ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އަނެއްކާ ވެސް ލުއިދޭން މަޝްވަރާކުރަނީ

މާލޭގެ ދެކުނު ފަރާތު ޓީޖެޓީ އަދި ސުނާމީ ބިނާ ސަހައްދު މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ކޮވިޑުގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އަދި ކޮވިޑް ޖެހި ބަލިން ރަނގަޅުވެ އިމިއުނިޓީ މުއްދަތުގައިވާ ފަރާތްތަކަށް ލުއިތަކެއް ދޭން ސަރުކާރުން މަޝްވަރާ ކުރަމުންދާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފި އެވެ.

ރޭ އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ މިހާރު ވެސް ފިޔަވަޅުތައް އެޅުމާއި ދޫދިނުމުގައި ވެސް ވަކި ތަފާތުގޮތަކަށް އަމަލުނުކުރާ ކަމަށާއި އަދި ކޮންމެ ހަފްތާއަކު ވެސް ލުއިދޭންވީ ކަންކަމާއި އިތުރަށް ފިޔަވަޅު އަޅަންވީކަންކަމާއި މެދު މަޝްވަރާތަކެއް ކުރަމުންދާކަމަށެވެ.

އެގޮތުން ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އަދި ބަލިން ރަނގަޅުވެފައިވާ ފަރާތްތަކަށް ދެވެން އޮތް ލުއިތަކާ މެދު މަޝްވަރާކުރަމުންދާކަމަށް މަބްރޫކު ވިދާޅުވި އެވެ. މަބްރޫކު ވިދާޅުވި ގޮތުގައި މިހާރު ބަލީގެ ހާލަތު އޮތް ގޮތަށް އިތުރަށް ރަނގަޅުވަމުންދާ ކަމަށް ވަންޏާ ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި މި ލުއިތައް އިއުލާންކުރެވޭވަރު ވާނޭ ކަމަށެވެ.

"ކުރިޔަށް އޮތް ހަފްތާތަކުގައި މިއިން ވަކި ވަކި ކަންކަމަށް ގުޅިގެން އެޅޭ ލުއިތައް އަޅުގަނޑުމެން ކިޔައިދެމުންދާނަން. މިކަމުގައި މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކޮށްލީ، މިހާރު މިދާގޮތަށް ގޮސްފި ނަމަ ކުރިއަށް އޮތް ހަފްތާތެރޭގައި ވެސް މެޝާތަކެއް އަޅުގަނޑުމެންނަށް އިއުލާންކުރެވެން ވާނެ،"

["ވެކްސިން ޖަހާފައިވާ ފަރާތްތަކަށް] މިގޮތަށް މިކަމާއި ދޭތެރޭ ވިސްނާފައި، ލުއިތަކެއް ދިނުން އަދި ދެވޭނެ ލުއިތަކަކީ ކޮބައިތޯ، އެއީ މިވަގުތު ވެސް މަޝްވަރާ ކުރެވެމުންދާ...މީގެ ތެރެއިން ކޮން ލުއިތަކެއްތޯ އެންމެ އަވަހަށް ދޫކޮށްލެވޭނީ އެއީ މިވަގުތު ވެސް މަޝްވަރާގައި އޮތް ކަމެއް،" މަބްރޫކު ވިދާޅުވި އެވެ.

މިފަދަ ލުއިތަކެއް ދިނުމަކީ އަދި މަޝްވަރާކޮށް ނިންމަން ޖެހޭ ކަމެއްކަމަށާއި އަދި އެފަދަ ލުއިތަކުގެ ސަބަބުން އިތުރަށް މީހުން ވެކްސިން ޖެހުމަށް ވެސް ހިތްވަރު ލިބިގެންދާނެކަމެއް ކަމަށް ގަބޫލުކުރައްވާ މަބްރޫކު ރޭ ވިދާޅުވި އެވެ.

މިފަހުން ރާއްޖޭގައި ފެނުނު ކޮވިޑުގެ ރާޅުގެ ކުރިން ވެކްސިން ޖަހާފައިވާ ފަރާތްތަކާއި ބަލިން ރަނގަޅުވެފައިވާ ފަރާތްތަކަށް ކަރަންޓީނާއި ނުލައި ދަތުރުކުރުމުގެ ހުއްދަ ވެސް ސަރުކާރުން ވަނީ ދީފަ އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ސްޕޯކްސްޕާސަން ޑރ. ނަޒްލާ ވިދާޅުވީ އެފަދަ ލުއިތަކަކީ ވެކްސިން ކަވަރޭޖް ނުވަތަ ޖަހާފައިވާ މީހުންގެ އަދަދާއި އަދި އެ ދަތުރުކުރާ މަންޒިލެއްގައި ބަލި އޮތް މިންވަރަށް ބަލައި ދިން ލުޔެއް ކަމަށެވެ. އަދި އޭރު ދަތުރުކުރަން ދިން ލުއިތަކަށް ބަދަލު ގެންނަން ޖެހުނީ ވެސް މާލެ ސަރަހައްދުގައި ބަލި ވަރަށް ބޮޑަށް ފެތުރެން ފެށުމާއިއެކުގައިކަމަށެވެ.

"އެހެންނަމަވެސް ސާޖްއާ އެކު އެއްކޮށް މަޑުޖައްސާލުމަށް ފަހު އިތުރަށް ދެން ކުރިޔަށް އޮތް ތަނުގައި ގެންދެވޭނެ ގޮތަކާ މެދު އަޅުގަނޑުމެން މަޝްވަރާ ކުރަމުން މިދަނީ، އޭގައި މަބްރޫކު ފާހަގަކުރެއްވިހެން ވަރަށް ގިނަ ކަންތައްތަކެއްގައި، އަދި ވަކިން ހާއްސަކޮށް އަޅުގަނޑުމެން ބޭނުން...ދަތުރުކުރުމުގައި ލުއިތަކެއް ދެވޭނެ ގޮތަކާ މެދު މަޝްވަރާކުރަމުން އަޅުގަނޑުމެން މިދަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މި އަންނަ މަސްތެރޭ އަންނަ ބަންދަށް ދަތުރުފަތުރުކުރުމުގައި ލުއިތަކެއް ދޭނެކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ.

ރާއްޖޭގައި މިވަގުތު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ 315،397 މީހަކު އެބަ ތިއްބެވެ. އަދި ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ޖުމްލަ 184،212 މީހަކު އެބަ ތިއްބެވެ.

comment ކޮމެންޓް