އިންޑިއާގައި ރޮހިންގާ ރެފިއުޖީ ކޭމްޕެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް

ދިއްލީގެ މަދަންޕުރު ކަދަރު ސަރަހައްދުގައި ހުރި ކޭމްޕެއްގެ 55 ގެޔެއް އަނދާ، އެތައް ސަތޭކަ މީހުން ވަނީ މަގުމަތިވެފަ -- ފޮޓޯ: އަލްޖަޒީރާ

ދިއްލީ (ޖޫން 14): އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ރޮހިންގާ ދަރިކޮޅުގެ މީހުން ދިރިއުޅޭ ރެފިއުޖީ ކޭމްޕެއްގައި ރޯވެ، އެތައް ސަތޭކަ މީހުން މަގުމަތިވެއްޖެ އެވެ.

ދިއްލީގެ ފަޔާ ސާވިސް ޑިޕާޓްމެންޓުން ބުނި ގޮތުގައި އެ ސިޓީގެ ދެކުނުގައި އޮންނަ މަދަންޕުރު ކަދަރު ސަރަހައްދުގައި ހުރި ރެފިއުޖީ ކޭމްޕުގައި ރޯވީ ހޮނިހިރު ދުވަހުގެ ރޭ 11:30ހާ އިރު އެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ހަ ގަޑި އިރު ފަހުން ކަމަށާއި އޭރު ކޭމްޕުގައި ހުރި 55 ގެޔެއް އަނދާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އެ ހާދިސާގައި އެއްވެސް މީހަކު މަރުވި ކަމެއް ނުވަތަ މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމަށް ރިޕޯޓުކޮށްފައި ނުވެ އެވެ.

ދިއްލީގެ ޕޮލިސް އިންވެސްޓިގޭޓިވް އޮފިސަރެއް ކަމަށްވާ ބާރަތު ސިންހު ވިދާޅުވި ގޮތުގައި ކޭމްޕުގައި އަލިފާން ރޯވި ކަމަށް ބެލެވެނީ ކަރަންޓު މައްސަލައެއް ދިމާވުމުގެ ސަބަބުންނެވެ. ނަމަވެސް ކޭމްޕުގައި ދިރިއުޅޭ ބައެއް މީހުން ވަނީ އެތަނުގައި ބަޔަކު ގަސްތުގައި ރޯކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފަ އެވެ. އަދި ހިންދޫ ކަނާތު ފިޔައިގެ ގުރޫޕުތަކަށް ނިސްބަތްވާ މީހުން މީގެ ކުރިންވެސް ކޭމްޕުގައި ރޯކުރި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ރޮހިންގާ ދަރިކޮޅުގެ 55 އާއިލާއެއް ދިރިއުޅޭ އެ ކޭމްޕުގައި ރޯވީ، އިންޑިއާގައި ތިބި ރޮހިންގާ ދަރިކޮޅު ރެފިއުޖީން ހޯދާ، ހައްޔަރު ކުރުމަށް އެގައުމުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން މިދިޔަ މާޗް މަހު އެގައުމުން ވަނީ ޖައްމޫ އާއި ދިއްލީގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބަޔަކު ކަމަށް ބުނެ 200 ރެފިއުޖީން ހައްޔަރުކޮށްފަ އެވެ. އަދި ސަރުކާރުން ވަނީ އެމީހުން މިޔަންމާއަށް ޑީޕޯޓު ކުރާނެ ކަމަށް ބުނެފަ އެވެ.

އޭގެ ފަހުން އިންޑިއާގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން އެ ރެފިއުޖީން ޑީޕޯޓު ކުރުމުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ. ނަމަވެސް މާޗް މަހު ހައްޔަރު ކުރި މީހުން އަދިވެސް ތިބީ ޖަލުގަ އެވެ.

މިޔަންމާގައި އެންމެ ގިނަ އަދަދަކަށް ރޮހިންގާ މުސްލިމުން ދިރިއުޅޭ ރާހީން ސްޓޭޓުގައި 2017 ވަނަ އަހަރު އެގައުމުގެ އަސްކަރިއްޔާއިން ފެށި އަނިޔާވެރި އޮޕަރޭޝަނަކާ ގުޅިގެން އެތައް ހާސް ރޮހިންގާއިންނަށް އެގައުމު ދޫކޮށް ދާން މަޖުބޫރުވި އެވެ. އަދި އިންޑިއާގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރޮހިންގާ ރެފިއުޖީންގެ އަދަދު މިހާރު 40،000އަށް އަރާ އިރު ބަންގްލަދޭޝްގައި 750،000އަށް ވުރެ ގިނަ ރެފިއުޖީން ދިރިއުޅެ އެވެ.

comment ކޮމެންޓް