ޕޫޓިން އާއި ބައިޑެންގެ ސަމިޓް: ގިނަކަންތައްތައް ހާސިލު ނުކުރެވި ސަމިޓް ނިންމާލައިފި

ޙައްސާސް މައްސަލަ ތަކުގައި ޕޫޓިން އާއި ބައިޑެން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކުޑަވެސް ދުލެއް ނުދެއްވާ

ޖެނީވާ (މޭ 17) : އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ރަޝިއާގެ ރައީސް ވްލަޑިމީރު ޖެނީވާގައި އިއްޔެ ބޭއްވި ސަމިޓް ބައްދަލުވުމުން މާގިނަކަންތައްތަކެއް ހާސިލް ނުވެ ސަމިޓް ނިންމާލައިފި އެވެ.

މި ސަމިޓަށް ފަހު މިދެބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކުވެސް ނޫސްވެރިންނާ ބައްދަލުކުރެއްވީ ވަކިވަކިންނެވެ. މިއީ ވެސް ސަމިޓަށް ފަހު ވެސް ދެގައުމުގެ ގުޅުންތަކަށް މާބޮޑު ބަދަލެއް އައިސްފައިނުވާކަމާއި ޕޫޓިންއާއި ބައިޑެންގެ ސަމިޓް ކުރިއަށް ދިޔައީ އެކުވެރި މާހައުލެއްގައި ނޫންކަން ހާމަވެގެންދިޔަ ކަމެއްކަމަށް މުރާސިލުން ބުނެ އެވެ.

ނަމަވެސް މިސަމިޓްގައި މަދުކަންކަމަކަށް ދެ ބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އަލުން ސަފީރުން ބަދަލުކުރުމަށް އެއްބަސްވުމާއި ނިޔުކްލިޔާ ހަތިޔާރު މަދުކުރުމުގެ މައްސަލާގައި އެއްބަސްވުމަކަށް އާދެވުނެވެ. އިންޓަނެޓު މެދުވެރިކޮށް އެއްގައުމު އަނެއް ގައުމަށް ދެމުންގެންދާ ޙަމަލާ (ސައިބާ ހަމަލާ)ތަކާ ބެހޭ ގޮތުންނާ އަދި ރަޝިއާއިން އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށް އެމެރިކާ ކުރާ ތުހުމަތުތަކުގެ މައްސަލާގައި ދެ ބޭފުޅުންނަށް އެއްގަލަކަށް އެރިފައެއް ނުވެ އެވެ. ނަމަވެސް ސައިބާ ހަމަލާތައް ހުއްޓުވުމާއި ނިޔުކްލިޔާ ހަތިޔާރު މަދުކުރުމުގެ މަޝްވަރާތައް ދެގައުމުން ފެށުމަށް ދެބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި އެވެ.

ޕޫޓިންއާއި ބައިޑެން ސަމިޓްގައި

ޔުކްރޭންގެ މައްސަލާގައި ވެސް ދެ ބޭފުޅުންގެ ޚިޔާލު ތަފާތު ކަމުން އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ. އިންސާނީ ހައްގުތަކުގެ މައްސަލާގައި ޕޫޓިންއާއި ބައިޑެންގެ ސަމިޓްގައި ދެ ބޭފުޅުން ވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަރުގަދައަށް ރައްދު ދެއްވައިފަ އެވެ. ރަޝިއާ އިން އެގައުމުގެ އިދިކޮޅު ލީޑަރުންނަށް އަނިޔާވެރިވާ މައްސަލަ ބައިޑެން ނެންގެވުމުން ޕޫޓިން ވަނީ އެމެރިކާ އިން އެގައުމުގެ ކަޅު ނަސްލުގެ މީހުންނަށާއި އަދި ދޮން ނޫން އެހެން ނަސްލުތަކުގެ މީހުންނަށް އަނިޔާވެރިވާ މައްސަލަ ނަންގަވާފަ އެވެ. މިގޮތުން އެމެރިކާގައި ދޮން ނޫން ނަސްލުތަކުގެ މީހުން ތަފާތުކޮށް ނަސްލީ އިމްތިޔާޒު އެމެރިކާގައި އޮތް މިންވަރު ހާމަކުރައްވައި ޕޫޓިން ބައިޑެން އަށް ރައްދު ދެއްވި އެވެ.

ޔުކްރޭންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ރަޝިއާ ވަނުމާއި ޔުކްރޭންގެ ވަކިވެގަތުމަށް މަސައްކަތްކުރާ ފަރާތްތަކަށް ރަޝިއާ މަދަދު ދޭކަމަށް ބައިޑެން ކުރެއްވި ތުހުމަތު ތަކަށް ރައްދު ދެއްވަމުން ޕޫޓިން ވަނީ އެމެރިކާގެ މަދަދު ލިބޭ ޔޫކްރެއިންގެ ސަރުކާރުން އެ ޤައުމުގައި ވަކިވެގަންނަން މަސައްކަތްކުރާ ފަރާތްތަކާ އެކު ވެފައިވާ ސުލްހައިގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ވިދާޅުވެ ބައިޑެން އަށް ރައްދު ދެއްވާފަ އެވެ. އަދި ޔޫކްރެއިންގެ މައްސަލަ ޙައްލުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމެރިކާއާއި ޔޫރަޕްގެ މަދަދު ލިބޭ ޔުކްރެއިންގެ ހަރުކަށި ސަރުކާރު ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

ބައިޑަން އާއި ޕޫޓިންގެ ސަމިޓް ބައްދަލުވުން ބާއްވާފައިވަނީ ޖެނީވާގައި ހުންނަ 18 ވަނަ ގަރުނުގެ ތާރީޚީ އިމަރާތެއް ކަމަށްވާ "ލަ ގްރާންޖް ވިލާ" ގައެވެ. މި ބައްދަލުވުން ހަތަރު ގަޑިއަށް ދިގު ދެމިގެން ދިޔައެވެ. ޕޫޓިންއާއި ބައިޑެންގެ މި ސަމިޓް ބައްދަލުވުމަކީ ދެ ގައުމުގެ ގުޅުންތައް ރަނގަނޅު ކުރެވޭ ފަދަ ކާމިޔާބު ބައްދަލުވުމަކަށް ނުވިނަމަވެސް ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން މި ބައްދަލުވުމުގެ ސަބަބުން ކުޑަވެގެން ދާނެ ކަމަށް މުރާސިލުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު