ރަނގަޅު ނިންމުންތައް ނިންމުމުގައި ސްމާޓް ސިޓީތައް މާ ކުރީގައި

އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ނިންމަންޖެހޭ ނިންމުންތައް އާންމުގޮތެއްގައި ބިނާކުރަނީ އަޅުގަނޑުމެނަށް ލިބޭ މައުލޫމާތުތަކުގެ މައްޗަށެވެ. މިސާލަކަށް ދަންނަވަނީނަމަ، ފިހާރައަކުން މުދަލެއް ގަތުމުގެ ކުރިން އަޅުގަނޑުމެން އެމުދަލުގެ އަގު އެހެން ފިހާރަތަކާ އަޅާކިޔަމެވެ. އަދި މައުލޫމާތުގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެންގެ ޖީބަށް ލުއިވާނޭހެން އިގްތިސާދުކުރަމެވެ. މިގޮތަށް ލިބިފައިވާ މައުލޫމާތަކީ ހިސާބުން މިނެކުރެވޭ ފަރަގުތަކަށްވެސް ވެދާނެއެވެ. ނޫންނަމަ، އާންމު ދިރިއުޅުމުގައި ފާހަގަކުރެވިފައިވާ ކަންކަމަށްވެސް ވެދާނެއެވެ. ނުވަތަ، ތަފާސް ހިސާބުގެ ގޮތުގައިވެސް މިފަދަ މައުލޫމާތު ލިބިދާނެއެވެ.

އަދުގެ ދުނިޔެއަކީ، ހަމަ މިފަދައިން، އެކިއެކި މައުލޫމާތު ނުވަތަ ޑޭޓާގެ މައްޗަށް ބަރޯސާވެފައިވާ ތަނެކެވެ. އާންމު ދިރިއުޅުމުގެ ކަންކަމެކޭ އެއްފަދައިން، ސިޓީ ފަދަ އިދާރީ ދާއިރާތައް ހިންގުމުގައިވެސް މައުލޫމާތާއި ޑޭޓާ ނުހަނު ބޮޑު ދައުރެއް އަދާކުރެއެވެ. މުޖުތަމައުގައި ހުންނަ އެކި މައްސަލަތަކަށް ހައްލު ހޯދުމަށާއި، ހިދުމަތްތަކުގެ ފެންވަރު އިތުރަށް ފުރިހަމަ ކުރުމަށް ޑޭޓާ ބޭނުންކުރެވެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން މިއަދު ފެންނަ މަންޒަރަކީ ޑޭޓާ މެދުވެރިކޮށް އެގައުމެއްގައި ނުވަތަ ސިޓީއެއްގައި ހިމެނޭ އިގްތިސާދީ، އިޖްތިމާއީ އަދި ތަރައްގީ އާއި ގުޅުންހުރި ކަންކަން ފާހަގަކޮށް، މުޖުތަމައުގެ ބޭނުންތަކާއި އެއްގޮތަށް ހައްލުތައް ފަރުމާކޮށް ހިދުމަތްދޭ މަންޒަރެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި އާންމު ފަރާތްތަކަށާއި ވިޔަފާރިތަކަށް އެކިއެކި ކަންކަމާ ގުޅޭ މައުލޫމާތު ނުވަތަ ޑޭޓާ ފަސޭހައިން ލިބެން ނުހުންނަކަމީ ވަރަށް ގިނައިން ބަހުސްކުރެވޭ މައުލޫއެކެވެ. ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި 'ބިގް ޑޭޓާ'ގެ އަލީގައި ލިބެމުންދާ ކުރިއެރުންތައް ފާހަގަކޮށް، މިފަދަ ކަންކަން ރާއްޖޭގައި ފަހިކޮށްދިނުމަށް އެދި ގޮވާލާތާ އެތައް އަހަރުތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. ނަމަވެސް، އަދިވެސް މިކަމަކީ އެންމެ އެކަށީގެންވާ ހައްލެއް ހޯދިފައިނުވާ މައްސަލައެކެވެ.

އާންމުގޮތެއްގައި ބިގް ޑޭޓާ ބެހިގެންދަނީ ތިން ބަޔަކަށެވެ. އެއީ އިޖުތިމާއީ ޑޭޓާ އާއި، މެޝިން ޑޭޓާ އަދި ޓްރާންސްއެކްޝަނަލް ޑޭޓާ މި ތިންބައެވެ. އިޖްތިމާއީ ޑޭޓާ އަކީ ވިޔަފާރިކުރާ އާންމު ފަރާތްތަކުގެ ހަރަކާތްތަކުން ލިބެން ހުންނަ މައުލޫމާތެވެ. މިސާލެއްގެގޮތުން، އާންމު ފަރާތަކުން އޮންލައިންކޮށް ކުރާ ވިޔަފާރިތައް މެދުވެރިކޮށް އޭނާއަށް ކަމުދާ ތަކެއްޗާއި ކަމުނުދާ ތަކެތި ދެނެގަނެވޭނެއެވެ. އަދި މިފަދަ މައުލޫމާތުގެ އަލީގައި ކަސްޓަމަރުންނާއި ބެހޭ މުހިއްމު މައުލޫމާތުތައް ދެނެގަނެވޭނެއެވެ. ބިގް ޑޭޓާގެ ދެވަނަ ބާވަތަކީ މެޝިން ޑޭޓާއެވެ. މިއީ މޯބައިލް ފޯން ނުވަތަ އިންޖީނުލީ އުޅަނދުތައް ފަދަ އާލާތްތަކުން ލިބެންހުންނަ މައުލޫމާތެވެ. މީގެން އިންސާނުންގެ ހަރަކާތްތައް ފަސޭހަކަމާއެކު ދެނެގަނެވޭނެއެވެ. ބިގް ޑޭޓާގެ ތިންވަނަ ބާވަތަކީ ޓްރާންސްއެކްޝަނަލް ޑޭޓާ އެވެ. މިއީ، އޮންލައިން އަދި އޮފްލައިން ކޮށް ހިންގާ މުއާމަލާތްތަކުގެ މައްޗަށް ބިނާކޮށް އެއްކުރެވޭ މައުލޫމާތެވެ. މިމައުލޫމާތުގެ އަލީގައި، ޑޭޓާ ސައިންޓިސްޓުންނަށް މުސްތަގްބަލުގައި ކަންހިނގާނޭ ގޮތް ނުވަތަ އާންމު ފަރުދުންގެ އަމަލުތައް ބަހައްޓާނޭގޮތް ލަފާކުރުމަށް އެހީތެރިވެގެން ދެއެވެ.

ޑޭޓާ ލިބެން ހުރުމަކީ ވަކި އިތުރު ކުރިއެރުމެއް ނޫން – މުހިއްމީ އޭގެ އެންމެ ފުރިހަމަ ބޭނުން ހިފުން.

ސްމާޓް ސިޓީތަކަކީ އެސިޓީއެއްގައި ލިބެންހުރި ޑޭޓާ ރައްޔިތުންނަށާއި ވިޔަފާރިތަކާ ހިއްސާކުރާ، އަދި ކަންކަން ނިންމުމުގައި އެފަރާތްތައް ބައިވެރިވުން ހޯދާ ތަންތަނެވެ. މީގެ މަގްސަދަކީ ސިޓީތަކުގައި ދިރިއުޅޭ މީހުންނަށާއި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އިތުރަށް ހިތްވަރުދީ އެކަން މަގުފަހިކޮށްދިނުމެވެ.

ކުރިންވެސް ފާހަގަކުރެވުނުހެން، އަޅުގަނޑުމެންގެ މިކުޑަ ދިވެހިރާއްޖޭގައި ޑޭޓާ ލިބުމަށް ދަތިތަކަކާއި، ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ. ނަމަވެސް، ކޮރޯނާވައިރަސްގެ ވަބާގެ ތެރެއިން ފެނިގެންދިޔަ އެއް މަންޒަރަކީ، ސަރުކާރާއި އާންމު ވިޔަފާރިތައް އަދި ތައުލީމީ ހިދުމަތްތައްދޭ މަރުކަޒުތަކުން ދެމުން އައި ހިދުމަތްތައް ވަރަށް ކުރުމުއްދަތެއްގައި އޮންލައިން ސިސްޓަމަކަށް ބަދަލުވެގެން ދިޔަ މަންޒަރެވެ. ޒަމާނުއްސުރެ ސަރުކާރުގެ ވުޒާރާތަކުން ދެމުންއައި ހިދުމަތްތައް މެދުކެނޑުމެއްނެތި އިންޓަރނެޓް މެދުވެރިކޮށް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނީ ޒަމާނީ ޓެކްނޮލޮޖީ އާއި އިންޓަރނެޓެވެ. މިގޮތުން، ސަރުކާރު ވުޒާރާތަކުން އޮންލައިންކޮށް ހިދުމަތް ހޯދާ ފަރާތްތަކާއި ގުޅޭ މުހިއްމު މައުލޫމާތުތަކެއް އެއްކުރުމަށް މިކަމުގެ ސަބަބުން ވަނީ މަގުފަހިވެގެން ގޮސްފައެވެ. މިފަދަ މައުލޫމާތުތަކަކީ، އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވިއްޖެނަމަ، ގައުމުގެ ތަރައްގީއަށް އިތުރު ދުވެއްޔެއް ގެނެސްދޭނޭ ކަންކަމެވެ. އަދި ހަމަ އެހެންމެ، މިފަދަ މައުލޫމާތުތަކުގެ އަލީގައި ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ދެފުށްފެންނަ އުސޫލުތައް ގާއިމުކޮށް، ހަރަދުތައް ކުޑަކޮށް، މަދަނީ ޖަމިއްޔާތަކާއި އާންމު ފަރުދުންގެ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބުދާރީވާ މިންވަރު އިތުރުކުރެވިގެން ދާނެއެވެ.

ހަމަމިފަދައިން، އަދުގެ ދުނިޔޭގައި ކުދި އަދި ބޮޑު ހުރިހާ ވިޔަފާރިތަކަކުންވެސް އެކިކަންކަމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފައެވެ. ވިޔަފާރީގެ ހަރަކާތްތައް ރާވާ ހިންގުމަށާއި، ކަސްޓަމަރުންނާއި މުއާމަލާތުކުރުމަށް ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރެއެވެ. މިހެން ކަމުން، ބިގް ޑޭޓާ އަކީ ކޮންމެ ވިޔަފާރިއެއްވެސް ޒަމާނާއެއްގޮތަށް ކުރިއަރައިގެން ދިއުމަށް މުހިއްމު ރައުސުލްމާލަކަށްވަނީ ވެފައެވެ. ބިގް ޑޭޓާ މެދުވެރިކޮށް ވިޔަފާރީގެ ހުރިހާ މުއާމަލާތްތައް ތަރައްގީކުރުމުގެ ފުރުސަތުފަހިވެގެން ދެއެވެ. އެންމެ ކުދި އިދާރީ މަސައްކަތްތަކުން ފެށިގެން ގޮސް، ލޮޖިސްޓިކްސް، މާކެޓިންގ، ޕްރޮޑަކްޓް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕްރޮކިއުމަންޓް އަދި ފައިނޭސްގެ ހުރިހާ މަސައްކަތެއްމެ ޑިޖިޓަލައިސްކޮށް، ބިގް ޑޭޓާ މެދުވެރިކޮށް އިތުރަށް ހަރުދަނާކުރެވިދާނެއެވެ. މިސާލަކަށް، ކަސްޓަމަރުންގެ ހަރަކާތްތަކާއި ބޭނުންތައް ދެނެގަނެވިއްޖެނަމަ، ޕްރޮޑަކްޓެއް އުފެއްދުމުގަޔާއި ވިއްކުމުގައި ވިޔަފާރިން އަމަލުކުރަންވީގޮތް ފަސޭހައިން ދެނެގަނެވޭނެއެވެ. އަދި އެމައުލޫމާތުގެ އަލީގައި ނިންމަންޖެހޭ ނިންމުންތައް ކަނޑައެޅެވިދާނެއެވެ.

މީގެ އިތުރުން، ވިޔަފާރީގެ މުއާމަލާތްތަކުގެ ސަބަބުން އެއްކުރެވޭ މައުލޫމާތު ނުވަތަ ޑޭޓާގެ ސަބަބުން އެވިޔަފާރިއެއްގެ އަގު މަތިވެގެންދެއެވެ. މީގެ ހެއްކެއްގެ ގޮތުން ބަލާނަމަ، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތައް، އެވިޔަފާރިއެއްގައި ހިމެނޭ މައުލޫމާތުގެ ބޭނުމުގައި ގަންނަ މަންޒަރަށް ވިސްނާލަމާތޯއެވެ. 2015 ވަނަ އަހަރުގައި މަޝްހޫރު އައި.ބީ.އެމް ވިޔަފާރިންވަނީ ދަ ވެދަރ ކޮމްޕެނީއިން ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ މޫސުމާބެހޭ މައުލޫމާތުގެ ބޭނުމުގައި އެކުންފުނި ގަނެފައެވެ.

މުސްތަގުބަލުގައި ސިޓީތައް ކުރިއަރައިގެންދާ ހިނދު، އަންނަ ޖީލުގެ ޓެކްނޮލޮޖީ މެދުވެރިކޮށް އާންމު ހިދުމަތްތަކަށް ނުހަނު ގިނަގުނަ ބަދަލުތަކެއް އަންނާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. ޓެކްނޮލޮޖީގެ އެހީގައި ޓްރެފިކް މައްސަލަތައް ހައްލުކުރަން ފަސޭހަވެ، ކުނި މެނޭޖްކުރުން ނުވަތަ ހަކަތަފޯރުކޮށްދިނުން ފަދަ އާންމު ހިދުމަތްތަކަށް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. ނަމަވެސް، ޓެކްނޮލޮޖީއަކީ އޭގެ ޒާތުގައި ނުރައްކާތަކަކާ ކުރިމަތިލާންޖެހޭ ވަސީލަތްތަކެކެވެ. ކިތަންމެ ކުޑަ ކަމަކުންވެސް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިހެންކަމުން، ޑޭޓާ އެންކްރިޕްޓްކުރުން އަދި ޓޫ ފެކްޓަރ އޮތެންޓިކޭޝަން ފަދަ ސަލާމަތީ ފިޔަވަޅުތައް އެންމެ އެކަށޭނަ ފެންވަރެއްގައި އެޅުމަކީވެސް ކޮންމެހެން އިސްކަންދީގެން ކުރަންޖެހޭ ކަމެކެވެ. ޑޭޓާ އެންކްރިޕްޓްކުރުމުގެ ސަބަބުން ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ ސިއްރު މައުލޫމާތު ހިފެހެއްޓެއެވެ.

މީގެ އިތުރުން، ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގައިވެސް އެކަމަށް ހާއްސަ ސޮފްޓްވެއަރ މެދުވެރިކޮށް ނުރައްކާތައް ދުރާލާ ދެނެގަނެ، އެކަން ހުއްޓުވުމަށް ފިޔަވަޅު އެޅިދާނެއެވެ. ސްމާޓް ސިޓީތަކުގައި ސޮފްޓްވެއަރ އެސް އަ ސަރވިސް، އިންފްރާސްޓްރަކްޗަރ އެސް އަ ސަރވިސް ފަދަ ކްލައުޑް ބޭސްޑް އެތައް ވިއުގަތަކެއް ހިމެނޭނެއެވެ. އަދި މީގެ ސަބަބުން ސްމާޓް ސިޓީތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެން ދާނެއެވެ

އެޗް.ޑީ.ސީގެ ފަރާތުން ހިނގަމުން ގެންދާ ސްމާޓް ސިޓީ ޕްރޮޖެކްޓްގެ ދަށުން ގެނެވޭ އުމްރާނީ ތަރައްގީގެތެރެއިން މިފަދަ ކުރިއެރުންތަކަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭނޭ ބިންގާ އެޅިގެންދާނެއެވެ.

comment ކޮމެންޓް