ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި މުއިއްޒު އާއެކު ތިބޭނަން: އެމްޑީޕީ ކައުންސިލަރުން

ރައްޔިތުންނަށް ފައިދާ އާއި، ލާބަހުރި ކޮންމެ މަަސައްކަތެއްގައި މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީގެ ކައުންސިލަރުންގެ ފުރިހަމަ އެހީތެރިކަމާއި، އެއްބާރުލުމާއި، ތާއީދު، މޭޔަރު، ޑރ. މުހައްމަދު މުއިއްޒަށް ލިބޭނެކަމުގެ ޔަގީންކަން ދީފި އެވެ.

އެ ޔަގީންކަން ދީފައި ވަނީ، މާލޭ ސިޓީ ކައުންސިލްގައި ތިއްބަވާ އެމްޑީޕީގެ ހަ ކައުންސިލަރުންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، އެމްޑީޕީން ވައުދުވީ ފަދައިން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެވި، ލޯކަލް ކައުންސިލްގެ އިހްތިސާސް ކަނޑައެޅި، އިދާރީ އަދި މާލީ ބާރުވެރިކަން ކައުންސިލުތަކަށް ހޯދާދީފައިވާ ކަމަށެވެ.

ކައުންސިލްތަކަށް ބޮޑެތި ބާރުތަކައް ދީ ގާނޫނު އިސްލާހުކޮށް، ބޭއްވި އިންތިހާބުގައި އެމްޑީޕީއަށް ވަނީ މާލޭ ސިޓީގެ އަޣުލަބިއްޔަތު ފުރަތަމަ ފަހަރަށް ގެއްލިފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެޕާޓީއަށް މާލޭ ސިޓީ ކައުންސިލުން ކާމިޔާބުކުރެވުނީ ހަ ގޮނޑިއެވެ. މޭޔަރު ހިމެނޭގޮތުން، ވާދަވެރި ޕީޕީއެމްގެ 12 ކައުންސިލަރުން މިހާރު މާލޭ ސިޓީ ކައުންސިލްގައި އެބަތިއްބެވެ. ޕީޕީއެމް އަށް ކައުންސިލްގެ ސާފު މެޖޯރިޓީ ލިބިފައި ވާއިރު، އެމްޑީޕީ މައިނޯރިޓީ އެވެ.

އެމްޑީޕީ ކައުންސިލަރުން މިއަދު ވިދާޅުވީ ޕީޕީއެމްގެ މޭޔަރަކު ހުންނެވިކަމަށްޓަކައި އަދި އޭނާ ހުށަހެޅުއްވި ކަމެއް ވީމާ ދެކޮޅު ހެދުމުގެ އިދިކީލި ސިފައިން ނެއްޓި ތިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"ރައްޔިތުންނަށް ފައިދާއާއި، ލާބަހުރި ކޮންމެ މަަސައްކަތެއްގައި އެމްޑީޕީގެ ކައުންސިލަރުންގެ ފުރިހަމަ އެހީތެރިކަމާއި، އެއްބާރުލުމާއި، ތާއީދު މާލޭގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން އަރުވަމެވެ." ބަޔާނުގައިވެ އެވެ.

އެމްޑީޕީ ކައުންސިލަރުން ބުނީ، މުއިއްޒަށް އެއްބާރުލުން ދޭނީ އެމްޑީޕީގެ އަސާސްތަކާއި، އަގުތައް ނަގަހައްޓާ، ޕާޓީގެ މެންބަރުންގެ ބަސް ކަނުލާ އަޑު އަހަމުން ކަމަށެވެ. މަގާމާ ހަވާލުވުމަށްފަހު ފާއިތުވި ކުރު މުއްދަތުގައި ވެސް އަމަލުކޮށްފައި ވާނީ އެގޮތަށް ކަމަށް ބަޔާނުގައިވެ އެވެ.

ހަމައެއާއެކު، މާލޭގެ ރައްޔިތުންގެ މަސްލަހަތުތަކުގެ މައްޗަށް ހުޝިޔާރުކަމާއެކު ފާރަވެރިވަމުން ދާނެ ކަމަށާއި އަދި މާލޭގެ ރައްޔިތުންނަށް ކައުންސިލު ހިނގާނުހިނގާގޮތާ ގުޅޭގޮތުން މައުލޫމާތު ދޭނެ ކަމަށް އެމްޑީޕީ ކައުންސިލަރުން ބުންޏެވެ.

"މިމަސައްކަތުގައި މާލޭ ރައްޔިތުން އަޅުގަނޑުމެންނާއެކު ތިއްބަވާނެކަމީ ހިތުގައި ޝައްކު ހިނގާ ކަމެއްނޫނެވެ. 18 ކައުންސިލަރުން ތިއްބަވާ މާލޭ ސިޓީ ކައުންސިލްގެ މައިނޯރިޓީކަމުގައި ތިބެމެ، ކައުންސިލްގެ ހިންގާ ގަވާއިދަށް ނިމިދިޔަ ހަފުތާގައި އެމްޑީޕީއިން އިސްވެ ހުށަހެޅި ބަދަލުތައް ފާސްވެފައި އެވަނީވެސް މިނަންގަތް މަގުން އާންމުންގެ މަދަދުވެރިކަމާއި، އަޑުއުފުލުމުގެ ސަބަބުންނެވެ."

comment ކޮމެންޓް