އަފްޣާނިސްތާނުން ހައްޔަރުކުރި ޝާފިއުއަށް ދިވެހި ފުލުހުން އަނިޔާއެއް ނުކުރޭ

އަފްޣާނިސްތާނުން ހައްޔަރުކުރި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން--

އަފްގާނިސްތާނުން ހައްޔަރުކުރި ހ. މޫންލައިޓްވެލީ އަލީ ޝާފިއުއަށް ދިވެހި ފުލުހުން އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.

އަފްގާނިސްތާނުން 2019ވަނަ އަހަރުގެ ނޮވެމްބަރު މަހު ހައްޔަރުކުރި އައިއެސް ހަނގުރާމަވެރިންތަކެއްގެ ތެރޭގައި ޝާފިއުއި އޭނާގެ އަންހެނުންނާއި ދަރިންވެސް ހިމެނެ އެވެ.

އޭގެ ފަހުން 2019ގެ ޑިސެމްބަރު މަހު ޓެރަރިޒަމްގެ ކުށް ސާބިތުވެ އަފްގާނިސްތާނުގެ ކޯޓަކުން ވަނީ ޝާފިއުގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި އެ މައްސަލައިގައި އޭނާގެ އަނބިމީހާއަށްވެސް ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

ޝާފިއު، އާއިލާއާއެކު އަފްގާނިސްތާނަށް ދިޔަކަމުގެ މައުލޫމާތު ދިވެހި ފުލުހުންނަށް ލިބުނީ އިންޓަޕޯލް މެދުވެރިކޮށެވެ. އެއީ 2018ގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އެ މައުލޫމާތު ލިބުމުން 2019ގެ ފެބްރުއަރީ މަހު ދިވެހި ފުލުހުންގެ ޓީމެއް ވަނީ އަފްގާނިސްތާނުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެގައުމަށް ގޮސްފަ އެވެ.

އެހެން ނަމަވެސް އެގައުމަށް ގޮސް، ޝާފިއުއާއި އޭނާގެ އާއިލާއަށް އަނިޔާކޮށް، ހުތުރު ބަހުން މުއާމަލާތް ކޮށްފައިނުވާނެ ކަމަށް ފުލުހުން ބުނެ އެވެ.

"މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކޮށްފައިވާ އެއްވެސް މަސައްކަތެއްގެ ތެރެއިން، އިންސާނީ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަގީންކަން ދެން." ފުލުހުން ބުނެ އެވެ.

އެހެންކަމުން ސޯޝަލް މީޑިއާ މެދުވެރިކޮށް ސަލާމަތީ ހިދުމަތްތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ ވަކިވަކި މުވައްޒަފުންނާމެދު މީހުންގެ މެދުގައި ނަފްރަތު އުފައްދައި، އެ މުވައްޒަފުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ގޮތަށް ވާހަކަ ދައްކައި، ސޯޝަލް މީޑިއާގައި ޕޯސްޓު އާންމުކުރާ މީހުންގެ މައްސަލަ ބަލައި ތަހުގީގުކޮށް، ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޝާފިއު އާއި އޭނާގެ އަނބިމީހާގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ދެމީހުންނަށް ޖަލު ހުކުމެއް އިއްވާފައި ވީނަމަވެސް، އެ ދެމީހުންގެ ހަތަރު ދަރިންނާ ގުޅޭ މައުލޫމާތެއް ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް