ވައްކަމުގެ ތުހުމަތު ކުރެވުނު ވެމްކޯގެ މުވައްޒަފު މަސައްކަތުން އެކަހެރިކޮށްފި

ވެމްކޯގެ ވެހިކަލެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވައްކަމުގެ ތުހުމަތު ކުރެވިގެން ވެމްކޯގެ މުވައްޒަފަކު މަސައްކަތުން އެކަހެރިކޮށްފި އެވެ.

ވެމްކޯއިން ބުނީ މިއަދު ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ އެ ކޯޕަރޭޝަންގެ މަސައްކަތާ ވަގުތީ ގޮތުން ގުޅިފައިވާ ކޮންޓްރެކްޓް މުވައްޒަފެއް ކަމަށެވެ.

އެކަމުގައި ޝާމިލުވާ މުވައްޒަފާ މެދު ވަގުތުން ފިޔަވަޅު އަޅައި، މަސައްކަތުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާ ކަމަށް ވެމްކޯއިން ބުނެ އެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ވެމްކޯއިން ދަނީ ފޯރުކޮށްދެމުންނެވެ.

އެ ހާދިސާއަކީ އެ ކޯޕަރޭޝަނުން ކަންބޮޑުވާ ހާދިސާއެއް ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ވެމްކޯއިން ފާހަގަކުރެ އެވެ.

މިފަދަ އެއްވެސް މައްސަލައެއްގައި ޝާމިލުވާ ވެމްކޯގެ މުވައްޒަފަކާ މެދު ހަރުކަށި ފިޔަވަޅު އަޅަން ފަސް ނުޖެހޭނެކަމުގެ ޔަގީންކަން ވެސް ވެމްކޯއިން ވަނީ ދީފަ އެވެ.

ހަމައެއާއެކު މިފަދަ ހައްސާސް އަދި ރައްޔިތުންނަށް ބޭނުންތެރި އަދި މުހިންމު ހިދުމަތެއް ދިނުމުގައި ދެމިތިބި ވެމްކޯގެ މުވައްޒަފުންނަށް ރައްޔިތުން ކުރާ އިތުބާރަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

comment ކޮމެންޓް