ހިޔާ ފްލެޓު އެގްރިމެންޓުގެ ޑްރާފްޓު އާންމުކޮށްފި

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތައް -- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބޭ ފަރާތްތަކާ އެކު އެޗްޑީސީ އިން އެކުލަވާލާ އެއްބަސްވުމުގެ ޑްރާފްޓު އާންމުކޮށްފި އެވެ.

އެޗްޑީސީ އިން ބުނީ ހިޔާގެ 6،720 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓު ހަވާލުކުރުމުގެ އެންމެެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

ހިޔާ އަކީ ނިސްބަތުން ބޮޑު މަޝްރޫއެއް ކަމަށާއި ފްލެޓު ލިބޭ ފަރާތްތަކަށް ވަކިވަކިން އެއްބަސްވުން ފޮނުވުމަކީ ދަތިކަމަކަށްވާނެތީ، ހުރިހާ ފަރާތްތަކަށް ފެންނާނެހެން އެއްބަސްވުމުގެ ޑްރާފްޓު އެޗްޑީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހިޔާ ފްލެޓުތަކުގެ އެއްބަސްވުމުގެ ޑްރާފްޓު

ނަމަވެސް، އެ ޑްރާފްޓަށް ބައެއް ބަދަލުތައް އަތުވެދާނެ ކަމަށާއި ޑްރާފްޓަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ އެކަން އާންމުކޮށް އެޗްޑީސީގެ ވެބްސައިޓުގައި އަލުން ޝާއިއު ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ އަންނަ މަހުގެ 14 އިން ފެށިގެން ހިޔާ ފްލެޓުތަކުގެ އެގްރިމެންޓުގައި ސޮއިކުރަން ފަށާނެ ކަމަށާއި މަސްދުވަސްތެރޭ ހުރިހާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ނިންމާލެވޭނެ ކަމަށެވެ.

ހިޔާ މަޝްރޫގެ ފްލެޓުތައް ލިބޭ ފަރާތްތަކުގެ ތެރެއިން 5،603 ފްލެޓު ލިބޭ މީހުންގެ ގުރުއަތުލުން މިހާރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ފްލެޓުތަކުގައި ކުލަލައި، ޓައިލްސް ޖެހުމާއި ކޮޓަރި އަދި ފާހާނާތަކުގެ ދޮރު ހަރުކުރުމާއި ބޮކި ފަންކާ ހަރުކުރުމުގެ މަސައްކަތް ކުރަންޖެހޭނީ ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.

ފްލެޓު ހަވާލު ކުރުމަށް ފަހު އެ މަސައްކަތްތައް ނިންމުމަށް ކުލި ނުހިނގާ ގޮތަށް ތިން މަސް ދޭން ވަނީ ނިންމައިފަ އެވެ. ހިޔާ ފްލެޓުތަކުގެ ކުއްޔަކީ މެއިންޓެނެސް އާއެކު 8،500 ރުފިޔާ އެވެ.

comment ކޮމެންޓް