ޑްރަގު އޮޕަރޭޝަންތަކެއްގައި ހަ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި އަޅާފައިވާ ސެލޯފިންކޮޅުތަކެއް --- ފޮޓޯ/ ޕޮލިސް

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަ މީހަކު ހައްޔަރުކޮށްފި އެވެ.

އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ހަ ރަށެއްގައި އެވެ. ހަ މީހުން ހައްޔަރު ކުރީ ފަސް ތަފާތު ފަސް ރަށަކުންނެވެ.

ފުލުހުންގެ ހިދުމަތުން މިއަދު ބުނީ, ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އަންހެނަކާއި 32 ދެ އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކު އަދި 45 އަހަރުގެ މީހެކެވެ.

އުމުރުން 29 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހު ރ. ދުވާފަރުންނެވެ. އަދި 32 އަހަރުގެ މީހާ ހައްޔަރު ކުރީ ޖެހިގެން އައި ދުވަހު ހަމަ އެ ރަށުންނެވެ.

"ދުވާފަރު ޕޮލިސް ސްޓޭޝަންއާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 29 އަހަރުގެ އަންހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ. އަދި މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ 32 އަހަރުގެ ފިރިހެނަކު މި މަހު 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވެ," ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

އުމުރުން 32 އަހަރުގެ މީހާ ހައްޔަރު ކުރީ, ގދ. ގައްދޫ އިންނެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު ފެނިފައިވެ އެވެ.

މ. މުލަކުގައި ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ 14 ސެލޭފިންކޮޅު ހޯދާފައިވެ އެވެ. ހޯމަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރީ 19 އަހަރުގެ މީހާ އެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާ މަސްތުވާތަކެތި ދިރުވާލާފައިވާ ކަމަށް ބެލެވިގެން ހޮސްޕިޓަލަށް ގެންގޮސް އެތަކެތި އޭނާގެ ހަށިގަނޑުން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އުމުރުން 25 އަހަރުގެ މީހާ ހައްޔަރު ކުރީ ހޯމަ ދުވަހު ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނެއްގައި އެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާލެއިން އދ. ދަނގެއްޗަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޯމަ ދުވަހުވެސް ފުލުހުން އޮޕަރޭޝަން ހިންގި އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވެ އެވެ. ދިގުރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ދިގުރަށު ބަނދަރު ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

އުމުރުން 45 އަހަރުގެ މީހާ ހައްޔަރު ކުރީ, އާދިއްތަ ދުވަހު ލ. މާވަށުންނެވެ. އެ ރަށު އަތިރިމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހަށް ބަންދުގެ މުއްދަތު ދީފައިވެ އެވެ.

comment ކޮމެންޓް