ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަންބޮޑުވާންޖެހޭ އެތައް ކަމެއް

ހުޅުމާލޭ މެޑިކަލް ފެސިލިޓީ ---

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީގައި، ކަންބޮޑުވާންޖެހޭ މައްސަލަތަކެއް ހުރިކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

މި މަހުގެ 25 ވަނަ ދުވަހު އެޗްއާރްސީއެމް އިން ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ޒިޔާރަތްކޮށްފަ އެވެ. އެ ޒިޔާރަތަށްފަހު އެޗްއާރްސީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ފެސިލިޓީގައި އެޑްމިޓްކޮށްފައި ތިބި ބަލިމީހުންގެ އަދަދަށާއި، ބަލި މީހުންގެ ސިއްހީ ހާލަތަށް ބަލާއިރު ބަލިމީހުންނަށް ފަރުވާ ދޭން ތިބި ނަރުހުންގެ އަދަދު މަދުކަމަށެވެ.

ނަރުހުން މަދުވުމުގެ ސަބަބުން އެފަދަ ފެސިލިޓީއެއްގައި މީހުން އެޑްމިޓްކޮށްގެން ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމައަށް ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަވެފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

ފެސިލިޓީގައި ބަލި މީހުންނާ އެންމެ ގާތުން މަސައްކަތް ކުރަނީ ނަރުހުން ކަމަށްވާއިރު، ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ނަރުހުން މަދުވުމުގެ ސަބަބުން، ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އެޑްމިޓްކުރާއިރު، އެމީހުންނަށާއި އެމީހުންގެ އެހީތެރިންނަށް ތަނުން ފޯރުކޮށްދޭން ޖެހޭ ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމުގައި ލަސްވާކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެޗްއާރްސީއެމް އިން ބުނީ އާއިލާގެ ފަރާތުން ބަލިމީހުންނަށް އެއްޗެހި ފޮނުވަން ވަކި ގަޑިތަކެއް ކަނޑައަޅާފައި ހުންނަ އިރު، އާއިލާތަކުން ފޮނުވާ ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ބަލައިގަތުމަށް އަބަދުވެސް މީހަކު ހުންނަ ކަމަށެވެ. އަދި އެ ތަކެތި ވަގުތުން، ވޯޑުގައި އެކަމަށް ހާއްސަކޮށްފައި ހުންނަ ތަނަށް ގެންދާ ކަމަށެވެ.

އެހެން ނަމަވެސް އެތަނުން ބަލިމީހާއާ ހަމައަށް އެ ތަކެތި ގެންދެވެނީ އެޓެންޑެންޓުން ނުވަތަ ނަރުހުންނަށް ކަމަށްވާއިރު، އެ ފަރާތްތަކުގެ މަސައްކަތް ހުންނަ ގޮތުން، ބަލިމީހާއާ ހަމައަށް ތަކެތި ގެންގޮސްދިނުމުގައި ލަސްވާކަން ކޮމިޝަނުން ފާހަގަ ކުރި އެވެ.

ކޮމިޝަނުން ބުނީ ބަލި މީހުންނަށް ކެއުން ފޯރުކޮށްދެނީ އެމީހެއްގެ ބައްޔާ ގުޅޭގޮތުން ޑައެޓީޝަނެއްގެ ލަފާގެ މަތިން ކަމަށެވެ. ކޮންމެ ގަޑިއަކަށް ވެސް ކެއުން އޯޑަރު ކުރަނީ، އެވަގުތެއްގައި ފެސިލިޓީގައި ތިބި ބަލި މީހުންގެ ބޭނުންތަކަށް ބެލުމަށްފަހު އެ އަދަދަކަށެވެ.

އެހެން ނަމަވެސް އެފަދަ ފެސިލިޓީއަކަށް ފޯރުކޮށްދޭންޖެހޭ ކައުމަކީ ބަލި މީހާގެ ހާލަތަށް ރިއާޔަތްކުރާއިރު، އެންމެ އެކަށީގެންވާ ކެއުމެއް ނޫން ކަމަށް ފާހަގަކުރެވޭ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

އޭގެ އިތުރުން، ކޮވިޑް ބަލީގެ ވޭނުގެ އިތުރުން އެހެން އުނދަގޫތަކާވެސް ބަލި މީހުންނަށް ކުރިމަތިލާން ޖެހޭ ކަމަށް ކޮމިޝަންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެތަނަކީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް އެކަނި ފަރުވާދޭ ތަނެއް ނަމަވެސް، އަމިއްލައަށް ނޫޅެވޭ ވަރުގެ ބަލި މީހުންގެ އެހީތެރިންނަށް ވެސް ފެސިލިޓީގައި ތިބުމުގެ ފުރުސަތު މިހާރު ދެ އެވެ. އެޗްއާރްސީއެމް އިން ބުނީ އެހެންވުމުގެ ސަބަބުން، ތަނުގެ ޖާގައާ އެކަށީގެން ނުވާ ވަރަށް މީހުން ގިނަވެ، ގައިދުރުކަން ނުބެހެއްޓޭ ކަމަށެވެ.

ފެސިލިޓީގައި މީހަކު އެޑްމިޓް ކުރުމަށްފަހު، އެމާޖެންސީ ހާލަތުގައި އެމީހަކާ ގުޅޭނެ ނަންބަރެއް ހޯދާކަން އެޗްއާރްސީއެމް އިން ފާހަގަކުރި އެވެ. އެމާޖެންސީ ކޮންޓެކްޓަށް ބަލި މީހާ އެޑްމިޓް ކުރި ވޯޑާއި، އެނދު ނަންބަރު އަންގަ އެވެ. އަދި ހާލަތު ބަދަލުވާ ވަރަކަށް އެ މައުލޫމާތު ވެސް ޑޮކްޓަރު މެދުވެރިކޮށް ފޯރުކޮށްދޭން ޖެހެ އެވެ.

އެޗްއާރްސީއެމް އިން ބުނީ އާއިލާތަކަށް މައުލޫމާތު ދިނުމަށް ހާއްސަ މީހުން ކަނޑައަޅާފައި ތިބި ނަމަވެސް، ވޯޑުތަކުން މައުލޫމާތު ލިބުމުގައި ލަސްވާތީ، އެންމެ އެދެވޭ ގޮތުގައި އާއިލާތަކަށް ބަލި މީހާގެ މައުލޫމާތު ފޯރުކޮށް ނުދެވޭ ކަމަށެވެ.

ބަލި މީހުންގެ އިތުރުން، ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ނަފްސާނީ ގޮތުން އެތައް ކަމެއް ތަހަންމަލު ކުރަންޖެހޭކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެހެން ނަމަވެސް މުވައްޒަފުންނަށް ބޭނުންވާ ނަފްސަނީ އެހީތެރިކަން ފޯރުކޮށްނުދެވޭ ކަމަށާއި، އެހެންކަމުން އެ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮމިޝަނުން ބާރު އަޅާ ކަމަށް ބުނެފައިވެއެވެ.

ފެސިލިޓީ ސާފުކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން އެއްވެސް ބަންދެއް ނުލިބި ދުވާލަކު 12 ގަޑިއިރު މަސައްކަތް ކުރާ ކަމަށާއި، އެހާ ގިނައިރު މަސައްކަތް ކުރާއިރު މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ މައްސަލަތައް ވެސް ފާހަގަކުރެވުނު ކަމަށް ކޮމިޝަނުން ބުންޏެވެ.

އެޗްއާރްސީއެމް އިން ބުނީ، އެ ޒިޔާރަތުގައި ފާހަގަކުރެވުނު ބައެއް ކަންކަން، މައްސަލައިގެ ގޮތުގައި އެ ކޮމިޝަނުން ލޮޖްކޮށް ބަލަން ފަށާފައިވާ ކަމަށެވެ.

comment ކޮމެންޓް