އޯގަސްޓު މަހު ވަގުތީ ޖަނަރޭޓަރުތައް އެއްކޮށް ހުއްޓާލަން އަންގައިފި

ސްޓެލްކޯ އިންޖީނުތަކުގެ ދުންހޮޅިތައް: ސްޓެލްކޯގެ އިންޖީނުތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލިފައިވާ ކަމަށް އެޗުއާރުސީއެމް އިން ބުނޭ ---

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މާލެ އިންޖީނުގޭގައި ވަގުތީ ގޮތުން ބަހައްޓާފައިވާ ޖަނެރޭޓަރުތައް އަންނަ އޯގަސްޓް މަހުގެ 15ގެ ނިޔަލަށް އެއްކޮށް ހުއްޓާލައި ޑީކޮމިޝަންކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އަންގައިފި އެވެ.

ވަގުތީ ޖަނެރޭޓަރުގަކުގެ އަޑާއި، އޭގެން ނިކުންނަ ދުމާއި، އުފައްދާ ވައިބްރޭޝަންތަކުގެ ނޭދެވޭ އަސަރު އެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ކުރާކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

ސްޓެލްކޯގެ މާލެ އިންޖީނުގޭ ސަރަހައްދުގެ މާނިފާ ހިނގުމާއި، ކޮއިމަލާ ހިނގުން ގުޅޭ ކަންމައްޗަށް ވާގޮތަށް ގާކޮށީގެތެރޭގައި އަލަށް ބަހައްޓާފައިވާ ޖަނަރޭޓަރުތަކަކީ މާލޭގެ ކަރަންޓު ބޭނުންވާ މިންވަރު އިތުރުވަމުން ދިއުމާ ގުޅިގެން، މާލެއިން ކަރަންޓު ނުކެނޑި ހިފެހެއްޓުމަށްޓަކައި، ސްޓެލްކޯގެ ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރަން ޖެހިފައިވާތީވެ ބެހެއްޓިފައިވާ ވަގުތީ ޖެނެރޭޓަރުތަކެކެވެ.

އެ ޝަކުވާތަކާ ގުޅިގެން ޔުޓިލިޓީ އޮތޯރިޓީން ވަނީ މައްސަލަ ބަލައިފަ އެވެ. މައްސަލަ ބެލުމަށްފަހު އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައަށް އޮތް އެންމެ އަވަސް ހައްލަކީ ސްޓެލްކޯއިން ވަގުތީ ގޮތުން ބަހައްޓާފައިވާ ޖެނެރޭޓަރުތައް ހިންގުން ހުއްޓާލުން ކަމަށް އެ އޮތޯރިޓީއަށް ގަބޫލުކުރެވޭ ކަމަށެވެ.

ނަމަވެސް ސްޓެލްކޯއިން ފޯރުކޮށްދެނީ އަސާސީ ހިދުމަތަކަށްވެފައި، ވަގުތީ ޖަނަރޭޓަރުތައް ހުއްޓާލައިފި ނަމަ މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑާލަންޖެހި ޖެނެރޭޓަރުތަކަށް އޭގެ ނޭދެވޭ އަސަރު ކުރުމާއެކު އެތަކެއް ރައްޔިތުންނަށް އެކަމުގެ ސަބަބުން އެކިކަހަލަ އުނދަގޫތަކާ ކުރިމަތިލާންޖެހިދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ޔުޓިލިޓީ އޮތޯރިޓީން ބުނީ، ވަގުތީ ގޮތުން ބަހައްޓާފައިވާ ޖަނަރޭޓަރުތަކަކީ ކޮންމެހެން ހިންގަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ނުހިންގާނެ ޖަނަރޭޓަރުތަކެއްކަމުގެ ޔަގީންކަން ސްޓެލްކޯއިން ދީފައިވާ ކަމަށެވެ.

ހަމައެއާއެކު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ މާލެ-ހުޅުމާލެ ކަރަންޓު ވިއުގަ ގުޅާލެވިގެން ދިއުމުން ކަމަށާއި އޭގެ ސަބަބުން ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެއިން އުފައްދާ ކަރަންޓުގެ މިންވަރަށް ބަލައި ބައެއް ޖެނެރޭޓަރުތައް ނިއްވާލެވޭނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ބުނެފައި ވަނީ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ސައުންޑް އެޓެނުއޭޝަން މެޓީރިއަލް ބޭނުންކޮށްގެން ވަގުތީ އިންޖީނުތައް ބަހައްޓާފައިވާ ސަރަހައްދު ހިޔާ ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ.

ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ބައެއް ކަންކަން ކުރަން ޔުޓިލިޓީ އޮތޯރިޓީ އިން އިއްޔެ ވަނީ ސްޓެލްކޯއަށް އަންގައިފަ އެވެ.

އެގޮތުން މައްސަލައަށް ދާއިމީ ހައްލެއް ލިބެންދެން، ޖަނަރޭޓަރުތަކުން ވާ އުނދަގޫ ކުޑަކުރުމަށް ފިޔަވަޅު އެޅުމަށާއި
މާލެ-ހުޅުމާލެ އިންޓަކަނެކްޝަންގެ މަސައްކަތް 31 ޖުލައި 2021 ގެ ނިޔަލަށް ނިންމައި ކަރަންޓު ދޭން ފެށުމަށް ވަނީ އަންގައިފަ އެވެ.

އޭގެ އިތުރުން 15 އޮގަސްޓް 2021 އާ ހަމައަށް ވަގުތީ ޖަނަރޭޓަރުތައް އެއްކޮށް ހުއްޓާލައި ޑީކޮމިޝަންކުރުމަށާއި،
ކުރިއަށް އޮތް ތަނުގައި އިތުރު ޖަނަރޭޓަރެއް ބަހައްޓާކަމުގައި ވާނަމަ އެކަމަށް ބޭނުންވާ ހުރިހާ އެސެސްމަންޓްތައް ހެދުމަށްފަހުގައި، ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އެކަންތައްތައް ކުރުމަށް ސްޓެލްކޯއަށް ވަނީ އަންގައިފަ އެވެ.

ޔުޓިލިޓީ އޮތޯރިޓީން ބުނީ ޖަނަރޭޓަރުތައް ބަހައްޓައި ހިންގުމުގައި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދާނަމަ، މިފަދަ މައްސަލަތައް ދިމާވުމުގެ ފުރުސަތު ވަރަށް ކުޑަވާނެކަމަށެވެ.

ރާއްޖޭގައި ހިންގާ ހުރިހާ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތްތައް ފެށުމުގެ ކުރިން، ޑިޒައިންތައް އެޕްރޫވް ކުރުމާއި އެކި ވުޒާރާތަކުން ހޯދަންޖެހޭނެ ހުއްދަ ހޯދުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އިންޖީނުތަކުގެ ސަބަބުން ރައްޔިތުން ވަނީ ނުރައްކަލަށް ހުށަހެޅިފައި: އެޗްއާރްސީއެމް

comment ކޮމެންޓް