އަންނަ ހަފްތާ ތެރޭ ފިޔަވަޅުތަކަށް ލުއިދެނީ

މޭ 25، 2021: މާލޭ ސަރަހައްދުގައި ކޮވިޑް19ގެ ހާލަތު އިންތިހާއަށް ގޯސް ވުމާއި ގުޅިގެން މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން ގިނަބަޔަކު ބާޒާރުކުރުމުގައި: ކާފިއު ނޫން ވަގުތުގައި ވެސް ބޭރަށް ނިކުމެވޭނީ ފުލުހުން ދޫކުރާ ހާއްސަ ހުއްދައަކާއެކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ކޮންޓްރޯލު ކުރަން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ މަސައްކަތް ކުރަނީ ލުއިދޭއިރު، ރައްކާތެރި ކަމާއެކު ދޫދިނުމަށް ކަމަށެވެ.

"މިހާރު މި މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ހަފްތާގައި ކަން ކުރާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމުގައި، މިހާރު މިއޮތް ރެސްޓްރިކްޝަން ތަކުގެ ތެރެއިން އިތުރު ކޮން ކަންތައްތަކެއްތޯ ލުއި ދެވޭނީ. ދެވެން އޮތް މިންވަރަކަށް ދޭން ބޭނުންވޭ،" މަބްރޫކު ވިދާޅުވި އެވެ.

"އެޗްޕީއޭގެ ފަރާތުންވެސް ވިސްނުމަކީ ރައްކާތެރިކަމާއެކު ދޫކޮށްލެވޭ އެންމެ ބޮޑު މިންވަރަކަށް ދޫދެމުން ދިޔުން. އެހެންވީމާ އިރާދަ ކުރެއްވިއްޔާ މި ހަފްތާ ނިމޭއިރު އެނގޭނެ އިތުރު ތަފާތުތަކެއް ރެސްޓްރިކްޓިވް މެޝާސް ތަކަށް ގެނެވޭ،" މަބްރޫކު ވިދާޅުވި އެވެ.

މިިދިޔަ މެއި މަހު ތެރޭގައި ރާއްޖެއިން ކޮވިޑުގެ ކޭސްތައް ފެންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވުމާއެކު މުޅި ރާއްޖޭގައިވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. މާލެ ސަރަހައްދުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށް ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ކާފިއު ހިންގައި، ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ހުއްދަ ނެތި ބޭރަށް ނިކުތުން ވަނީ މަނާކޮށްފަ އެވެ.

މީގެ ކުރިން އެޗްޕީއޭ އިން ވަނީ ވެކްސިންގެ ދެ ޑޯޒް ހަމަކުރުމަށްފަހު ކަރަންޓީނު ނުވެ ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ލުއި ދީފަ އެވެ. ނަމަވެސް ލުއިދޭން ނިންމާއިރު އެފަދަ ލުއިތަކެއް އަދި ނުދޭނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

comment ކޮމެންޓް