ޓާގެޓަކީ މި އަހަރު ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ --- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

މި އަހަރުގެ ތެރޭގައި ފުލުހުން "ބޮޑީ ވޯން ކެމެރާ" ނުވަތަ ގައިގައި ހަރުކުރާ ކެމެރާ ބޭނުންކުރަން ފެށުމަށް މަސައްކަތް ކުރާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މަސައްކަތަށް ބޮޑީ ވޯން ކެމެރާ އިތުރުކޮށް، ޓެސްޓުކުރުމަށް މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ވަނީ ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް ފުލުހުން އަދި ބޮޑީ ވޯން ކެމެރާ އަދި ބޭނުންކުރަން ފަށައިފައެއް ނުވެ އެވެ.

މުޒާހަރާތަކާއި އެކިއެކި އެއްވުންތައް ރޫޅާލުމުގައި ދިވެހި ފުލުހުން ހަރަކާތްތެރިވާއިރު ބޮޑީ ކެމެރާ ބޭނުން ނުކުރަނީ ކީއްވެތޯ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހްމަދު ނަސީމް މިއަދު ވަނީ މިނިސްޓަރާ ސުވާލުކުރައްވައިފަ އެވެ.

މެމްބަރުގެ ސުވާލަށް ލިޔުމުން ޖަވާބުދެއްވައި މަޖިލީހަށް ފޮނުއްވި ސިޓީގައި މިނިސްޓަރު ވިދާޅުވެފައި ވަނީ ބޮޑީ ވޯން ކެމެރާ ބޭނުން ކުރުމަކީ ޕޮލިސީ ލެވެލްގައި އެކަން ކުރަން ނިންމައި، ކެމެރާތައް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާ ކަމެއް ކަމަށެވެ.

ނަމަވެސް ކޮވިޑް19 ޕެނެޑެމިކް އާ ގުޅިގެން 2020 ވަނަ އަހަރުގެ ބަޖެޓުން އެ ހަރަދު ނުކުރެވުމާ ގުޅިގެން، މި އަހަރުގެ ބަޖެޓުގައި އެކަން ހިމަނާފައިވާ ކަމަށެވެ. އަދި 1400 ކެމެރާ ހޯދުމަށްޓަކައި ޕައިލެޓް ޕްރޮގްރާމެއް ހިންގާ ރިލަޔަބިލިޓީ އަށް ބަލައި އެމެރިކާގެ އެކްސްއޯން މަރުކާގެ ކެމެރާ ސިންގަލް ސޯސްކޮށް ހޯދުމަށް ޓެންޑާ ބޯޑަށް ހުށަހެޅި ކަމަށެވެ.

ނަމަވެސް އެކަން އެގޮތަށް ކުރަން ނުފެންނަ ކަމަށް ޓެންޑާ ބޯޑުން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ޓެންޑާ ބޯޑުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބޮޑީ ވޯން ކެމެރާ ޕްރޮކިއޯކޮށް މި އަހަރުގެ ތެރޭގައި ކެމެރާތައް ބޭނުންކުރަން ފެށުމަކީ މިނިސްޓްރީ އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ވެސް ޓާގެޓެއް ކަމުގައި ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

ފްރަންޓް ލައިންގައި މަސައްކަތް ކުރާ ބައެއް ފުލުހުންގެ ގައިގައި ކެމެރާ ހަރުކޮށް، މިދިޔަ އަހަރު އެ ޓެކްނޮލޮޖީ ޓެސްޓު ކުރި އެވެ. އޭރު ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވީ ބޮޑީ ކެމެރާގެ ސަބަބުން ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީވެދޭނެ ކަމަށެވެ.

އެގޮތުން އާންމުންނާ މުއާމާލާތް ކުރުމާއި، ފުލުހުންގެ މިސްކޮންޑަކްޓާ ގުޅޭ ޝަކުވާތައް އަންނަ މިންވަރު މަދުކޮށް، ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ބޮޑުކޮށްދޭނެ ވަސީލަތެއްކަން ސާބިތުވެފައިވާކަން ހަމީދު ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް