ގައުމީ ސަލާމަތަށް ބޮޑު ނުރައްކަލެއް، ވެރިންގެ ހިލަމެއް ނެތް؟

ވީއައިއޭގެ އެއާޓްރެފިކް ކޮންޓްރޯލު ޓަވަރުގައި މަސައްކަތް ކުރަނީ -- ސަން ފައިލް ފޮޓޯ

ރާއްޖޭގެ ފޮރިން އިންވެސްޓްމެންޓު ޕޮލިސީ އަށް އިއްޔެ ސަރުކާރުން ވަނީ ބޮޑު އިސްލާހެއް ގެނެސްފަ އެވެ. އެއާޕޯޓު ހިންގުމާއި ޓާމިނަލް އޮޕަރޭޝަނުގެ އިތުރުން އެއާ ޓްރެފިކް ކޮންޓްރޯލުގެ ހިދުމަތް ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ދެވޭނެހެން ގެނައި މި އިސްލާހާއެކު ކަންބޮޑުވުންތައް ވަނީ އުފެދިފަ އެވެ.

އޭވިއޭޝަން ދާއިރާގެ ޕްރޮފެޝަނަލުންނާއި ޑިފެންސް ދާއިރާ އަދި އިގްތިސޯދީ ދާއިރާގައި މަސައްކަތްކުރާ ފަންނީ އަދި ތަޖުރިބާކާރުން ވެސް ދަނީ މި އިސްލާހާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަަދު ސައީދު ވިދާޅުވީ އެފްޑީއައި ޕޮލިސީ އަށް މި ގެނައި ބަދަލާ އެކު ގައުމުގެ ވައިގެ ސަރަހައްދު ވެސް "ވިއްކާލީ" ކަމަށެވެ.

ވީއައިއޭގެ އެއާޓްރެފިކް ކޮންޓްރޯލު ޓަވަރުގައި މަސައްކަތް ކުރަނީ -- ސަން ފައިލް ފޮޓޯ

އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ބައިލނަލްއަގުވާމީ އިންޓަނޭޝަނަލް އެއާޕޯޓުތައް ތަރައްގީކުރަން ނިންމާފައިވާ މި ދަނޑިވަޅުގައި، އެފްޑީއައި ޕޮލިސީ އަށް ގެނައި މި އިސްލާހާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ސައީދު ވަނީ ރައީސް އަށް މަޖުބޫރީ ހާލަތެއް މެދުވެރިވެ، އެކަން ރައްޔިތުންނަށް އަންގަން ފުރުސަތު ވެސް ލިބިނުލެއްވީތޯ ސުވާލު އުފައްދަވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ސިފައިންގޭގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީގެ ކަންބޮޑުވުންތައް ޓްވިޓާގައި ހިއްސާ ކުރައްވަމުން، ގާނޫނު އަސާސީގެ 237 ވަނަ މާއްދާ "ވަޅުލީތޯ" ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އަރިހުން ވަނީ ސުވާލު ކުރައްވައިފަ އެވެ.

ދީދީ ވިދާޅުވީ އެފްޑީއައި ޕޮލިސީއަށް ގެނެސްފައިވާ އެ އިސްލާހަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. ނޭޝަނަލް ސެކިޔުރިޓީ ކައުންސިލް ކޮބައިތޯ ވެސް ދީދީ ވަނީ ކަންބޮދުވުމާއެކު ސުވާލު ކުރައްވައިފަ އެވެ.

ދީދީ އިޝާރަތް ކުރައްވާފައިވާ، ގާނޫނު އަސާސީގެ 237 ވަނަ މާއްދާގައި ބުނެފައިވަނީ ސަލާމަތީ ހިދުމަތްތަކުން ރާއްޖޭގެ އަމިއްލަ ވެރިކަން ރައްކާތެރިކޮށް ސަރަހައްދުގެ ރައްކާތެރިކަން ދަމަހައްޓައި، ގާނޫނު އަސާސީ އާއި ދިމިގްރާތީ މުވައްސަަސާތައް ހިމާޔަތްކޮށް ގާނޫނު ދަމަހައްޓައި ތަންފީޒުކޮށް، އަމާންކަން ދަމަހައްޓައި ކުއްލި ހާލަތްތަކުގައި ސަލާމަތީ ހިދުމަތްތަކުން އެހީތެރިކަން ދޭންވާނެ ކަމަށެވެ.

ރާއްޖޭގެ ވައިގެ ސަރަހައްދު ބެލެހެއްޓުމުގެ ކަންތައް ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏަކާ ހަވާލު ކުރުމަކީ ރާއްޖޭގެ ވައިގެ ސަރަހައްދުގެ އަމިއްލަވަންތަކަން ގެއްލި، ގައުމީ ސަލާމަތަށް އޭގެ ނުރައްކާ ވާނެ ކަމެއްކަމުގެ ކަންބޮޑުވުން ދީދީ ވަނީ ފާޅުކުރައްވައިފަ އެވެ. އަދި ވިދާޅުވީ ގައުމުގެ ސަމާލަތަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި ރާއްޖޭގެ ގިނަ އެއާޕޯޓުތައް ވަކި ރަށެއްގެ ގޮތުގައި އޮންނަ އިރު، އެއާޓްރެފިކް ކޮންޓްރޯލާއެކު ސަރުކާރުގެ ކޮންޓްރޯލު ނެތްގޮތަށް 100 ޕަސެންޓު ބޭރުގެ ކުންފުންޏެއްގެ ބާރުގެ ދަށަށް ދޫކޮށްލުމަކީ ނުރައްކަލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޓީސީ ޓަވަރުގައި މަސައްކަތް ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ފަރާތްތަކުންވެސް ވަނީ އެއާ ޓްރެފިކް ކޮންޓްރޯލުގެ މަސައްކަތް ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ދޭ ގޮތަށް ގެނެސްފަައިވާ އިސްލާހާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުންް އެއާޓްރެފިކް ކޮންޓްރޯލު މެނޭޖުކުރުން އެއްވެސް ގައުމަކުން ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ބަޔަކަށް ދޫކޮށްފައި ނޯންނާނެ ކަމަށާއި، އެފްޑީއައި އުސޫލުގައި ހިމަނާފައިވާ އެ ބައި އުނިކުރަން ގޮވާލާ ކަމަށް ޓްވިޓާގައި ކަންބޮޑުވުން ފާޅުކުރި މީހަކު ބުނެފައި ވެއެވެ.

އެހެން މީހަކު ޓްވިޓާގައި ކަންބޮޑުވުން ފާޅުކޮށް ބުނެފައިވަނީ ކޮންމެ ގައުމެއްގެ ވެސް ވައިގެ ސަރަހައްދަކީ އެ ގައުމެއްގެ އަމިއްލަވަންތަކަމާ ގުޅިފައިވާ ބައެއް ކަމަށާއި އެއީ ގައުުމީ ސަލާމަތާ ވެސް ގުޅުންހުރި ކަމެއް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީ އިން އިއްޔެ ގެޒެޓުކޮށްފައިވާ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި) އަށް ގެނައި ފުރަތަމަ އިސްލާހުގައިވާ ގޮތުން އެފަދަ އިންވެސްޓުމެންޓުތަކުން މިނިމަން އިނިޝަލް އިންވެސްޓްމެންޓުގެ ގޮތުގައި ފަސް އަހަރަށް މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓު ކުރަން ޖެހެެ އެވެ. އަދި ސަރުކާރުން ހުއްދަ ދިނުމުން އެފަދަ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުސަތު ގިނަވެގެން 50 އަަހަރަށް ލިބޭނެ އެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީރުކަން ކުރެއްވި، އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އެއާޕޯޓު ފަދަ ސްޓްރެޓެޖިކް އެސެޓުތަކުގެ ކޮންޓްރޯލު ދޫކޮށްލުން ބުއްދިވެރި ނޫން ކަމަށެވެ. އެއީ "ހިތަށްވެސް ނުގެނެވޭ ފަދަ ދުއްތުރާ ކުރިމަތިވެދާނެ ކަމެއް" ކަމަށް އޭނާ ވިދާޅުވި އެވެ.

https://sun.mv/153271

ރާއްޖޭގައި އެއާޕޯޓު ހިންގައި އޮފަރޭޓު ކުރުމުގެ ހުއްދައާއި ރާއްޖޭގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ މަސައްކަތް ކުރުމުގެ ހުއްދަ ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ދެވޭނެހެން "ބޮޑު އިސްލާހެއް" ގެނެސްފައިވަނީ ރާއްޖޭގެ އުތުރުން އޮންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާ އާ ހަވާލު ކުރަން އުޅޭކަމަށް ވާހަކަ ދެކެވިފައި ވަނިކޮށެވެ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަނީ އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު ފައިސާއިންނެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ދެކުނުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރަން ވަނީ ނިންމައިފަ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން، އަދި އެފްޑީއައި ޕޮލިސީ އަށް ސަރުކާރުން ގެނައި އިސްލާހާ ގުޅޭ ގޮތުން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުއްޓައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ޓުވީޓެއް ކުރައްވާ ވިދާޅުވީ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓު ޕޮލިސީ އަށް ގެނެސްފައިވާ އިސްލާހުގައި، އެއާޓްރެފިކް އޮޕަރެޝަން އަމިއްލަ ބަޔަކަށް ދޭނެ ވާހަކަ ނޯންނާނެ ކަމަށާއި ރާއްޖޭގެ ކޮންމެ އެއާޕޯޓެއްގައިވެސް އެކަން ހިނގާނީ ދައުލަތުގެ ބެލުމުގެ ދަށުން ކަމަށެވެ.

އޮޅުންއަރާފައިވާތީ، އެފްޑީއައި ޕޮލިސީ އަށް ގެނައި އިސްލާހުގެ އިބާރާތް ބަދަލު ކުރަން ނިންމާފައިވާ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ނެގި ނަމަވެސް އެ އެއާޕޯޓު ހިންގާނީ ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ކަމަށްވެސް އިކޮނޮމިކް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް