ގެންދިޔަ 'މިހާލަތުގައި' ޕްރޮގްރާމުގައި އެ ޖަމިއްޔާގެ އިސް ބޭފުޅުންތަކެއް ވަނީ އާންމުން އެ ބިލާ ގުޅޭގޮތުން މަޖިލީހުގައި ތަމްސީލުކުރައްވާ މެންބަރުންގެ އަރިހުގައި ކަންބޮޑުވުން ފާޅުކުރުމަށް ގޮވާލައި ބިލުގެ ހަގީގަތާ މެދު ވާހަކަދައްކައި އެފަދަ ބިލަކުން ރާއްޖެ ސެކިއުލަރިޒަމްގެ މަގަށް ދަތުރުކޮށްފާނެތީވެ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައްޝެއިހް ހަސަން މޫސާ ފިކުރީ ވިދާޅުވީ ނަފްރަތުގެ ބިލަކީ ރާއްޖެ ސެކިއުލަރިޒަމްގެ މަގަށް އަޅުވާނޭ ބިލަކަށްވާއިރު އެ ބިލަކީ ރާއްޖޭގެ ރައްޔިތުންނަށް މިހާރު ނެތް ހައްގުތަކެއް ގެނުވައިދޭ ބިލެއް ނޫންކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެބިލުގެ ސަބަބުން ރާއްޖެއަށް ލިބިގެންދާނީ އަސާސީ ހައްގުތަކެއް ނޫންކަމަށާއި އޭގެ ބަދަލުގައި ރާއްޖެއަށް ކެސީނޯ، ނައިޓްކުލަބުތައް، ޓެޓޫ ޖެހުން އަދި ގައިގެ އެކި ތަންތަން ތޮރުފުން ފަދަ ދީނީ ގޮތުން ނުބައި އަމަލުތައް އައުން މާ ގާތްކަމަށް ޝެއިހް ފިކުރީ ވިދާޅުވި އެވެ.

"މިއަދު މި ސެކިއުލަރިޒަމްގެ ތެރެއިން އަންނާނީ އަސާސީ ހައްގުތަކެއް ނޫން. މިއަދު ފިރިހެނަކު އަންހެނަކަށްވުމުގެ ހައްގު، އަންހެނަކު ފިރިހެނަކަށްވުމުގެ ހައްގު، މިއަދު ފޯމުތައް ފުރާއިރުގައިވެސް އަދި ނުވަތަ މީހަކު ޖިންސު ބަޔާންކުރާއިރުގައިވެސް މޭލް-ފީމޭލް ނުވަތަ ޖެންޑާ އައިޑެންޓިފައި ނުކުރާނަމަ އެ ފޮރުވާފަ ނުވަތަ ތާޑް-ޖެންޑާ އޭ ކިޔާފަ ގައުމުތަކުގައި ތިންވަނަ ޖެންޑާއެއް، އެމީހުންނަކީ އަންހެން ފިރިހެން ބައެއްކަމަށް އަމިއްލައަށް އައިޑެންޓިފައި ކުރާ މީހުން އެބަ ތިބި. އެހެންވީމަ އެ ހުރިހާ ކަމެއް އަންނާނީ،" ޝެއިހް ފިކުރި ވިދާޅުވި އެވެ.

"ރާއްޖެ ސެކިއުލާ ވެއްޖެނަމަ އަންނާނެ މިހުރިހާ ކަމެއް. ކެސީނޯތައް އަންނާނެ، ނައިޓް ކުލަބުތައް އަންނާނެ. މިއަދުވެސް ޒުވާނުން އުފާކޮށް މަޖާކުރުމަށް ކުލަބެއް އޮންނަންޖެހޭކަމަށް އޭގެ ރީތި ނަމެއް އަޅުވައިގެން އެއީވެސް އާންމު ރައްޔިތުންނަށް އޮޅުވާލުމުގެ މާނައިގައި މަސައްކަތްތަކެއް ކުރެވި އެ އަންނަނީ. މިއަދު ދިވެހި ރައްޔިތުންނަކީ އުފާފާޅުނުކުރާ ބައެއްހެން އެހީވަނީ. އެހެންވީމަ އެކަންކަމަށްވެސް އެބަ ގޮވާލެވޭ، ކެސިނޯތަކަށްވެސް އެބަ ގޮވާލެވޭ. އެއީ މި މިނިވަންކަމުގެ ތެރެއިން އަންނާނެ ކަންތައްތައް. ދިވެހިންނަށް ނުލިބިފައިވާ ހައްގުތަކެއް ހޯދައިދޭން ކުރެވޭ ކަމެއް ނޫން."

ގާނޫނުލް އުގޫބަތަށް ހުށަހަޅާފައިވާ އެ އިސްލާހަކީ ސޫފިޒަމް ކަހަލަ ސެކްޓްތައް ރާއްޖޭގައި ޕްރޮމޯޓްކޮށް މުޖުތަމައުގެ ހަމަޖެހުމާއި އެއްބައިވަންތަކަން އަދި އެކުވެރިކަން ނަގާލާނެ އަމަލުތަކަށް މަގުފަހިކުރުވާނޭ ބިލެއްކަމަށް ޝެއިހް ފިކްރީ ވިދާޅުވި އެވެ.

އިސްލާމްދީނަށް ހަޖޫޖަހައި ފުރައްސާރަކުރާ މީހާއާ ދެކޮޅަށް ވާހަކަދައްކައި، އަޑުއުފުލައި ދީނުގެ މަތީގައި ދެމިހުންނަ މީހާއަށް އެ ބިލުގެ ސަބަބުން އަދަބު ލިބޭނެ ކަމަށް ވެސް ޝެއިހް ވިދާޅުވި އެވެ.

"ބައެއް ގާނޫނީ ބޭފުޅުން މި ބިލާ އެއްކޮޅަށް ވާހަކަދައްކަވަމުން، މީހަކު ލާދީނީ ނުވަތަ ކަނޑައެޅިގެން ދީނާއި ހިލާފް ވާހަކަތަކެއް ދެއްކީމާ އެމީހާއަށް ފިޔަވަޅު ނޭޅި، ދީނަށް އުޅޭ މީހާ ނުވަތަ ދީން ދެކެ ލޯބިވާ މީހާ ނުވަތަ ދީނީ މައުލޫމާތު ދަންނަ މީހާ، އެ ދައްކަނީ ކީރިތި ގުރުއާނާއި ހިލާފް ވާހަކަތަކެކޭ ބުނީމާ އެބުނި ދީނުގެ އިލްމުވެރިޔާ ސުންނަތަށް ތަބާވެގެން ހުރި މީހާ ބަންދުކުރީމާ މުޖުތަމައު ތެރޭގައި އުފެދޭނީ ފިތުނަ ފަސާދަ،" ޝެއިހް ފިކުރީ ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝެއިހް އަހުމަދު ސަމީރު ވިދާޅުވީ އެ ބިލް ގާނޫނަކަށް ވެގެންދިޔުމުން ރާއްޖޭގައި މުރުތައްދުގެ ހާލަތުގައިވާ މީހުންނާ ދެކޮޅަށްވެސް އެއީ އިސްލާމް ދީނާ އިދިކޮޅު ބައެކޭ ބުނެވެން ނޯންނާނެކަމަށެވެ. އަދި އެމީހުންނަށް މުޖުތަމައުގެ ތެރޭގައި ފިތުނައާއި ޝައްކު އުފައްދަން ފުރުސަތު ދެވޭ ހިސާބުން އެ ބިލުގައި ހުރި ނުރައްކާ ހާމަވެގެންދާކަމަށް ޝެއިހް ސަމީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ބަޔަކު، މަދު ބަޔަކު އަޑީގައި ތިބެގެން ކުރަމުންދާކަމެއް. ލިޔަމުންދާ އެއްޗެއް މިއީ. އެ ފުރިހަމަކުރުމަށްޓަކައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް ކޮށަމުން އެދަނީ. އެޔަށް އަޅުގަނޑުމެން ޖާގަ ދީގެން ނުވާނެއޭ އަޅުގަނޑު މި ދަންނަވަނީ،" ޝެއިހް ސަމީރު ވިދާޅުވި އެވެ.

ޝެއިހް ސަމީރު ވަނީ ބިލުގައި ވާ އެއްޗެއް އާންމުންނަށް ފަހުމުނުވާކަމަށް ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކަށްވެސް ރައްދު ދެއްވާފަ އެވެ. އެގޮތުން އެގޮތަށް ވާހަކަދައްކާ މީހުން އެބުނަނީ ދިވެހީންނަކީ ޖާހިލުންތަކެއްކަމަށް ޝެއިހް ސަމީރު ވިދާޅުވި އެވެ.

"މި ބިލާ ބެހޭގޮތުން އެކި ގޮތްގޮތަށް ބައެއް ބޭފުޅުން ވާހަކަދައްކަވަމުން ގެންވާއިރުގައި އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ހޭލުންތެރި ރައްޔިތަކު ދިރިއުޅެމުންދާ ތަނެއް. މި ރާއްޖޭގައި ރައްޔިތުންނަކީ އަރަބި ތާނަ ލިޔަންކިޔަން ނުދަންނަ ބައެއް އުޅޭ ތަނެއް ނޫން. މި ރާއްޖޭގެ ޒުވާނުންނަކީ ލިޔެފައިހުންނަ އެއްޗިހި ވިދާޅުވާން އެގިއްލައްވާ ދިވެހި ބަހުން ލިޔެފައި ހުންނަ އެއްޗިހި ވިސްނިވަޑައިގަންނަވާ ބައެއްކަމަށް އަޅުގަނޑުމެން ގަބޫލުކުރައްވަން ޖެހޭނެ،" ޝެއިހް ސަމީރު ވިދާޅުވި އެވެ.

"މެންބަރަކު ލިޔުއްވާފަ އޮތް ހަ ސަފްހާގެ ދިވެހި ބަހުން ލިޔުއްވާފައިވާ، ދިވެހި ރައްޔިތުން ކިޔައިގެން ނުވިސްނޭނެކަމަށް ބޭފުޅުން ގަބޫލުކުރެއްވުމަކީ އެއީ ދިވެހި ރައްޔިތުންގެ ބޮލުގައި ޖާހިލިއްޔަތު އިލްޒަމު އެޅުވުން،" ޝެއިހް ސަމީރު ވިދާޅުވި އެވެ.

ޝެއިހް ސަމީރު ވިދާޅުވީ ހުރިހާ ކަމެއްގައި ދީނީ އިލްމުވެރިންގެ ރައުޔު ނެރެން ނުޖެހޭކަން ގަބޫލުކުރައްވާކަމަށެވެ. ނަމަވެސް އެ ބިލުގައިވާ ކަންކަމާ ދެކޮޅަށް ދީނީ އިލްމުވެރިން ވާހަކަނުދެއްކުމަށް ގޮވާލާ މީހުންނަކީ އެއީ އެމީހުންގެ އެއްވެސް ކަމެއްގެ ތެރެއަށް ދީން ވެއްދުމަށް ދެކޮޅުހަދާ ބައެއްކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެބައެއްގެ އިޖްތިމާއީ ކަންކަމާއި އިގްތިސޯދީ ކަންކަމާއި ގައުމު ބައްޓަން ކުރާ ގޮތަށާއި، ހެދޭ ގާނޫނުތަކަށް ދީނީ ގޮތުން އެއްވެސް ބަހެއް އޮތުމަކީ އެފަދަ ބޭފުޅުން ގަބޫލުކުރާ ވާހަކައެއް ނޫންކަމަށް ޝެއިހް ސަމީރު ވިދާޅުވި އެވެ.

އެ ބިލް ފާސްވެއްޖެނަމަ ރާއްޖެ ތުރުކީފަދަ ސެކިއުލަރިސްޓް ގައުމަކަށްވެ، އެކަމުގައި ހުރި ގެއްލުން ރާއްޖެއިންވެސް ފެނިގެންދާނޭކަމަށް ބުނެ ރައްޔިތުން އެކަމަށް ހޭލުންތެރިވުމަށް ޝެއިހް ފިކުރީ އާއި ސަމީރު ގޮވާލެއްވި އެވެ. އަދި ލާދީނީއޭ ގޮވާ ކޮންމެ ފަހަރަކީ ވަކި ޕާޓީއެއްގެ ވަކި މީހަކަށް އަމާޒުކޮށްގެން ބުނާ ބުނުމެއް ނޫންކަމަށްވެސް އެ ދެ ބޭފުޅުން ވިދާޅުވި އެވެ.

"ރައްޔިތުންގެ މަންދޫބުންނަކީ ރައްޔިތުން ބޭނުންވާގޮތަށް ހިޔާލުފާޅުކުރަން ތިބި ބަޔަކަށް ވީހިނދު، އެބޭބޭފުޅުންނަށް ރައްޔިތުންގެ އަޑު އިއްވަ ދިނުމަކީ ހަމަ އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެކޭ. އެކަމުގައި ބައިވެރިވެވަޑައިގަންނަވާށޭ،" ޝެއިހް ފިކުރީ ވިދާޅުވި އެވެ.

"ޕާޓީ ރޫހުން އަދި ސިޔާސީ ރޫހުން އެއްކިބާވެވަޑައިގެން. ތިމާގެ ގައުމަށްޓަކައި ކުރިއަށް އަންނަން އޮތް ޖީލަށްޓަކައި، ދީނުގެ ރައްކާތެރިކަމުގައި އަޅުގަނޑުމެންނަށް އެބަ ޖެހެޔޭ ބަލައިލަން. ހަގީގަތުގައިވެސް މިބޭފުޅުން މި ދައްކާ ވާހަކަ އޮތީ މިހެންތޯ،"

comment ކޮމެންޓް