އަމީންގިރީގައި ތަރައްގީކުރާ ރިސޯޓު ހިންގަން ހިލްޓަން އަށް

ހިލްޓަން މޯލްޑިވްސް އަމިންގިރި --

ކ. ކޮއްދިއްޕަރުފަޅު ހިއްކައިގެން ތަރައްގީކުރާ އަމީންގިރީގައި ރިސޯޓު ހިންގުމަށް ދުނިޔޭގެ މަޝްހޫރު ހޮޓެލްޗެއިން ހިލްޓަން އާއެކު އެއްބަސްވެއްޖެ އެވެ.

ހިލްޓަންގެ ޕޯޓްފޯލިއޯގައި ހިމެނޭ އެހެން ބްރޭންޑުތަކގެ ރިސޯޓުތައް މިހާރުވެސް ރާއްޖޭގައި ހިންގާއިރު އަމީންގިރީގައި ތަރައްގީކުރާ ރިސޯޓު ހިންގާނީ ސީދާ "ހިލްޓަން" ބްރޭންޑުގެ ދަށުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑު ބޯޓުގައި 15 މިނެޓުން ދެވޭ ދުރުމިނުގައި ތަރައްގީކުރަމުންދާ އަމީންގިރި ރިސޯޓުގައި 109 ވިލާ ހުންނާނެ އެވެ. ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ހުންނަ އިރު، ރިސޯޓުގައި ހަ ރެސްޓޯރެންޓު ހުންނާނެ އެވެ. ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފުރިހަމަ ކަމާއެކު ދިނުމަށް ސްޕާ، ފިޓްނެސް ސެންޓަރު އަދި ސެލޫން ވެސް ރިސޯޓުގައި ހުންނާނެ އެވެ.

އަމީންގިރި ރިސޯޓުގައި ހަ ކޮޓަރީގެ އެކްސްކްލޫސިވް ވިލާއެއް ވެސް ހުންނާނެ އެވެ. މިއީ އާއިލާ އާއި ގާތް މީހުންނާއެކު ޗުއްޓީ ހޭދަކުރަން އަންނަ މީހުންނަށް ހާއްސަ ވިލާ އެކެވެ.

އަމީންގިރި ހިންގުމަށް ހިލްޓަން އާއެކު އެއްބަސްވެފައިވާއިރު އެ އެއްބަސްވުމާ ގުޅޭގޮތުން ހިލްޓަންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް، އޭޝިއާ އޮސްޓްރޭލިއާ، ގައި ފިލިޕްސް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގައި އެންމެ މަގުބޫލު އެއް މަންޒިލް ކަމަށާއި ހިލްޓަން މޯލްޑިވްސް އަމީންގިރި އެއްބަސްވުމާއެކު ރާއްޖޭގައި ހިލްޓަންގެ ބްރޭންޑު އިތުރަށް ފުޅާވެގެން ދާނެ ކަމަށެވެ.

ހިލްޓަންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ބްރޭންޑް މެނޭޖުމެންޓް އޭޝިއާ ޕެސިފިކް، އެލެކްސެންޑްރާ ޖެރީޓް ވިދާޅުވީ ހިލްޓަންގެ ފްލެގްޝިޕް ބްރޭންޑުގެ ދަށުން ފުރަތަމަ ރިސޯޓު ރާއްޖޭގައި ހުޅުވާއިރު ފަތުރުވެރިންނަށް އެންމެ ފުރިހަމަ ހިދުމަތެއް އެތަނުން ލިބޭނެ ކަމަށެވެ. އަދި މިއީ ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ ހަނދާންތައް އިތުރަށް ފުރިހަމަކޮށްދޭނެ ރިސޯޓަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބޭރުގެ ނޫސްތަކުގައިވާގޮތުން މި އަހަރުގެ ފަހުކޮޅު ރިސޯޓު ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ހިލްޓަން ޕޯޓްފޯލިއޯ ބްރޭންޑުތަކުގެ ދަށުން ރާއްޖޭގައި މިހާރުވެސް ހިންގާ ރިސޯޓުތަކުގެ ތެރޭގައި ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓާއި، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް އަދި ސައި ލެގޫން މޯލްޑިވްސް ހިމެނެ އެވެ.

comment ކޮމެންޓް