ކައުންސިލްގެ ލަފައެއް ނެތި އެސްޖީ އައްޔަން ކުރަން ހުށަހެޅީ ސިޔާސީ ވަކިތަކުން ސަލާމަތް ކުރަން: ސައީދު

ގެމަނަފުށި ދާއިރާ މެމްބަރު ސައީދު -- ފޮޓޯ/ މަޖިލިސް

ކައުންސިލްގެ ލަފައެއް ނެތި އެތަންތަނުގެ ސެކެޓްރީ ޖެނެރަލް (އެސްޖީ) އައްޔަން ކުރަން ގާނޫނަށް އިސްލާހު ހުށަހެޅީ, ކައުންސިލްގެ މަސައްކަތާއި ސިވިލް ސާވިސް ސިޔާސީ ނުފޫޒުން ސަލާމަތް ކުރަން ކަމަށް ބިލަށް އިސްލާހު ހުށަހެޅުއްވި ގެމަނަފުށީ ދާއިރާ މެމްބަރު އަހްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނާއި ސިވިލް ސާވިސްގެ ގާނޫނު މިހާރު އޮންނަ ގޮތުން, ކައުންސިލްގެ އެންމެ އިސް މުވައްޒަފަކީ, އެ ކައުންސިލެއްގެ އެސްޖީ އެވެ. އަދި އެސްޖީ އައްޔަން ކުރަން ވަނީ ކައުންސިލްގެ ލަފައާއެކު, ސިވިލް ސާވިސް ކޮމިޝަނުން ކަމަށް އެ ދެ ގާނޫނުގައިވެސް ބުނެ އެވެ.

މެމްބަރު ސައީދު ވަނީ ދެ ގާނޫނުގެ ވެސް އެ މާއްދާ އިސްލާހު ކުރުމަށް ހުށަހަޅާފަ އެވެ. އެގޮތުން އޭނާ ހުށަހެޅުއްވީ, ކައުންސިލްގެ ލަފައާއެކު އެސްޖީ އައްޔަން ކުރަން ނުޖެހޭ ގޮތަށެވެ. އެގޮތުން ކައުންސިލްގެ ބަހެއް ނެތި, އެސްޖީ އައްޔަން ކުރުމުގެ ބާރު ދީފައިވަނީ, ސީދާ ސިވިލް ސާވިސް ކޮމިޝަނަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ, ދެ ބިލަށްވެސް އިސްލާހު ހުށަހެޅުއްވީ ދެ ބިލުގައިވާ އެ ކަންކަން އެއްގޮތް ކުރުމަށެވެ. އަދި ކައުންސިލްގެ ބަހެއް ނެތި އެސްޖީ އައްޔަން ކުރުމަކީ އޭނާ ތާއީދު ކުރާ ގޮތް ކަމަށް ސައީދު ވިދާޅުވި އެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި, ކައުންސިލްގެ ލަފައާއެކު އެސްޖީ އައްޔަން ކުރުމުން ސިޔާސީ ނުފޫޒު އެމީހަކަށް އޮވެ އެވެ.

"ސިވިލް ސާވިސްގެ އެންމެ އިސް މުވައްޒަފެއްގެ ގޮތުގައި ކައުންސިލްތަކަަށް އައްޔަން ކުރެވޭ ފަރާތް ވާން ޖެހޭނީ, ސިޔާސީ ނުފޫޒުން އެއްކިބާވެ, މުޅި އެ ރަށެެއްގެ ތަރަގީއަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި," ސައީދު ވިދާޅުވި އެވެ.

"އޭރުގެ އޮންނަ ކައުންސިލްގެ ލަފައާއެކު ބަޔަކު އައްޔަން ކުރަން ފަށައިފި ނަމަ, އަޅުގަނޑުމެން މި ރާއްޖެއަށް ގެންނަ ބޭނުންވާ އެންމެ ރަގަނޅު ތަތީޖާ ނެރެވޭނެ ކަމަށް ގަބޫލެއް ނުކުރަން,"

ސައީދު ވިދާޅުވީ, ސިވިލް ސާވިސް ކޮމިޝަކީވެސް ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަން ޖެހޭ ބަޔަކަށް ހަދަން ޖެހޭ ކަމަށެވެ.

"ސިޔާސީ މަސްލަހަތުތަކުން އެކަހެރިވެފައިވާ, ވަކި ފަރާތެއްގެ ނުފޫޒަކަށް ތަބާނުވެ, އަދި ވަކި ފަރާތެއްގެ ރުހުން ހޯދުމަށް މަސައްކަތް ނުކުރާ, ޕޮރެފެޝަނަލް މިންގަނޑުތަކަކުން ހިދުމަތް ފޯރުކޮށްދޭ ބައެއްގެ ގޮތުގައި ސިވިލް ސާވިސް ވާން ޖެހޭ," އިސްލާހު ހުށަހެޅުއްވި ސަބަބު ހާމަ ކުރައްވައި, ސައީދު ވިދާޅުވި އެވެ.

ސައީދު އެދިވަޑައިގެންނެވީ, ފުޅާ ބަހުސްއެއްކޮށް, މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާއި މިނިވަން މުއައްސަސާ ކޮމިޓީ އެއްކޮށް ޖޮއިންޓް ކޮމިޓީއަކުން ދެ ބިލު ދިރާސާކުރުމަށެވެ. އަދި މަޖިލިސް ޗުއްޓީއަށް ދިޔުމުގެ ކުރިން ބިލުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި ދިނުމަށްވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

ބިލު އެގޮތަށް އޮވެ ފާސްވެއްޖެނަމަ, އަމަލު ކުރުމަށް ހަމަޖެހިފައިވަނީ, ބިލު މަޖިލިސް ތަޅުމުން ފާސްވެ, ރައީސުުލްޖުމްހޫރިއްޔާ ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ.

comment ކޮމެންޓް