އަމަލުކުރަނީ ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް، ބޭނުމަކީ މަގާމުން ވަކިކުރުން: މަހްލޫފް

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އޭނާއާ މެދު އަބަދުވެސް އަމަލުކުރަމުން އަންނަނީ ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއްގެ އުސޫލުން ކަމަށް، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 33،000 ޑޮލަރު މަހުލޫފުގެ އެކައުންޓަށް ވަން މައްސަލައިގެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އިއްޔެ ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

އޭނާއަށް ދައުވާ ކުރުމާ މެދު ޕީޖީ އޮފީހުން ގޮތެއް ނިންމަންދެން އޭނާ މަސައްކަތުން ވަނީ އެކަހެރިކޮށްފަ އެވެ.

އެ މައްސަލައިގައި މަހްލޫފް މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އޭނާއާ މެދު އަމަލުކުރަނީ ޒާތީކޮށް ކަމަށާއި އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށެވެ.

"ފެށުނީއްސުރެވެސް އެމްއެމްޕީއާރްސީ މައްސަލައިގައި އަޅުގަނޑާމެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް. އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން، އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ. ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ މަގާމުން ވަކިކުރުމުގެ ބޭނުމުގައި އެފަދަ ގޮތަކަށް އަމަލުކުރި ނަމަވެސް އޭނާ "މަގާމުގައި ބަގުޑިބައްދައިގެން" ހުންނަން ބޭނުން ނުވާކަން "އެމީހުންނަށް" ނުވިސްނޭ ކަމަށެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ މަހުލޫފުގެ އެކައުންޓަށް ހިޔާނާތުގެ ތުހުމަތުވާ ފައިސާ ޖަމާ ކުރީ، އޭނާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު، މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށެވެ.

ވޯޓަށް ފަހު އަދީބާއި މަހުލޫފުއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފް ގެ ޗެކް މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާއި ގުޅުވުމުން، މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަރަކީ އަދީބު ދިން ރިޝްވަތުގެ ފައިސާކަން އެނގޭ ކަމަށް އޭސީސީއިން ބުންޏެވެ.

"ކުރި ތުހުމަތު ވެސް ގޯސް. ތުހުމަތު ކުރީ އެސްއީޒެޑް ބިލަށް ވޯޓު ދީގެން. ނަމަވެސް އޭރު އަޅުގަނޑަކީ ޕީޕީއެމްގެ މަޖިލިސް މެންބަރެއް. ވޯޓު ދިނީ ތްރީލައިން ވިޕާ އެއްގޮތަށް،" މަހްލޫފް ވިދާޅުވި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ މަގުސަދު ބަޔާންކޮށްދޭ ހަބަރެއްގެ ސްކްރީންޝޮޓް އެއް ހިއްސާކޮށް މަހްލޫފް ވިދާޅުވީ އެ މައްސަލައިގައި ދައުވާކުރަން ފޮނުވުމުގެ އެއްވެސް ބާރެއް އޭސީސީއަށް ލިބިގެން ނުވާ ކަމަށެވެ.

‏"އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ގަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުން ވެސް ސާފު. މީގެކުރިން ދައުވާ އުފުލިއެންމެންގެ މައްސަލަތައްް ވެސް ފޮނުވީ ކޮމިޝަނުން،" މަހްލޫފް ވިދާޅުވި އެވެ.

މަހުލޫފު މީގެ ކުރިން ބުނެފައި ވަނީ އެ ފައިސާގެ މުއާމަލާތަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ. ނަމަވެސް، އޭސީސީއިން ބުނެފައި ވަނީ އެ ފައިސާ އަކީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާއެއް ނޫންކަން ހެކިންގެ ހެކިބަހުންނާއި ހެކި ގަރީނާއިން އެނގޭ ކަމަށެވެ.

ނަމަވެސް މަހްލޫފް ވިދާޅުވީ ހެކިކަމަށް ބުނެ ހޯދާފައިވާ ބައެއް ތަކެއްޗާއި ބަޔާނަކީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް ހޯދާފައިވާ، އަދި ކޯޓަށް ބަލައިވެސް ނުގަންނާނެ ހެކިތަކެއް ކަމަށެވެ.

"އޭގެ ތަފްސީލަށް މިވަގުތު ދާކަށް ނެތިން،" މަހްލޫފް ވިދާޅުވި އެވެ.

ހިޔާނާތުގެ މައްސަލައިގައި ދައުވާކޮށްފި ނަމަ، މަގާމުގައި އެންމެ ދުވަހަކު ވެސް ނުހުންނަވާނެ ކަމަށް ަހްލޫފް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މަހްލޫފް މިއަދު ވިދާޅުވީ ގާނޫނާއި ގަވާއިދުގެ ތެރެއިން، އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އަދި އޭސީސީ އިން "އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ" އޭނާއާ މެދު ތަފާތުނުކޮށް މައްސަލަ ގެންދާނަމަ އިތުރަށް އެންމެ ދުވަހަކު ވެސް މަގާމުގައި ނުހުންނަވާނެ ކަމަށެވެ.

"އަޅުގަނޑުގެ މައްސަލަވެސް ހަމަ ބަލަންވީ. އެކަމަކު އެކަން ކުރަންވާނީ ގާނޫނީ އިމުގެ ތެރެއިން ތަފާތުނުކޮށް. ސިޔާސީ ނުފޫޒުން ބައެއް ނަންތައް އުނިކުރުމަށް ފަހު ވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުން ވެސް ކޮމިޝަނަށް ތިން އަހަރު ވީއިރު ފެނުނީ އަޅުގަނޑުގެ ނަން އެކަނިތޯ؟"

މަހްލޫފް ވިދާޅުވީ ކަންބަޅިއެއްހެން ހަމައެކަނި އޭނާ ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރްސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް ކަމަށެވެ.

"ވަރުބަލިވެއްޖެ، އަޅުގަނޑަށްވެސް އަބަދު އަނގަބަންދުކޮށްގެން ނުހުރެވޭނެ،" މަހްލޫފް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނަތުުގެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީ އިން ޕީޖީ އަށް ހުށަހަޅާފައިވާއިރު، ހިޔާނާތުގެ މައްސަލައާ ގުޅިގެން މަހުލޫފު ވަނީ މީގެ ކުރިން ވެސް މަގާމުން ސަސްޕެންޑު ކޮށްފަ އެވެ. ނަމަވެސް ފަހުން އޭސީސީ އިން ވަނީ މަހުލޫފުގެ ކޮރަޕްޝަނުގެ މައްސަލައެއް ނެތްކަމަށް ރައީސް އޮފީހަށް އަންގައިފަ އެވެ.

comment ކޮމެންޓް