ފުރާޅު ނަގައިގެން ވަދެ 280000 ރުފިޔާގެ ތަކެތި ވަގަށް ނަގައިފި

މާލޭ މައްޗަންގޯޅީގައި ހުންނަ ޑްރީމްސް މޯބައިލް ފިހާރައިން ވަގަށް ނެގި ގިނަ އަދަދެއްގެ ފޯނާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ށ. ބިލެތްފަހި / ކްރެސްޓް، އަލީ ފައުޒާންއާއި، ތ. ތިމަރަފުށި / މާފޮޅޭގެ، އަބްދުﷲ ސިމާހު އެވެ.

ފުލުހުން ބުނީ އެ ފިހާރައިން ވައްކަން ކޮށްފައި ވަނީ ފިހާރައިގެ ފުރާޅު ނަގައިގެން އެ ފިހާރައަށް ވަދެ ކަމަށެވެ. އެ ވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

އެ މައްސަލައިގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ދެމީހުންގެ އަތުން ގިނަ އަދަދެއްގެ މޯބައިލް ފޯނާއި ޗާޖަރާއި، ހެޑްސެޓުގެ އިތުރުން މޯބައިލް ފޯނާ ގުޅޭ ތަކެތި ފެނުނު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެމީހުންގެ އަތުން ފެނުނު ތަކެތީގެ އަގު 280000 ރުފިޔާއަށްވުރެ ބޮޑު ކަމަށެވެ.

އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

comment ކޮމެންޓް