2024 ގައި ހިޔާނާތުގެ ދެވަނަ ލިސްޓެއް ނުކުންނާނެ، 19 މިލިއަންގެ ވާހަކަ އޮންނާނެ: އާދަމް ޝަރީފް

މެމްބަރު އާދަމް ޝަރީފް އުމަރު --- ފޮޓޯ/ މަޖިލިސް

ދެހާސް ސައްވީސް ވަނަ އަހަރުގައި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ދެވަނަ ލިސްޓެއް ނުކުންނާނެ ކަމަށާއި، އިންސާފު ލިބޭނީ އެ ލިސްޓަށް ފަހު ސައްހަ މަސައްކަތްތަކެއް ކުރެވިގެން ކަމަށް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓެއް އާންމުކުރީ، ކޮވިޑް19 އާ ގުޅިގެން ސަރުކާރަށް އެކަށީގެންވާ، އިހުލާސްތެރި މަސައްކަތްތަކެއް ކޮށްނުދެވޭތީ އެކަން ފޮރުވަން ކަމަށެވެ.

މެމްބަރު ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރަށް އެކަށީގެންވާ މަސައްކަތްތަކެއް ރާވައިގެން ކުރިއަށް ގެންދެވޭތައް ނުފެންނަ ކަމަށާއި، ސަރުކާރު ފެންނަނީ ވަރަށް "ބަލިކޮށް" ކަމަށެވެ. އަދި ބަލީގައި އެތައް ބަޔަކު މަރުވަމުން ދާއިރު، ސަރުކާރުގެ ވެރިން ނުފެންނަ ކަމަށާއި އެންމެ ކުޑަމިނުން ރައްޔިތުންނާ ބައްދަލުވެސް ނުކުރާ ކަމަށެވެ. ޝަރީފް ވިދާޅުވީ އެކަމުން އެނގިގެން ދަނީ ރައްޔިތުންނާ މެދު ވެރިންގެ އެއްވެސް ހަމްދަރުދީއެއް ނެތް ކަމެވެ.

މެމްބަރު ވަނީ ސަރުކާރުން ކޮވިޑުގެ ތެރޭގައި ވެންޓިލޭޓަރުތަކުންނާއި އޮކްސިޖަން ސިލިންޑަރުތަކުން ވެސް ވައްކަން ކުރި ކަމަށް ކުރައްވާ ތުހުމަތު މިއަދު ވެސް ތަކުރާރު ކުރައްވައިފަ އެވެ.

"މިކަންކަން ފޮރުވަން އެމްއެމްޕީއާރްސީގެ ލިސްޓު ނެރުނީ. އަޅުގަނޑު ދަންނަވާލަން ބޭނުން 2024 ގައި އެމްއެމްޕީއާރްސީގެ ދެވަނަ ލިސްޓެއް ނުކުންނާނެ. އެ ލިސްޓުގައި 19 މިލިއަން ރުފިޔާ އަހްމަދު އަދީބުގެ ގެއިން ބަލާދިޔަ ފަރާތާ އޭރު އެތަނުގައި ތިބި އޭރުގެ ސަރުކާރުގެ ދެ ވަޒީރުންނާ މަޖިލިސް މެމްބަރުން ވެސް ތިއްބަވާނެ. އެބޭފުޅުން އެ ވާހަކަތައް ދައްކަވާނެ،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ 2024 ގައި އެ ލިސްޓު ނުކުމެގެން ސައްހަ ގޮތެއްގައި މަސައްކަތް ކޮށްގެން ނޫނީ މި ގައުމުގައި އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. ނަމަވެސް އެ މައުޟޫއުގައި އިތުރަކަށް މެމްބަރު ވާހަކައެއް ނުދައްކަވަ އެވެ.

ކޮވިޑް19 ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމާއެކު، އިންސާފު ގާއިމުކޮށްދިނުމަށް ވެސް މެމްބަރު ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.

އެމްއެމްޕީއާރްސީ ބޭނުންކޮށްގެން ކޮރަޕްޝަނާއި ހިޔާނާތް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ނުވަތަ އެ މައްސަލައިގެ ތެރެއިން މާލީ މަންފާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި ސަލާމަތީ ހިދުމަތްތަކުގައާއި، ޝަރުއީ ދާއިރާގައާއި، މިނިވަން މުއައްސަސާތަކުގައާއި، ރައްޔިތުންގެ މަޖިލީހުގައާއި، މިނިސްޓަރުންގެ ގޮތުގައާއި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ކުރީގައި މަސައްކަތްކޮށްފައިވާ ފަރާތްތަކާއި މިހާރުވެސް މަސައްކަތްކުރަމުން ގެންދާ ފަރާތްތައް ހިމެނެ އެވެ.

comment ކޮމެންޓް