އަންހެނުން ހިތާނުކުރުމުގެ މައްސަލައިގައި ފަތުވާއެއް ނެރެނީ

ސުޕްރީމް ކައުންސިލް ފޯ ފަތުވާގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމް --- ފޮޓޯ: ރާއްޖެ އެމްވީ

ދީނީގޮތުން އަންހެނުން ހިތާނުކުރުމުގެ މައްސަަލަ އާންމުންގެ މެދުގައި ހޫނުވެފައިވަނިކޮށް ރާއްޖޭގެ ސުޕްރީމް ކައުންސިލް ފޯ ފަތުވާއިން އެ މައްސަލައަށް ފަތުވާއެއް ނެރެން ނިންމައިފި އެވެ.

މިފަހުން ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސާ ޑރ. މުހައްމަދު އިޔާޒް ވަނީ އިސްލާމް ކުއެޝަންސް އެންޑް އާންސާސް ނަމަކަށް ކިޔާ ވެބްސައިޓަކުން ޝާއިއުކޮށްފައި އޮތް އަންހެނުން ހިތާނުކުރުމުގައި ހުރި ފައިދާތަކުގެ ނަމުގައި ލިޔެފައި އޮތް ލިޔުމެއް އާންމުކޮށްފަ އެވެ. އެ ލިޔުމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އަދި އެހެން ބައެއް ދީނީ އިލްމުވެރިންވެސް ވަނީ މިކަމާ ދެކޮޅަށް ވާހަކަދައްކާފަ އެވެ.

ރާއްޖޭގައި ފަތުވާ ނެރޭ އެންމެ މަތީ މަޖިލީހުގެ ރައީސް އައްޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް 'ސަން' އަށް ވިދާޅުވި ގޮތުގައި މި މައްސަލައިގައި ފަތުވާއެއް ނެރުމަށް އަދި އިސްލާމިކް މިނިސްޓްރީގެ ރަސްމީ ލިޔުމެއް ލިބިފައެއް ނުވެ އެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފަތުވާ ކައުންސިލުން މައްސަލައިގައި ފަތުވާއެއް ނެރޭނެކަމަށް ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވި އެވެ.

"ބައެއް ފަހަރު ދެ ތިން ދުވަސް ވެދާނެ، އެކަމަކު ފަތުވާއެއް ނެރޭނެ. މިނިސްޓްރީގެ ލިޔުން އަދި ރަސްމީކޮށް ނުލިބޭ. އެހެންނަމަވެސް ފޮނުވުމުގެ މަގުމަތީގައި އުޅޭނެކަމަށް ބެލެވެނީ،" ޝޭހް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވި އެވެ.

ފަތުވާ ކައުންސިލުގެ ރައީސްގެ އިތުރުން އެ މަޖިލީހުގެ މެންބަރު ޝެއިހް މޫސާ އަންވަރު ހަސަން ވެސް 'ސަން' އަށް ވިދާޅުވިގޮތުގައި މިނިސްޓްރީއިން އެފަދަ ފަތުވާއެއް ނެރެން އަންގައިފިނަމަ އެ މައްސަލައިގައި ވަރަށް އަވަހަށް ރައުޔެއް ނެރޭނެ އެވެ.

އިސްލާމިކް މިނިސްޓްރީއިން މި މައްސަލައިގައި ފަތުވާއަކަށް އެދިފައިވޭތޯ އެހުމުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވަނީ އަދި އެފަދަ ނިންމުމެއް ނިންމާފައިވާކަން އެނގިފައި ނެތްކަމަށް ވިދާޅުވެފަ އެވެ.

"އެފަދަ ނިންމުމެއް ނިންމައިފިނަމަ މީޑިއާ އާ ހިއްސާ ކުރާނަން،" އޮފިޝަލް ވިދާޅުވި އެވެ.

އަންހެނުން ހިތާނުކުރުމުގެ މައްސަލައިގައި ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލް ގައްޔޫމްވެސް ވަނީ މިސްރުގެ ފަތުވާ އިދާރާގެ ނިންމުމަކާ ހަވާލާދީ އިސްލާމް ދީނުގައި އަންހެނުން ހިތާނުކުރުމަކީ އޮންނަ ކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލައިގައި އާންމުންގެ ގިނަ ބަޔަކު ދަނީ ޑރ. އިޔާޒާ ދެކޮޅަށް އަޑުއުފުލައި އޭނާ ސޯޝަލް މީޑިއާއިން ދުރުކުރުމަށްވެސް ގައުމީ ޔުނިވާސިޓީއަށް ގޮވާލަމުންނެވެ.

އަންހެނުން ހިތާނުކުރުުމަށް ޑރ. އިޔާޒް ހިތްވަރުދޭކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ވަރަށް ފަހުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މައްސަލައެއްވެސް ހުށަހަޅާފަ އެވެ.

އޭގެ ދިފާއުގައި ޑރ. އިޔާޒް ވަނީ ޓްވިޓާގައި ހިއްސާކުރި ލިޔުމަކީ އިލްމީ ގޮތުން ކޮށްފައިވާ ދިރާސާއެއްކަމަށާއި އަދި އެއީ އެއްވެސް ހާލެއްގައި އެކަހަލަ ކަމަކަށް ހިތްވަރު ދިނުމެއް ނޫންކަމަށް ވިދާޅުވެ އެ އިލްމީ ދިރާސާއަށް އިލްމީގޮތުން ރައްދު ދިނުމަށް ގޮވާލައްވާފަ އެވެ.

comment ކޮމެންޓް