ގުދުސް (ޖޫން 13): އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން 12 އަހަރަށް ފަހު ނިމުމަކަށް ގެނެސް، އާ ބޮޑުވަޒީރު ޔަމީނާ ޕާޓީގެ ލީޑަރު ނަފްތާލީ ބެނެޓް ހުވާކުރައްވައިފި އެވެ.
އިސްރާއީލްގެ ޕާލިމެންޓުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އިދިކޮޅު ކޯލިޝަނަށް 60 މެމްބަރުން ވޯޓު ދެއްވި އިރު އެ ކޯލިޝަނާ ދެކޮޅަށް 59 މެމްބަރުން ވޯޓު ދެއްވި އެވެ. އެހެންކަމުން ނަތަންޔާހޫ 2009 ވަނަ އަހަރުން ފެށިގެން އެގައުމުގައި ކުރައްވަމުން އައި ވެރިކަން ވަނީ ނިމުމަކަށް އައިސްފަ އެވެ.
އިސްރާއީލުގެ އާ ކޯލިޝަން ސަރުކާރުގައި އިސްކޮށް އޮތީ ސެންޓްރިސްޓް ފިކުރުގެ ޔަޝް އަތީދު ޕާޓީ އާއި ކަނާތު ފިޔައިގެ، ވަތަނީ ފިކުރުގެ ޔަމީނާ ޕާޓީ އެވެ. އަދި އެ ދެ ޕާޓީން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ވެރިކަމުގެ ފުރަތަމަ ދެ އަހަރު ބޮޑުވަޒީރުކަން ކުރައްވާނީ ޔަމީނާ ޕާޓީގެ ލީޑަރު ނަފްތާލީ ބެނެޓް އެވެ. ދެން ބާކީ ދެ އަހަރު ވެރިކަން ކުރައްވާނީ ޔަޝް އަތީދު ޕާޓީގެ ލީޑަރު ޔައިރު ލަޕިދު އެވެ.
އެ ވޯޓަށް ފަހު ބެނެޓް ވިދާޅުވި ގޮތުގައި އޭނާގެ ސަރުކާރުން މަސައްކަތް ކުރާނީ "އިސްރާއީލުގެ ހުރިހާ ރައްޔިތުންނަށްޓަކަ" އެވެ. އަދި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ ކަންތައްތަކުގެ ތެރޭގައި ތައުލީމާއި ސިއްހަތު ހިމެނެ އެވެ.
އެ ކޯލިޝަނުގައި އިސްރާއީލުގެ އަރަބި ރައްޔިތުން ތަމްސީލު ކުރާ ޕާޓީއެއް ކަމަށްވާ ޔުނައިޓެޑް އަރަބް ލިސްޓް ޕާޓީވެސް ހިމެނެ އެވެ. އެއީ މިނިވަން އަރަބި ޕާޓީއެއް އެގައުމުގެ ވެރިކަން ކުރާ ކޯލިޝަނެއްގައި ހިމެނުނު ފުރަތަމަ ފަހަރެވެ.
އެ ކޯލިޝަނަކީ ތަފާތު ފިކުރުގެ ޕާޓީތައް ހިމެނޭ ކޯލިޝަނެއް ކަމުން އެ ސަރުކާރުގައި ދެބަސްވުންތައް އުފެދުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން ޔަމީނާ ޕާޓީ އާއި އެ ކޯލިޝަނުގައި ހިމެނޭ އެހެން ކަނާތު ފިޔައިގެ ޕާޓީއެއް ކަމަށްވާ ނިއު ހޯޕް އަކީ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުމަށް ވަރަށް ބޮޑަށް ތާއިދު ކުރާ ޕާޓީތަކެވެ. އަދި ބެނެޓް ވަނީ "ފަލަސްތީނު ދައުލަތޭ ކިޔާ ބިމެއް ނޯންނާނެ" ކަމަށާއި އެފަދަ ދައުލަތެއް ބަލައިގަތުމަކީ އިސްރާއީލްގެ ނިމުން ކަމުގައި މީގެ ކުރިން ސިފަ ކުރައްވާފަ އެވެ.
ނަތަންޔާހޫ ވަނީ އެ ކޯލިޝަން އުފެއްދުމުގައި މަކަރު ހަދާފައިވާ ކަމަށާއި އެ ވެރިކަން ވަރަށް އަވަހަށް ނިމުމަކަށް ގެންނާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.
ނަތަންޔާހޫގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލު ކުރެއްވުމާއި އަމާނަތަށް ހިޔާނާތްތެރިވުމާއި މަކަރާއި އޮޅުވާލުވުމުގެ ދައުވާކޮށްފަ އެވެ. އެ ދައުވާތަކުގެ ޝަރީއަތް އިސްރާއީލުގެ ކޯޓުތަކުގައި މިހާރުވެސް ކުރިއަށްގެންދާ އިރު އޭނާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.
ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގައި ވަނީ ހަތަރު ފަހަރަށް އާންމު އިންތިހާބު ބާއްވާފަ އެވެ. އޭގެ ތެރެއިން އެއްވެސް އިންތިހާބެއްގައި ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށްވެސް އަދި އޭނާއާ ވާދަވެރި އިދިކޮޅު ޕާޓީތަކަށްވެސް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ވަރަށް ޕާލަމެންޓުން ގޮނޑިތައް ކާމިޔާބު ނުކުރެވެ އެވެ.
އެންމެފަހުން މިދިޔަ މާޗް މަހު ބޭއްވި އިންތިހާބަށް ފަހު ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ރައީސް ރުއެވެން ރިވުލިން ފުރަތަމަ ދެއްވީ ނަތަންޔާހޫ އަށެވެ. އަދި އެކަމަށް 28 ދުވަހުގެ މުއްދަތެއް ދެއްވި އެވެ.
ނަމަވެސް އެ މުއްދަތުގައި ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގައި ނަތަންޔާހޫ ނާކާމިޔާބު ވުމުން ސަރުކާރު އެކުލަވާލުމުގެ ޒިންމާ ލަޕިދު އާ ހަވާލު ކުރީ އެވެ.