ޔާރާއެ ލޯބިދޭށޭ... 49

"ދަރިފުޅުމެންގެ ކައިވެންޏަށް ބައްޕަ ގަބޫލު..." އާމިރު ހިނިތުންވެލި އެވެ.

އާމިރު ދެއްކި ވާހަކަ، ޖިލްވާ އޮތް ކޮޓަރިތެރެއަށް ވަދެގެން އައި މީހާއަށް އިވުމާއިއެކު، މޫނުމަތީގެ ކުލަވަރު ބަދަލު ވިއެވެ. އަތުގައި އޮތް މާބޮނޑިއަށް ފިއްތައިލީނުން، ބައެއް މާތައް ޗިސްކޮށްލިއެވެ.

*******

މުއާޒު ފެނުމުން ޖިލްވާއަށް ލިބުނީ ހައިރާން ކަމެކެވެ. އޭނަ ހަސްފަތާލުގައި އޮތްކަން މުއާޒަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ޖިލްވާގެ ނަޒަރު މުއާޒުގެ މޫނުން، އަތުގައި އޮތް މާބޮނޑިއަށް ހުއްޓުނެވެ. ޖިލްވާގެ ހިތުގައި ޝައްކު އުފެދުނެވެ. އޭނަ މުއާޒުގެ މޫނަށް ބަލައިލިއިރު، ކުރިއަށްވުރެ ބޮޑަށް އެ މޫނުން ނުތަނަވަސްކަން ފެންނަން ހުއްޓެވެ. މުއާޒަށް އެކަން އެނގުމުން، ހިނިތުންވެލީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. މަޑުމަޑުން ހިނގާލާފައި ގޮސް، އަތުގައި އޮތް މާބޮނޑި ޖިލްވާގެ ކައިރީގައި ބާއްވައިލި އެވެ.

"އަހަނ!... މުއާޒު..." އާމިރު ތެދުވެ ސަލާމަށް އަތް ދިއްކޮށްލިއެވެ. "ކޮބާ ބައްޕަ ރަނގަޅު؟..."

"ލައްބަ ރަނގަޅު...." އާމިރުގެ އަތުގައި ހިފަމުން މުއާޒު ހިނިތުންވެލިއެވެ.

"އިށީނދޭ، އިށީނދޭ.... ބޭބެ އިހަށް ނުކުމެލާނަން..." ގޮނޑިއަށް އިޝާރާތް ކުރަމުން އާމިރު ބުންޏެވެ.

********

ޖުއާން ގުޅައިގެން ޒެނިލް ހުރީ އެންމެންނާއި ދުރުގައެވެ. ޖުއާން ދެއްކި ވާހަކައަކުން އޭނާގެ ތަބީއަތު ވަނީ ބަދަލުވެފައެވެ. ދާއޫދުގެ އަނދިރި ފަރާތެއް ފެނިދާނެ ކަމަށް ހުދު ޒެނިލްއަށްވެސް ޤަބޫލެއް ނުކުރެވުނެވެ. ހިއްވަރު ކުރި ނަމަވެސް، ޒެނިލްގެ ދެލޯ ފެންކަޅި ވިއެވެ.

"ބްރަދަރ ހާސްނުވޭ... އަހަރެން ހުރިހާ ކަމެއް ހަމައަކަަށް އަޅުވާނަން... ބައްޕައަކަސް، ކުށެއް ކޮއްފިއްޔާ އޭގެ އަދަބު ލިބެންވާނެ... ޓޭކް ކެއަރ ބްރަދަރ..." ޖުއާން ފޯނު ކަނޑައިލުމުންވެސް، ޒެނިލްއަށް ހުރެވުނީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ.

އާރާ ގުޅީ، ޒެނިލް އެހެން ހުއްޓައެވެ. ފޯނު ނެގި ނަމަވެސް، އާރާ އާއި ވާހަކަ ދައްކާނޭ ހިއްވަރެއް ޒެނިލް އަކަށް ނުލިބުނެވެ. ޖުއާންގެ ވާހަކަތަކުން ހިތަށް ކޮށްފައިވާ އަސަރަކުންނެވެ.

"ޒެލް ބުނެވެސްނުލާ ދިޔާމަ ވަރަށް ދެރަވެފަ މިހުރީ..." އާރާ ވާހަކަ ދެއްކީ އޭނާގެ ކައިރީގައި ހުރި ޔޯހަންއަށް ބަލަން ހުރެއެވެ.

"އާރާ!... ކަންކަން ބަދަލުވެގެން މިދަނީ އަހަރެން ކުޑަކޮށްވެސް ހީކުރި ގޮތަކަށް ނޫން..." ޒެނިލް ދެެއްކީ މުޅިން އެހެން ވާހަކަ އެކެވެ. "އާރާ ކިހިނެއް؟..."

"ރަނގަޅު... ޒެލް ކިހިނެއް؟..." އާރާ އަހައިލިއެވެ.

"ރަނގަޅު..." ޒެނިލް ބުންޏެވެ. "އާރާ!... އަހަރެން މީ، ހާދަ އަމިއްލަ އެދުން ބޮޑު މީހެކޭ އާރާގެ ހިތަކަށް ނާރާތަ؟..."

އެ ހުރިހާއިރު ހިތަށް އުނދަގޫ ކުރަމުންދިޔަ ސުވާލު ޒެނިލް ކުރިއެވެ.

"ތިހެން ނުބުނޭ... ޒެނިލްގެ މަޤާމުގަ އަހަރެން ހުރި ނަމަވެސް ވާނީ އެހެން ކަންނޭނގެ..." އާރާ ހީލީ، އޭނާގެ ހިތުގައި އަޅަމުންދިޔަ ވޭން ފޮރުވުމަށެވެ. "އެހެންނޫނަސް، އެއްވެސް މީހަކަށް އެންމެން ބުނާ ހުރިހާ ކަމެއް ފުރިހަމަކޮށެއް ނުދެވޭނެ... އަަހަންނަށްވެސް އެކަން އެގޮތަކަށް ނުކުރެވޭނެ..."

ދެ މީހުންގެ ދެމެދުގައި އިތުރު ވާހަކައެއް ނުދެކެވި އިރުކޮޅެއް ފާއިތުވެގެން ދިޔަ އެވެ. ޔޯހަން ކުރިއަށް ޖެހިލައި، އާރާގެ އަތުގައި ހިފައިލި އެވެ. އާރާ ބަަލައިލުމުން އޭނަ ބޯ ޖަހައިލީ، ދައްކަން އުޅޭ ވާހަކައަށް ހިއްވަރު ދިނުމުގެ ގޮތުންނެވެ.

"އަހަރެން މިގުޅީ ވާހަކައެއް ބުނަން ވެގެން..." އާރާ އޭނާގެ އަސްލު މައުޟޫޢު އާއިގެން ކުރިއަށް ދިޔަ އެވެ. "އަހަންނަށް އެނގޭ ޖަޒުބާތުގަ ޖެހިގެން ވިޔަސް، އަހަންނަށް ކުރެވުނީ ރަނގަޅު ކަމެއް ނޫންކަން... ހަޤީޤަތް ސިއްރުކޮށްގެެން ހުންނަން ހިތަށް ކެތް ނުވެގެން އަހަރެން މިގުޅީ..."

ޔޯހަން އައިސް އާރާގެ އަތުގައި ހިފައިލީ ހިއްވަރު ދިނުމުގެ ގޮތުންނެވެ. ޒެނިލްގެ ހިތް ތެޅިގަތީ، އާރާ ބުނަން އުޅޭ ވާހަކަ އާއި ޖުއާން ދެއްކި ވާހަކަ އާއި ގުޅުމެއް ވެދާނެތީއެވެ.

"ހައިޖީން މަރެއް ނުވެއޭ އަހަރެން ކުރިންވެސް ބުނީމެއްނު... އޭނަ ދުނިޔޭގަ އެބަހުރި... އެކަމަކު...." އާރާ ބުނި އެއްޗަކުން ޒެނިލްގެ ތަބީއަތު ބަދަލު ވިއެވެ. ކުރިން އާރާ އެހެން ބުނެފައިވިޔަސް، އެއީ ތެދު ވާހަކައެއް ކަމަށް ޒެނިލް ގަބޫލެއް ނުކުރެއެވެ.

"އެއީ އެހެން މީހެއް ޒެލް.... އެއީ ކުޑައިރު އަހަރެމެންނާ އެކީ އުޅުނު ހައިޖީންއެއް ނޫން..." އާރާ ދޫކޮށްލީ ފުން ނޭވާ އެކެވެ. "އަހަންނަށް އެންމެ ފުރަތަމަ ހައިޖީން ފެނުނީ، ޖިލްވާގެ ކޮންޓްރެކްޓް ހެދި ދުވަހު ޖިލްވާ ގޮވައިގެން ފާހާނާ އާއި ދިމާއަށް ދަނިކޮށް... އަހަރެން ހީކުރީ އެއީ އަހަންނަށް ހީވި ގޮތެއް ކަމަށް... އެކަމަކު ފަހުން އެއީ ހައިޖީން ކަން އެނގުނީ ދެވަނަ ފަހަރަށް އަހަރެންގެ ހަމަލޮލަށް ހައިޖީން ފެނުނީމަ... އެ ދުވަހު ހައިޖީންއަށް އަހަރެންވެސް ފެނުނު... އަހަރެން ފެނުނީމަ ހައިޖީން ސިހުނު ވަރުން ގެންގުޅުނު އެއްޗެހިތައްވެސް ދޫކޮށްލާފަ ދިޔައީ... އެދުވަހު ހައިޖީން ފިލީމަ އެނގުނު އޭނަގެ މަގުސަދު ރަނގަޅު ނޫންކަން... އެހެންވެ އަހަރެން އިތުރަށް ބެލީ... ހައިޖީން އެއީ މިހާރު އާދައިގެ މީހެއް ނޫން... އެއީ ބޮޑު ކުންފުންޏެއްގެ ވެރިއެއް... އެނގޭތަ އެއީ ކޮން ކުންފުންޏެއްކަން؟...."

ޒެނިލް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފަ އެވެ. އެއްކޮޅުން ޖުއާން ދެއްކި ވާހަކަތަކެވެ. އަނެއްކޮޅުން އާރާގެ ވާހަކަ ތަކެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީ އެވެ. ކުއްލިއަކަށް ހުރިހާ މައްސަލައެއް އެއްފަހަރާ ހިލުމުން، ޒެނިލްގެ ބޯ ގޮވިއެވެ. އެ ހުރިހާ ކަމަކާއި ކުރިމަތިލާނޭ ހިއްވަރު އޭނަގެ ގައިގައި ހުންނާނެ ބާއޭ ހިތަށް އެރިއެވެ.

"ހައި ޖޭ ކޮމްޕެނީ..." އާރާ ދެން ހާމަކޮށްލި ހަގީގަތަކުން ޒެނިލްގެ ދެފައިން ވަރު ދޫވިހެން ހީވިއެވެ.

"ވަޓް؟..." ޒެނިލްއަށް ބުނެވުނެވެ.

"އާނ... ކޮމްޕެނީގެ އިންޓަރނަލް އޮޑިޓްތައް ލީކް ކޮށްލީ އެ ކުންފުނިން..." އާރާ ޔަޤީންކޮށްދިނެވެ.

"ފަހުން ގުޅާނަން...." ޒެނިލް ފޯނު ކަނޑައިލި އެވެ.

ވިސްނި ވަރަކަށް ޒެނިލްގެ ބޮލުގައި ރިއްސަން ފެށި އެވެ. ހައިޖީންއަށް ދިމާވި ހާދިސާ އިއްޔެ ވީ ކަމެއްހެން ޒެނިލްގެ ހަނދާުނުގައި ހަރުލާފައި ހުއްޓެވެ. އެކަން ހަނދާންވާ ކޮންމެ ފަހަރަކު، ވޭނީ ރުއިމާއި ހަޅޭކުގެ އަޑު ކަންފަތް ކައިރީގައި ގުގުމަ އެވެ. ސަލާމަތަށް އެދި ހައިޖީން ކުރި އާދޭހެވެ. އެ ދުވަހު، އެ އަންހެން ކުއްޖާ ސަލާމަތް ކުރުމަށް ޒެނިލް ނުކުރަނީ ކޮން ކަމެއް ހެެއްޔެވެ؟ ހުދު އަމިއްލަ ނަފުސު ވެސް ނުރައްކަލެއްގެ ތެރެއަށް ވައްޓައިލި އެވެ. އެކަމަކު، އެ ހުރިހާ ކަމަކާއި އެކުވެސް، ހައިޖީން އޭނައަށް އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވައިލީ ކީއްވެ ހެއްޔެވެ؟ އެ ހާދިސާގެ ފަހުން، އޭނައަށް ނަފުރަތު ކުރަންވީ ކީއްވެ ހެއްޔެވެ؟ އެ ހުރިހާ ދުވަހު އޭނަ ހީކުރީ ހައިޖީން މަރުވެއްޖެ ކަމަށެވެ. އެ މަރަށްފަހު ޒެނިލް އޭނާގެ އަމިއްލަ ނަފުސު ކުށްވެރި ނުކުރާ ހަމަ އެންމެ ދުވަހެއްވެސް ނުދެ އެވެ. އެކަމަކު ގަދަވެ ސަލާމަތުން ދުނިޔޭގައި ހުރިއިރު، އެއްފަހަރުވެސް ހައިޖީން އޭނަ އާއި ބައްދަލު ކޮއްލަން ނައީ ކީއްވެ ހެއްޔެވެ؟ އެއްކޮޅުން ދާއޫދާއި ބެހޭގޮތުން ޖުއާން ދިން ޚަބަރެވެ. އަނެއްކޮޅުން ހައިޖީންގެ ކަންތައްގަނޑެވެ. ފުރަތަމަ އިސްކަން ދޭނީ ކޮން ކަމަކަށް ކަމެއް ވެސް ޒެނިލްއަކަށް ނޭނގުނެވެ.

"ޒެނިލް!..." ޒެނިލްއަށް ހަމަހޭވެރިކަންވީ، މީހަކު އޭނައަށް ގޮވައިލުމުންނެވެ.

ސަފީނާ ފެނުމުން، ޒެނިލް އޭނާގެ ދެލޮލަށް ގިނަވެފައި ހުރި ކަރުނަތައް ހިންދައިލަން މަސައްކަތް ކުރިއެވެ. ގަދަކަމުން ހިނިތުންވެލި އެވެ.

"ޔޫން ހޭލައިގެން ރޯތީ ގޮވައިގެން މިއައީ... އެކުއްޖާ މާބޮޑަށް ބަނޑުހައި ވީހެން ހީވަނީ... އެހެންވެ، ޖިލްވާ ކައިރިއަށް ލާފަ މިއައީ..." ސަފީނާ ވާހަކަ ދެއްކީ ކޮރެއާ ބަހުންނެވެ. އެންމެ އަކުރެއްވެސް ވައްޓައިލުމެއްނެތި، ފަރިތަކޮށެވެ. "ބޭރަށް ނުކުމެލެވިދާނެތަ؟... ވާހަކައެއް ދައްކާލަން ވެގެން..."

ޒެނިލް ބޯ ޖަހައިލި އެވެ. ސަފީނާ ކޮރެއާ ބަހުން ވާހަކަ ދެއްކި ނަމަވެސް، ފުރަތަމަ ޒެނިލްގެ ސަމާލުކަމަކަށް އެކަމެއް ނައެވެ. އެއަށްވުރެ، އޭނަގެ ބޮލުތެރޭގައި އެނބުރެމުންދިޔަ ކަންތައްތައް ގިނަ އެވެ. ޒެނިލްއަށް ސަފީނާ އޭނާގެ ބަހުން ވާހަކަ ދެއްކިކަން ފަހުމުވީ އިރުކޮޅެއް ފަހުންނެވެ. ހައިރާންވި ނަމަވެސް އެކަމާއި ގުޅުވައިގެން އެއްޗެއް ބުނާކަށް އޭނަ ބޭނުމެއް ނުވިއެވެ.

"ޖިލް ކައިރިއަށް ގޮސްލާފަ ދިޔަސް އެންމެ ރަނގަޅުތަ؟... ޔޫންގެ ޚަބަރެއްވެސް ބަލާލަން ބޭނުން..." ޒެނިލް ބުންޏެވެ.

"އެންމެ ރަނގަޅު... ކެފޭގަ މަޑުކޮށްލާނަން...." ސަފީނާ ހިނިތުންވެލި އެވެ.

ޒެނިލް ގޮސް ޖިލްވާ އޮތް ވޯޑަށް ވަންއިރު، ޔޫން އޮތީ، ޖިލްވާގެ ކައިރީގައި ނިދާލާފަ އެވެ. އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީނދެލައިގެން ޒުވާން ފިރިހެނަކު އިނެވެ. އެ ޒުވާނާ ހިނިތުންވެލައިގެން އިނދެ، ޖިލްވާ އާއި ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. ޖިލްވާވެސް ދޭތެރެއަކުން ހިނިތުންވެލައެވެ. ޒެނިލްގެ ސިކުނޑީގައި އެނބުރެމުންދިޔަ ހައިޖާނުގަނޑުގެ މަތީން ހަނދާންނެތި، ހުރިހާ ޝައުޤުވެރިކަމެއް ޖިލްވާއަށް ހުއްޓިއްޖެއެވެ. އެ ޒުވާނާ އަކީ ޖިލްވާގެ ކާކު ހެއްޔެވެ؟ ޖިލްވާ އެގޮތަށް ހީފައި ވާހަކަ ދައްކާނީ ގާތް މީހަކަށޭ ޒެނިލްގެ ހިތް ބުންޏެވެ.

ޒެނިލް ފެނުމުން، ޖިލްވާ ހިނިތުންވެލީ އެ ވަގުތުކޮޅަށް އެތައް އިންތިޒާރެއް ކުރަމުންދިޔަ މީހަކު ފަދައިންނެވެ. އެތައް އިރަކު އެ ސޫރަ ދެކެލުމަށް ކުރަމުންދިޔަ އިންތިޒާރަށް ނިމުން އައި ކަހަލަ އެވެ. މުއާޒަށް ޒެނިލް ފެނުމުން، މޫނުމަތީގެ ކުލަވަރު ބަދަލު ވިއެވެ. ތުންފަތުގައިވި ހިނިތުންވުން ވަގުތުން ފިލައިގެން ދިޔަތަން ޒެނިލްއަށް ރީތިކޮށް ފެނުނެވެ. ޒެނިލްގެ ހިތުގައި މުއާޒުގެ ނިޔަތާއިމެދު ޝައްކު އުފެދުނެވެ.

"އޯކޭ ޖިލް... ދެން ގޮސްލީއޭ..." ގޮނޑިން ތެދުވަމުން މުއާޒު ބުންޏެވެ.

ޒެނިލް އާއި ދިމާއަށް ނިތް އަރުވައިލާފައި މުއާޒު ބޭރަށް ނުކުތީ، ހަލުވި ފިޔަވަޅުތަކެއްގަ އެވެ. މުއާޒު ނުކުތުމުން، ޒެނިލް ގޮސް ޖިލްވާގެ މަގަތުގައި އިށީނދެލި އެވެ. ޖިލްވާގެ ނިތްކުރި މައްޗަށް ގޯނާ ކުރަމުންދިޔަ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަ ދިނެވެ. ހަމަ އެފަދައިން ނިދާފައި އޮތް ޔޫންގެ އިސްތަށިކޮޅުތައްވެސް ނިތްކުރިމަތީން އެއްފަރާތް ކޮށްލި އެވެ.

"ކާކު އެއީ؟..." މުއާޒު ދިޔަ ދިމާއަށް އިޝާރާތް ކޮށްލަމުން ޒެނިލް ސުވާލު ކުރިއެވެ.

"ބިޓެއް..." ޖިލްވާ ހީގަތެވެ.

"މަޖަލެއް ނޫނޭ..." ޒެނިލް ވަގުތުން ޖިލްވާ އާއި ދުރަށް ޖެހިލަން އުޅުނެވެ. ޖިލްވާ އަވަހަށް ޒެނިލްގެ އަތުގައި ހިފެހެއްޓި އެވެ.

"ކުޑަކޮށް ބޯ ގޯސް މީހެއް އެއީ... އަޅާނުލާ... ޒެލް ބިރުގަންނަންޖެހޭ ކަހަލަ ކަމެއް އޭނަގެ ފަރާތަކުން ނުވާނެ... އޯކޭ؟... ހެޕީ؟..." ޖިލްވާ ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.

ޒެނިލްގެ ނުތަނަވަސްކަން ފިލައިގޮސް ހިނިތުންވެލައިފިއެވެ. ޖިލްވާ ހުރެއްޖެނަމަ، އޭނަގެ ކޮންމެ ނުތަނަވަސްކަމަކަށް ލުއި ލިބޭނޭކަން އޭނައަށް ޔަޤީން ވެއެވެ.

"އާނ... ރަނގަޅު... ތީ ހަމައެކަނި އަހަރެންގެ މީހެއް... އޮންލީ މައިން..." ޖިލްވާ އާއި ދިމާއަށް ގުދުވެ، ނޭފަތުގައި ހިފައިލަމުން ޒެނިލް ބުންޏެވެ.

"ޒެލް... އަހަރެން ބޭނުން ވާހަކައެއް ބުނަން..." އާމިރު ކައިވެންޏަށް އެއްބަސްވި ވާހަކަ ޒެނިލް އާއި ޚިއްސާކުރާ ހިތުން ޖިލްވާގެ ކެތްތެރިކަން ކޮޅުންލިއެވެ.

"އޯހް... އަދި ހަނދާން ނެތިފައޭ މީނީ... ޖިލްގެ ގޭގަ އުޅެއެއްނު މަންމައެއް... އެ މަންމަ ބުނި ވާހަކައެއް ދައްކާލަން ބޭނުމޭ... މިހާރު އިންނާނެ ބޭރުގަ މަޑުކޮށްގެން... އަހަރެން ބުނިން ޖިލް ކައިރިއަށް ވަދެލާފަ އެބަ އަންނަމޭ... ގޮސްލާފަ އައިއްޔާ ލަސްވާނެތަ؟..." ޒެނިލް އިނީ ޖިލްވާގެ ކައިރިން ދުރަށް ދާން ބޭނުން ނުވެފައެވެ. "ޖިލްގެ ވާހަކަ އަޑު ނާހާ ދާކަށް ބޭނުމެއް ނުވޭ..."

"ސަފީމޯމް ދޯ... ކޮން ވާހަކައެއް ދައްކަން ބާ..." ޖިލްވާގެ ހިތުގައި ޝައުޤުވެރިކަން އުފެދުނެވެ. "ދޭ... ދޭ... ސަފީމޯމް ބުނީމަ ޖެހޭނެ ލަސްނުކޮށް ދާން... ގޮސް އައީމަ އަހަރެންގެ ވާހަކަ ބުނާނީ..."

"އާނ.... އިނގޭތަ... ސަފީމޯމް ވާހަކަ ދެއްކީ ކޮރެއާ ބަހުން... ވަރަށް ފަރިތަކޮށް ވާހަކަ ދެއްކީ... ހީވަނީ ވަރަށް ރަނގަޅަށް ބަސް ދަސްކޮށްފަ ހުރިހެން..." ޒެނިލް ބުންޏެވެ.

"އޭނ؟..." ޖިލްވާ ހައިރާން ވިއެވެ.

(ނުނިމޭ)

comment ކޮމެންޓް