އިންޑިއާގައި ކޮވިޑް ޑެލްޓާ ޕްލަސް ވޭރިއެންޓާ ބެހޭ ގޮތުން ކަންބޮޑުވުން

އިންޑިއާއިން މިހާތަނަށް 30 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވޭ -- ފޮޓޯ: ރޮއިޓާސް

ކޮލަމްބޯ (ޖޫން 23): ޔޫރަޕުން ފުރަތަމަ ފެނުނު ކޮވިޑް-19އިގެ ވޭރިއެންޓެއް ކަމަށްވާ ޑެލްޓާ ޕްލަސްގެ 22 ކޭސް އިންޑިއާއިން ފެނިއްޖެ ކަމަށް އެގައުމުން ބުނެފި އެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެގައުމުން ޑެލްޓާ ޕްލަސްގެ ކޭސްތައް ފެނިފައި ވަނީ މަހާރަޝްތުރާ، ކެރަލާ އަދި މަދުޔަ ޕްރަދޭޝްއިންނެވެ. އަދި އެ ސްޓޭޓުތަކުގައި ކޮވިޑަށް ޓެސްޓު ކުރާ މިންވަރު އިތުރު ކުރަން މިހާރު ވަނީ އަންގާފަ އެވެ.

"އިންސަކޮގް [އިންޑިއަން ސާސް-ސީއޯވީ-2 ޖީނޯމިކް ކޮންސޯޓިއާ]ގެ ހޯދުންތަކަށް ބިނާކޮށް ހެލްތު މިނިސްޓްރީން ވަނީ މަހާރަޝްތުރާ، ކެރަލާ އަދި މަދުޔަ ޕްރަދޭޝްއަށް ޑެލްޓާ ޕްލަސްއާ ބެހޭ ގޮތުން އެލާޓްކޮށް، ލަފާ ދީފަ،" ހެލްތު މިނިސްޓްރީން ބުންޏެވެ.

އިންސަކޮގް އަކީ ކޮރޯނާވައިރަހުގެ ތަފާތު ވޭރިއެންޓުތައް ހޯދާ، ކޮވިޑާ ގުޅިގެން ސްޓޭޓުތަކުން އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ލަފާ ދޭ، ތަފާތު މެޑިކަލް އަދި ސައިންޓިފިކް ގުރޫޕުތައް ހިމެނޭ ޖަމާއަތެކެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޑެލްޓާ ޕްލަސް އާއްމު ވޭރިއެންޓުތަކަށް ވުރެ ފަސޭހައިން ފެތުރުމާ އެކު އޭގެ އަސަރު ފުއްޕާމޭގެ ސެލްތަކަށް ކުރާ މިންވަރު މާ ބޮޑެވެ. އަދި ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރާ އެންޓިބޮޑީ ފަރުވާއަކަށް އެ ވޭރިއެންޓް ނުގުޑާ ކަމަށްވެސް އިންސަކޮގްއިން ވަނީ ލަފާކޮށްފަ އެވެ.

އޭގެ ސަބަބުން އިންޑިއާއިން ވަނީ ޑެލްޓާ ޕްލަސްގެ ނުރައްކާ މިންވަރު 'ވޭރިއެންޓް އޮފް އިންޓެރެސްޓް" އިން "ވޭރިއެންޓް އޮފް ކޮންސާން"އަށް މަތިކޮށްފަ އެވެ. އެގޮތަށް ކަންބޮޑުވާން ޖެހޭ ވޭރިއެންޓެއްގެ ގޮތުގައި ބަލަނީ އެ ވައިރަސް ފެތުރޭ މިންވަރާއި ބަލީގެ އަލާމާތްތައް ސީރިއަސްވާ މިންވަރު ފަދަ ކަންތައްތަކަށް ބަލާފަ އެވެ.

ޑެލްޓާ ޕްލަސްއަކީ އިންޑިއާއިން ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއެންޓަށް އައި ބަދަލަކުން އުފެދުނު އާ ވޭރިއެންޓެކެވެ. އަދި ޑެލްޓާ ޕްލަސްގެ ސަބަބުން އެގައުމުގައި ތިން ވަނަ ރާޅެއް ފެތުރިދާނެ ކަމުގެ ބިރު އޮތް ކަމަށް ހެލްތު އޮފިޝަލުން ވިދާޅުވެ އެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޑެލްޓާ ޕްލަސް މިހާރު ފެނިފައިވާ އެހެން ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، ޖަޕާން، ރަޝިއާ، ޕޯޗުގަލް، ސުވިޒަލޭންޑް، ނޭޕަލް އަދި ޗައިނާ ހިމެނެ އެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީސެސްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވި ގޮތުގައި އާއްމު ވޭރިއެންޓުތަކާ އެއްގޮތަށް ޑެލްޓާ ޕްލަސްއާ ދެކޮޅަށް ވެސް ކޮވިޑް ވެކްސިންތައް މަސައްކަތް ކުރާނެ ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން ދޭހަވެ އެވެ.

comment ކޮމެންޓް