ހުޅުމާލޭ ފެސިލިޓީއަށް ހެޔޮ ބަދަލުތަކެއް ވަނީ އައިސްފައި: އެޗުއާރުސީއެމް 

ހުޅުމާލޭ މެޑިކަލް ފެސިލިޓީ ---

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް) އަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު އެޗްއާރްސީއެމް އިން ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ޒިޔާރަތްކޮށްފަ އެވެ. އެ ޒިޔާރަތަށް ފަހު އެޗްއާރްސީއެމްއިން ނެރުނު ބަޔާނެއްގައި އެ ފެސިލިޓީގައި ކަންބޮޑުވާންޖެހޭ އެތައް ކަމެއް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން އެ ފެސިލިޓީގައި އެޑްމިޓްކޮށްފައި ތިބި ބަލިމީހުންގެ އަދަދަށާއި، ބަލި މީހުންގެ ސިއްހީ ހާލަތަށް ބަލާއިރު ބަލިމީހުންނަށް ފަރުވާ ދޭން ތިބި ނަރުހުންގެ އަދަދު މަދުކަމަށް ބަޔާނުގައިވެ އެވެ. ނަރުހުން މަދުވުމުގެ ސަބަބުން އެފަދަ ފެސިލިޓީއެއްގައި މީހުން އެޑްމިޓްކޮށްގެން ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމައަށް ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަވެފައިވާ ކަމަށް އެޗްއާރްސީއެމް އިން އޭރު ބުންޏެވެ.

އެޗްއާރްސީއެމް އިން ބުނީ، އެ ޒިޔާރަތަށްފަހު ކޮމިޝަނުން ހުށަހެޅި ކަންކަން ފުރިހަމަވެފައިވާ މިންވަރު ސާފުކުރުމަށް، ހެލްތު މިނިސްޓްރީ އާއި އައިޖީއެމްއެޗް، އެޗްއެމްއެފް އަދި އިސްލާމިކް މިނިސްޓްރީ އާއެކު އިއްޔެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

"އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުން އެޗްއެމްއެފް ގެ ހިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވުނު،" އެޗްއާރްސީއެމް އިން ބުންޏެވެ.

އޭގެ ތެރޭގައި ހިދުމަތް ދިނުމަށްޓަކައި ފެސިލިޓީގައި ހަރަކާތްތެރިވާ ސްޓާފުންގެ އަދަދު އިތުރުވެފައިވާ ކަމާއި، ބަލި މީހުން ފެސިލިޓީއަށް ގެންދިއުމުގެ ކުރިން ސިއްހީ ހިދުމަތް ދޭ އިތުރު މަރުކަޒުތަކުގައި ބަލި މީހުން ޓްރައޭޖް ކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ހަމައެއާއެކު، ސްޓާފުން އިތުރުވުމުގެ ސަބަބުން ތަނުގައި އެނދުމަތިކޮށް ފަރުވާދޭ ބަލި މީހުންގެ ކަންތައްތައް ގާތުން ބަލައި، އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަ ކުރެވުނު ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން ވެސް ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަން ވެސް، ބައްދަލުވުމުގައި ބައިވެރިން ހިއްސާކުރި މައުލޫމާތުން ފާހަގަ ކުރެވުނު ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

comment ކޮމެންޓް