ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗްތަކުގެ ސަބަބުން ކޮވިޑް ފެތުރެނީ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއް ކުރިޔަށްދަނީ

ހަވާނާ (މޭ 23) : ޔޫރަޕްގެ ބައެއްގައުމުތަކުގައި ކުރިޔަށްގެންދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗްތައް ބަލަންދާ މީހުންނަށް ލުއިތަކެއްދީ ކަނޑައަޅާފައިވާ އަދަދަށްވުރެ މާގިނައިން ސްޓޭޑިއަމްތަކަށް މީހުން ވެއްދުމުގެ ސަބަބުން ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

އެޖަމްއިއްޔާގެ ޔޫރަޕާބެހޭ އޮފީހުގެ އެގްޒެކެޓިވް ޑިރެކްޓަރު ރޮބް ބަޓްލަރ ވިދާޅުވީ ޔޫރޯ މުބާރާތް ބާއްވާ ގައުމުތަކުގެ ތެރެއިން ބައެއް ގައުމުތަކުގައި މެޗްތައް ބެލުމަށް ސްޓޭޑިއަމުތަކަށް ވެއްދި މީހުންގެ އަދަދު އިތުރުކޮށްފައިވާ ކަމަށާ އެއީ ކަންބޮޑުވާންޖެހޭ ކަމެއްކަމުގައެވެ. އެކަމުގެ ސަބަބުން މެޗްތައް ބޭއްވި ބައެއް ސަރަޙައްދުތަކުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާކަން ތަފާސް ހިސާބުތަކުން ހާމަވެފައިވާކަން އޭނާ ކަށަވަރުކޮށް ދެއްވިއެވެ.

ރޮބް ބަޓްލާ

ޔޫރޯ މުބާރާތުގެ މެޗްތައް ބާއްވާ ގައުމެއް ކަމަށްވާ އިނގިރޭސިވިލާތުންވަނީ ލަންޑަންގެ ވެންބްލީ ސްޓޭޑިއަމްގައި އިއްޔެ ބޭއްވި ޔޫރޯ ގެ މެޗްތައް ބެލުމަށް ވަނުމުގެ ފުރުސަތު ގިނަ ބަޔަކަށް ދީފައެވެ. ކުރިން އެސްޓޭޑިއަމް އަށް 40 ހާހަށްވުރެ ގިނަ މީހުން ވަނުމުގެ ފުރުސަތު ދިން ނަމަވެސް އިއްޔެގެ މެޗްތައް ބެލުމަށް ވެންބްލީ ސްޓޭޑިއަމް އަށް ވަނުމުގެ ފުރުސަތު 60 ހާހަށްވުރެ ގިނަ މީހުންނަށް ދިންކަމަށް މައުލޫމާތު ލިބެއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗްތައް ބެލުމަށް ސްޓޭޑިއަމް ތަކަށް އާންމު ގޮތެއްގައި ވައްދަނީ އެތަންތަނުގެ ކެޕޭސިޓީގެ 50 އިންސައްތަ މީހުންނެވެ. 20 ހާސް މީހުންނަށް ވަދެވޭ ސްޓޭޑިއަމް އެއްނަމަ ވައްދަނީ ގިނަވެގެން 10 ހާސް މީހުންނެވެ. ނަމަވެސް އިނގިރޭސިވިލާތާއި ޔޫރޯ ބާއްވާ ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުން މިއާޚިލާފަށް މިހަފްތާގައި އަމަލުކޮށްފައިވާ ކަމަށްވެއެވެ. މިގޮތުން ސްޓޭޑިއަމްތަކުގެ ކެޕޭސިޓީގެ 50 އިންސައްތައަށްވުރެ ގިނައިން މީހުން ވައްދާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނައިން ސްޓޭޑިއަމްތަކަށް މީހުން ވެއްދީ ކޮން ގައުމުތަކަކުންކަން ޑަބްލިޔު.އެޗް.އޯ. އިން ހާމަނުކުރިނަމަވެސް ޑެންމާކާއި ރަޝިއާގެ މައްޗަށްވަނީ އެކަމުގެ ތުހުމަތު ކުރެވިފައެވެ.

ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި ބޭއްވި މެޗްތައް ބެލުމަށް އެސިޓީގެ ސްޓޭޑިއަމް ތަކުގެ ކެޕޭސިޓީގެ 50 އިންސައްތައަށްވުރެ ގިނައިން މީހުން ވެއްދިކަމަށް ރިޕޯޓްތައް ބުނާއިރު ކޯޕަންހޭގަންގެ ސްޓޭޑިއަމް ތަކަށް ވަންމީހުންގެ ތެރެއިން ބައަކުވަނީ ކޮވިޑް އަށް ޕޮޒިޓިވް ވެފައެވެ. ރަޝިޔާގެ ސެންޕީޓާސްބާގް ގެ ސްޓޭޑިއަމްއަށްވެސް އެތަނުގެ ކެޕޭސިޓީގެ 50 އިންސައްތައަށްވުރެ ގިނައިން މީހުން ވެއްދިކަމަށް ވެއެވެ. އެ ސްޓޭޑިއަމް އަށް ވަން މީހުންގެ ތެރެއިންވެސް ބައެއް މީހުންވަނީ ކޮވިޑް އަށް ޕޮޒިޓިވް ވެފައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗްތައް ބެލުމަށް ސްޓޭޑިއަމް ތަކަށް ވައްދަނީ ވަކި ޝަރުތަކެއް ފުރިހަމަވާ މީހުންނެވެ. އޭގެތެރޭގައި ސްޓޭޑިއަމްތަކަށް ވައްދާ މީހުންނަކީ ކޮވިޑް ޖެހިފައި ނުވާކަން ޓެސްޓްތަކުން ( 24 ގަޑީއިރުނުވާ) ކަށަވަރުކޮށްދޭ ލިޔުމެއް އޮތްމީހަކަށް ވުމާއި ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރިތާ 14 ދުވަސްވެފައިވާކަން ކަށަވަރުކޮށްދޭ ލިޔުމެއް އޮތް މީހަކަށްވުން ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް