ދުނިޔޭގައި އެންމެ ބާރަށް ފެތުރެމުންދަނީ ކޮވިޑްގެ އިންޑިއަން ވޭރިއަންޓް: ޑަބްލިޔުއެޗްއޯ

ޖެނީވާ (މޭ 20) : ކޮވިޑް-19ގެ ދުނިޔޭގެ ހާލަތަށް ބަލާއިރު ގިނަގައުމުތަކުގައި އެންމެ ބާރަށް ފެތުރެމުންދާ ކޮވިޑްގެ ވައްތަރަކީ އިންޑިއަން ވޭރިއަންޓް ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ، ޑަބްލިޔޫއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ ކޮވިޑް ގެ ދިރާސާތަކާބެހޭ ރީސާޗަރެއް ކަމަށްވާ ސޮމްޔާ ސުވާމިނަތަން ވިދާޅުވީ ކޮވިޑްގެ އިންޑިއަން ވޭރިއަންޓް ގެ ނަމުން މަޝްހޫރުވެފައިވާ ޑެލްޓާ ވޭރިއަންޓަކީ ކޮވިޑް-19 ގެ އާދައިގެ ވައިރަސްއަށްވުރެ 20 ގުނަ ބާރުގަދަ ވައިރަސް އެއްކަމުގައެވެ. ދުނިޔޭގެ ގައުމުތަކުގައި އެންމެ ބޮޑަށް ފެތުރޭ ކޮވިޑްގެ ވޭރިއަންޓަކީވެސް ޑެލްޓާ ވޭރިއަންޓް ކަމަށާ އަދި އެންމެ ގިނަބަޔަކު މަރުވަނީވެސް މިވޭރިއަންޓްގެ ސަބަބުންކަން ތަފާސްހިސާބުތަކުން ހާމަވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިހާތަނަށް އުފައްދާފައިވާ ކޮވިޑް ވެކްސިންތަކަށް ޑެލްޓާ ވޭރިއަންޓް ނުގުޑާކަމަށް ދެކެވޭވާހަކަ ސޮމްޔާ ދޮގު ކުރެއްވިއެވެ.

ކޮވިޑްގެ ދެ ޑޯޒު ވެކްސިން ފުރިހަމަ ކުރުމުން ޑެލްޓާ ވޭރިއަންޓް އާ ދެކޮޅަށްވެސް އިންސާނުންގެ ހަށިގަނޑުގައި ދިފާއީ ބާރު އުފެދޭކަން އޭނާ ކަށަވަރުކޮށް ދެއްވިއެވެ. ނަމަވެސް އެއްވެސް ވެކްސިންއަކީ ސައްތައިން ސައްތަ ގެރެންޓީ އޮން އެއްޗެއް ނޫންކަމުން ދެ ޑޯޒު ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށްވެސް ކޮވިޑްގެ ހުރިހާ ވޭރިއަންޓްތަކެއްވެސް ޖެހޭކަމަށާ ނަމަވެސް ދެޑޯޒު ފުރިހަމަ ކުރުމުން ބަލީގައި ތަހައްމަލް ކުރަންޖެހޭ ވޭންތައް ކުޑަވެފައި ބަލިން ސަލާމަތް ވުމުގެ ފުރުސަތު ބޮޑުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޑަބްލިއުއެޗްއޯ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި އެޖަމްއިއްޔާއިން އެންމެ ކަންބޮޑުވަނީ ކޮވިޑް-19 ގެ ވޭރިއަންޓްތައް ގިނަވެ ހަލުއިކަމާއެކު އެ ވައިރަސް ފެތުރެމުން ދާއިރުވެސް ފަގީރު ގައުމުތަކުގެ ގިނަ ބަޔަކަށް ވެކްސިންގެ ލިބުން ދަތިވެ ވެކްސިން ލިބުން ލަސވާ މައްސަލައަށެވެ. ދުނިޔޭގެ ފަގީރު ގައުމުތަކަށް މަދުވެގެން 4 ބިލިޔަން ޑޯޒު ބޭނުންވާއިރު ޑަބްލިއުއެޗްއޯ ގެ ކޮވެކްސް ޕްރޮގްރާމުގެ ދަށުން މިހާތަނަށް ފަގީރު ގައުމުތަކަށް ފޯރުކޮށްދީފައިވަނީ އެންމެ 90 މިލިޔަން ޑޯޒެވެ.

ވެކްސިން ނުލިބޭތީ ފަގީރު ގައުމުތަކުގެ ޑޮކްޓަރުންނާއި ނަރުހުންނާއި ހެލްތްވާކަރުންގެ އިތުރުން އާންމުންވެސް ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެއެވެ.

އަނެއްކޮޅުން އެފްރިކާ އިއްތިޙާދުގެ "ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން" ގެ ވެރިޔާ ޖޯން އިންކެންގަންސޯންގް ވިދާޅުވިގޮތުގައި އެފްރިކާގެ ފަގީރު ގައުމުތައްކަމަށްވާ ޒެމްބިއާ، ޒިމްބާބުވޭ، މަލާވީ، ކޮންގޯ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، މާލީ، ނައިޖަރ އަދި ޗާޑް، ސޮމާލިޔާ ފަދަ ގައުމުތަކުގައި ކޮވިޑް ގެ އައު ވޭރިއަންޓްތަކުގައި އެތަށް ބަޔަކުދަނީ މަރުވަމުންނެވެ. މިގައުމުތަކަށާ އަދި އެފްރިކާގެ އެހެން ގައުމުތަކަށްވެސް ލިބިފައިވަނީ ކޮވިޑް ވެކްސިންގެ ވަރަށްމަދު ޑޯޒު ކޮޅެއްކަމަށާ އެގައުމުތަކުގެ ސަރުކާރާއި ރައްޔިތުން ތިބީ ވެކްސިންގެ އިންތިޒާރުގައި ކަމަށް ޖޯން ވިދާޅުވިއެވެ.

comment ކޮމެންޓް