ބިގޭ ވަކިކުރަން އުޅޭ ކަމުގެ އިޝާރާތެއް ނަޝީދުގެ "ވަގު" އެކައުންޓުން ދެއްވައިފި

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެމްޑީޕީގެ މެމްބަރު ކަމުން ވަކިކުރަން އުޅޭ ކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ވަގު" އެކައުންޓެއް ކަމަށް ބެލެވޭ އެލެކްސް އަހްމަދުގެ އެކައުންޓުން ދެއްވައިފި އެވެ.

މިއަދު ރާއްޖެ ޓީވީ އަށް ބިގޭ ދެއްވި އިންޓަވިއުގައި އެމްޑީޕީގެ މަސައްކަތް ދެބައިވެފައިވާ ކަމަށް ވިދާޅުވި ވިދާޅުވުމަށް އެލެކްސްގެ އެކައުންޓުން ކުރި ޓުވީޓުގައި ވަނީ ރައްދު ދެއްވައިފަ އެވެ.

އެލެކްސްގެ އެކައުންޓުން މިރޭ ކުރެއްވި އެ ޓުވީޓުގައި ވިދާޅުވެފައި ވަނީ އެމްޑީޕީ ބައިބައިވާނެ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ޕާޓީގެ އަސާސްތަކާ ހިލާފުވާ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

"ފިޔަވަޅު އަޅާ ކޮމެޓީގެ ބޭނުމަކީ ޕާޓީގެ އަސާސްތަކާ ހިލާފުވާ މެމްބަރުންނަށް ފިޔަވަޅު އެޅުން. އެފަދަ މީހުން ޕާޓީ އިން ވަކިކުރުން... ޖޭޕީގެ މެމްބަރުންގެ ހުށަހެޅުމަށް އެމްޑީޕީ މެމްބަރުން ވޯޓު ދިނީ ޕީޖީގެ އެސްޖީ ލޮބީ ކުރީމާ. މިއީ ޕާޓީގެ އަސާސްތަކާހިލާފު ކަންކަން." އެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ޕާލަމެންޓް ގްރޫޕްގެ ސެކްރެޓަރީ ޖެނަރަލަކީ އަލިފުށީ ދާއިރާގެ މެންބަރު މުހަންމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

އެމްޑީޕީގެ މަސައްކަތްތައް ދެބައިވެފައިވާ ކަމަށް ބިގޭ ވިދާޅުވި ވިދާޅުވުމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވެސް މިއަދު ވަނީ ރައްދެއް ދެއްވާފަ އެވެ.

އެގޮތުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީ ބައިބައިވެފައި ވަނީ އެ ޕާޓީން ވައުދުވި ކަންކަން ނުކޮށް، އެމްއެމްޕީއާރުސީ އާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ސަރުކާރުން "ފޫކަހާތީ" ކަމަށެވެ.

https://sun.mv/153219

އެލެކްސްގެ ޓުވީޓުގައި ހަސަން ލަތީފުގެ ވާހަކަތަކަށް ވަނީ ތާއީދުކުރައްވައިފަ އެވެ.

"ޕާޓީގެ ޗެއާ އެ ވިދާޅު ވަނީ ރަނގަޅަށް. ސަރުކާރުން ބޭނުންވީ އެމްއެމްޕީއާރުސީގެ މައްސަލަ އާއި މަރުތަކުގެ މައްސަލަ އޮއްބާލާން. އެކަން ކުރަން ޕާޓީގެ ގިނަ މެމްބަރުން ބޭނުމެއް ނުވޭ، އެހެނަސް ޕީޖީގެ އެސްޖީ އެ މަގަށް ލޮބީކުރަނީ އާރުޖޭގެ ނަމުގައި." އެ ޓުވީޓުގައިވެ އެވެ.

މެމްބަރު ބިގޭއަށް ނަޝީދާއި ނަޝީދުގެ އަރިސް ބޭފުޅުން އަދި އެމްޑީޕީގެ އާންމު ބައެއް މެމްބަރުންގެ ފަރާތުން ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނީ، ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ އިންކުއަރީއަށް ހުރަސްއަޅައި، އެކަން ހުއްޓުވަން މެމްބަރުންނަށް ނުފޫޒު ފޯރުވަނީ ބިގޭ ކަމަށް ތުހުމަތުކޮށްގެންނެވެ.

އެ ތުހުމަތުތައް ބިގޭ ދޮގު ކުރައްވަ އެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް ބޮޑުވީ، ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރު ކުރަން އުޅުމުން އެކަމާ ދެކޮޅަށް މަޖިލީހަށް ސިޓީ ފޮނުވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލަށް ފިޔަވަޅު އަޅަން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ވެސް ދެކޮޅު ހެދުމުންނެވެ. އަދި އެ ކޮމިޓީން މައްސަލަ ބޭރުކޮށްލުމަށް އެމްޑީޕީގެ ހަތަރު މެންބަރަކު ވޯޓު ދެެއްވީ ބިގޭ ނުފޫޒު ފޯރުވައިގެން ކަމަށް ނަޝީދުގެ ސަޕޯޓަރުން ތުހުމަތުކޮށް، އޭނާ އަށް ވަރަށް ބޮޑަށް ވަނީ ފާޑު ކިޔައިފަ އެވެ.

އިމްތިޔާޒު ކޮމެޓީ އިން އެ މައްސަލަ ބޭރުކޮށްލީ، މަޖިލީހުގެ ގަވާއިދާ ހިލާފަށް، އެ ކޮމެޓީ އިން މައްސަލަ ބެލުމުގެ ކުރީން މަޖިލީހުގެ ރައީސް، ޒަމީލުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފައި ވަނިކޮށެވެ.

ޕީޖީ އޮފީހުން ބުނީ އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނީ ފުލުހުން ތަހުގީގު ކުރުމަށް ފަހު މައްސަލަ ހުށަހެޅުން ކަމަށެވެ. އަދި މަޖިލީހަކީ ތަހުގީގު ކުރުމުގެ ބާރު އޮތް ފަރާތެއް ނޫން ކަމަށް ވިދާޅުވެ މައްސަލަ ފޮނުވާލި އެވެ.

އެ މައްސަލަ އަށް އިޝާރާތް ކުރައްވައި ބިގޭ މިއަދު ރާއްޖެ ޓީވީގައި ވިދާޅުވީ އޭނާއަކީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ސެކްރެޓަރީ ޖެނަރަލް ކަމަށާއި ސަރުކާރާއި މަޖިލީހުން އަދި އެހެން ދިމާތަކުން ވެސް މުއާމަލާތު އޭނާއާ ހިއްސާ ކުރާ ކަމަށާއި އެހެން ނަމަވެސް އެ މައްސަލައިގެ ތެރެއަށް އޭނާ ވެދެވަޑައިގެންފައި ނުވާނެ ކަމަށެވެ.

ނަޝީދާއި ނަޝީދުގެ އަރިސް ބައެއް ބޭފުޅުންގެ ފާޑުކިޔުން ބިގޭއަށް އަމާޒުވެފައިވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަސްޓްލޭޑީ ފަޒުނާ އަހްމަދު ވަނީ ބިގޭގެ ދިފާއުގައި ނުކުންނަވައިފަ އެވެ.

https://sun.mv/153218

comment ކޮމެންޓް