އިންޖީނުތަކުގެ ސަބަބުން ރައްޔިތުން ވަނީ ނުރައްކަލަށް ހުށަހެޅިފައި: އެޗްއާރްސީއެމް

ސްޓެލްކޯގެ އިންޖީނުތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލިފައިވާ ކަމަށާއި އަދި އެ ރައްޔިތުން އުޅެނީ ސިއްހަތަށް އެކަށީގެންވާ މާހައުލެއްގައި ނޫން ކަަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނިންމައިފި އެވެ.

ސްޓެލްކޯގެ އިންޖީނުތަކުން ބޭރުވާ ދުމާއި އަޑުފައްގަނޑުގެ ސަބަބުން ދިމާވާ މައްސަލަތަކާ ގުޅިގެން އެޗްއާރްސީއެމް އަށް މައްސަލަ ހުށަހެޅީ ގަލޮޅު މާނިފާ ގޯޅީގައި ހުރި ގ. ފެހިހިރީގައި ދިރިއުޅޭ އާއިލާއެއްގެ ފަރާތުންނެވެ.

އެ އާއިލާއިން ބުނެފައިވަނީ ސްޓެލްކޯ ކޮށީގައި ބަހައްޓާފައި ހުރި ބޮޑެތި އިންޖީނުތަކުން ކަޅު ދުމާއި، ތެޔޮ ވަހުގެ އަސަރު އެ ގޭގައި ދިރިއުޅެން ފެށީއްސުރެ ކޮންމެސް ވަރަކަށް ފޯރަމުން ދިޔަ ކަމަށެވެ.

ނަމަވެސް ފަހުން ސްޓެލްކޯ އިން ކޮށި ބޮޑުކޮށް، ވަގުތީ ޖަނަރޭޓަރުތަކެއް ބަހައްޓަމުން ގޮސް މާނިފާ ހިނގުމުގެ ދެކުނަށް އޮތް ކޮށި މިހާރު މުޅިން ފުރާލާފައިވާ ކަމަށާއި އެއީ ވަގުތީ ނަން ދެވިފައިވާ ޖަނަރޭޓަރުތަކެއް ނަމަވެސް، 24 ގަޑިއިރު ޖައްސާފައި ހުންނަ އިންޖީނުތަކަށް މިހާރު ބަދަލުވެފައިވާކަމަށް އެ އާއިލާ އިން ބުންޏެވެ.

އޭގެ އިތުރުން އިންޖީނުތައް ހުރީ ގަވާއިދާ ހިލާފަށް، އާންމުން ދިރިއުޅޭ ގޯތިގެދޮރާއި ނުހަނު ކައިރީގައި ކަމަށާއި ޖައްވުގައި ހުންނަ ތެޔޮ ވަހުގެ ސަބަބުން އެޕާޓްމަންޓުގައި އަލިފާން ރޯވެފައި ހުންނަ ފަދަ އިހުސާސެއް ކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެފަދަ ކަމެއް ހިނގިޔަސް ރޭކާނުލަ މިންވަރަށް އެމީހުންގެ ހިއްސުތަކަށް ވައި ތަޣައްޔަރު އަސަރު ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން ނޭފަތުން ތެޔޮ ވަސް ނުފިލުމާއި، ލޯ ހިރުވުމާއި، ނޭވާލާން އުނދަގޫވުންފަދަ މައްސަލަތައް ވެސް އެފަރާތްތަކަށް ދިމާވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި އިންޖީނުތަކުގެ އަޑު ގަދަކަމުން ނުތަނަވަސްކަން ކުރިމަތިވެ، އެޕާޓްމަންޓުގެ ދޮރު ހުޅުވާފައި ހުރުމަކީ ވެސް ބޮލުގެ ރިހުމަކަށް ވެފައިވާ ކަމަށެވެ.

ގޭތެރޭގައި އެކަކު އަނެކަކު ދައްކާ ވާހަކަ ވެސް ސާފުނުވާ މިންވަރަށް އިންޖީނުތަކުގެ އަޑު ގަދަކަމަށާއި، ރޭގަނޑު ނިދަން އުނދަގޫވެ އޮންލައިންކޮށް ކިޔަވާ ކުދިންގެ ތައުލީމަށް ހުރަސް އެޅޭ ކަމަށް ވެސް އެފަރާތުން ބުންޏެވެ.

ނޮއިސް ޕޮލިއުޝަން އާއި އެއާ ޕޮލިއުޝަނާއި ވައިބްރޭޝަންގެ ސަބަބުން އެ ސަރަހައްދުގައި އުޅެން ދަތިވެ، އެ ހިސާބުގައި ދިރިއުޅޭ ރައްޔިތުންގެ އިންސާނީ ކަރާމާތް ނިގުޅައިގަނެ، އެތައް ސިއްހީ މައްސަލައަކާއި ނަފްސާނީ މައްސަލަތަކެއް ދިމާވަމުން އަންނާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެފަރާތުން އެދުނެވެ.

އެފަރާތުން ބުނެފައި ވަނީ ވީހާވެސް އަވަހަކަށް އިންޖީނުތައް އެތަނުން ނަގައި، އެ ހިސާބަކީ އާންމުން ދިރިއުޅެން ރައްކާތެރި ހިސާބަކަށް އެ ހިސާބު ހަދައިދިނުމަށާއި، ނޫން ނަމަ ހައްގުތައް ނުގެއްލޭ ހިސާބަކަށް އާއިލާތައް ބަދަލުކޮށްދނުމަށް އެދޭ ކަމަށެވެ.

އެ މައްސަލަ ބަލައި އެޗްއާރްސީއެމް އިން މިހާރު ވަނީ އެފަރާތައް އަންގައިފަ އެވެ.

އެޗްއާރްސީއެމް އިން ބުނީ ގ. ފެހިހިރީގައި ދިރިއުޅޭ ރައްޔިތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، ކަމާ ގުޅުންހުރި އިދާރާތަކުން މައުލޫމާތު ހޯދި ކަމަށެވެ.

އޭގެ އިތުރުން، މިދިޔަ މަހުގެ ތިން ވަނަ ދުވަހު ކޮމިޝަނުން ގ. ފެހިހިރި އަދި ގ. ރަސްރޯނުގެއަށް ޒިޔާރަތް ކުރި ކަމަށާއި، ދެ ގެއަށް ގޮސް ބެލި ބެލުމުން ސްޓެލްކޯ އިންޖީނުތައް ބަހައްޓާފައިވާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅެމުންދަނީ ސިއްހަތަށް އެކަށީގެންވާ މާހައުލެއްގައި ނޫންކަމަށް ފާހަގަ ކުރެވުނު ކަމަށް ބަޔާނުގައިވެ އެވެ.

އެގޮތުން ސްޓެލްކޯގެ އިންޖީނުތަކުގެ ދުމާއި އަޑުގެ އަސަރު ފޯރާ ސަރަހައްދުގައި ދިރިއުޅޭ އެންމެހާ ރައްޔިތުން ވަނީ ގާނޫނު އަސާސީގެ 23 ވަނަ މާއްދާގައި ބަޔާންކުރާ އިންސާނީ އަދި އިޖުތިމާއީ ހައްގުތަކުގެ (ރ)ގައި ބަޔާންކުރާ "ދިރިއުޅޭނެ ސާފު އަދި ސިއްހަތަށް ރަނގަޅު މާހައުލެއް" ލިބުމުގެ ހައްގުން މަހްރޫމްވެފައި ކަމަށް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ހަމަ އެއާއެކު، އެ މައްސަލައަށް މިހާރުން މިހާރަށް ހައްލެއް ހޯދައިދީ، ހައްގު ގެއްލިފައިވާ ރައްޔިތުންގެ ހައްގު ކަށަވަރުކޮށްދިނުމަށް ސްޓެލްކޯއަށް ލިޔުމުން އަންގަން ވެސް ވަނީ ނިންމައިފަ އެވެ.

ހަމައެއާއެކު ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮތްކަމާއި، ގެއްލުމުގެ މަދަނީ ބަދަލު ނަގައިދިނުމަށް އެދުމުގެ ފުރުސަތު އޮތް ކަން ވެސް އެޗްއާރްސީއެމް އިން ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް