ނަފްރަތު ހުއްޓުވާ ވާހަކަ ދައްކާން ވާނީ ރަހުމުގެ އަހުލުވެރީންނެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ޓެރަރިސްޓް ހަމަލާ ކުއްވެރިކޮށް، ފަލަސްތީން މިނިވަން ކުރުމަށް ގޮވާލާ ދުނިޔޭގެ އެކު ގައުމުތަކުގެ ރައްޔިތުން މުޒާހިރާކުރުން -- ފޮޓޯ/ އޭޕީ

މި މަހުގެ 18 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަށް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމު މައްސަލައެއް ހުށައެޅުއްވި އެވެ. "ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ލެއި ހުއްދަ ކުރުމަށް ގޮވާ މީހުންނާ މެދު އަވަސް ފިޔަވަޅު އެޅުމަށް" އެދިވަޑައިގެން ހުށައެޅުއްވި މައްސަލައެކެވެ. މައްސަލަ ހުށައަޅުއްވަމުން މީކާއީލް ދެއްކެވި ވާހަކަތައް ކިޔައިލުމުން، އޭނާގެ ކޯފާގެ އަމާޒަކީ "ހައްދުފަހަނައެޅި އިސްލާމީ ފިކުރުގެ މީހުންނޭ" ބުނެ ސިފަ ކުރެވޭ މީހުންކަން ވަރަށް ރަނގަޅަށް އެނގެއެވެ. މަޖިލިހުގެ ޔައުމިއްޔާގެ 5 ވަނަ ސަފުހާ ބައްލަވައިލައްވާށެވެ.

އެންމެ ފުރަތަމަ ވެސް، އޮޅުމެއް ފިލުވައިލަމާ ހިންގަވާށެވެ. ހަރުކަށި، ނަފުރަތްތެރި، ނުވަތަ ހައްދުފަހަނައެޅި "އިސްލާމީ" ފިކުރެއް ނޯންނާނެއެވެ. ކޮންމެ މީހަކު ކޮންމެ ކަމަކާ ގުޅިގެން ހިންގާ ނުވަތަ ފަތުރާ ކޮންމެ ފިކުރަކަށް ވިޔަސް، އެ ފިކުރެއް ހަރުކަށިކަމުގެ، ނުވަތަ ނަފުރަތްތެރިކަމުގެ، ނުވަތަ ހައްދުފަހަނައެޅުމުގެ ގޯޅި އަޅާ ހިސާބުން، އެ ފިކުރު ވެގެން ދާނީ އިސްލާމް ދީނާ ޚިލާފު ފިކުރަކަށެވެ. "ޣައިރު އިސްލާމީ" ފިކުރަކަށެވެ. މި ނުކުތާގެ މުހިއްމުކަން ފަށްފަށް ކޮށް ފާހަގަ ކުރަމެވެ. އެއާއެކު، އަޅުގަނޑުމެން ގަބޫލު ކުރާން ވީ ހަގީގަތަކީ، އަޅުގަނޑުމެން މުސްލިމުންގެ ތެރެއިން މަދު ބަޔަކު ޣައިރު އިސްލާމީ ހަރުކަށި އަދި ރުޅިވެރި ފިކުރުތަކަކާއި ޝުއޫރުތަކެއްގެ ކަސްތޮޅުތަކުގައި ގައިދު ވެފައި ތިބި ކަމެވެ. އިސްލާމް ދީނުގެ ދުޝްމަނުން ކަމަށް އެމީހުން ގަބޫލު ކުރާ ބަޔަކާ ދެކޮޅަށް ބަދަލު ހިފުމުގެ އަމަލުތައް ހިންގުމުގެ ވިސްނުން އެމީހުންގެ ކިބައިގައި ހުންނަކަމެވެ. އެފަދަ މީހުންނާ މެދު ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެކެވެ. އެމީހުން އިސްލާހު ކުރެވޭތޯ ބެލުމެވެ. އިސްލާމް ދީނުގެ ހެޔޮ މަގަށް އެމީހުން އިއާދަ ކުރެވޭތޯ ބެލުމެވެ. އެމީހުން ކުރެ އިސްލާހު ނުވެއްޖެ ބައެއްގެ ފުށުން މުޖުތަމައު ރައްކައުތެރި ކުރުމެވެ. މި ފިޔަވަޅުތައް އެޅުމުގެ ހެޔޮ ނިޔަތާއި މަގުސަދުގައި ގާނޫނުތަކާއި ގަރާރުތަކާއި އަމަލީ މަގުޗާޓުތައް ގެނެވޭ ނަމަ، އެކަމަށް މަރުހަބާ ކިޔާން ވެސް ވާނެއެވެ.

ނިޔަތް ރަނގަޅުބާ!

ނަމަވެސް މީކާއީލް ފަދަ ބެއިފުޅުންގެ ނިޔަތާއި މަގުސަދާ މެދު އިތުބާރު ކުރެވޭނޭ ގޮތެއް ނެތެވެ. އެ ބެއިފުޅުން މަސައްކަތް ކުރައްވަނީ އަޅުގަނޑުމެންގެ ތެރޭގައި "ހަރުކަށި" ނުވަތަ "ނަފުރަތްތެރި" ބަޔަކު ތިބުމުގެ ސަބަބުން ދިވެހި ގައުމާއި އިސްލާމީ އުއްމަތަށް ގެއްލުން ވާތީ ކަންބޮޑު ވެވަޑައިގެން ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެ ގެއްލުންތަކުން ގައުމާއި އުއްމަތް ސަލާމަތް ކުރުމުގެ ނިޔަތުގައި ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެތައް ސަބަބުތަކާ ހުރެއެވެ.

މައިގަނޑު އެއް ސަބަބުގެ މައްޗަށް ކުރު ގޮތަކަށް ބަލައިލަމާތޯއެވެ؟

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން) ގެ ހަރުކަށި އަދި ނަފުރަތްތެރި ރިޕޯޓުގެ މަތީން ހަނދާން ކުރައްވާށެވެ. އޮޅުމެއް ނެތް ގޮތުގައި އެ ރިޕޯޓަކީ އެންމެ ނުބައި ނަފްރަތުގެ މިސާލެކެވެ. ﷲ ތަޢާލާގެ ރަސްކަންފުޅާއި، އެކަލާނގެ ރަސޫލާ އަދި އިންސާނިއްޔަތު ދުށް އެންމެ މަތިވެރި ސާހިބާއާއި، އިސްލާމް ދީނާ ދެކޮޅަށް ފަތުރާ ނަފްރަތަށް ވުރެ ބޮޑު ނަފްރަތެއް އޮންނާނޭތޯއެވެ؟ ޔަގީނެވެ! "އެމްޑީއެން ފިކުރުގެ" މީހުން އަޅުގަނޑުގެ މި ބަހަށް ދެކޮޅު ހަދައި އިއުތިރާޒު ކުރާނެއެވެ. ނަމަވެސް އަޅުގަނޑުމެން މުސްލިމުންގެ ނިޔާގައި އެންމެ ނުބައި ނަފްރަތަކީ އަދި އެންމެ ބޮޑު ހަރުކަށިކަމަކީ ﷲ އާއި ރަސޫލާއާ ދެކޮޅަށް ދައްކާ ފިރްޢައުނީ، ހާމާނީ، ނަމްރޫދީ، އަދި އަބޫޖަހުލީ ނަފްރަތާއި ހަރުކަށިކަމެވެ. އެއާއެކު، އެކަކު ވެސް ހަނދާން ނައްތައިލައިގެން ނުވާނޭ ކަމަކީ، މި ދިވެހިރާއްޖެއަކީ 900 އަހަރު ކުރީއްސުރެ މުސްލިމުންގެ ބިމެއް ކަމާއި، މި ބިމުގައި ކަންކަން ވަޒަން ކުރެވޭނީ އިސްލާމް ދީނާއި މުސްލިމުންގެ ތިލަފަތުން ކަމެވެ. ވީމާ، ހުޅަނގުގެ ފިކުރުތަކަށް އަޅުވެތި ވެތިބެ، "ވެސްޓޮކްސިފިކޭޝަން" ގެ ފަސާދައިން ސިކުނޑިތައް ފަސާދަ ވެތިބެ، "އިސްލާމޮފޯބިއާ" ގެ ނަފްސާނީ ބަލީން ބަލި ވެތިބެ، މުސްލިމުންގެ މައްޗަށް ކޮންމެ ގޮތަކުން ވިޔަސް ހުޅަނގުގެ ފިކުރުތައް ފެއްތުމުގެ މަގުސަދުގައި އިސްލާމް ދީނަށް ބަދުބަސް ބުނުމަށް ވުރެ ސީރިޔަސްކަން ބޮޑު ހަރުކަށިކަމެއް މި ގައުމުގައެއް ނޯންނާނެއެވެ. އަޅުގަނޑުމެންގެ ވަޒަން ކުރުމުގައި އެއަށްވުރެ ނުބައިކަން ބޮޑު ނަފްރަތެއް ވެސް ނޯންނާނެއެވެ.

ސުވާލަކީ، މި ދެންނެވި ނަފްރަތާއި ހަރުކަށިކަމާއި "ފޭޝިޒަމް" ގެ ވިހަ ދިވެހި ގައުމުގައި ފަތުރައިލެވުނު ދުވަހު، މީކާއީލްމެން ކުރެއްވީ ކޮން ކަމެއްތޯ، މިއެވެ! މި ބެއިފުޅުންނަކީ އިޚްލާސްތެރި ގޮތެއްގައި ހަރުކަށިކަމާއި ނަފްރަތާ ދެކޮޅަށް މަސައްކަތް ކުރައްވާ ބެއިފުޅުން ނަމަ، އެ ދުވަހު އެމްޑީއެން އާ ދެކޮޅަށް ސާބިތުކަމާ އެކު ތެދު ވެވަޑައިގަތީހެވެ. އެމްޑީއެންގެ ނަފްރަތާއި ހަރުކަށިކަމާ ދެކޮޅަށް ޒިންމާ އަދާ ކުރެއްވީހެވެ. އެމްޑީއެންގެ ލީޑަރުންނާއި މުހައްރިކުން ދިވެހި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަކަނުދެއްވީހެވެ. ދިވެހި ދައުލަތުގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް މާތް ވެގެން ވާ އިސްލާމް ދީނަށް ތައުހީނު ކޮށް ޗެލެންޖު ކުރުމަށް ފަހު، ގާނޫނުގެ އަތް ނުފޯރާހައި އުސް ހިސާބުހިސާބުގައި ހުންނަ ޓަވަރުތަކާއި ގަނޑުވަރުތަކުގައި އެމީހުން ތިއްބަކަނުދެއްވީހެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތާއި ދިވެހި މުސްލިމުންގެ ޖަޒުބާތުތަކަށް ކުޅު ޖެހުމަށް ފަހު، ރައްޔިތުންގެ މައުމޫލު ފައިސާއިން މިލިއަނުން ކައިގެން ގައުމުގެ ކަންކަމުގައި ބަސް ބުނާ ބައެއްގެ ގޮތުގައި އެމީހުން ތިއްބަކަނުދެއްވީހެވެ. އެފަދަ ގޮތަކަށް ގައުމުގެ ސަފުތަކުގައި ރުޅިވެރިކަމާއި ނަފްރަތުގެ ކެންސަރު އާލާ ވެ، ނަތީޖާއެއްގެ ގޮތުން ހަރުކަށި އަމަލުތައް ފެތުރިގެން ދާން ދޫ ކޮށްލައްވައިގެން ނުވާނޭތާއެވެ! އަމިއްލަ ފިކުރު އެއްފަރާތް ކުރައްވައިފައި ވިޔަސް، ގައުމުގެ ހައްގުގައި ޒިންމާ އަދާ ކުރައްވާން ވާނޭތާއެވެ! އެކަމެއް ވެސް ނުކުރެއްވިއެވެ. ރައްޔިތުންގެ މަންދޫބެއްގެ ވާޖިބަކީ އަމިއްލަ ރައުޔާއި ޒައުގު ރައްޔިތުންގެ ޝުއޫރުތަކާ ފުށު އަރައިފި ހާލަތެއްގައި ރައްޔިތުންގެ އިރާދާ ނަގަހައްޓައިދިނުން ކަމެއް ވެސް ގަބޫލެއް ނުކުރެއްވިއެވެ. މި ބެއިބެއިފުޅުންގެ ނިޔަތާ މެދު އިތުބާރު ނެތް ސަބަބަކީ މިއެވެ.

ނަފްރަތްތެރިކަމާ ދެކޮޅު ގާނޫނު

މީކާއީލް އަޙްމަދު ނަސީމު ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި، "ހަރުކަށި ފިކުރޭ" ވިދާޅުވެގެން އެ ކިޔުއްވި އެއްޗެތިތަކެއް ކިޔުއްވުމުގެ އެއް ދުވަސް ކުރީން، މީޑިޔާއިން ސަމާލުކަން ދަމައިގަތް ޚަބަރެއް ފެނުނެވެ. "ނަފްރަތުގެ އަމަލުތައް ހިންގުން" ތަޖުރީމު ކުރާ ގާނޫނެއް ހެދުމަށް ޓަކައި، ބަންޑާރަ ނާއިބުގެ އޮފީހުން ބިލެއްގެ ދެލިކޮޕީ އެކުލަވައިލައްވައި ރައީސް އޮފީހަށް ފޮނުއްވެވި ޚަބަރެވެ. އެ ބިލެއްގައި އޮތީ ކޮން ވާހަކަތަކެއްކަމެއް، ބިލުގެ މަގުސަދުތަކަކީ ކޮބައިކަމެއް، ސާފެއް ނޫނެވެ. އެ މައުލޫމާތުތައް އަދިއެއް ރަސްމީ އެއްވެސް މަސްދަރަކުން އެނގޭކަށެއް ނެތެވެ.

އެނގޭ ކަމަކީ، ރާއްޖޭގައި ޣައިރު އިސްލާމީ ހަރުކަށި ފިކުރުތަކެއް ގެންގުޅޭ މުސްލިމުންތަކެއް ތިބި ފަދައިން، ދިވެހި ގައުމުގެ ސިޔާސީ، އިޖުތިމާއީ، އަދި އިގުތިސާދީ ހަޔާތުގެ އެންމެހައި ކަންކަމުން އިސްލާމް ދީނުގެ ބަހާއި ބާރާއި ދައުރު ނެއްތައިލުމުގެ މަސައްކަތަށް ފޫ ގަޅައިގެން ތިބި ބަޔަކު ވެސް ތިބި ކަމެވެ. އާދެ، "ވެސްޓޮކްސިފައިޑް" އަދި ފިކުރީ ގޮތުން އިސްތިއުމާރު ވެފައި ތިބި "އިސްލާމޮފޯބުން" ނާއި "އަލްމާނީންގެ" ބަޔަކު ތިބިކަމެވެ. އަދި އަޅުގަނޑުމެން އެންމެ ފުރަތަމަ، އަދި އެންމެ ސީރިޔަސް ފިޔަވަޅުތަކެއް އަޅާން ވާނީ ﷲ އާއި އެކަލާނގެ ނަބިއްޔާ އާއި އިސްލާމް ދީނާއި މުސްލިމް އުއްމަތާއި މުސްލިމުންނާ ދެކޮޅަށް މި ދަންނަވާ އިސްލާމޮފޯބުންނާއި އަލްމާނީން ދައްކަމުން ގެންދާ ނަފްރަތާ މެދު ކަމެވެ. ދައުލަތުން އެންމެ އިސްކަން ދޭން ވާނީ މި ބާވަތުގެ ނަފްރަތްތެރީން އިސްލާހު ކުރުމަށާއި، އެއިގެ ތެރެއިން އިސްލާހު ނުވި ބަޔަކުގެ ނަފްރަތުގެ ވިހައިން ދިވެހި އިސްލާމީ ދީބު ރައްކައުތެރި ކުރުމަށްކަމެވެ. ފާހަގަ ކުރާން ޖެހޭ ކަމަކީ، އެންމެ އުނދަގޫ ވާނީ ވެސް މި ބާވަތުގެ ނަފްރަތްތެރިކަމުން މުޖުތަމައު ރައްކައުތެރި ކުރުން ކަމެވެ. އެހެނީ، މި ވައްތަރުގެ ނަފްރަތްތެރީންނަކީ ހުޅަނގުގެ ޕުރޮޕެގެންޑާތަކުގެ ބާރުގައި ސިކުނޑި ދޮވެލެވިފައި ތިބޭ ހާލު، ތިމާމެންނަކީ "އެންލައިޓްންޑް އެލީޓް" އެއް ކަމަށް އަމިއްލަޔަށް ދެކެގެން އުޅޭ ބައެކެވެ. ތިމާމެންނަކީ "އެޑިޔުކޭޓެޑް އިންޓެލިޖެންޓސިއާ" އެއް ކަމަށް ހިތުލައިގެން އުޅޭ ބައެކެވެ. ތިމާމެންނަކީ އެހެން މީހުންނަށް ނުވިސްނޭ ކަންތައްތަކެއް ވިސްނޭ، މާ "ބްރޯޑްމައިންޑެޑް" މީހުންތަކެއް ކަމަށް ގަބޫލު ކޮށްގެން އުޅޭ ބައެކެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ފަރާތްތަކުގެ "ބެލެނިވެރިކަމުގެ" ދަށުގައި ތިބެގެން މަސައްކަތް ކުރަމުންދާ ބައެއް މެއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، މިފަދަ މީހުންނަށް ހަގީގަތް ބުނެދިނުން ވާނީ އާދަޔާ ޚިލާފަށް އުނދަގޫ ކަމަކަށެވެ. ވަރަށް ގިނަ ފަހަރު، މުސްތަހީލު ކަމަކަށެވެ.

ކޮންމެއަކަސް، މި ދެންނެވި ބާވަތުގެ މީހުން އަޅުގަނޑުމެންގެ ދީނާއި އަޅުގަނޑުމެންގެ އިސްލާމީ ޝަޚްސިއްޔަތާ ދެކޮޅަށް ފަތުރާ ނަފްރަތަކީ، މި ގައުމުގެ އުދަރެހުން ފެންނަ އެންމެ އަނދިރި އަދި އެންމެ ކަޅު ވިލާގަނޑެވެ. އެ ނަފްރަތަކާ މެދު ފިޔަވަޅުތައް އެޅުމަށް އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދޭން ވީ ނަފްރަތެވެ.

ހަރުކަށިކަމާއި ނަފްރަތު ނެއްތައިލުމުގެ މަގު

ފަށަމުން ވެސް ދެންނެވި ފަދައިން، ޣައިރު އިސްލާމީ ހަރުކަށި އަދި ރުޅިވެރި ފިކުރުތަކަކާއި ޝުއޫރުތަކުގެ ކަސްތޮޅުތަކުގައި ހަފުސް ވެފައި ތިބި، އަދި އިސްލާމް ދީނުގެ ދުޝްމަނުން ކަމަށް އެމީހުން ގަބޫލު ކުރާ ބަޔަކުގެ ކިބައިން އަނިޔާވެރި ގޮތްގޮތަށް ބަދަލު ހިފުމުގެ ވިސްނުން ގެންގުޅޭ ބަޔަކު އަޅުގަނޑުމެން މުސްލިމުންގެ ތެރޭގައި ވެސް އެބަ ތިއްބެވެ. މި މީހުން އިސްލާހުގެ މަގަށް ގެނައުން ވެސް ވަރަށް މުހިއްމެވެ. އެމީހުން ކުރެ އިސްލާހު ނުވި ބަޔަކުގެ ކިބައިން ގައުމާއި އިސްލާމީ އުއްމަތާއި އަދި އެހެނިހެން މީސްތަކުން ވެސް ސަލާމަތް ކުރުމަކީ ހަމަ ވަރަށް މުހިއްމު ކަމެކެވެ.

ނަމަވެސް، އެ ކަން ކުރެވޭނީ، އެމީހުންނާ ކުރިމަތިލުމުގައި އަޅުގަނޑުމެން ގެންގުޅޭ ސިޔާސަތުތަކަކީ ހަރުދަނާ ސިޔާސަތުތަކަކަށް ވެގެންނެވެ. އެމީހުން ހަރުކަށި އަދި ރުޅިވެރި ވިސްނުންތަކުގެ ތެރެޔަށް ދާ ސަބަބުތައް ނުވަތަ އަސްލުތައް ދެނެގަނެވި، އެ ކަންކަން ނެއްތައިލެވިގެންނެވެ. "ގުއާންޓަނަމޯ ބޭ" ތަރީގާ އާއި، "އިންގްލިޝް ޑިފެންސް ލީގް" ގެ ފަލްސަފާތަކާއި، އިމޭނުއެލް މޭކްރޯންގެ ސިޔާސަތުތައް ކޮޕީ ކޮށް ތަންފީޒު ކޮށްގެނެއް އެކަމެއް ނުވާނެއެވެ. އެމްޑީއެންގެ އަޚްލާގީ ގޮތުން ބަނގުރޫޓު ވެފައި ވާ އަދި އިލްމީ ގޮތުން ޚިޔާނާތްތެރި ރިޕޯޓާއި، އެ ފިކުރުގެ މީހުންގެ "އިސްލާމޮފޯބިކް ބިގޮޓްރީ" އަކީ ދިވެހި ދައުލަތަށް "ޓެރަރިޒަމާ ބެހޭ ކޮންސަލްޓަންސީ" ހޯދާ މަސްދަރުތައް ކަމަށް ހަދައިގެން އެކަމެއް ނުވާނެއެވެ. މި ދެންނެވި ކަންކަމަށް ތަބައަ ވުމުން، ނުކުންނާނޭ ހަމައެކަނި ނަތީޖާތަކަކީ ހަރުކަށިކަމާއި ރުޅިވެރިކަމުގެ މަގަށް ދާ މުސްލިމުން ގިނަ ވުމެވެ. އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ހަރުކަށިކަމާއި ރުޅިވެރިކަމުގެ ފިކުރުތަކުގެ ތެރެއަށް ގޮސް "ރެޑިކަލައިޒް" ވުން ހުއްޓުވޭނީ އެކަމުގެ އަސްލުތަކާއި ސަބަބުތައް ހެޔޮ ގޮތުގައި ދެނެގަނެވިގެންނެވެ. އެ އަސްލުތަކާއި ސަބަބުތައް ނެއްތައިލެވިގެންނެވެ.

ހަރުކަށިކަން ނައްތައިލުމަށް ގޮވައިލެވޭ، އަދި ނަފުރަތު ނެއްތައިލުމަށް ޓަކައި ގާނޫނު ހެދުމުގެ މަސައްކަތް ކުރެވޭ ވަގުތެއްގައި، މި އިޝާރާތް ކުރާ އަސްލުތަކާއި ސަބަބުތަކަކީ ކޮބައިތޯ ބަލައިލުން ވެސް މުހިއްމު ކަމަށް ފެނެއެވެ.

އަސްލަކީ އިސްލާމް ދީންތަ؟

އެމްޑީއެން "ފިކުރުގެ" މީހުން ދެކޭ ގޮތުގައި، މުސްލިމުންގެ ތެރޭގައި ހަރުކަށި، ނަފްރަތްތެރި، އަދި ރުޅިވެރި ބަޔަކު އުފެދުމުގެ އަސްލަކީ ނުވަތަ ސަބަބަކީ ސީދާ އިސްލާމް ދީނެވެ. ކީރިތި ޤުރްއާނުގެ ތައުލީމާތެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުނގަންނައިދެއްވުންތަކެވެ. އެކަލޭގެފާނު ދެއްކެވި ނަމޫނާއެވެ. އެމްޑީއެންގެ ރިޕޯޓުގައި މި ވާހަކަ ސަރީހަ ބަހުން ބުނެ، އިތުރު އެކަލޭގެފާނަކީ "ހަރުކަށި ބެއިފުޅެއް" ކަމަށް ސިފަ ކޮށްފައި ވެސް ވެއެވެ.

މިއަދު ކޮންމެ މުސްލިމް ގައުމެއްގައި ހެން، ހަރުކަށި ފިކުރާއި ނަފްރަތާއި ޓެރަރިޒަމުގެ އަސްލަކީ ސީދާ އިސްލާމް ދީން ކަމަށް ސަރީހަކޮށް ނުވަތަ ވައްބަސްތަކުންނާއި އަމަލުން ބުނާ "މުސްލިމުންތަކެއް" އެބަ ހަރަކާތްތެރި ވެއެވެ. އެއީ ހުޅަނގުގެ ބާރުހުރި ފަރާތްތަކުން އިސްލާމް ދީނާއި މުސްލިމް އުއްމަތާ ދެކޮޅަށް ކުރަމުން ގެންދާ ފިކުރީ ހަނގުރާމައިގެ ޝިކާރައަށް ވެ، ސިކުނޑި ދޮވެލެވިފައި ތިބޭ މީހުންނެވެ. މީގެ ގިނަ މީހުންނަކީ، ހުޅަނގުގެ ކޮންމެވެސް ގައުމެއްގައި ކިޔެވުން ފަދަ ބޭނުމެއްގައި މުއްދަތެއްގައި އުޅެވި، އެ ތަޖުރިބާގެ ވާސިތާއިން "ވެސްޓޮކްސިފިކޭޝަން" އާއި ލާދީނިއްޔަތުގެ މަގަށް ގޮސްފައި ތިބޭ މީހުންނެވެ. މިފަދަ މީހުން ދައްކާ "އޮރިޖިނަލް" ވާހަކަތަކެއް ނުހުންނާނެއެވެ. ތަކުރާރު ކޮށް އެއުރެން ދައްކާނީ ހުޅަނގުގެ "އިސްލާމޮފޯބުންގެ" ދޮގުވެރި ވާހަކަތަކެވެ. މުސްލިމުން ކުރެ ސިކުނޑި ދޮވެލެވިގެން ދީނާ ދުރު ވެ، ދީނަށް އެއްޗެތި ގޮވައި، އެ މަސައްކަތުގެ އުޖޫރައެއްގެ ގޮތުގައި ލިބޭ "ޑޮނޭޝަން" އަދި "ރިސާރޗް ފަންޑިންގ" ފައިސާއިން ކައިގެން ބޮއިގެން އުޅޭ މީހުން ކިޔާ އެއްޗެއްސެވެ. ރޮބަރޓް ސްޕެންސަރ އާއި، ފްރޭންކް ގެފްނީ އާއި، ޕަމެލާ ގެލަރ އާއި، ގެއަރޓް ވިލްޑަރޒް އާއި، އަޔާން ހިރްސީ އަލީ އާއި، މަޖްދީ އައްލާމް ފަދަ މީހުން ފަތުރާ އެއްވެސް އިލްމީ އަސާސެއް ނެތް ނަފްރަތްތެރި ވާހަކަތަކާއި ދޮގުތަކެވެ. އެމްޑީއެންގެ ރިޕޯޓުގައި ހުރި އެއްޗެއްސާ، މި ދެންނެވި މީސްމީހުން ލިޔެފައި ހުންނަ އެއްޗެއްސާ އަޅައިކިޔުއްވައިލައްވާށެވެ. ހުންނާނީ ހަމަ އެކައްޗެކެވެ. ފަށްފަށް ކޮށްފައި ހުންނަ އަސްލެއް އަދި އަސާސެއް ނެތް ދޮގުތަކެވެ. ދޮގުގެ އެންމެ ނުބައި އެއް ވައްތަރު ކަމަށް ވާ ބައިކުޅަބައި ތެދެވެ. އުފާ ކުރާން ވީ ކަމަކީ، މި ދަންނަވާ އިސްލާމޮފޯބުންނާއި، އެމީހުންގެ ދޮގުވެރިކަމާއި ތައައްސުބާއި ނަފުރަތްތެރިކަމާއި އިންތިހާޔަތު، އަދި އެމީހުންގެ އިލްމީ އުނިކަން، ހަރުދަނާ އިލްމުވެރީންގެ މަސައްކަތްޕުޅުން މިހާރު ބޭޒާރު ވެ ނިމިފައި ވާކަމެވެ. މުހިއްމު އެއް މިސާލަކީ، މަތީގައި އެ މީހެއްގެ ނަން ގެނެވުނު ރޮބަރޓް ސްޕެންސަރ، މާތް ނަބިއްޔާ އާއި، ކީރިތި ޤުރްއާނާއި، އިސްލާމް ދީނަށް ނިސްބަތް ކޮށް ހަދަމުން ގެންދާ އެމްޑީއެން ބާވަތުގެ އެތައް ސަތޭކަ ދޮގުތަކާ މެދު، ހުޅަނގުގެ ދުނިޔޭގައި ފަހަކަށް އައިސް ދީނާއި ދީނީ ތާރީޚުގެ ދާއިރާއިން އުފެދުނު އެންމެ ފުންނާބު އުސް އެއް އިލްމުވެރިޔާ ކަރެން އާރމްސްޓްރޯންގ ފައިނޭންޝަލް ޓައިމްސް އަށް ލިޔުއްވި މި މަޒުމޫނުގައި ވިދާޅުވެފައި ވާ ހަރުކަށި ބަސްފުޅުތަކެވެ. އާރމްސްޓްރޯންގގެ އިތުރުން، މި މީސްމީހުންގެ ހަގީގަތް ހާމަ ކުރައްވައި އިލްމީ ބެއިފުޅުން ކުރައްވައިފައި ވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، ނޭތަން ލީންގެ "ދި އިސްލާމޮފޯބިއާ އިންޑަސްޓްރީ" އާއި، ޑޭވިޑް ޓައިރަރގެ "ދަ ޕޮލިޓިކްސް އޮފް އިސްލާމޮފޯބިއާ" އާއި، މުސްޠަފާ ޒާޔިދްގެ "ދަ ލައިޒް އެބައުޓް މުޙައްމަދް" އާއި، ޚާލިދް ބެއިދޫންގެ "އެމެރިކަން އިސްލާމޮފޯބިއާ" ފަދަ ފޮތްތަކަކީ އަޅުގަނޑުމެން އެންމެން ވެސް ކިޔައިލުން މުހިއްމު ފޮތްތަކެއް ކަމަށް އަޅުގަނޑު ދެކެމެވެ.

މުސްލިމުން ކުރެ މަދު ބަޔަކު ހަރުކަށިކަމުގެ މަގުގައި ހިނގަނީ އިސްލާމް ދީނުގެ ސަބަބުން ކަމަށް، ހަސަދައާއި ނަފްރަތުން ފުރިފައި ތިބި ބަޔަކު ބުނާ ބުނުމަކީ ހަގީގަތެއް ނޫންކަން އަންގައިދޭ ފުރަތަމަ ހެއްކަކީ މިއެވެ. ދުނިޔޭގެ މުޖުތަމައުތަކަށް ނަޒަރު ހިންގަވާށެވެ! ދުނިޔޭގެ ހުރިހައި ހިސާބުތަކެއްގައި މުސްލިމުން އުޅެއެވެ. ޖަޕާނުން ފެށިގެން ގޮސް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއާ ހަމަޔަށެވެ. ޔޫރަޕުގެ ގައުމުތަކުގައި އެތައް މިލިއަން މުސްލިމުން އެބަ ތިއްބެވެ. ދުނިޔޭގެ މުސްލިމުންގެ އަދަދަކީ ގާތްގަނޑަކަށް ދެ ބިލިއަނެވެ. އިސްލާމް ދީނަކީ ހަރުކަށިކަމާއި ނަފްރަތުގެ ދީނެއް ނަމަ، ދުނިޔޭގެ މުސްލިމުންގެ ތެރެއިން އެންމެ 10 އިންސައްތަ މީހުން އެ ދީނަށް އަމަލު ކުރާ ހާލަތުގައި ވެސް ދުނިޔޭގައި 200 މިލިއަން "މުސްލިމް ޓެރަރިސްޓުން" ތިބޭނެއެވެ. އެފަދަ ދުނިޔެއެއްގައި ވާނޭ ގޮތް ތަސައްވުރު ކޮށްލައްވާށެވެ!

ހެޔޮ ހިތަކާއި ހަރުދަނާ ސިކުނޑިއަކާ އެކު ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތް ދިރާސާ ކޮށް ބަލައިފި ކޮންމެ މީހަކު މެ އިއުތިރާފު ވާން ޖެހޭނޭ ހަގީގަތަކީ، އިސްލާމް ދީނަކީ ހަރުކަށިކަމާއި ނަފްރަތުގެ ދީނެއް ނޫން ކަމެވެ. ރަހުމަތާއި އޯގާވެރިކަމާއި މަޑުމޮޅިކަމުގެ ދީނެއް ކަމެވެ. މިފަދަ ކޮލަމެއްގައި މި ވާހަކަ ތަފްސީލުކޮށް ދެއްކުމަކީ އެކަށޭނަ ކަމެއް ކަމަށް ނުވިޔަސް، ޚުލާސާ ގޮތަކަށް މި ބަހުގެ ތެދުކަން އަންގައިދޭ ބައެއް ހެކިތަކަށް އިޝާރާތް ކޮށްލާނަމެވެ.

ކާއިނާތުގެ ވެރި އިލާހަކީ "އޯގާވަންތަ އަދި އޯގާވެރި ވެ ވޮޑިގަންނަވާ" އިލާހު ކަމަށް އެ ފޮތެއްގެ ބާބުތަކުގެ ފެށުމުގައި ތަކުރާރުކޮށް ބަޔާން ކުރާ މުޤައްދަސް ފޮތެއް، ކީރިތި ޤުރްއާން ފިޔަވައި މި ބިންމައްޗަކު ނުވެއެވެ. ކަލާނގެ ޒާތުފުޅު ތައާރަފު ކޮށްދޭ އެންމެ އަސާސީ ނަންއިތުރުތަކެއްގެ ގޮތުގައި އޯގާވެރިކަމާއި ރަހުމާއި ހަމްދަރުދީގެ ނަންއިތުރުތަކެއް ބޭނުން ކޮށްފައި ވާ އެހެން އެއްވެސް މުޤައްދަސް ފޮތެއް ދުނިޔެއަކު ނުވެއެވެ. އިންސާނާ ކުރާ ކޮންމެ އަމަލެއް، ކަލާނގެ އޯގާވަންތަކަމާއި ރަހުމަތްޕުޅުގެ މަތީން ޒިކުރު ކުރަމުން ފެށުމަށް އަންގައި އަމުރު ކުރާ ދީނެއް، އިސްލާމް ދީން ފިޔަވައި ނުވެއެވެ. ކީރިތި ޤުރްއާނުގައި ވަނީ، ކާއިނާތުގެ ރުބޫބިއްޔަތާއި އުލޫހިއްޔަތުގެ ކުރްސިކޮޅުގައި ވޮޑިގެން ވަނީ "އައްރަޙްމާން" – އޯގާވަންތަކަމުގެ ވެރި އިލާހު – ކަމަށެވެ. މުސްލިމް އިލްމުވެރީން ވިދާޅުވާ ގޮތުން، މި ބަރަކާތްތެރި ބަސްފުޅުން ވެސް ދޭހަ ވަނީ، ﷲ ތަޢާލާ އެކަލާނގެ މަޚްލޫޤުތަކުންގެ މައްޗަށް އަމުރުފުޅު ހިންގެވުމުގެ އަސާސީ މާގަ އަކީ އަދި ތަރަހަ އަކީ އެކަލާނގެ ސިފަފުޅުތަކުގެ ތެރެއިން އޯގާވަންތަކަމާއި ރަހުމަތްޕުޅުގެ ސިފަފުޅު ކަމެވެ. އަޅުގަނޑުމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަބީކަމާއި ރަސޫލުކަމާއިގެން ފޮނުއްވެވުނީ ވެސް، ޢާލަމްތަކަށް ރަހުމަތެއް ކަމުގައެވެ. ހަމައެކަނި އެއެއް ނޫނެވެ. ކީރިތި ޤުރްއާނުގައި މި ވާހަކަ ބަޔާން ކުރެއްވި މަތިވެރި އާޔަތުގެ ބަސްމަގުން އެނގޭ ފަދައިން، އިތުރު އެކަލޭގެފާނު ރަސޫލެއްގެ ގޮތުގައި ފޮނުއްވެވުމުގެ ހަމައެކަނި މަގުސަދަކީ ޢާލަމްތަކަށް އިލާހީ ރަހުމަތްޕުޅާއި އޯގާވެރިކަން ފޮނުއްވެވުމެވެ. އާދެ، މުޙައްމަދީ ރިސާލަތަކީ އޭގެ އެތެރެ އާއި ބޭރުގައި ވެސް، އަދި އޭގެ ފެށުމާއި ނިމުމުގައި ވެސް، ރަހުމާއި ހަމްދަރުދީ އާއި ލޯތްބާއި އިންސާނީވަންތަކުގެ މިޝަނެކެވެ.

ކީރިތި ނަބިއްޔާގެ ޙަދީޘްފުޅުތަކުގައި ވެސް އޯގާވެރި ވުމާއި، ރަހުމް ކުރުމާއި، ހަރުކަށިކަމާ ދުރުހެލި ވުމުގެ އަމުރުފުޅުތަކާއި އިރުޝާދުތައް، ދުނިޔޭގެ އެހެން އެއްވެސް ދީނެއްގައި މި ކަންކަމަށް ބާރު އަޅައިފައި ނެތް މިންވަރަށް ދެވިފައި ވެއެވެ. ބުޚާރީ އާއި މުސްލިމުގައި ރިކޯޑު ކުރެވިފައި ވާ ޙަދީޘްފުޅެއްގައި އޮންނަ ގޮތުން، ﷲ ތަޢާލާ އެކަލާނގެ މަޚްލޫޤުތަކުން އުފެއްދެއްވުމަށް ފަހު، އެކަލާނގެ ޢަރުޝިކޮޅުގެ މަތީގައި ވާ ފޮތުގައި ޤަރާރު ކުރެއްވިއެވެ. "ތިމަން ﷲ ގެ ރަހުމަތްޕުޅު، ތިމަން ﷲ ގެ ކޯފާގެ މައްޗަށް އިސް ވެގެން ވެއެވެ." ބުޚާރީ އާއި މުސްލިމުގައި ރިކޯޑު ކުރެވިފައި ވާ އެހެން ޙަދީޘްފުޅެއްގައި އޮވެއެވެ. "ﷲ ތަޢާލާ ރަހުމު ސަތޭކަ ބަޔަށް ބައި ކުރެއްވިއެވެ. ދެން އެކަލާނގެ ކިބަފުޅުގައި އޭގެ ތެރެއިން ނުވަދިހަ ނުވަ ބައި (ޤިޔާމަތް ދުވަހު އެއިން އަޅުތަކުންނަށް ދެއްވެވުމަށް ޓަކައި) ބޭއްވެވިއެވެ. އެއް ބައި ދުނިޔެއަށް ބާވައިލެއްވިއެވެ. ދުނިޔޭގައި ވާހައި މަޚްލޫޤުންގެ ކިބައިގައި އެކަކު އަނެކަކަށް ޓަކައި އަދި އެކަތި އަނެކައްޗަށް ޓަކައި ވާ ރަހުމާއި ހަމްދަރުދީ އަކީ މި އެއް ބައިގެ ތެރެއިން ލިބުނު ހިއްސާއެވެ. ދަންނާށެވެ. ޖަނަވާރު އޭގެ ދަރިޔަށް އޯގާވެރި ވެ، އޭގެ ފައިދޮށުގައި އެ ދަރި ވެދާނޭތީ ފަރުވާތެރި ވަނީ ވެސް އެ ރަހުމާއި ހަމްދަރުދީގެ ސަބަބުންނެވެ." އައްތިރްމިޛީގައި ރިކޯޑު ކުރެވިފައި ވާ ޙަދީޘްފުޅެއްގައި އޮވެއެވެ. ކީރިތި ނަބިއްޔާ ވިދާޅުވިއެވެ. "(މީސްތަކުންނާއި މަޚްލޫގުންނަށް) ރަހުމު ކުރާ މީހާއަށް، ރަހުމު ކުރެއްވުން އެންމެ ބޮޑު ރައްބުގެ ރަހުމަތްޕުޅު ލިބޭނެއެވެ. ބިމުގައި ވާ މަޚުލޫގުންނަށް ރަހުމު ކުރާށެވެ. އެއިރުން އުޑުގައި ވޮޑިގެންވާ ކަލާނގެ ތިޔަބައިމީހުންނަށް ރަހުމު ކުރައްވަވާނެއެވެ." މި ޙަދީޘްފުޅުތަކާ މެދު ވިސްނައިލުމުން، އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ މުހިއްމު އެއް ކަމަކީ، އިސްލާމް ދީނުގެ ރަހުމާއި އޯގާވެރިކަމަކީ ހަމައެކަނި މުސްލިމުންގެ މައްޗަށް އޮތް ކަމެއް ނޫން ކަމެވެ. އިސްލާމް ދީން ބުނާގޮތުން، ﷲ ތަޢާލާގެ ރަހުމަތްޕުޅަކީ މުޅި މަޚްލޫގާތަށް ޝާމިލު އެއްޗެކެވެ. މުސްލިމުން ރަހުމު ކުރާން ޖެހެނީ ވެސް އެންމެހައި މީސްތަކުންނަށެވެ. މުސްލިމުންނާއި ކާފިރުތަކުންނަށް ވެސް މެއެވެ. އަދި އެންމެހައި ދިރޭ އެއްޗެއްސަށް ވެސް މެއެވެ.

ކީރިތި ނަބިއްޔާ ވަނީ، އެކަލޭގެފާނުގެ މި ދެންނެވި އުނގަންނައިދެއްވެވުންތަކުގެ އަމަލީ ނަމޫނާ ވެސް އެންމެ ފުރިހަމަ ގޮތުގައި ދައްކަވައިފައެވެ. ނަޖްރާނުގެ ނަޞާރާއިންނާ މެދު އެކަލޭގެފާނު ކަން ކުރެއްވި ގޮތް ބައްލަވާށެވެ! ސައިނާގެ ސެއިންޓް ކެތަރިން ފައްޅީގެ ނަޞާރާއިންނާ މެދު އެކަލޭގެފާނު ކަން ކުރެއްވި ގޮތް ބައްލަވާށެވެ! އިތުރު އެކަލޭގެފާނުގެ ސިޔަރަތަށް އަހުލުވެރި ކޮންމެ މީހަކު ދަންނާނޭ ފަދައިން، މައްކާގެ މުޝްރިކުން، ދުލަކުން ގަލަމަކުން ބަޔާން ނުކުރެވޭ ފަދަ އަނިޔާ އާއި ދުއްތުރާ، 20 އަހަރަށް ވުރެ ދިގު މުއްދަތެއް ވާންދެން އެކަލޭގެފާނަށް ކުރިއެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނެވެ. އިތުރު އެކަލޭގެފާނުގެ ހަށިކޮޅަށް އަނިޔާ ދީ އެ ހަށިކޮޅުން ލެއި އޮހޮރުވިއެވެ. އިތުރު އެކަލޭގެފާނަށް ނިސްބަތް ކޮށް ހުތުރު އަދި ދޮގުވެރި އެތައް އެއްޗެއްސެއް ގޮވިއެވެ. މީހުންގެ މެދުގައި އެކަލޭގެފާނު ނިކަމެތި ކުރުމަށް ޓަކައި ފުރައްސާރަ ކުރުމާއި މަލާމާތް ކުރުމާއި ހޭރުވުން ފަދަ ކަންކަން ކޮންމެ ދުވަހަކު ކުރިއެވެ. ގެކޮޅުގެ ދޮރުކޮޅުމައްޗަށް ކުނިބުނި އެޅުން ތަކުރާރު ކުރިއެވެ. ހަށިކޮޅަށް ކުނި ކަރުގޮހޮރު އެޅިއެވެ. އެކަލޭގެފާނުގެ ލޮބުވެތި ދަރިދަރިކަނބަލުން އެ މަންޒަރު ދެކެވަޑައިގެން ހިތާމަފުޅާއި ބިރުފުޅުން ކީރިތި ކުރައްވައިއުޅުއްވިއެވެ. އެކަމާ ހުރެ ވެސް އިތުރު ނިހާއީ ހިތްޕުޅުދަތިކަން ތަހައްމަލު ކުރައްވާން އެކަލޭގެފާނަށް ޖެހިވަޑައިގަތެވެ. މި ދެންނެވި ލޮބުވެތި ދަރިދަރިކަނބަލުންގެ ތެރެއިން އެއް ބެއިފުޅަކު ޝަހީދު ވެގެން ދިޔައީ މާބަނޑު ހާލުކޮޅުގައި ޖަމަލެއްގެ މަތީގައި ދަތުރުފުޅު ކުރައްވަމުން ގެންދަވަނިކޮށް، އެކަމަނާގެ ހަށިކޮޅަށް މުޝްރިކުން ލޮންސިއަކުން ހަމަލާ ދީ ޖަމަލުން ވައްޓައިލައިގެން ދިން ބޮޑެތި ޖިސްމާނީ ހާނީއްކަތަކުގެ އާޚިރު ނަތީޖާއެއްގެ ގޮތުންނެވެ. އެ އަނިޔާގެ ސަބަބުން އެކަމަނާ ހައްޔަރުން ވެސް ނެއްޓިވަޑައިގެން، އިތުރު އެކަލޭގެފާނަށް މާފަ ބެއިފުޅަކު ވެސް ގެއްލިވަޑައިގަތެވެ. އެކަލޭގެފާނަށް އެއްބަނޑު އެއްބަފާ އަޚެއް ކަމަށް ފެނިވަޑައިގަތް ހަމައެކަނި ބެއިފުޅާ އަދި އެންމެ ލޯބިފުޅު ވެވަޑައިގަތް ބޮޑުބޭބޭފުޅު ޝަހީދު ކޮށް، އެކަލޭގެފާނުގެ ހަށިކޮޅު ފަޅައި، ގުނަވަންފުޅުތައް ނަގައި، ގަބުރުފުޅުގެ ހުރުމަތް ވެސް ކަނޑައިލިއެވެ. އެކަލޭގެފާނުގެ އަރިސް އެކުވެރީންނަށް ބޮޑެތި ލާއިންސާނީ ހާނީއްކަތައް ކޮށް، ހިތްތައް ފަޅިފަޅި ވެގެންދާ ފަދަ އަނިޔާވެރި ގޮތުގައި އެއިގެ ތެރެއިން އެތައް ބެއިފުޅުންނެއް ޝަހީދު ކުރިއެވެ. މައްކާ ދޫ ކުރައްވައި ހިޖުރަ ކުރެއްވުމުން ވެސް، މުޝްރިކުންގެ އަނިޔާވެރިކަމަކަށް ނިމުމެއް ނައެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ގައުމު ހަލާކު ކޮށްލުމަށް ޓަކައި އަރަބި ކަރައިގެ ސަހަރާގައި ހުރި ހުރިހައި ގައުތަކަށް ދާންދެން ފުރޮޅިއެވެ. ނަމަވެސް އާޚިރުގައި، އެކަލޭގެފާނު ފާތިހެއްގެ ގޮތުގައި، ބޭނުންފުޅު ގޮތަކަށް ކަން ކުރެއްވުމުގެ ފުރިހަމަ އާރާއި ބާރުގައި، މައްކާއަށް ވަޑައިގެން އެ ޝަހަރު ފަތަހަ ކުރެއްވުމަށް ފަހު މި އަނިޔާތައް ކުރި މީހުންނަށް ކުރެއްވީ މައާފެވެ. ކޮން ކަހަލަ މައާފެއްތޯއެވެ؟ އެފަދަ މައާފެއްގެ އެހެން މިސާލެއް އިންސާނީ ތާރީޚުން ފެންނާން ނެތް ފަދަ މަތިވެރި، އިޚްލާޞްތެރި، ފުރިހަމަ، ދީލަތި، އަދި އިންސާނީވަންތަ މައާފެކެވެ. ނަފްރަތާއި ހަރުކަށިކަމާއި އަނިޔާވެރިކަމުގެ އަބަދީ ނަމޫނާއެއް އެކަލޭގެފާނާ ދެކޮޅަށް ދެއްކި މުޝްރިކުންނާ މުޚާތަބު ކުރައްވައި އެކަލޭގެފާނު ވިދާޅުވިއެވެ. "މިއަދު ތިމަން ކަލޭގެފާނު ވިދާޅުވާނީ ޔޫސުފްގެފާނު އެކަލޭގެފާނުގެ އަޚުންނަށް ވިދާޅުވި ބަސްފުޅެވެ. މިއަދު ތިޔަބައިމީހުންގެ ކިބައިން ބަދަލު ހިފުމެއް ނެތެވެ. ތިޔަބައިމީހުން ދާށެވެ. ތިޔަބައިމީހުންނަކީ މިނިވަނުންނެވެ."

މި ދެންނެވި ނުހަނު ކުރު ތިން ހަތަރު ޕެރެގުރާފުން އެކަނި ވެސް، ވިސްނައި ފިކުރު ކުރާ ބަޔަކަށް، އިސްލާމް ދީނަކީ އޯގާވެރިކަމާއި ހަމްދަރުދީ އާއި ރަހުމުގެ ދީން ކަމާއި، މި ދީނުގައި ހަރުކަށިކަމާއި ރުޅިވެރިކަމާއި ނަފްރަތަކަށް ޖާގައެއް ނެތްކަން ސާފު ވާނެއެވެ. މުސްލިމުން ކުރެ ބަޔަކު ހަރުކަށިކަމާއި އަނިޔާވެރިކަމާއި ނަފްރަތުގެ މަގު އިޚްތިޔާރު ކުރަނީ އިސްލާމް ދީނުގެ ތައުލީމާތުތަކުގެ ސަބަބުންނޭ ބުނެ ދެކެވޭ ވާހަކައަކީ އެއްވެސް ދިމާޔަކުން ފެންނުހިފޭ ވާހަކަތަކެއްކަން ސާބިތު ވާނެއެވެ. މީގެ އިތުރު ވާހަކަތަކެއް ޒިކުރު ކުރަންޏާ، އިސްލާމީ ތާރީޚުގެ ސަފުހާތަކަށް ބެލުމުން، މުސްލިމުންނަކީ ދުނިޔޭގެ ތާރީޚު ދުށް އެންމެ އޯގާވެރި ގައުމުކަން ވެސް ސާބިތު ވާނެއެވެ. އެ މަޒުމޫނަކަށް އަޅުގަނޑު އިޝާރާތް ކުރި، ކަރެން އާރމްސްޓްރޯންގ "ފައިނޭންޝަލް ޓައިމްސް" އަށް ލިޔުއްވި މަޒުމޫނުގައި ވެސް، ޔަހޫދީންނާއި ނަޞާރާއިންނާ އަޅައިކިޔާ އިރު، އެހެން ދީންތަކާއި ދީނީ ޖަމާއަތްތަކާ މެދު ސަމާހަތްތެރިކަމާއި އޯގާވެރިކަން ދެއްކުމުގައި އިސްލާމް ދީނާއި މުސްލިމުން ވަނީ ކުރީގައިކަން ސަރީހަ އިބާރާތުން ވިދާޅުވެ ފާހަގަ ކުރައްވައިފައި ވެއެވެ. ކުރު ގޮތަކަށް، ބައެއް ކަންކަން ފާހަގަ ކޮށްލަމާ ހިންގަވާށެވެ.

ކީރިތި މާތް ނަބިއްޔާގެ ތައުލީމުގެ އުސޫލުތަކާ އެއްގޮތަށް، މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރު ރަޟިޔަﷲ ޢަންހު ހަނގުރާމައިގެ ސުލޫކުގެ ކޯޑެއް އެކުލަވައިލެއްވި ކަމަށް ދެންނެވިދާނެއެވެ. އެއީ އެކަލޭގެފާނު ވެރިކަމަށް އިސް ވެވަޑައިގަތުމަށް ފަހު ޝާމު ކަރަޔަށް ފޮނުއްވެވި އިސްލާމީ ލަޝްކަރަށް ދެއްވި އިރުޝާދުތަކެވެ. އެ އިރުޝާދުތަކުގައި ވާ މައިގަނޑު ހަމަތައް މި ދަންނަވަނީއެވެ. – ހަނގުރާމައިގެ ތެރޭގައި ވެސް ކުޑަކުދީންނާއި، އަންހެނުންނާއި، މުސްކުޅީންނާއި، ބަލި މީހުން ޤަތުލު ކުރުމާއި އެމީހުންނަށް އެއްވެސް ގޮތަކަށް ހަމަލާ ދިނުން މަނާ ކުރެއްވިއެވެ. ހަނގުރާމައިގެ ތެރޭގައި ވެސް އޮޅުވައިލައި މަކަރު ހީލަތުން ކަންތައް ކުރުން މަނާ ކުރެއްވިއެވެ. ހަނގުރާމައިގެ އަސީރުންނަށް އެއްވެސް ކަހަލަ އަނިޔާއެއް ކުރުން މަނާ ކުރައްވައި، މުސްލިމުން ކައިބޮއި އުޅޭ އެއްޗަކުން އެމީހުންނަށް ވެސް ކާންބޯން ދިނުމަށް އެންގެވިއެވެ. ދުޝްމަނުން ކުރެ މަރުވެފައި ތިބޭ މީހުންގެ ހަށިތަކަށް ވެސް ހާނީއްކަ ކުރުމާއި ގުނަވަންތައް ބުރިކުރުން ފަދަ އެއްވެސް ގެއްލުމެއް ދިނުން މަނާ ކުރެއްވިއެވެ. ހަނގުރާމައިގެ މައިދާނުގެ އަމަލިއްޔާތުގެ ތެރޭގައި ދުޝްމަނުންނާ ދެކޮޅަށް ހަތިޔާރު އުފުލާ އިރު ވެސް، މޫނަށް ގެއްލުން ދިނުމުގެ ނިޔަތާއި ގަސްތުގައި ހަމަލާ ދިނުން މަނާ ކުރެއްވިއެވެ. ފައްޅިތަކުގައި ތިބޭ ފާދިރީންނާއި ރާހިބުންނާއި އަޅުކަމުގައި ތިބޭ މީހުންނާއި، މަސައްކަތްތެރީން ފަދަ ހަނގުރާމަވެރި ނޫން މީހުން މެރުން މަނާ ކުރެއްވިއެވެ. މީހުން ދިރިއުޅޭ އަވަށްތަކާއި ޝަހަރުތައް ހަލާކު ކުރުމާއި، ދަނޑުގޮވާން ކޮށްފައި ހުންނަ ބިންތައް ހަލާކު ކުރުމާއި، މޭވާ ބަގީޗާތައް ފަދަ ތަންތަން ހަލާކު ކުރުމާއި، ނަޢަމް ސޫފި މެރުން މަނާ ކުރެއްވިއެވެ. ހަނގުރާމަޔަށް އެދިގެން ދުޝްމަނުން ފެނޭތޯ އުއްމީދު ކުރުން މަނާ ކުރައްވައި، ދުޝްމަނުންނާ ބައްދަލު ވެ އެހެން ގޮތެއް ނެތިގެން މެނުވީ ހަނގުރާމަ ފެށުން މަނާ ކުރެއްވިއެވެ. އަލިފާނުން އެއްވެސް ދިރޭ އެއްޗަކަށް އަނިޔާ ކުރުން ނުވަތަ އަޒާބު ދެއްކުން މަނާ ކުރެއްވިއެވެ. ނުކުޅެދުންތެރިކަމެއް ހުރެއްޖެ މީހަކަށް ޙަމަލާ ދިނުން ވެސް މަނާ ކުރެއްވިއެވެ. އަމާން ދޭ މީހުންނަށް އޯގާތެރިކޮށް ހިތުމަށާއި، އެމީހުންނަށް ރަނގަޅަށް ކާންބޯންދީ ބޭސްފަރުވާ ކޮށްދިނުމަށް އަމުރު ކުރެއްވިއެވެ. އަދި އެއްވެސް މީހަކަށް އެމީހެއްގެ ދީނާއި ޢަޤީދާ ބަދަލު ކުރުމަށް މަޖުބޫރު ކުރުން މަނާ ކުރެއްވިއެވެ. – ވިސްނަވާށެވެ! ހަނގުރާމައިގެ ތެރޭގައި އިންސާނިއްޔަތުކަމާއި ރަހުމާއި ހަމްދަރުދީގެ އުސޫލުތައް ނެގެހެއްޓުމަށް ޓަކައި އެކުލަވައިލެވިފައި ވާ ޖެނީވާ ކޮންވެންޝަންސް އާ މި އިރުޝާދުތަކާ އަޅައިކިޔުއްވާށެވެ! ދެން އަނެއްކާވެސް ވިސްނަވާށެވެ! އިންސާނިއްޔަތުކަމާއި އޯގާވެރިކަމާއި ރަހުމުގެ މަތީގައި އިންސާނީ ދުނިޔެ ބިނާ ކުރީ ކޮން ބަޔަކުކަން އެއިރުން އެނގިވަޑައިގަންނަވާނެއެވެ. އިސްލާމް ދީނުގެ ނަބިއްޔާ އާއި އެކަލޭގެފާނުގެ ޞަޙާބީންގެ އުޞޫލުތައް، އެންމެ ޒަމާނީ އުސޫލުތަކަށް ވުރެ މަތިވެރިކަން ނިކަން ހުރެ ފެނިވަޑައިގަންނަވާނެއެވެ. މި ޒަމާނުގައި މި ކިޔާ "ހުޅަނގުގެ ތަހުޒީބީ އުސޫލުތަކުގެ" މަސްދަރަކީ އަދި އަސްލަކީ ކޮބައިކަން ވެސް ރީތިކޮށް ފެނިވަޑައިގަންނަވާނެއެވެ. މި ދެންނެވި ކޯޑަކީ ހަމައެކަނި މުސްލިމުން ބުނެއިއްވި ބަސްތަކެއް ނޫނެވެ. މި ކޯޑާ އެއްގޮތަށް ނަބިއްޔާގެ ލޮބުވެތި ޞަޙާބީން ފުރިހަމަޔަށް އަމަލު ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން، އެ ބެއިފުޅުން ރޯމާއި ފާރިސީންގެ ރަސްކަމުގެ ބިޔަ ސަރަހައްދުތައް ފަތަހަ ކުރެއްވި ގޮތުގެ ތާރީޚު ލިޔާ މީހުން މިއަދު ގާތްގަނޑަކަށް އިއްތިފާގު ވަނީ، އެފަދަ "އިންސާނީވަންތަ" އެހެން ފުތޫހާތެއް އިންސާނުންގެ ދިގު ތާރީޚުގެ ސަފުހާތަކުން ފެނިފައި ނުވާ ކަމަށެވެ.

ދެވަނަ މިސާލެއްގެ ގޮތުގައި، ޔޫރަޕުގެ ނަޞާރާ ޞަލީބީން މީލާދީން 1097 ވަނަ އަހަރު ޤުދުސް ހިފައި، އެ ޝަހަރުގައި ތިބި މުސްލިމުންގެ 70،000 މީހުން މިނިކަތިލައި، މުޅި ޝަހަރު ލޭގެ ކަނޑަކަށް ހަދައިލައި، މުސްލިމް އަންހެން ދަރީން ރޭޕް ކޮށް، ޝަހަރުގައި މުސްލިމުންގެ ވެރިކަމުގެ ދަށުގައި އަމަންއަމާންކަމުގައި އުޅެމުން އައި ޔަހޫދީ އާބާދީގެ އެންމެން ދިރިތިއްބައި އަންދައިލި ދުވަހާއި، އޭގެ 90 އަހަރު ފަހުން މުސްލިމުންގެ ބަޠަލް ސުލްޠާން ޞަލާޙުއްދީނުލް އައްޔޫބީ ހަމަ އެ ޞަލީބީންގެ އަތްދަށުން ޤުދުސް މިނިވަން ކުރެއްވި ދުވަހު އަމަލު ކުރެއްވި ގޮތުގެ ތަފާތު ބައްލަވާށެވެ! ތިންވަނަ މިސާލެއްގެ ގޮތުގައި، ޔަހޫދީންނާ މެދު ޔޫރަޕުގައި ކަން ކުރެވުނު ގޮތާއި، މުސްލިމުންގެ ތެރޭގައި ޔަހޫދީން އުޅުނު ގޮތުގެ ތަފާތު ބައްލަވާށެވެ! ޚާއްސަ ގޮތެއްގައި، މުސްލިމް ސްޕޭނުގައި ޔަހޫދީންގެ "ރަން ޒަމާން" އައި ގޮތާއި، ނަޞާރާ ސްޕޭނުގެ ނަޞާރާއިން ހިންގި ބިރުވެރި އިންކުއިޒިޝަނުން ސަލާމަތް ވާން ވެގެން ހިޖުރަ ކުރި ޔަހޫދީންނާ މެދު މުސްލިމް ޢުޘްމާނީން ބެހެއްޓި އޯގާވެރިކަމުގެ ވާހަކަތައް ތާރީޚުން ބައްލަވާށެވެ! ހަތަރުވަނަ މިސާލެއްގެ ގޮތުގައި، އިލްމީ އަދި މަޒުހަބީ ޚިލާފުތަކާ އެކު އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމު ކޮށް، ލޯތްބާއި އަޚުވަންތަކަމާއި އޯގާވެރިކަމާ އެކު ދިރިއުޅުމާ މެދު، މުސްލިމުންގެ ރަން ޒަމާނުގެ އިލްމުވެރީން ދެއްވި މަތިވެރި އިރުޝާދުތަކާއި، އެ އިރުޝާދުތަކުގެ ބިންގަލުގެ މަތީގައި އިސްލާމީ އުއްމަތުގައި އުފެދި، އެތައް ގަރުނެއް ވާންދެން ތާޒާކަމާ އެކު ހެދިފޯދެމުން ދިޔަ މަތިވެރި އިލްމީ ބަގީޗާގެ ޒީނަތްތެރިކަމާއި ފުރާފުރިހަމަކަމުގެ ވާހަކަތައް ބައްލަވާށެވެ! ދުނިޔޭގެ ތާރީޚުން އެފަދަ ދެވަނަ ނަމޫނާއެއް ފެންނާކަށެއް ނެތެވެ. މި ނުކުތާއާ މެދު، އަޅުގަނޑުމެންގެ އިލްމުވެރިޔާ އަދި ލިޔުންތެރިޔާ ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް ލިޔުއްވި ލިޔުއްވުން ބައްލަވައިލެއްވުން މުހިއްމު ކަމަށް ދެކެމެވެ.

ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތަކީ ހަރުކަށިކަމާއި، ފިކުރީ ހަރުބައްދަކަމާއި، އިންތިހާޔަތާއި، ނަފްރަތާ ދެކޮޅަށް ގެނެވުނު އެންމެ ހެޔޮ އިންގިލާބުގެ އަސާސްތަކެވެ. ރަހުމާއި، ހަމްދަރުދީ އާއި، އިންސާނީ އަޚުވަންތަކަމާއި، އެކަކު އަނެކަކަށް ލޯބި ކޮށް އިހުތިރާމު ކުރުމާއި، ތަފާތު ޚިޔާލުތަކަށް ގަދަރު ކުރުމާއި، ޚިޔާލާއި ރައުޔުގެ ތަފާތުތަކަށް ޓަކައި އެކަކު އަނެކަކާ އަދާވާތްތެރި ނުވުން ފަދަ މަތިވެރި ސިފަތަކުގެ އެންމެ ފުރިހަމަ ފިލާވަޅުތައް ނަންގަވައިދެއްވި އިލާހީ ތައުލީމާތެވެ. ހަސަދަވެރީންނާއި ރުޅިވެރީން އިންކާރު ކުރިޔަސް، މިއީ ހަގީގަތެވެ. މިއަދުގެ ދުނިޔޭގައި މުސްލިމުން ކުރެ މަދު ބައެއްގެ ކިބައިން މި ފެންނަ ޣައިރު އިސްލާމީ ހަރުކަށި ފިކުރާއި ހަރުކަށި އަމަލުތަކަކީ، އިސްލާމް ދީނުން އައި އެއްޗެއް ނޫނެވެ. އެފަދަ މީހުން ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތަކާއި، ބައެއް ނަބަވީ ޙަދީޘްފުޅުތަކުގެ މާނަތައް އޮޅުވައިލައިގެން ބޭނުން ކުރި ކަމުގައި ވިޔަސްވެހެވެ. މި ހަގީގަތުގެ މައްޗަށް އިތުރަށް ބައްލަވައި، އިތުރަށް ދިރާސާ ކުރައްވާން އެދިވަޑައިގަންނަވާ ބެއިފުޅުން ބައްލަވައިލެއްވުން ވަރަށް ވެސް މުހިއްމު މަސްދަރުތަކަކާއި ހަވާލާތަކަކާއި މަރްޖިއުތަކެއް، އޮންލޭނުކޮށް ޝާއިއު ކުރެވިފައި ވެސް މިއަދު އެބަ ހުއްޓެވެ. އޭގެ ތެރެއިން، މުސްލިމް އިލްމުވެރީންގެ އެތައް ސަތޭކަ ބެއިފުޅުން ސޮއި ކުރައްވައި، އައިސިސް އެވެ ކިޔުނު ބިރުވެރި އަދި ޝައިތާނީ ފިތުނައިގެ ލީޑަރު އަބޫބަކުރުލް ބަޣްދާދީއަށް ފޮނުއްވެވި އާއްމު ސިޓީފުޅާއި، ޢައްމާން މެސެޖާއި، ޑރ. ޢަބްދުލްޙަކީމް މުރާދު ވިންޓަރ ލިޔުއްވި "ބޮމިންގ ވިތައުޓް މޫންލައިޓް – ދަ އޮރިޖިންސް އޮފް ސުއިސިޑަލް ޓެރަރިޒަމް" މި މަޒުމޫނާއި، ޝައިޚް ޢަފީފީ އަލްއަކީތީ ޓެރަރިޒަމާ ބެހޭގޮތުން ދެއްވި ފަތުވާ އާއި، ޑރ. ޖޯލް ހެއިވޯރޑްގެ "ވޯރފެއަރ އިން ދަ ޤުރްއާން" މި ފޮތާއި، ޢައްލާމާ މުޙައްމަދު ޠާހިރުލް ޤަދްރީ "ޓެރަރިޒަމާ ބެހޭގޮތުން ދެއްވި ފަތުވާ އަޅުގަނޑު ޚާއްސަ ގޮތެއްގައި ފާހަގަ ކުރަމެވެ. އަޅުގަނޑު މަޝްވަރާ އަރުވާނީ، މި ދެންނެވި ތަރުތީބުން މި މަރްޖިއުތައް ބައްލަވައިލެއްވުމަށެވެ.

ކަމުގެ ހަގީގަތް މިހެން އޮތް އިރު، މުސްލިމުން ކުރެ މަދު ބަޔަކުގެ ކިބައިން މި ފެންނަ ޣައިރު އިސްލާމީ ހަރުކަށިކަމާއި، ރުޅިވެރިކަމާއި، ނަފްރަތާއި، ނިރުބަވެރި އަމަލުތަކުގެ ސަބަބަކީ ކޮބައި ބާވައެވެ! މި ސުވާލުގެ ޖަވާބުގައި އަޅުގަނޑު ފާހަގަ ކޮށްލާނީ މައިގަނޑު ތިން ކަމެކެވެ. އާދެ، މައިގަނޑު ތިން ސަބަބެކެވެ.

ފުރަތަމަ ސަބަބު

ފުރަތަމަ ސަބަބަކީ، ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރެވެމުން ދާ އަނިޔާތަކެވެ. ޖިސްމާނީ އަދި މާއްދީ ގޮތުންނާއި، ފިކުރީ އަދި ނަފްސާނީ ގޮތުންނެވެ.

ޖިސްމާނީ އަދި މާއްދީ އަނިޔާއޭ މި ދަންނަވާ ބާވަތުގެ އަނިޔާގެ އެންމެ މުހިއްމު މިސާލަކީ، މުސްލިމު ގައުމުތަކަށް ބޮން އަޅައި އެ ގައުމުތައް ސުންނާފަތި ކުރުމާއި، މުސްލިމު ގައުމުތައް އަޅުވެތި ކުރުމާއި، އިގުތިސާދީ ގޮތުން ދަތި ކުރުމުގެ ބޭއިންސާފު ފިޔަވަޅުތަކުގެ ވަސީލަތުން މުސްލިމް ގައުމުތަކަށް ބޮޑެތި މުސީބާތްތައް ޖެއްސުމާއި، އަސްކަރީ ނުވަތަ މާއްދީ އެހެނިހެން ވެސް ފިޔަވަޅުތަކުގެ ބާރުގައި މުސްލިމު ގައުމުތަކުގެ ރައްޔިތުންނަށް ދެވެމުން ދާ ބޮޑެތި އަނިޔާތައް ފަދަ ކަންކަމަށެވެ. މީގެ މިސާލުތަކަކީ ބޮސްނިޔާ އާއި، އަފްޣާނިސްތާނާއި، ޢިރާޤާއި، އީރާނާއި، ކަޝްމީރާއި، ފަލަސްޠީނާއި، ރޮހިންގްޔާ އާއި، އުއިގޫރް މުސްލިމުންނެވެ. ޞަބްރާ އާއި ޝަތީލާއެވެ. ސްރެބްރެނިކާއެވެ. އަބޫ ޣުރައިބާއި ގުއަންޓަނަމޯ ބޭ އެވެ. މި ތަންތަނުގައި މުސްލިމް ފިރިހެނުންނަށް ވަހުޝީ ސޫފިތައް ވެސް ބިރުން ފިތް ކަނޑައިގެން ދާފަދަ އަނިޔާތައް ދެވުނެވެ. މުސްލިމް އަންހެން ދަރީން ރޭޕާއި ގޭންގް ރޭޕާއި އިތުރު އެތައް އަނިޔާތަކެއްގެ ޝިކާރައަކަށް ހެދެއެވެ. މުސްލިމް ތުއްތު ކުދީންނާއި ކުޑަކުދީން ބިރުން ރޮއި ހަނާ ވޭވޭ ތިއްބައި، ކުރަފިތަކެއް ފަދައިން މަރައިލެވެއެވެ. ހަމަ އެހެންމެ، އެތައް ގައުމެއްގައި ދިރިއުޅޭ ބައިމަދު މުސްލިމުންނާ ދެކޮޅަށް ދެވެމުން ދާ ވަރަށް ގިނަ އަނިޔާތަކަކީ ވެސް މާއްދީ އަނިޔާތަކެވެ. މިސާލަކީ، އިންޑިޔާގައި ގެރި މަސް ކެއުމުގެ ތުހުމަތުގައި އަނިޔާވެރި ގޮތްގޮތަށް މުސްލިމުން މަރަމުން ގެންދާދިޔުމެވެ. އިންޑިޔާ އާއި ސިލޯނު ފަދަ ތަންތަނުގައި، މުސްލިމުންގެ ގެދޮރާއި ފިހާރަ ފަދަ މުދާތަކަށް ހަމަލަ ދީ، އެ ތަންތަން އަންދައިހެދުން ފަދަ ކަންކަމެވެ. ޔުނައިޓެޑް ސްޓޭޓްސް އާއި، ކެނެޑާ އާއި، އޮސްޓްރޭލިޔާ އާއި، ނިއު ޒިލޭންޑުގައި، އަދި ޔޫރަޕުގެ އެތައް ގައުމެއްގައި މި ބާވަތުން މުސްލިމުންނަށް ދެވޭ އަނިޔާތައް މިހާރު ގުނެނީ، އަހަރަކު އެތައް ހާސް ހާދިސާއެއްގެ ގޮތުގައެވެ. އެއް މިސާލަކީ 2009 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު، ޖަރުމަނު ވިލާތުގެ ކޯޓެއްގައި މުސްލިމް އަންހެނެއް ކަމަށް ވާ މަރްވާ އައްޝަރްބީނީ، އޭނާގެ ކުޑަ ދަރިފުޅާއި ފިރިމީހާގެ ކުރިމަތީގައި ވަޅީގެ ހަމަލައެއްގައި ޝަހީދު ކޮށްލެވުމެވެ.

އިސްރާއީލްގެ ސިފައިންގެ މީހަކު ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޚައިރީ ހަނޫންގެ ކަނދުރާ މައްޗަށް ކަކޫ އަރުވައިގެން --- ފޮޓޯ: އޭއެފްޕީ

ފިކުރީ އަދި ނަފްސާނީ އަނިޔާތަކޭ މި ދަންނަވަނީ ވެސް، ވަރަށް ގިނަ ތަފާތު ގޮތްގޮތަށް ކުރެވޭ އަނިޔާތަކަކަށެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ، މުސްލިމުން އެމީހުންގެ އަމިއްލަ ނަފުސުތަކަށް ވުރެ އެ ބެއިކަލަކު ދެކެ ލޯބި ވާ، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒާތުފުޅަށް ބަދުބަސް ބުނެ، އެކަލޭގެފާނަށް ހުތުރު އެއްޗެތި ގޮވައި، އެކަލޭގެފާނަށް ޖޯކު ޖެހުމުގެ ގޮތުން ކާޓޫނު ކުރެހުން ފަދަ ކަންކަން ކުރުމެވެ. މީގެ އިތުރުން، އިސްލާމް ދީނަކީ ހަރުކަށިކަމާއި ޓެރަރިޒަމުގެ ދީނެއް ކަމަށް ބުނެ މީޑިޔާގައި އިސްލާމް ދީނަށާއި މުސްލިމުންނަށް ހުތުރު އެއްޗެތި ގޮވުމާއި، ފަލަސްޠީނު ފަދަ މުސްލިމު ގައުމުތަކުގައި މުސްލިމުންނަށް ދެވޭ އަނިޔާތަކުގެ ބަދަލުގައި އަމިއްލަ ނަފުސުތަކާއި އަމިއްލަ ހައްގުތަކުގެ ދިފާއުގައި ހަތިޔާރު އުފުލާ އުފުލުމަކީ ވެސް ޓެރަރިޒަމް ކަމަށް ބުނުމަކީ ވެސް ހަމަ އެފަދަ އަނިޔާއެކެވެ. އެތައް ދިރާސާތަކަކުން އެނގި ސާބިތު ވެފައި ވާ ގޮތުގައި، ޓެރަރިޒަމާއި އަނިޔާވެރިކަމުގެ އަމަލުތައް އިސްލާމް ދީނާއި މުސްލިމުންނާ ގުޅުވުމަށް ހުޅަނގުގެ މީޑިޔާ އާއި ރަސްމީ އިދާރާތަކުން ވެސް ވަރަށް ތައައްސުބީ ގޮތެއްގައި މަސައްކަތް ކުރެއެވެ. މިކަމާ ބެހޭގޮތުން ކެރޮލައިން މެލާ ކޯރބިން 2017 ވަނަ އަހަރު ފޯރޑަމް ލޯވ ރިވިޔު އަށް ލިޔުއްވި ޓެރަރިސްޓްސް އާރ އޯލްވެއިޒް މުސްލިމް ބަޓް ނެވަރ ވައިޓް: އެޓް ދި އިންޓަރސެކްޝަން އޮފް ކްރިޓިކަލް ރޭސް ތިއަރީ އެންޑް ޕްރޮޕެގެންޑާ މި މަޒުމޫނު ބައްލަވައިލައްވާށެވެ. މި މަޒުމޫނުގައި ފާހަގަ ކުރައްވައިފައި ވާ މުހިއްމު ބައެއް ނުކުތާތައް ދަންނަވައިލާނަމެވެ. ފުރަތަމަ ކަމަކަށް، 900 އަށް ވުރެ ގިނަ ހޮލީވުޑު ފިލްމު ތަހުލީލު ކުރުމުން، އެނގިފައި ވާ ގޮތުން ޢަރަބީން އަދި މުސްލިމުންނަކީ އެމެރިކާގެ ފިލްމުތަކުގައި ގާތްގަނޑަކަށް މުޅީން ހެން ހުށައަޅައިދެވެނީ ޓެރަރިސްޓުން ނުވަތަ އެހެނިހެން ގޮތްގޮތުން ވެސް ނުބައި މީހުންގެ ގޮތުގައެވެ. ދެވަނަ ކަމަކަށް، ޓެރަރިސްޓް ހަމަލައެއްގެ ހާދިސާއެއް ހިނގައިފިއްޔާ، އެކަން ކުރި ބަޔަކު އަދި ނޭނގުނަސް، ވަގުތުން އެ ހަމަލައަކާ މުސްލިމުންނާ ގުޅުވައިލުމުގެ ސަގާފަތެއް އެމެރިކާގައި އޮވެއެވެ. ނަތީޖާ އަކީ، ވަރަށް ގިނަ ފަހަފުފަހަރު، "ވައިޓް ސުޕްރެމަސިސްޓުން" ނުވަތަ ނަޞާރާއިން ހިންގާ ޓެރަރިސްޓް އަމަލުތައް ވެސް، މުސްލިމަކު ނުވަތަ މުސްލިމުންތަކެއް ހިންގި އަމަލެއްގެ ގޮތުގައި ރިޕޯޓު ކުރެވުމެވެ. މަޝްހޫރު އެއް ހާދިސާ އަކީ، 2017 ވަނަ އަހަރު ކެނެޑާގެ ކިޔުބެކްގެ މިސްކިތެއްގައި ފަރަންސޭސި ދަރިކޮޅުގެ ކްރިސްޓިއަނަކު ދިން ޓެރަރިސްޓް ހަމަލާއެއްގައި ހަ މީހުން މަރު ވުމުން، އެ ހަމަލާގައި ތުހުމަތު ކުރެވޭ މީހަކީ، އެ ހާދިސާއާ ގުޅިގެން ފުލުހުންނަށް ގުޅައި މައުލޫމާތު ދިން މޮރޮކޯ ދަރިކޮޅުގެ މުސްލިމެއް ކަމަށް ވާ މުޙައްމަދު ބެލްޚާދިރް ކަމަށް ބުނެ ފޮކްސް ނިއުސް އިން ޓުވީޓު ކުރި ހާދިސާއެވެ. ތިންވަނަ ކަމަކަށް، މުސްލިމަކު ޓެރަރިސްޓް އަމަލެއް ހިންގައިފިއްޔާ، މީޑިއާއިން އެކަމަށް މާ ބޮޑަށް ސަމާލުކަން ދެއެވެ. އެއް ދިރާސާއަކުން އެނގޭ ގޮތުގައި، މުސްލިމުން ހިންގާ އެފަދަ އަމަލުތަކަށް އެމެރިކާގެ މީޑިޔާގައި 449 އިންސައްތަ ބޮޑު ކަވަރޭޖެއް ލިބެއެވެ. ހަތަރުވަނަ ކަމަކަށް، ދޮން ނަސްލުގެ ނަޞާރާއިން ހިންގާ ޓެރަރިސްޓް އަމަލުތަކާ މެދު މީޑިޔާއިން އަމަލު ކުރަނީ ވަރަށް ތަފާތުކޮށެވެ. ބައެއް ފަހަރު، އެފަދަ ހަމަލަތަކުގެ ތުހުމަތު ވެސް ފުރަތަމަ މުސްލިމުންގެ ބޮލުގައި އެޅުވެއެވެ. މިސާލަކީ، 1995 ގެ މަޝްހޫރު އޮކްލަހޯމާ ޝަހަރުގެ ބޮމުގެ ހާދިސާގެ ތުހުމަތު އެންމެ ފުރަތަމަ މުސްލިމުންގެ ބޮލުގައި އެޅުވުނު ހާދިސާއެވެ. "ވައިޓް ސުޕްރެމަސިސްޓުން" އަދި ދޮން ނަސްލުގެ ނަޞާރާއިން ނުވަތަ ޔަހޫދީން ޓެރަރިސްޓް އަމަލުތަކެއް ހިންގިޔަސް، އެކަން ކުރާ މީހުން ސިފަ ކުރުމަށް ޓަކައި "ޓެރަރިސްޓް" ނުވަތަ "ހަރުކަށި ފިކުރު" ނުވަތަ "އެކްސްޓްރީމިޒަމް" ނުވަތަ "ހައްދުފަހަނައެޅުން" ފަދަ ލަފުޒުތައް ބޭނުން ނުކޮށް، އެހެން ލަފުޒުތައް ބޭނުން ކުރެވެއެވެ. ގިނަ ފަހަރު، ދޮން ނަސްލުގެ ނަޞާރާ ނުވަތަ ޔަހޫދީ ޓެރަރިސްޓުންނާއި އެމީހުންގެ ޓެރަރިސްޓް އަމަލުތައް ސިފަ ކުރެވިފައި ހުންނަނީ "ގަންމެން" އާއި "ލޯން ވުލްފް" އާއި "ނަފްސާނީ ގޮތުން މައްސަލަ ހުންނަ މީހުން" އާއި "ހޭޓް ކްރައިމް" ފަދަ ލަފުޒުތަކުންނެވެ.

ފިކުރީ ގޮތުންނާއި ނަފްސާނީ ގޮތުން މުސްލިމުންނަށް ދެވޭ މައިގަނޑު އަނެއް އަނިޔާ އަކީ، މުސްލިމުންގެ އަމިއްލަ ގައުމުތަކުގައި މުސްލިމުންނަށް އިސްލާމް ދީނަށް އުޅެވުނަނުދޭން ވެގެން އެކިއެކި ގޮތްގޮތުން ކުރާ މަސައްކަތްތަކެވެ. މި މަސައްކަތްތަކުގައި ވެސް އިސް ވެތިބެނީ ހުޅަނގުގެ ބޮޑެތި ބާރުތަކެވެ. ޔޫރަޕިއަން ޔޫނިއަނާއި ކޮމަންވެލްތު ފަދަ ޖަމްއިއްޔާތަކެވެ. އަލިފުދާލުގެ އެކިއެކި ގުނަންތަކުގެ ވަސީލަތުން ވެސް މި މަސައްކަތް ކުރެވެއެވެ. މި މަސައްކަތްތަކުގެ ތެރޭގައި، އިސްލާމް ދީނާ ޚިލާފު ހުޅަނގުގެ ފަލްސަފާތަކާއި އުސޫލުތައް މުސްލިމު ގައުމުތަކުގައި ތަންފިޛު ކުރުމަށް މަޖުބޫރު ކުރެވެއެވެ. އިސްލާމީ ގައުމުތަކުގައި އިސްލާމީ ޝަރީޢަތާ އެއްގޮތަށް ގާނޫނު ހެދުމާ ދެކޮޅަށް ޕްރެޝަރު ކުރެވެއެވެ. ކީރިތި ޤުރްއާނުގައި ކަނޑައެޅިގެން ބަޔާން ކުރައްވައިފައި ވާ ޝަރުޢީ ޙައްދުތަކަކީ "އަނިޔާވެރިކަން" ނުވަތަ "ލާއިންސާނިއްޔަތު" ނުވަތަ "ބޯދާ އުސޫލުތައް" ނުވަތަ "ޑީގްރޭޑިންގ" އަދަބުތައް ކަމަށް ހުޅަނގުން ބުނާ ބުނުންތަކަކީ މުސްލިމުން ވެސް ގަބޫލު ކުރާން ޖެހޭ "އާލަމީ ހަގީގަތްތަކެއް" ކަމަށް ހެދުމަށް މަސައްކަތް ކުރެވެއެވެ. "އެލްޖީބީޓީ ހައްގުތަކޭ" ކިޔައިގެން ސިފަ ކުރާ ފިތުނަފަސާދަ ފަދަ، މުސްލިމުންނަށް ދުވަހަކު ވެސް ބަލައިނުގަނެވޭނޭ ޝައިޠާނީ އަމަލުތައް، މުސްލިމުންގެ ތެރޭގައި ހުއްދަ ކުރުމަށް މަޖުބޫރު ކުރެވެއެވެ. އިސްލާމީ ޝަރީޢަތާ އެއްގޮތަށް މުސްލިމުންގެ ދުސްތޫރީ އަދި ގާނޫނީ ނިޒާމުތައް ބައްޓަން ކުރުމަކީ އިންސާނީ ހައްގުތަކާ ޚިލާފުވުން ކަމަށް ބުނެ، މުސްލިމުން "ޑީހިޔުމަނައިޒް" ކޮށް "ޑީމަނައިޒް" ކުރެވެއެވެ. އެކިއެކި ބައިނަލްއަގުވާމީ ފޯރަމްތަކުގައްޔާއި، ބައިނަލްއަގުވާމީ ފެންވަރުގައި ނެރެވޭ ރިޕޯޓުތަކުގައި، އިސްލާމް ދީނުގެ ޝަރީޢަތަށް ބަދުބަސް ބުނެވެއެވެ. މަދަރުސާގައި ނުކިޔަވާ ދަރިވަރުންނަށް ދަށް ގުރޭޑާއި މާކުހާއި ރިޕޯޓު ދޭ ވައްތަރަށް، ހުޅަނގުގެ އުސޫލުތަކާއި ފިކުރުތަކާއި ފަލްސަފާތަކަށް ތަބާ ނުވާ މުސްލިމު ގައުމުތަކަށް "ގުއި ރިޕޯޓު" ދީގެން، ލަދު ގަންނުވައި ނިކަމެތި ކުރުމަށް މަސައްކަތް ކުރެވެއެވެ. މުސްލިމު ގައުމެއް އިސްލާމް ދީނާ ދުރުހެލި ވާ ވަރަކަށް، އެއީ މޮޅު ކަމެއްގެ ގޮތުގައި ބަލައިގަނެވި، އެ ގައުމަކަށް ތައުރީފު ކުރެވި، މަތީ ގުރޭޑުތަކާއި ރިޕޯޓުތައް ދެވެއެވެ. އިސްލާމް ދީނުގެ އަސާސީ އިސްތިލާހުތަކުގެ ހަގީގީ މާނަތައް އޮޅުވައިލައި، އެ ލަފުޒުތަކުގައި ނައްސި އަދި ނުރުހެވޭ މާނަތައް ގަދަކަމުން ހިއްޕައިގެން، އެ އިސްތިލާހުތަކަކީ ދުނިޔޭގެ އާއްމު ފުރަވަސާނައިގައި "އަބުރު ގެއްލިފައި ވާ" އިސްތިލާހުތަކަކަށް ހެދުމަށް މަސައްކަތް ކުރެވެއެވެ. އެންމެ މިސާލެއްގެ ވާހަކަ ދަންނަވައިލާނަމެވެ. އިސްލާމް ދީނުގެ އެންމެ މަތިވެރި އެއް ޝިއާރުގެ އިސްތިލާހު ކަމަށް ވާ "ޖިހާދު" ގެ މާނަ އޮޅުވައިލައި، އެއީ ޓެރަރިޒަމާއި ލެއި އޮހޮރުވުމާއި އަނިޔާ ކުރުމުގެ މާނަ ހިމެނޭ ލަފުޒެއް ކަމަށް ހަދައި، އެފަދަ އަމަލުތައް ކުރާ މީހުންނާއި އެމީހުންގެ އަމަލުތައް ސިފަ ކުރުމަށް ޓަކައި "ޖިހާޑިޒަމް" އާއި "ޖިހާޑިސްޓް" އާއި "ޖިހާޑީ" ފަދަ ނާޖާއިޒު އަދި "ޑެރިވޭޓިވްސް" ނެރެގެން އުޅޭ ގޮތް ބައްލަވާށެވެ.

ފިކުރީ ގޮތުންނާއި ނަފްސާނީ ގޮތުން މުސްލިމުންނަށް އަނިޔާ ކުރުމުގައި، ހުޅަނގުން ބޭނުން ކުރާ ވަރަށް ނުބައި އުކުޅެއް އޮވެއެވެ. އެއީ، މުސްލިމުންގެ ތެރެއިން ހުޅަނގުގެ ފިކުރުތަކަށް ތަބާ ވާ މީހުންނަށް ފައިސާ އާއި އެހެނިހެން ވަސީލަތްތައް ފޯރު ކޮށްދީގެން، މުސްލިމު މުޖުތަމައުތަކުގައި އިސްލާމް ދީނުގެ ބާރު ކަނޑުވައިލުމުގެ މަސައްކަތް އެމީހުން ލައްވައި ކުރުވާކުރުވުމެވެ. އެމްޑީއެން ރިޕޯޓުގެ މަސައްކަތަށް ކެނެޑާގެ ބަޔަކު ފައިސާގެ އެހީ ދިންދިނުމަކީ މިސާލެކެވެ. ހަމައެހެންމެ، ސްކޮލަރޝިޕްތަކާއި ފައިސާގެ އެހީތެރިކަން ދީގެން، މުސްލިމް ގައުމުތަކުން ވިސްނުން ތޫނު އަދި ކަންކަމުގައި ހަރަކާތްތެރިކޮށް އުޅޭ ޒުވާން ކުދީން ހުޅަނގުގެ ގައުމުތަކަށް ގެންގޮސްގެން، "އިސްލާމޮފޯބިކް އެކްޓިވިސްޓުންނަށް" އެމީހުން ބަދަލު ކުރުމަށް ފަހު، އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރުމަށް ޓަކައި އެމީހުން އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރެވެއެވެ. ތައުލީމީ ދާއިރާއިން އެހީތެރިވުމުގެ ނަމުގައެވެ. ޚުދު އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ވެސް މިގޮތުން އުފައްދައިފައި ވާ "އިން-ހައުސް އިސްލާމޮފޯބުން" އެބަތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ، އިއްޔެ ބުރުގާ އަޅައިގެން ފަސް ނަމާދު ކޮށްގެން އުޅުނު އަޅުގަނޑުމެންގެ މުސްލިމް އަންހެން ދަރީންނެވެ. މިއަދު ބުރުގާ އެއްލައިލައިފައި، ޒިނޭ "ގްލޮރިފައި" ކުރަމުން، ފާހިޝް އަމަލުތަކަކީ "މިނިވަން ލޯބި ކުރުން" ކަމަށް ބުނަމުން، އިސްލާމީ ޝަރީޢަތަށް ހުތުރު އެއްޗެތި ގޮވަމުން އުޅޭ މީހުންނެވެ.

މި ދެންނެވި ގޮތްގޮތުން މުސްލިމުންނަށް ކުރެވޭ އަނިޔާތަކަކީ އާއްމު ގޮތެއްގައި ހުޅަނގުގެ ގައުމުތަކާއި އެ ގައުމުތަކުގެ ބާރުވެރިކަން އޮންނަ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވަސީލަތުން ކުރެވޭ ކަމަކަށް ވުމުގެ ތަބީއީ ނަތީޖާ އަކީ، ދީން ދެކެ ލޯބި ވާ އަދި ދީނީ ޣީރަތްތެރިކަން ހުންނަ މުސްލިމުންގެ ހިތްތަކުގައި ހުޅަނގާ މެދު ނުރުހުންތެރިކަން އުފެދުމެވެ. ޚާއްސަ ގޮތެއްގައި، މުސްލިމުންނަށް ޖިސްމާނީ ގޮތުން ކުރާ އަނިޔާތަކާ މެދުގައި މުސްލިމުންގެ ހިތްތަކުގައި ބަޔާން ނުކުރެވޭ ފަދަ ވަރުގަދަ ރުޅިވެރިކަމެއްގެ ޝުއޫރުތައް އުފެދުމެވެ. އެ ރުޅިވެރިކަމުގެ ތެރޭގައި އޭގެ ތެރެއިން މަދު ބަޔަކު ވިޔަސް "ރެޑިކަލައިޒް" ވުމެވެ. މުސްލިމުންނަށް ކުރެވޭ އަނިޔާގެ ބަދަލު ހިފުމުގެ ޝުއޫރުތަކުގެ ޝިކާރައަކަށް އެމީހުން ވެގެން ދިޔުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައި ހުރި މުސްލިމުންގެ ހަރުކަށި އަދި ނިރުބަވެރި ޖަމާއަތްތައް އުފެދުނު ގޮތް ދިރާސާ ކުރެއްވި ކޮންމެ ބެއިފުޅަކަށް މިކަން އެނގިވަޑައިގަންނަވާނެއެވެ. ޖައިޝެ މުޙައްމަދު ފަދަ ޖަމާއަތްތައް އުފެދުނީ އިންޑިޔާ ސިފައިން ކަޝްމީރުގެ މުސްލިމުންނަށް ކުރަމުން ގެންދާ ބޮޑެތި ލާއިންސާނީ އަނިޔާތަކާ ގުޅިގެންނެވެ. ޠާލިބާނަކީ ރޫސީން އަފްޣާނިސްތާނަށް އަރައި މުސްލިމުންނާ ދެކޮޅަށް ހިންގި ބިރުވެރި އަނިޔާތަކާ ގުޅިގެން އުފަން ވި ޖަމާއަތެކެވެ. އަލްޤާޢިދާ އަކީ އެމެރިކާ ސިފައިން ޢަރަބި އިސްލާމީ ގައުމުތަކުގައި އަސްކަރީ މަރުކަޒުތައް ހަދައިގެން ތިބެ، ޢިރާޤު ފަދަ އިސްލާމީ ގައުމުތަކަށް ދެމުން ދިޔަ ބޮޑެތި އަނިޔާތަކާ ގުޅިގެން، އުފެދުނު ޖަމާއަތެކެވެ. އަޅުގަނޑު މި ދަންނަވަނީ ޚުދު ހުޅަނގުގެ ގިނަ ދިރާސާވެރީން ވެސް އެއްބަސް ވެވަޑައިގަންނަވާ ހަގީގަތެއްގެ ވާހަކައެވެ. މިސާލަކަށް، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) ކުރީގެ އިސް އޮފިސަރެއް ކަމަށް ވާ މާރކް ސެއިޖްމަން ކުރެއްވި ދިރާސާ ފުދެއެވެ. ސެއިޖްމަން އަލްޤާޢިދާ ޖަމާއަތުގެ 500 އަށް ވުރެ ގިނަ މެންބަރުންގެ ވޭދަނަތައް އެތައް އަހަރެއްގެ މަސައްކަތުން ތަހުގީގު ކުރައްވައި ދިރާސާ ކުރެއްވިއެވެ. އެ ދިރާސާއަށް ފަހު އޭނާ ވިދާޅުވި ގޮތުގައި، މުސްލިމުން "ހަރުކަށި ފިކުރު" ނުވަތަ "ޓެރަރިޒަމް" ނުވަތަ "ރެޑިކަލައިޒޭޝަން" ގެ މަގަށް ދަނީ، ނަފްރަތެއް ނުވަތަ ހަސަދައެއް ނުވަތަ ދީނީ ވާދަވެރިކަމުގެ ޝުއޫރެއްގެ ސަބަބަކުންނެއް ނޫނެވެ. އޭނާ ވިދާޅުވާ ގޮތުގައި، މުސްލިމަކު "ރެޑިކަލައިޒް" ވުމުގެ މަރުހަލާތައް އާއްމު ގޮތެއްގައި ފެށެނީ، ދީނަށާއި އުއްމަތަށް ލޯބި ކުރާ މުސްލިމަކަށް ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ދެވެމުން ދާ އަނިޔާތަކުގެ ޚަބަރުތަކާއި ފޮޓޯތަކާއި ވީޑިއޯތައް ފެނި، އެކަމާ މެދު އެ މީހެއްގެ ހިތުގައި އުފެދި އަލާ ވެގެން ދާ ހިތާމަ އާއި ހިތްދަތިކަމުގެ ޝުއޫރުތަކާ ހަމައިންނެވެ. މުސްލިމުންނަށް އަނިޔާ ކުރަނީ ހުޅަނގުގެ ބާރުތަކާއި ބައިނަލްއަގުވާމީ އެތައް ފަރާތްތަކެއް ގުޅިގެން ކަމާއި، އެ އަނިޔާ ލިބޭ މުސްލިމުންނަށް އެއްގޮތަކަށްވެސް އިންސާފު ނުލިބޭކަމުގެ ހަގީގަތް އެނގުމުން، އެކަމާ މެދު އެ މީހެއްގެ ހިތުގައި އުފެދޭ ރުޅިވެރިކަމުގެ ޝުއޫރުތަކާ ހަމައިންނެވެ. އިސްލާމް ދީނާއި މުސްލިމުން "ހަވާސާއަށް" ލެވި، "ޑީމަނައިޒް" ކުރެވިފައި އޮންނަ އޮތުމާ މެދު ހިތުގައި އުފެދޭ ޝުއޫރުތަކާ ހަމައިންނެވެ.

އޮޅުމެއް ނެތް ގޮތުގައި، އެއްވެސް ބަޔަކީ އަނިޔާ އާއި ނަފްރަތާއި އަބުރު ކަތިލުމާއި ހަވާސާ ކޮށްލެވި އެކަހެރި ކޮށްލެވުމުގެ ޝިކާރައަކަށް ހަދައިފިއްޔާ، އެ ބައެއްގެ ތެރެއިން އެކަމުގެ ރައްދު އަންނާނޭ އެއް ގޮތަކީ "ރެޑިކަލް ރިއެކްޝަންސް" އެވެ. މިފަދަ "ރެޑިކަލް ރިއެކްޝަންސް" ގެ ސަބަބަކީ ދީނެއް ނޫނެވެ. ބައިނަލްއަގުވާމީ އިސްތިއުމާރީ ސިޔާސިއްޔަތެވެ. އާދެ، "ކޮލޯނިއަލް-އިމްޕީރިއަލް ޕޮލިޓިކްސް" އެވެ. ކޮންމެ ދީނެއްގެ ބަޔަކާ ދެކޮޅަށް ވެސް، މި ދެންނެވި ފަދަ އަނިޔާތައް ކޮށްފިއްޔާ، ނުކުންނާނީ ހަމަ އެއް ނަތީޖާތަކެކެވެ. މި ނުކުތާގެ މައްޗަށް ވެސް، މަތީގައި އެ މަޒުމޫނެއްގެ ވާހަކަ ދެކެވުނު ކެރޮލައިން މެލާ ކޯރބިންގެ މަޒުމޫނުގެ ފަހު ބައިގައި ވަނީ ބައްލަވައިލައްވައިފައެވެ.

ދެވަނަ ސަބަބު

މުސްލިމުން ކުރެ މަދު ބަޔަކު ޣައިރު އިސްލާމީ ހަރުކަށިކަމާއި ނިރުބަވެރިކަމުގެ މަގަށް ދާން މެދުވެރި ކުރާ ދެވަނަ ސަބަބަކީ، މަތީގައި ދެންނެވުނު ފަދަ ގޮތްގޮތުން މުސްލިމުންނަށް އަނިޔާތައް ލިބެމުން ދާ އިރު، މުސްލިމުންގެ ލީޑަރުން އެކަމާ މެދު އަޅައިވެސްނުލައި، އަތް އުރައިލައިގެން ތިބޭތިބުމެވެ. އިސްލާމް ދީނާއި އިސްލާމީ އުއްމަތާއި މުސްލިމުން ރައްކައުތެރި ކުރުމުގެ ޒިންމާއަށް އެމީހުން ޚިޔާނާތްތެރި ވާވުމެވެ. ބައެއް ފަހަރުފަހަރު، މުސްލިމުންގެ ލީޑަރުން އެކަމުގައި ބައިވެރި ވެ، މަދަދުވެރި ވެ، އިސްލާމް ދީނަށާއި މުސްލިމުންނަށް ޣަދަރުވެރި ވާވުމެވެ. ހުޅަނގުގެ ބާރާއި މުއްސަނދިކަމާއި ޖާހުގެ ކުރިމަތީގައި، ބޮލުގައި އޮންނަ ތޮފި ބިންމައްޗަށް ވެއްޓޭ ވަރަށް ގުދު ވެގެން ތިބޭ ޚިޔާނާތްތެރި އަދި "ސިކޮފޭންޓިކް ލެޕްޑޯގްސް" ގެ ގޮތުގައި ތިބޭތިބުމެވެ. މިއީ އިންސާނީ ނަފްސިއްޔާތާ ބެހޭގޮތުން ކުޑަ މިންވަރެއް ވިޔަސް ދަންނަ ބަޔަކު އިންކާރު ނުކުރާނޭ ހަގީގަތެކެވެ. ނިކަން ވިސްނަވާށެވެ! އާއިލާއެއްގައި ދިހަ ބާރަ ފަނަރަ ވިއްސަކަށް އަހަރުގެ ތިން ހަތަރު ކުދީން ތިއްބައި، ބޭރުން އަންނަ އަނިޔާވެރި ބަޔަކު އޭގެ ތެރެއިން ކުއްޖަކަށް ނުބައި އަނިޔާތަކެއް ކުރާން ފެށުމުން، ކުދީންގެ މަންމަޔާއި ބައްޕަ އަޅައިނުލައި ތިބެންޏާ، ނުވަތަ އަނިޔާ ކުރާ މީހުންނަށް އެހީތެރި ވެ އެމީހުންނާ ބައިވެރި ވާން ފަށައިފިއްޔާ، ކުދީންނަށް ވާނީ ކިހިނެއްތޯއެވެ؟ ކުދީންގެ ޝުއޫރުތައް ހުންނާނީ ކިހިނެއްތޯއެވެ؟ ކުދީންގެ ރައްދު އަމަލުތައް ހުންނާނީ ކިހިނެއްތޯއެވެ؟

މިސާލަކަށް، ސުޢޫދީ ޢަރަބިއްޔާގެ ޝާހީ އާއިލާއިން އެމެރިކާއާ އެކު ބާއްވާ ގުޅުމަށް ބައްލަވާށެވެ! ބަޙްރައިނާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި ސޫދާނުގެ ވެރީން، އެމެރިކާގެ ބަހަށް ތަބާ ވެގެން އިސްރާއީލާ ގުޅުން ބަދަހި ކުރި ކުރުމަށް ބައްލަވާށެވެ! ދިވެހި ސަރުކާރުން ކަޝްމީރުގެ މުސްލިމުންނަށް އަނިޔާވެރި ވަމުންދާ އިންޑިޔާގެ "ހިންދުތުވާ" ޓެރަރިސްޓް ސަރުކާރުގެ އިޝާރާތަށް ނަށަމުން ދާގޮތް ބައްލަވާށެވެ! މި ފަދަ "ލީޑަރުން" ދެކެ ޣީރަތްތެރިކަމާއި އީމާންކަމާއި އިސްލާމީ އުޚުއްވަތްތެރިކަމުގެ ޝުއޫރު ހިތުގައި ހިނގާ މުސްލިމަކަށް ލޯބި ވެވޭނޭ ގޮތަކީ ކޮބައިތޯއެވެ؟

މި ސަބަބާ ގުޅިގެން ވެސް، މުސްލިމުންގެ ރުޅިވެރިކަން ހުޅަނގަށް އަމާޒު ވާ ސަބަބެއް އޮވެއެވެ. އެ ސަބަބަކީ، މުސްލިމު ގައުމުތަކުގައި އިސްލާމް ދީނާއި މުސްލިމުންނަށް ޣައްދާރު ވާ ޚުދުމުޚުތާރު، އަނިޔާވެރި، އަދި ލާދީނީ "ލީޑަރުން" ބާރުވެރި ކުރުވުމާއި، އެފަދަ މީސްމީހުން މުސްލިމުންގެ ވެރިކަމުގެ ގޮނޑިތަކުގައި ބެއިތިއްބުމަށް ހުޅަނގުން ކުރާ މަސައްކަތެވެ. އެ މިސާލަކީ، މިޞްރުގެ މުސްލިމުން އެ ގައުމުގެ ރައީސްކަމުގެ މަގާމަށް އިސްލާމީ ލީޑަރެއް ކަމަށް ވާ ޑރ. މުޙައްމަދު މުރްސީ އިންތިޚާބު ކުރުމުން، އަދި އެމަނިކުފާނު އިސްލާމް ދީނާއި މުސްލިމުންގެ މަސްލަހަތުތައް ރައްކައުތެރި ކުރައްވައިގެން ވެރިކަން ކުރައްވާން ފެއްޓެވުމުން، މިޞްރުގެ ލާދީނީންނާއި ޚުދުމުޚްތާރީންނަށް ފައިސާ އާއި ސިޔާސީ އަދި ޑިޕްލޮމެޓިކް ތާއީދާއި މަދަދު ދީގެން އެއުރެން ލައްވައި 2013 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަން ވައްޓައިލި ގޮތެވެ. މިޞްރުގައި އެމެރިކާއިން "ތަމްރީނު ކޮށްދީފައި" އޮންނަ އަސްކަރިއްޔާގެ ބާރުގައި، އެ ގައުމުގެ ލާދީނީ ޖަމާއަތްތަކާއި ޚުދުމުޚްތާރު ޖަމާއަތްތައް ގުޅިގެން ޑރ. މުރްސީގެ ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރި ގޮތް ބައްލަވާށެވެ! ޑރ. މުރްސީގެ ހައްގުގައި އަޑު އުފުލުމަށް ޓަކައި މިޞްރުގެ މަގުތަކަށް ނުކުތް އިސްލާމީ ތަޙްރީކުގެ ފަސްވަރަކަށް ހާސް ރައްޔިތުން މަރައި މިޞްރުގެ މަގުތަކަށް އުކައިލި ގޮތް ބައްލަވާށެވެ! އަސްމާ އަލްބިލްތާޖީ ފަދަ މަޢުޞޫމު މުސްލިމް ދަރީންގެ ފުރާނަތައް ނިގުޅައިގަތް އަނިޔާވެރި އަދި ވަޙުޝީ ގޮތްތަކާ މެދު ވިސްނަވާށެވެ! މި ނުބައި ބަޣާވާތް ގެނުވީ ކޮން ބައެއްތޯއެވެ؟ އާދެ، ޔޫރަޕާއި އެމެރިކާ ގުޅިގެންނެވެ. އެމީހުން ޚަރަދު ކޮށްގެންނެވެ. ބަޣާވާތުގެ ބޮސް ޢަބްދުލްފައްތާޙް އައްސީސީ، މުސްލިމުންގެ ލެއިން ފެންވަރައި ތިއްތި ވެގެން ފަރަންސޭސި ފުށް ޖަހައިގެން އައިސް މިޞްރުގެ ރިޔާސަތުގެ ގޮނޑީގައި އިށީނީމާ، އޭނާ ހިންގި ޖަރީމާތަކަށާއި އޭނާ ހިންގި ބަޣާވާތަށް ބައިނަލްއަގުވާމީ ނިޒާމުތަކުގެ ތެރެއިން ޝަރުއިއްޔަތު ހޯދައިދިނީ ކޮން ބައެއްތޯއެވެ؟ އާދެ، ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކޭ ކިޔައިގެން، މުސްލިމުންގެ ކަންކަމުގެ ތެރެޔަށް ނުފޫޒު ފޯރުވައި، މުސްލިމުންނަށް އަމިއްލަ ޢަޤީދާތަކާއި އަމިއްލަ ފިކުރާއިގެން ދުނިޔެ އުޅުމަށް ދަތި ކުރަމުންދާ ހުޅަނގުގެ ގައުމުތަކުންނެވެ. އަލިފުދާލާއި ޔޫރަޕިއަން ޔޫނިއަނުންނެވެ.

ހަރުކަށިކަމާއި ނަފްރަތު ނެއްތައިލުން

އިސް ވެ ދެންނެވި ކަންކަމާ މެދު ވިސްނައިލުމުން، މުސްލިމުންގެ ތެރެއިން ބަޔަކު ހަރުކަށި ފިކުރާއި، ނަފްރަތްތެރި ވިސްނުމާއި، ރުޅިވެރިކަމުގެ ތެރެއިން "ރެޑިކަލައިޒް" ވެގެން ނިރުބަވެރިކަމުގެ ތެރެޔަށް ދާ ދިޔުން ހުއްޓުވޭނޭ ގޮތް އޮންނާނީ ނިކަން ރީތިކޮށް ފެންނާށެވެ.

ފުރަތަމަ ކުރާން ވީ ކަމަކީ، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތުގެ ހަގީގީ ތައުލީމާތުން މުސްލިމް ޅަ ޖީލުތަކުގެ ސިކުނޑިތައް އަލި ކޮށް ޒީނަތްތެރި ކުރުމެވެ. މާތް ނަބިއްޔާ އާއި އިތުރު އެކަލޭގެފާނުގެ ޞަޙާބީންނާއި މުސްލިމުންގެ މަތިވެރި ބަޠަލުން އެންމެތަކުންނާ މެދު ބެހެއްޓެވި އޯގާވެރިކަމާއި އިންސާނީވަންތަކަމުގެ ހަގީގަތް އެ ކުދީންނަށް އެނގޭނޭ ފަދައިން، އެ ކުދީންނަށް އިސްލާމީ ތާރީޚު އުނގަންނައިދިނުމެވެ. ޣައިރު މުސްލިމުންނާ މެދު ވެސް އެ ބެއިފުޅުން ގެންގުޅުއްވި އިންސާނީވަންތަކަމާއި، އޯގާވެރިކަމާއި، އަދުލުވެރިކަމުގެ ފިލާވަޅުތައް އެ ކުދީންގެ ހިތްތަކާއި ސިކުނޑިތަކުގައި ބިންވަޅު ނެގުމެވެ. އިލްމީ ޚިޔާލު ތަފާތުވުންތައް ފަދަ ކަންކަމުގައި، މި އުއްމަތުގެ ބޮޑެތި އިލްމުވެރީން އަމަލު ކުރެއްވި ރިވެތި ގޮތްކޮޅު އެ ކުދީންގެ ނަފުސުތަކުގައި "އިންޓަރނަލައިޒް" ވާނޭ ގޮތަކަށް، އެ ބެއިބެއިފުޅުންގެ ސިޔަރަތު އެ ކުދީންނަށް އުނގަންނައިދިނުމެވެ. މި އުއްމަތުގެ ސަލަފުންނާއި ޚަލަފުންގެ ތެރެއިން ފެންނަ އިންސާނިއްޔަތުކަމާއި ހަމްދަރުދީ އާއި ލޯބީގެ ދުވަހަކު ނިވުމެއް ނެތް ބައްތިތަކެއް ފަދަ އެތައް ސަތޭކަ އިލްމުވެރީންނާއި ޒުހުދުވެރީން ދެއްކެވި މަޑުމޮޅިކަމާއި، ކެތްތެރިކަމާއި، ނިޔަނެތިކަމާއި، އިޙްސާންތެރިކަމުގެ ވާހަކަތައް އަޅުގަނޑުމެންގެ ދަރީންނަށް ކިޔައިދީ، އެ ގޮތްތަކުގެ މައްޗަށް އެކުދީން ހާނައި ތަރުބިއްޔަތު ކުރުމެވެ. އަޅުގަނޑުމެންގެ މަތިވެރި އިމާމް އަބޫ ޙާމިދުލް ޣަޒާލީ އެކަލޭގެފާނުގެ "އިޙްޔާއު ޢުލޫމުއްދީން" ގައި މި އުއްމަތަށް އުނގަންނަވައިދެއްވި މަންހަޖާ އެއްގޮތަށް، އިސްލާމް ދީން އަލުން މުސްލިމުންގެ ހިތްތަކާއި ނަފުސުތަކުގައި، އަދި އިސްލާމީ ގައުމުތަކުގައި ދިރުވުމެވެ. އިސްލާމީ އުއްމަތަކީ އިޙްސާންތެރިކަމާއި ރިވެތި އަޚްލާޤާއި ރަހުމަތުގެ އުއްމަތް ކަމުގައި އޮތް އޮތުން އަލުން ހަގީގަތަކަށް ހެދުމެވެ. އަނިޔާގެ ބަދަލު އަނިޔާއިން ދިނުމަކީ މުޙައްމަދިއްޔަ އުއްމަތުގެ މަންހަޖު ނޫންކަމާއި، އެއީ މުޙައްމަދިއްޔަ އުއްމަތުގެ ދުޝްމަނުންނާއި އަދާވާތްތެރީންނާއި އިބްލީސްގެ މަންހަޖުކަން، އަޅުގަނޑުމެންގެ ދަރީންނަށް ދަސް ކޮށްދިނުމެވެ.

ދެވަނަ ކަމަކީ، މުސްލިމުންގެ ވެރިކަމުގައި ތިބި މީހުން ތައުބާ ވެ، އެމީހުންގެ މުނާފިގުކަމާއި ޚުދުމުޚުތާރުކަމާއި ނުބައިނުލަފާކަން ދޫ ކުރުމެވެ. ﷲ ގެ ރަސްކަންފުޅަށް ކުއްތަން ވެ، ތައުބާ ވެ، އިސްލާމް ދީނާއި މުސްލިމުންނާއި މުސްލިމް އުއްމަތުގެ މަޞްލަޙަތުތަކަށް ވަފާތެރި ލީޑަރުންނަށް ވުމެވެ. މުސްލިމުން ދެކެ ލޯބި ވާ ލީޑަރުން ކަމަށް ވުމެވެ. ހުޅަނގުގެ އިސްލާމޯފޯބިކް ބާރުތަކާއި ހިންދޫތުވާ ބީޖޭޕީ ފަދަ އިސްލާމް ދީނުގެ ދުޝްމަނުންގެ "ސިކޮފޭންޓިކް ލެޕްޑޯގްސް" ގެ ގޮތުގައި ތިބެގެން، އިސްލާމީ އުއްމަތް ރޭޕް ކުރުމުގައި ބައިވެރި ވެ އެހީތެރި ވުމުގެ ބަދަލުގައި، އެންމެން ގުޅިގެން މުސްލިމުންނާއި މުސްލިމް އުއްމަތުގެ ހައްގުގައި ބަސް ބުނާ އަދި އަމަލު ކުރާ ލީޑަރުންތަކަކަށް ވުމެވެ. މުސްލިމް ލީޑަރުން އިސް ނަގައިގެން، އޯރގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް ފަދަ އިސްލާމީ ބައިނަލްއަގުވާމީ މަންސަތަކަށް ދިރުން ގެނައުމެވެ. އެފަދަ މަންސަތަކުގެ އެހީގައި، އިސްލާމް ދީނާއި މުސްލިމުންގެ ހައްގުގައި، އިސްލާމީ ލީޑަރުން އެކަތިގަނޑަކަށް ވުމެވެ. އެއް އަޑަކުން ވާހަކަ ދައްކާ، އެއް އަމާޒަކަށް މަސައްކަތް ކުރާ، ގުޅިފައި ވާ އިސްލާމީ ލީޑަރޝިޕަކަށް ވުމެވެ. މި ކަންކަން ނުކުރާނޭ ނަމަ، އިސްލާމް ދީނާއި މުސްލިމުން ދެކެ ލޯބި ވާ، އަދި މުސްލިމުންގެ މަސްލަހަތުގައި މަސައްކަތް ކުރާނޭ ލީޑަރުންތަކަކާ އިސްލާމީ ގައުމުތައް ހަވާލު ކޮށްފައި ފެއަށް ޖެހުމެވެ. ތިމާމެންގެ ސާހިބުވަންތަ ހުޅަނގުގެ ބާރުތަކުގެ ފައިސާ އާއި ނުފޫޒާއި ޖައްބާރިއްޔަތުގެ ލަޓިބުރިތަކުގެ އެހީގައި މުސްލިމުންގެ ކޮނޑަށް ސަވާރު ވެގެން ދީވާލްޕާ ހެދިގެން ތިބޭތިބުން ނިމުމަކަށް ގެނައުމެވެ.

މި ދެންނެވި ދެ އިސްލާހީ ބަދަލު އެކަނި އަޔަސް، މުސްލިމުންގެ ތެރޭގައި އެއް ބަޔަކު އަނެއް ބަޔަކު ކާފަރު ކުރުމާއި، އެއް ބަޔަކު އަނެއް ބަޔަކާ މެދު ރުޅިވެރި ނުވަތަ ނުރުހުންތެރި ޚިޔާލުތައް ގެންގުޅުމާއި، ވެރީންނާ މެދު މުސްލިމު ރައްޔިތުން ރުޅިވެރިކަން ގެންގުޅުން، ﷲ ގެ އިޒުނަފުޅާއި މިންވަރުފުޅުން، ހަމަ މުޅީން ނިމުމަކަށް އަންނާނޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. މިހެން މި ދަންނަވަނީ، ވާހަކަ ދެކެވެމުން މިދާ މައުޟޫޢުގެ ސިޔާގުގައެވެ. ރައްޔިތުންގެ ލޯބި ވެރީންނަށް ލިބޭނީ، މުސްލިމުންގެ މުޖުތަމައުތަކުގެ އިގުތިސާދީ، އިޖުތިމާއީ، އަދި އެހެނިހެން ވަރަށް ގިނަ ކަންކަން ވެސް ރަނގަޅު ވެގެން ކަން ހަނދާން ނައްތައިލައިފައެއް ނޫނެވެ. ނަމަވެސް އެއީ މައުޟޫޢާ ގުޅުން ނެތް ކަންކަން ކަމުން، އެ ކަންކަމުގެ މައްޗަށް ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ބެލީއެވެ. ހަމަ އެހެންމެ، މި ދެންނެވުނު އިސްލާހީ ބަދަލުތައް އައުމުން، ހުޅަނގުގެ ގައުމުތަކާއި އެހެނިހެން ގައުމުތަކުގައި ވެސް މުސްލިމުންނާ މެދު ކުރެވޭ އަނިޔާތަކާ މެދު، މުސްލިމުން "ހަމައިން ނައްޓައިގެން" ދިޔުން މުޅީން ނުވަތަ ގާތްގަނޑަކަށް މުޅީން ހުއްޓުވޭނެއެވެ. އެހެނީ، ދެންނެވުނު ދެ އިސްލާހު އައިސްފައި އޮންނަ ހާލަތެއްގައި، އެއްވެސް ތަނެއްގައި މުސްލިމުންނަށް އަނިޔާ ކުރެވެންޏާ، އުއްމަތުގެ ލީޑަރުން އެކަމާ މެދު ޒިންމާ އަދާ ކުރައްވާނެއެވެ. އެ ހިސާބުން، މުސްލިމުން އަމިއްލަ އަމިއްލަޔަށް ބަދަލު ހިފުމަށް ޓަކައި ނުކުތުމުގެ އެއްވެސް ބޭނުމެއް ނޯންނާނެއެވެ. އެހެނީ، އިންސާނީ ހިކުމަތާއި ތަޖުރިބާ ބުނާ ގޮތުން، ރައްޔިތުން "ގާނޫނު އަމިއްލަ އަތްމައްޗަށް ނަގައިގަންނަނީ" އަދި "އެހެންވީމާ ދެން ތިޔަ ކަމުގައި ގޮތް ހަދާނީ މަށޭ" ބުނެފައި ނުކުންނަނީ، ޒިންމާ ހަވާލު ކުރެވިފައި ވާ ފަރާތްތަކުން ޒިންމާއަށް ޚިޔާނާތްތެރި ވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މިހެން ދެންނެވިޔަސް، މުސްލިމުންގެ ތެރޭގައި ހުޅަނގާއި، އިންޑިޔާ އާއި، މިޔަންމާރ އާއި، ޗައިނާ ފަދަ ގައުމުތަކާ މެދު އޮތް ނުރުހުމާއި ޝަކުވާތައް މުޅީން ފިލައިގެން ދާނީ، އޮޅުމެއް ނެތް ގޮތުގައި، އެ ގައުމުތަކުން މުސްލިމުންނާ މެދު ގެންގުޅޭ އަދާވާތްތެރިކަމާއި، މުސްލިމުންނަށް ދެމުން ދާ އަނިޔާތައް ހުއްޓައިލުމުންނެވެ. މުސްލިމް ލީޑަރުންގެ އެންމެ ބޮޑު އެއް ޒިންމާ އަކީ، ޑިޕްލޮމެޓިކް މަންސަތަކާއި ބައިނަލްއަގުވާމީ ފޯރަމްތަކުގައި މި ވާހަކަ ދެއްކުމެވެ. އިސްލާމް ދީނާ ދެކޮޅު ބާރުތަކުގެ ލީޑަރުންނަށް މި ހަގީގަތް ވިސްނައިދިނުމެވެ. ޔަގީނެވެ! ދުނިޔެއަށް ދާއިމީ އަދި ފުރިހަމަ ސުލްހަ އާއި އަމަންއަމާންކަން އައިސް، އިންސާނުންނަށް އުޚުއްވަތްތެރި ގޮތެއްގައި އުޅެވޭނީ، ދުނިޔޭގެ ކޮންމެ ބަޔަކު ވެސް އެހެން މީހުންނަށް އިހުތިރާމު ކޮށްގެންނެވެ. އިސްތިއުމާރީ އަދި ސާމުރާޖީ ސިޔާސަތުތަކަށް ނިމުން އައި ދުވަހަކުންނެވެ.

މި ދެންނެވި ވާހަކަތަކަށް ފަހު، އަޅުގަނޑު ފާހަގަ ކުރާން ބޭނުން ވާ ވަރަށް މުހިއްމު ދެ ކަމެއް އެބައޮތެވެ.

އެއް ކަމަކީ، މުސްލިމުން ކުރެ ބަޔަކު ހަރުކަށިކަމުގެ ތެރެޔަށް ދާ ސަބަބުތައް މަތީގައި ބަޔާން ކުރެވިފައި އެ ވަނީ، އެކަން ތަބްރީރު ކޮށް "ޖަސްޓިފައި" ކުރުމުގެ ނިޔަތުގައި ނޫން ކަމާއި، އެއީ އެކަން ހިނގާ ގޮތް ތައުޒީހު ނުވަތަ "އެކްސްޕްލެއިން" ކޮށްދިނުމުގެ ގޮތުން ކަމެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ޓެރަރިސްޓް ހަމަލާ ކުއްވެރިކޮށް، ފަލަސްތީން މިނިވަން ކުރުމަށް ގޮވާލާ ދުނިޔޭގެ އެކު ގައުމުތަކުގެ ރައްޔިތުން މުޒާހިރާކުރުން -- ފޮޓޯ ސޯޝަލް މީޑިއާ

ދެވަނަ ކަމަކީ، ބަޔަކު މުސްލިމުންނަށް ކިތަންމެ އަނިޔާތަކެއް ކުރިޔަސް، އަދި މުސްލިމުންގެ ލީޑަރުން މުސްލިމުންނަށް ޣައްދާރު ވިޔަސް، ރުޅިވެރިކަމާއި ނަފްރަތާއި ބަދަލު ހިފުމުގެ މަގަށް ނުގޮސް، ކެތްތެރިކަމާއި ވަކީލު ކުރުމުގެ މަގު އިޚްތިޔާރު ކުރުމަށް، މުސްލިމުން ގަދައަޅައި މަސައްކަތް ކުރާން ވާނޭ ވާހަކައެވެ. އަބަދުވެސް، އިސްލާމް ދީނަކީ ރަހުމަތުގެ ދީންކަން ހަނދާނުގައި ބެހެއްޓުމަށް މަސައްކަތް ކުރާން ވާނޭ ވާހަކައެވެ. އަޅުގަނޑުމެންގެ މިސާލަކަށް ވާން ވާނީ، އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާއެވެ. 20 އަހަރަށް ވުރެ ދިގު މުއްދަތެއް ވާންދެން އިތުރު އެކަލޭގެފާނަށް ކުރެވުނު އަނިޔާގެ ކުރިމަތީގައި، އެކަލޭގެފާނު ދެއްކެވީ ރުޅިއަށް ވުރެ ވަރުގަދަ ބާރަކީ ރަހުމާއި އޯގާވެރިކަން ކަމެވެ. އާޚިރުގައި ނަސްރާއި ކާމިޔާބު ލިބުމުގެ މަގަކީ ރުޅިވެރިކަމާ އެކު ބަދަލު ހިފުމަށް ނުކުތުމުގެ ބަދަލުގައި، ﷲ ގެ ރަސްކަންފުޅަށް ރުޖޫއަ ވެ، އީމާނާއި އިސްލާމާއި އިޙްސާންގެ މަގުގައި ފައިތިލަ ސާބިތު ކޮށްގެން ތިބެ، ކެތްތެރިކަމާއި ހިކުމަތްތެރިކަމުގެ މަގުން ހާލަތު ބަދަލު ކުރުމަށް މަސައްކަތް ކުރުން ކަމެވެ. ލޮބުވެތި ނަބިއްޔާ ޔަޢްޤޫބް ޢަލައިހިއް ޞަލާތު ވައްސަލާމްގެ ނަމޫނާ ވެސް ބަލަމާތޯއެވެ! އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން އެކަލޭގެފާނާ ވަކި ކޮށްލެވުނެވެ. ގެއްލުވައިލެވުނެވެ. އެކަމުގެ ހިތާމަފުޅުގައި ކީރިތި ކުރައްވަކުރައްވައި އެކަލޭގެފާނުގެ ލޯފުޅު މުޅީން އަނދިރި ވިއެވެ. ކޮންފަދަ ބޮޑު ހިތާމަފުޅެއްތޯއެވެ؟ ކޮންފަދަ ބޮޑު މުސީބާތެއްތޯއެވެ؟ އެކަމަކު ވިދާޅުވީ ކީކޭތޯއެވެ؟ "ފަ ޞަބްރުން ޖަމީލުން، ވަﷲ އަލްމުސްތަޢާން" މިފަދައިންނެވެ. އަނިޔާވެރީންނަށް އަދަބު ދެއްވާކަށް އަވަސް ވެވަޑައެއްނުގަންނަވައެވެ.

މުސްލިމުން އަނިޔާއާ ދެކޮޅަށް ތެދު ވާން ވާނެއެވެ. އަޑު އުފުލާން ވެސް ވާނެއެވެ. އަމަލީ މަސައްކަތް ވެސް ކުރާން ވާނެއެވެ. ނަމަވެސް، ރުޅިއާއި ނަފްރަތުގެ މަގުގައި ހިނގައިގެނެއް ނޫނެވެ.

ފުރަތަމަ އަމިއްލަ ނަފުސެވެ!

ދިވެހި ސަރުކާރާއި މިހާރު އޮތް "ޑީ ފެކްޓޯ" ރައްޔިތުންގެ މަޖިލިހުގެ ބެއިފުޅުން، އަޅުގަނޑުމެންގެ ގައުމުން ހަރުކަށިކަމާއި ނަފްރަތްތެރިކަން ފޮހެލާން އެދިވަޑައިގަންނަވާ ނަމަ، އަމަލު ކުރައްވާން ވީ މަގަކީ ކޮބައިކަން މި ދެންނެވުނީއެވެ. މި މަގު ދޫ ކޮށްލައިފައި، ހުޅަނގުގެ ސާހިބުންގެ ފޮތުގައި އޮތް ގޮތަށް އަމަލު ކުރާން ހަދައިގެން، މައްސަލަ އިތުރަށް ގޯސް ވުން ނޫން ކަމެއް ނުވާނެއެވެ. މި ބަހުގެ ތެދުކަމުގެ ހެކި އިސްލާމީ ދުނިޔޭގެ ކަންކޮޅުތަކުން ފެނިވަޑައިގަންނަވާނެއެވެ! މުސްލިމުންގެ ތެރޭގައި މި ނޫން ފޯމިޔުލާއެއް ބޭނުން ކޮށްގެން މައްސަލަ ހައްލު ކުރެވިފައި އެބައޮތްތޯއެވެ؟ މި ނޫން ފޯމިޔުލާއެއް ތަދުބީގު ކުރާން ކުރެވުނު ކޮންމެ މަސައްކަތެއް، މުސީބާތީ ޚާތިމާއަކަށް މެނުވީ ނިމިފައި އެބައޮތްތޯއެވެ؟ އެންމެ މިސާލަކަށް ބަލަންޏާ، ޕާކިސްތާނުގެ ޖެނެރަލް ޕަރްވޭޒް މުޝައްރަފް ފަދަ ލީޑަރުން "ހަރުކަށި ފިކުރާ" ދެކޮޅަށް އެމެރިކާގެ ފޮތުގައި އޮތް ގޮތަށް އަމަލު ކުރެއްވުމުން، ނުކުތީ ކޮން ނަތީޖާއެއްތޯއެވެ؟

ދެން އޮތީ އަޅުގަނޑު ވެސް ހަގީގަތުގައި ދައްކާ ހިތް ނުވާ، އެކަމަކު މި ދަނޑިވަޅުގައި ނުދައްކައި ދޫ ކޮށްލެވޭން ވެސް ނެތް ވާހަކައެކެވެ. މި ވާހަކަ ދެއްކުމުން، ރުޅިވެރިކަމާއި ނަފްރަތު އިސް ކުރާ މީހުން އަޅުގަނޑުގެ ބޮލުގައި ހުތުރު ވެގެން ވީހައި ބަދުނާމުތަކެއް އަޅުވައި، އަޅުގަނޑުގެ އަބުރު ކަތިލައި، އަޅުގަނޑުގެ ނިޔަތާ މެދު ވެސް ސުވާލު އުފައްދާނޭކަން އެނގެއެވެ. ނަމަވެސް، މި ވާހަކަ ވެސް ދައްކާނީއެވެ.

މީކާއީލް އަޙުމަދު ނަސީމަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރެކެވެ. ނަފްރަތުގެ އަމަލުތައް ތަޖުރީމު ކުރުމުގެ ގާނޫނެއް ހެދުމުގެ މަސައްކަތް ފެށީ އެ ޕާޓީގެ ސަރުކާރުންނެވެ. "ހަރުކަށިކަމާއި ނަފްރަތުގެ އަމަލުތައް ހުއްޓުވާނަމޭ" ބުނެ ވާހަކަ ދައްކާން މި ފެށީ އެ ޕާޓީގެ ފަރާތުންނެވެ. އެހެންކަމުން، ހަރުކަށިކަމާއި ނަފްރަތްތެރިކަން ނައްތައިލުމުގެ ވާހަކަ ދައްކާން އެމްޑީޕީ ކުފޫ ހަމަ ވޭ ހެއްޔޭ، މި ސުވާލު އުފައްދާން ޖެހެއެވެ. އަދި މިއަދު އެމްޑީޕީން މި ވާހަކަ މި ދައްކަނީ އިޚްލާސްތެރިކަމާ އެކުގައިތޯ، މި ސުވާލު ވެސް އުފައްދާން ޖެހެއެވެ. މިއީ ކުރާން ޖެހޭ ސުވާލުތަކެއްކަން، މީކާއީލް ހުށައެޅުއްވި މައްސަލައާ ގުޅިގެން، ބައެއް މެންބަރުން މަޖިލިހުގައި ދެއްކެވި ވާހަކަތަކުން ވެސް އެނގެއެވެ. ޚާއްސަ ގޮތެއްގައި، މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ޠާރިޤު ދެއްކެވި ވާހަކަފުޅެވެ. މި ކަމާ ގުޅިގެން އެމްޑީޕީގެ ލީޑަރުންނާ ކުރިމަތި ކުރާން ޖެހޭ، އަދި އެ ބެއިފުޅުން ޖަވާބު ދެއްވާން ޖެހޭ ސުވާލުތަކެއް އެބަހުރިކަން ޔަގީނެވެ. އެ ސުވާލުތަކަށް އިޚްލާސްތެރި ގޮތެއްގައި އަދި ހަރުކަށިކަމާއި ނަފްރަތްތެރިކަމުގެ ބަދަލުގައި އޯގާވެރިކަމާއި އެކުވެރިކަން އިސް ކުރައްވައިގެން ޖަވާބު ދެއްވާން ވީއެވެ. ނުވަތަ، އަޅުގަނޑުމެން ކަހަލަ މި ސުވާލުތައް ކުރާ އެންމެން އުލު ބައިތިއްބަވާން ވީއެވެ. އަމަލު ކުރައްވާނޭ ކަމަށް ބޮޑަށް ގަބޫލު ކުރެވޭ ގޮތަކީ ވެސް ފަހުން މި ދެންނެވީއެވެ. އެހެން ވިޔަސް މައްސަލައެއް ނެތެވެ.

އެންމެ ފުރަތަމަ ސުވާލު ގުޅެނީ 23 ޑިސެންބަރު 2011 ވަނަ ދުވަހު އެމްޑީޕީން ހެދިގޮނޑުދޮށުގައި ބޭއްވި ޖަލްސާގައި އިވިގެން ދިޔަ ވާހަކައަކާއެވެ. "ނުވަ އަހަރުގެ އަންހެން ކުދީންނާ ކައިވަނި ކުރުވުމަކީ" މުސްލިމުން އެ ކަމަކަށް ގޮވައިލާ ކަމެއް ކަމަށް ދޭހަ ވާ ގޮތަށް އެ ޖަލްސާގައި ވާހަކަ ދެކެވުނެވެ. "ނުވަ އަހަރު" މި އިބާރާތަށް ފޯކަސް ކުރަމާތޯއެވެ! ޝައްކެއް ނެތް ގޮތުގައި، އަންހެން ކުއްޖަކީ ޖިސްމާނީ ގޮތުން ބާލިޣު ވުމުން، އެ ކުއްޖާގެ ބުއްދި އާއި ވިސްނުން ފުރިހަމަ ވެ "ރުޝްދް" ލިބިފައި ނުވިޔަސް ކައިވަނި ކުރުވުމަކީ މައްސަލައެއް ނޫން ކަމަށް ދެކޭ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވެސް އެބަތިއްބެވެ. ނަމަވެސް އެ މީހުންގެ ތެރެއިން އެއްވެސް ބަޔަކު "ނުވަ އަހަރުގެ ކުދީން ކައިވަނި ކުރުވާން ވާނެޔޭ" މިހެނެއް ނުބުނެއެވެ. އެމީހުން ބުނަނީ "އަންހެން ކުއްޖަކު ބާލިޣު ވެއްޖެއްޔާ، ދެން ކައިވަނި ކުރުވޭނެޔޭ" މިހެންނެވެ. ކަން މިހެން އޮތް އިރު، މި ދެންނެވި ޖަލްސާގައި ދެކެވުނު ވާހަކައިގައި "ނުވަ އަހަރުގެ" މި ހަވާލާ އައީ ކޮން ގޮތަކުންތޯއެވެ؟ ކީއްވެގެންތޯއެވެ؟ މި ދެންނެވީ 23 ޑިސެންބަރު 2011 ގެ ވާހަކައެވެ. ދެން، އޭގެ ދެ ދުވަސް ފަހުގެ ހަނދާނެކެވެ. 25 ޑިސެންބަރު 2011 ވީ އާދީއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިހުގެ އެ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި އެމްޑީޕީގެ އިސް ލީޑަރަކު، ދައުލަތުގެ ކުންފުނިތައް ނެޝަނަލައިޒް ކުރުމުގެ މައުޟޫޢަށް ވާހަކަ ދައްކަވަމުން، މައުޟޫޢުގެ މާ ބޭރުން، ވިދާޅުވިއެވެ. "އިދިކޮޅު ފަރާތްތަކުން ވެރިކަމާ ހަވާލު ވެވުނު ދުވަހަކުން ... ނުވަ އަހަރުގެ ކުދީން މީހުނާ ވެސް ދެވާން ވީއެވެ. ..." އަނެއްކާ ވެސް ނުވަ އަހަރުގެ ވާހަކައެވެ. މިއީ ކޮން ތަނަކުން އައިސްގެން އުޅޭ "ނުވަ އަހަރެއް" ތޯއެވެ؟ އަޅުގަނޑު ހިތުން، މި ސުވާލުގެ ޖަވާބާ މެދަކު ބަހުސްތަކެއް ކުރުމުގެ ބޭނުމެއް ނެތެވެ. މި "ނުވަ އަހަރުން" ހަވާލާ ދެވެނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. އެކަލޭގެފާނު އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ކައިވަނިފުޅު ބައްލަވައިގަތީ، އެކަމަނާގެ އުމުރުފުޅުން ނުވަ އަހަރުގައި ކަމަށް، މުސްލިމުންގެ ބައެއް ފޮތްފޮތުގައި އޮންނާތީއެވެ. އެއީ ޝައިޚް ޢިމްރާނަށް، ނުވަތަ ޝައިޚް އިލްޔާސަށް، ނުވަތަ ޑރ. ޢިޔާޟް ޢަބްދުއްލަޠީފަށް، ނުވަތަ އެހެން ވެސް "ޢަދާލަތު ޝައިޚަކަށް" އަމާޒު ކުރެވުނު ބަހެއް ކަމަށް ބަލާން ޖެހޭ ސަބަބެއް ނެތެވެ. އެހެނީ މިއިން ބެއިފުޅަކު ނުވަ އަހަރުގެ ކުއްޖަކާ ކައިވަންޏެއް ނުކުރައްވައެވެ. އަދި މިއިން ބެއިފުޅަކު "ކަލޭމެން ނުވަ އަހަރުގެ އަންހެން ކުދީންނާ އިންނާށޭ" ވިދާޅުވެ ދިވެހީންނަށް ނަސޭހަތް ދެއްވި ކަމެއް ވެސް އެނގޭކަށެއް ނެތެވެ.

ތަކުރާރުކޮށް ދަންނަވަމެވެ. ވިސްނުން ފުރާފުރިހަމަ ނުވާ އަދި "ރުޝްދް" ގެ އުމުރުފުރަޔަށް ވާސިލު ނުވާ ޅަ އަންހެން ކުދީން ކައިވަނި ކުރުވުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ކަމަށް ބުނެވޭ ބުނުމާ ދެކޮޅަށް ވާހަކަ ދެއްކުމަކީ އަޅުގަނޑުމެން ހަމަ ކުރާން ޖެހޭ ކަމެކެވެ. ނަމަވެސް ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބި ވާ، އަދި އެކަލޭގެފާނުގެ ސުންނަތަށް އިހުތިރާމު ކުރާ ބަޔަކު ނަމަ، އެ ވާހަކަ ދައްކާނީ ޅަ އަންހެން ކުދީންނާ ކައިވަނި ކުރުމަކީ އިތުރު އެކަލޭގެފާނުގެ ސުންނަތެއް ނޫން ކަމާއި، އެއީ އެކަލޭގެފާނުގެ ތައުލީމާތުގައި ހުއްދަ ނުކުރެވޭނެ ކަމެއްކަން ސާބިތު ކޮށްދިނުމުގެ ބަހުރުވައިންނެވެ. އެއާ ޚިލާފަށް، "ކަލޭމެން ތިޔަ އުޅެނީ ނުވަ އަހަރުގެ އަންހެން ކުދީންނާ އިނުން އެއީ ރަނގަޅު ކަމެއް ކަމަށް ދައްކާން ނޫންހޭ"، ނުވަތަ "އަހަރެމެން ނުވަ އަހަރުގެ އަންހެން ކުދީންނާ އިންނާކަށް ނުއުޅެމޭ"، މި ކަހަލަ އިބާރާތްތަކުން އެ ވާހަކަ ގޮވީމާ، އެ ބުނެވޭ ބަސްތަކުން ދޭހަ ވާ އެއްޗަކީ އިސްލާމް ދީނުގެ މާތް ނަބިއްޔާގެ އަބުރުފުޅަށް އަރައިގަތުމެވެ. އެކަލޭގެފާނާ މެދު ނަފްރަތާއި ރުޅިވެރިކަން ފެތުރުމެވެ. އެކަލޭގެފާނުގެ ސުންނަތަށް އުޅުމަކީ ހަޑި އަދި ހުތުރު ކަމެއްކަން ސާބިތު ކުރުމަށް މަސައްކަތް ކުރުމެވެ. އެކަލޭގެފާނަކީ ކުޑަކުދީންގެ ހުރުމަތަށް ނުބެއްލެވި ބެއިފުޅެކޭ – ނަޢޫޛު ބިﷲ - ބުނުމެވެ. ބަހަވިއްޔާތު ނުވަތަ "ލިންގުއިސްޓިކްސް" ގެ އުސޫލުތަކުގެ އަލީގައި "ޑިސްކޯރސް އެނާލިސިސް" ގެ ބަހުރުވައިން ދަންނަވަންޏާ، މި ތަނުގައި "ނުވަ އަހަރުގެ ކުދީންނާ އިނުމުގެ އަމަލޭ" އެ ބުނެވެނީ، ނަބިއްޔާގެ ސުންނަތޭ ބުނުމުގެ ގޮތުން ގެނެވޭ "މެޓޮނިމިކް ރިފަރެންސެއްގެ" ގޮތުގައެވެ. ނައްސި ގޮތެއްގައި އިބާރާތް ކުރެވިގެން މިހެން ބުނެފިއްޔާ، އޮޅުމެއް ނެތް ގޮތުގައި އެއިން އެ ދޭހަ ކޮށްދެނީ އެހެން ބުނާ މީހަކު އިތުރު އެކަލޭގެފާނާ މެދު ދެކެނީ ގޯސްކޮށް ކަމެވެ. ރުޅިވެރިކަމާއި ނުރުހުން ނުވަތަ ނަފްރަތުގެ ނަޒަރުން ކަމެވެ.

މި ދެންނެވީ، ތިޔަ ބެއިފުޅުންގެ ލީޑަރުންގެ ދޫތަކުން އިވުނު ވާހަކަތައް އަޅުގަނޑުމެންނަށް މާނަ ކުރެވުނު ގޮތެވެ. އަޅުގަނޑުމެންނަށް ދޭހަ ވަނީ، އެއީ އިސްލާމް ދީނުގެ ލޮބުވެތި ނަބިއްޔާއާ މެދު ދެއްކެވި ނަފްރަތާއި ހަސަދަޔާއި ރުޅިވެރިކަމާއި ފުރައްސާރަޔާއި ޖެއްސުމުގެ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް، އަޅުގަނޑުމެން އަޅުގަނޑުމެންނަށް ވިސްނުނު ގޮތަކީ ރަނގަޅު ގޮތް ކަމަށް ކަނު ގޮތެއްގައި ގަބޫލު ކޮށްގެން، ގޮތް ދޫނުކޮށް ތިބޭކަށް ނެތީމެވެ. އަޅުގަނޑުމެންނަށް މިގޮތަށް ވިސްނެނީ އޮޅުމެއްގެ ސަބަބުން، ނުވަތަ އަޅުގަނޑުމެންނަށް ދިވެހި ބަސް ނޭނގޭތީ، ނުވަތަ މީހުން ދައްކާ ވާހަކަ ފަހުމު ކުރާށާއި ދޭހަ ކޮށްގަންނާން ނޭނގޭތީ، ނުވަތަ އަޅުގަނޑުމެންގެ ހުރި ތައައްސުބާއި ނޭއްގާނިކަމެއްގެ ސަބަބުން ކަމަށް ތިޔަ ބެއިފުޅުން ގަބޫލު ކުރައްވަންޏާ، އޯގާވެރިކަމާ އެކު އަޅުގަނޑުމެންނަށް ހަގީގަތް ވިދާޅުވެދެއްވާށެވެ! އަޅުގަނޑުމެންނަށް ވިސްނަވައިދެއްވާށެވެ! ކިޔައިދެއްވާށެވެ! ދޮގާއި ބަހާނާ އާއި ފޮރުވުމާއި އޮޅުވައިލުމުގެ ބަސްތަކަކުން ނޫނެވެ. ދެކޮޅު ޖެހޭ، އަގުލީ، އަދި ތެދުވެރި ކިޔައިދެއްވުމަކުންނެވެ. ތިޔަ ބެއިފުޅުންގެ ލީޑަރުން ވިދާޅުވި މި ބަސްތަކުގެ ހަގީގީ މާނައަކީ ކޮބައިތޯއެވެ؟ އެ ބަސްތަކުން މުރާދު ވެވޭ ކަންތައްތަކަކީ ކޮބައިތޯއެވެ؟ މިއީ ލޯތްބާއި ހަމްދަރުދީ އާއި ރަހުމުގެ ބަސްތަކެއް ކަމަށް ވާ ގޮތަކީ ކޮބައިތޯއެވެ؟ އެހެން ނަމަ، މިއަދާ ހަމަޔަށް ވެސް އެ ދުވަހު އެ ބެއިފުޅުން އެ ދެއްކެވި ވާހަކަތަކުގެ ހަގީގީ މާނަ ވިދާޅުވެދެއްވާން ނުއުޅުއްވަނީ ކީއްވެގެންތޯއެވެ؟ ނުވަތަ، އެއީ އެ ބެއިފުޅުންގެ ވާހަކައިގައި ހެއްދެވުނު އިބާރާތް ކުރުމުގެ ގޯސްތަކެއްގެ ސަބަބުން އެ ބެއިފުޅުންގެ ނިޔަތުގައި ނެތް މާނައެއް ފައުޅު ވާ ގޮތް ވެގެން ދިޔަދިޔުންތަކެއް ކަމަށް ވަނީވިއްޔާ، އެކަން ވެސް ބަޔާން ކޮށްނުދެއްވަނީ ކީއްވެގެންތޯއެވެ؟

ޝައްކެއް ނެތެވެ. އޮޅުމެއް ނުވަތަ ވަސްވާހެއް ނެތެވެ. މުޙައްމަދު ނަބީ ކަލޭގެފާނުގެ އަބުރުފުޅަށް އަރައިގަތުމަށް ވުރެ ބޮޑު ހަރުކަށިކަމެއް އަދި އެއަށްވުރެ ނުބައިކަން ބޮޑު "ނަފްރަތްތެރިކަމެއް" ނޯންނާނެއެވެ.

ދެން، އެހެން ސުވާލުތަކާއިގެން ކުރިޔަށް ދާނަމެވެ.

ކޮންމެ ވެރިކަމެއްގައި ވެސް ކުރަމުން ދާ ގޯސް ކަންކަން ފާހަގަ ކުރާން ޖެހޭނެއެވެ. އިސްލާހަށް މަސައްކަތް ކުރާން ވާނެއެވެ. ބައެއް ފަހަރު ހަރުކަށްޓޭ ބުނެވޭހައި ހަރުދަނާ ބަހުރުވައިން އަދި ވަރުގަދަ ބަސްތަކުން ވެސް އެކަން ކުރާން ޖެހޭނެއެވެ. ނަމަވެސް، ނިކަން ވިދާޅުވެބައްލަވާށެވެ! އަޅުގަނޑުމެންގެ ޅަދަރީންގެ ކަންފަތްތަކާ ހަމަޔަށް ވެސް އަޑު ފޯރާނޭ ގޮތަށް، އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއަށް "ގޮޅާބޯ" އޭ ގޮވުމަކީ ކޮން ކަހަލަ ކަމެއްތޯއެވެ؟ "ދިވެހި އޮބްޒާރވަރ" މެދުވެރި ކޮށް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި، އެހެން އެތައް ބަޔަކާއި އެ ބައެއްގެ އަނބިދަރީންނަށް ހުތުރު އަދި ލަދުވެތި ކާޓޫނުތަކުގެ ވަސީލަތުން ހަމަލާ ދިނުމަކީ ކޮން ކަހަލަ ކަމެއްތޯއެވެ؟ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް "މުރުތައްދު ފަނޑިޔާރު" މި ނަމުން ނަން ދިނުމަކީ ކޮން ކަހަލަ ކަމެއްތޯއެވެ؟ އެއީ މީހުން ކާފަރު ކުރުމުގެ ތަކްފީރީ އަމަލެއް ކަމަށް ނުވާނޭތޯއެވެ؟ އެއީ މީހުންނަށް ލާދީނީއޭ ގޮވުން ކަމަށް ނުވާނޭތޯއެވެ؟ ދިވެހި ސިފައިންނާއި ފުލުހުންނަށް "ގޮޅާފޯހޭ" ކިޔައި ނަން ހަރު ކުރުމަކީ ކޮން ކަހަލަ ކަމެއްތޯއެވެ؟ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަކީ ޠާޣޫތެއް ކަމަށާއި، މަދަރުސާ ކުދީން ލައްވައި އެމަނިކުފާނަށް ސަޖިދަ ކުރުއްވަވައިގެން އިލާހެއް ކަމަށް ދައުވާ ކުރެއްވި ބެއިފުޅެއް ކަމަށާއި، ދިވެހި ސަރުކާރުން އަޅައިފައި ހުރި މިސްކިތްތަކުގައި ނަމާދު ކުރުމަކީ ޝިރުކު ކަމަށް ބުނަމުން ދިޔަ ބަޔަކަށް، ހެޔޮ ވިސްނައިދިނުމުގެ ބަދަލުގައި ރައީސް މައުމޫނާ ހަނގުރާމަ ކުރުމަށް ބޭނުން ކުރާ ހަތިޔާރެއްގެ ގޮތުގައި އެމީހުންގެ ނާޖާއިޒު ބޭނުން ހިފުމަކީ ކޮން ކަހަލަ ކަމެއްތޯއެވެ؟ އެމީހުންގެ މި ދެންނެވި ވާހަކަތައް ތިޔަ ބެއިފުޅުންގެ ޕޯޑިޔަމްތަކުން އެތައް އަހަރެއް ވާންދެން ގޮވެމުން ނުދޭތޯއެވެ؟ އެމީހުންނަކީ ވަކި ކަހަލަ ހެދުމެއް އަޅައިގެން، ވަކި ގޮތަކަށް ތުނބުޅި ބަހައްޓައިގެން ތިބޭ މީހުންނާ މެނުވީ އެންމެ ކުޑަމިނުން ސަލާން ވެސް ގޮވައިނުލުމަށް ބާރު އަޅަމުން ދިޔަ ބަޔަކަށް ވީ އިރު، އެމީހުން އިސްލާހުގެ މަގަށް ގެންދިޔުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، އެމީހުންނަކީ ރައީސް މައުމޫނުގެ މޫނުފުޅުގައި ތަޅުއްވާން ބޭނުން ކުރެއްވި ލަޓިގަނޑަކަށް ހެއްދެވުމަކީ ކޮން ކަހަލަ ކަމެއްތޯއެވެ؟ އދ. ހިމަންދޫގައި ހަނގުރާމައިގެ މައިދާނެއް ގާއިމު ކޮށް، ދިވެހި ސިފައިންނާއި ފުލުހުންނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށް، ދިވެހި ސިފައިންގެ މީހެއްގެ ކަރު ބުރި ކޮށްލުމާ އިންޗިއެއްހައި ގާތަށް އެމީހުން ދިޔަ އިރު، އެމްޑީޕީ އޮތީ އެމީހުންނަށް ނަސޭހަތްތެރި ވާންތޯއެވެ؟ ނުވަތަ އެމީހުންނަށް ނޭނގުމުގެ ތެރޭގައި ކުރެވެމުން ދިޔަ ބިރުވެރި، ހިތާމަވެރި، ނުރައްކައުތެރި އަމަލުތަކަށް ހިތްވަރު ދޭންތޯއެވެ؟ ތިމާގެ ދުޝްމަނާގެ ދުޝްމަނާ އަކީ އެކުވެރިޔެއް ކަމަށް ވުމުގެ އުސޫލާ އެއްގޮތަށް، "އޮޕަރޗޫނިސްޓިކް" ވިސްނުމެއްގެ ތެރެއިން، "މޯރަލް ޝޭމްލެސްނެސް" ގެ މަގުން، އެމީހުންގެ ނާޖާއިޒު ފައިދާ ސިޔާސީ މަގުސަދުތަކަށް ޓަކައި ނެގުމަކީ ކޮން ކަހަލަ ކަމެއްތޯއެވެ؟ އެމީހުންނަށް ނޭނގިގެން ވިޔަސް، އެއިރު ހިންގަމުން ގެންދިޔަ އަމަލުތަކަށް ހިތްވަރު ދެއްވި ދެއްވުމަކީ، ތަކްފީރީ ހަރުކަށިކަމާއި ނިރުބަވެރިކަމުގައި އެމްޑީޕީ ބައިވެރި ވުން ކަމަށް ނުވާނޭތޯއެވެ؟ 2008 ގައި އެމްޑީޕީ ވެރިކަމަށް އައުމަށް ފަހު، ދިވެހި ދައުލަތަށް ދިގު މުއްދަތެއްގައި ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި އެތައް ބެއިފުޅުންގެ ނަންފުޅުތައް، ތިޔަ ބެއިފުޅުން ހެއްދެވި "މައުމޫނިސްޓުން" ގެ "ކަޅު ލިސްޓެއްގައި" އޮތުމުގެ ކުށުގައި، އެންމެ ކުޑަމިނުން އިންސާފުވެރި "ރިޑަންޑެންސީއެއް" ވެސް ނުދެއްވައި، އެ ބެއިފުޅުން ދައުލަތުގައި އަދާ ކުރައްވަމުން ގެންދެވި މަގާމުތަކުން ވަކި ކުރައްވައި މަގުމަތި ނުކުރައްވަމުތޯއެވެ؟ އެއީ ބަދަލު ހިފުމުގެ ރުޅިވެރި އަމަލުތަކެއް ކަމަށް ނުވާނޭތޯއެވެ؟ އޭގެ ފަހުން ވެސް، ތިޔަ ބެއިފުޅުންނަށް ވެރިކަމާއި ބާރު ލިބިވަޑައިގަތުމުން، ތިޔަ ބެއިފުޅުން އެ ބަޔަކު ދެކެ ކޯފާ ވާ ދިވެހި އެތައް ރައްޔިތުންނެއް، ނުހަނު އިޚްލާސްތެރިކަމާއި ނަޒާހަތްތެރިކަމާ އެކު އެމީހުން ދައުލަތުގައި އަދާ ކޮށްކޮށް ތިބި ވަޒީފާތަކުން ވަކި ކުރައްވައި މަގުމަތި ނުކުރައްވަމުތޯއެވެ؟ އެ ބޮޑު "އަނިޔާގެ މައްޗަށް ފުރައްސާރަ އާއި ކުށްވެރި ކުރުމުގެ ލޮނުމިރުސް ޖެއްސެވުމަށް ޓަކައި" ވަޒީފާއިން ވަކި ކުރެވުނު މީހުންނަކީ ވަގުންނޭ، ކޮރަޕްޓް މީހުންނޭ، އަނިޔާވެރީންނޭ، ނުބައި މީހުންނޭ، އިސްލާހަށް ހުރަސް އަޅާ މީހުންނޭ ވިދާޅުވެ ނުހައްގު އެތައް އިލްޒާމުތަކެއް އެމީހުންގެ ބޮލުގައި ނާޅުއްވަމުތޯއެވެ؟ އެންދެރިމާގޭ ދޮށަށް ކޯރާޑި އާއި ކަތިވަޅި ހިފައިގެން ގޮސް ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ފުރާނަފުޅަށް ގެއްލުން ދޭނޭ ކަމުގެ އިންޒާރުތައް ދީ އެ ގެއަށް ވަދެގަންނާން އުޅުނު މީހުންނާ މެދު ތިޔަ ބެއިފުޅުން ކަން ކުރެއްވި ގޮތަކީ ކޮބައިތޯއެވެ؟ 8 ފެބުރުވަރީ 2012 ގައި، ދިވެހި ރައްޔިތުންގެ އެތައް މުދަލެއްގައި އަލިފާން ރޯކޮށް އަންދައިލެވުނު ދުވަސް ތިޔަ ބެއިފުޅުން ސިފަ ކުރައްވަނީ ކިހިނެއްތޯއެވެ؟ އެކަން ކުރި މީހުން މިއަދާ ހަމަޔަށް ވެސް ގާނޫނަށް ފިލައިގެން އުޅުމުގެ ފުރުސަތު ދެވިފައި ވަނީ ކީއްވެގެންތޯއެވެ؟ ތިޔަ ބެއިފުޅުންގެ ލީޑަރު ދިވެހިރާއްޖޭގެ ރައީސްކަމުގައި ހުންނެވި އިރު އޭނާގެ ނާއިބު ރައީސެއްގެ ގޮތުގައި ހުންނެވި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، ހާލަތު ނިޔާ ކުރި ގޮތުގެ މަތީން ރާއްޖޭގެ ރައީސްކަމާ ހަވާލު ވެވަޑައިގަތުމުން، އެއީ ބަޣާވާތެއް ކަމަށް ތިޔަ ބެއިފުޅުންނަށް ފެނިވަޑައިގަންނަވަނީވިއްޔާ، "ވަޙީދު ކުރެއްވީ ބަޣާވާތެކޭ، އޭނާއަކީ ޚިޔާނާތްތެރި، ޣަދަރުވެރި ބެއިފުޅެކޭ" މިފަދައިން ވިދާޅުވީމާ ވެސް، ތިޔަ ބެއިފުޅުން ވިދާޅުވާން އުޅުއްވާ އެއްޗެއް އެންމެންނަށް ވެސް ނިކަން ރީތިކޮށް ސާފު ވެއެވެ. ދެން، އޭގެ އިތުރަށް "ކަޅު ފަލަ ބާޣީ" އާއި "ކަޅު ކާޅު ބާޣީ" އާއި "ހަރުބީ ކާފަރު ބާޣީ" މި ލަގަބުތައް އެމަނިކުފާނަށް އަމާޒު ކުރައްވާ ކުރެއްވުމަކީ ކޮން ކަހަލަ ކަމެއްތޯއެވެ؟ ރައީސް ވަޙީދު ރިޔާސީ ބަޔާން އިއްވެވުމަށް ޓަކައި 19 މާރިޗު 2012 ގައި ރައްޔިތުންގެ މަޖިލިހަށް ވަޑައިގަތުމުން، ތިޔަ ބެއިފުޅުން ކުރެއްވި ކަންތައްތައް ގުނޭނީ ކޮން ބާވަތެއްގެ ކަންތައްތަކެއްގެ ގޮތުގައިތޯއެވެ؟ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު، އެމަނިކުފާނު މާލޭގެ މަގަކުން އަނބިކަނބަލުންނާ އެކު ވަޑައިގަންނަވަނިކޮށް، އެމްޑީޕީގެ އެކްޓިވިސްޓަކު ދެމަފިރިކަނބަލުންނާ ދިމާ ކޮށް، ބިރު ދައްކައި، ހުތުރު އެއްޗެތި ގޮވުމާ ގުޅިގެން، ތިޔަ ބެއިފުޅުން އޭގެ އަނެއް ދުވަހު މަޖިލިހުގެ ތަޅުމަށް ކުއްލި މައްސަލައެއް ހުށައަޅުއްވައިގެން، އެ ދަށުދަރަޖައިގެ އަމަލަށް ތައުރީފު ކުރައްވައި، އެއީ ތަކުރާރު ކުރެވޭން ޖެހޭ ކަމެއް ކަމަށް ނިންމަވައި، މަޖިލިހުގެ ތަޅުމުގައި ރައީސް ވަހީދަށް ނިސްބަތް ކޮށް އަބުރުވެރި އިންސާނުން އެހެން މީހުންނާ މެދު ދުލުން ބުނާން ފަސްޖެހޭ ފަދަ ހުތުރު ވަނަންތައް ބޭނުން ކުރައްވައިގެން އެއްޗެތި ވިދާޅުވެ ހެއްދެވިހެއްދެވުމަކީ، ކޮން ކަހަލަ ކަމެއްތޯއެވެ؟ ދެ ފަހަރެއްގެ މަތީން، ކޯލިޝަން ހެދުމުގެ އެއްބަސްވުންތަކަކާ އެކު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، ކޯލިޝަނުގެ ބައިވެރީންނަށް ވެވަޑައިގަތް ވައުދުތަކާ ޚިލާފު ވެވަޑައިގަތުމަކީ ކޮން ކަހަލަ ކަމެއްތޯއެވެ؟ ޚާއްސަ ގޮތެއްގައި، އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ކޯލިޝަނުގެ ޕާޓީތަކުން ވާދަ ކުރާނޭ ދާއިރާތަކާ މެދު ވައުދުތަކެއް ވެވަޑައިގެންފައި، އެންމެ ފަހު ވަގުތު ތިޔަ ބެއިފުޅުން ކަން ކުރެއްވި ގޮތް ސިފަ ކުރެވޭނީ ކިހިނެއްތޯއެވެ؟ މަޖިލިހުގެ "ސުޕަރމެޖޯރިޓީ" ލިބިވަޑައިގަތުމުން، އެ މެޖޯރިޓީ ތިޔަ ބެއިފުޅުންނަށް ލިބިވަޑައިގަތީ ވޯޓުލީ ރައްޔިތުންގެ ވޯޓުގެ އެންމެ 44.80 އިންސައްތަ ވޯޓުންކަން ނިޔަނެތިކަމާ އެކު ހިތްޕުޅުތަކަށް ގެންނަވައި، އެ ހަގީގަތުގެ މައްޗަށް ތިޔަ ބެއިފުޅުން އަދާ ކުރެއްވުން ވާޖިބު ވެގެން ވާ އަޚްލާގީ އަދި ގައުމީ ވާޖިބު އަދާ ކުރެއްވީމުތޯއެވެ؟ ތިޔަ ބެއިފުޅުން ބޭނުންފުޅު ވާ ގޮތަށް މަޖިލިހުގެ ކަންކަން ގެންދެވުމަށް ޓަކައި، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ބާރުގެ ބޭނުން ކުރައްވައިގެން، މަޖިލިހުގައި ތިއްބެވި އިދިކޮޅު މެންބަރުން ގަދަބަދަވިކަމުން އެތަނުން ނެރުއްވައިގެން ޖަލްސާތައް ކުރިޔަށް ގެންދެވުން ނުވަތަ ނިންމުންތައް ނިންމެވުން، އެއީ ކޮން ކަހަލަ ކަމެއްތޯއެވެ؟ ތިޔަ ބެއިފުޅުން 2000 އިން ފެށުނު ދަހަރައިގެ ކުރީކޮޅު ތައާރަފު ކުރެއްވި ނަފްރަތާއި އެއްޗެހި ގޮވުމުގެ "ޕޮލިޓިކްސް" ގެ ސަބަބުން، ދިވެހި ގައުމު ނަފުރަތްތެރި ބޮޑު ދެ ގަބީލާއަކަށް ބައިބައި ވެގެން ދިޔަ ދިޔުމާ މެދު ވިދާޅުވާނީ ކީކޭތޯއެވެ؟ ތިމާމެން ނޫން އެހެން ބަޔަކު ވެރިކަމުގައި ތިބެންޏާ، އާއްމު ކަމަކަށް ހައްދަވައިގެން މުޒާހަރާ ކުރައްވައި، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖެ ބަނޑަށް ޖެއްސުމަށް ގޮވުމަކީ ކޮން ކަހަލަ ކަމެއްތޯއެވެ؟ މުސްލިމުންނަށް އަނިޔާ ކުރާ ޣައިރުމުސްލިމް އަސްކަރިއްޔާތައް ރާއްޖެ އަރައި ރާއްޖެ ހިފުމަށް ގޮވައިލުމަކީ ކޮން ކަހަލަ ކަމެއްތޯއެވެ؟

މި ކަހަލަ ކިތަންމެ ކިތަންމެ ސުވާލެއް އަދިވެސް އެބަހުއްޓެވެ. ނަމަވެސް މި ވަރުން ފުދޭނޭ ކަމަށް ދެކެމެވެ. ވީމާ، ޖަވާބު ދެއްވާށެވެ. މި ދެންނެވި ކަންކަމުގައި، ތިޔަ ބެއިފުޅުން އަމަލު ކުރެއްވީ ރަހުމާއި، ލޯތްބާއި، އަޚުވަންތަކަމުގެ ރޫހާއި، އޯގާވެރިކަމާއި، އަދުލުވެރިކަމާއި، އިހުސާންތެރިކަމާ އެކުގައިތޯއެވެ؟ ނުވަތަ ބަޔަކު އަންތަރީސް ވެގެން ތުމުގައި އިނގިލި އަޅާން ޖެހޭ ފަދަ ނަފްރަތްތެރިކަމާއި ހަރުކަށިކަމާ އެކުގައި ތޯއެވެ؟ މީގެ އެތައް ކަމެއްގައި ތިޔަ ބެއިފުޅުން ދެއްކެވީ ސިޔާސީ ހައްދުފަހަނައެޅުން ނުވަތަ "ޕޮލިޓިކަލް އެކްސްޓްރީމިޒަމް" ކަމަށް ސިފަ ނުކުރެވޭނެތޯއެވެ؟

އަދިވެސް އެއް ސުވާލެވެ.

އަޅުގަނޑުމެން ވެސް އެ ގައުމެއް ދެކެ ލޯބި ވާ، އެ ގައުމަކަށް އިހުތިރާމު ކުރާ، އަވަށްޓެރި އިންޑިޔާގެ ވެރިކަމުގައި މިހާރު އޮތް ބާހރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަކީ ހަރުކަށިކަމާއި ރަހުމުކުޑަކަމުގައި އަރައިއޮތް ޕާޓީއެކެވެ. ނަފްރަތު އުފެއްދުމުގައި ހުރިހައި އިންތަކެއް ފަހަނައަޅައިފައި ވާ ޕާޓީއެކެވެ. ނަފްރަތުގެ ފާރުތަކުން އިންޑިޔާ ބައިބައި ކޮށްގެން އަދި ދީނީ ތައައްސުބާއި ރުޅިވެރިކަމުގެ ޝުއޫރުތައް ހެއި ލައްވައި ކައްކުވައިގެން ވެރިކަމަށް އަރައި އޮތް، އަދި ހަމަ އެ ގޮތުން ވެރިކަން ދަމަހައްޓާ ޕާޓީއެކެވެ. މިއީ ހަގީގަތް ކަމާ މެދު މިއަދު އިންކާރު ކުރަނީ ހިންދޫތުވާ ޕުރޮޕެގެންޑާގެ ތާޅަފިލި ހިފައިގެން އުޅޭ މީހުން އެކަންޏެވެ. ބީޖޭޕީގެ ލީޑަރު ނަރެންދުރަ މޯދީ އަކީ، ހަރުކަށިކަމާއި ނަފްރަތުގެ ދިރިހުރި މިސާލެއްކަމަށް ދުނިޔެ އެއްބަސް ވެއެވެ. ތަފްސީލުތަކަށް ޝައުގުވެރި ވެވަޑައިގަންނަވާ ބެއިފުޅުން، ޕަންކަޖް މިޝްރާ 23 މެއި 2019 ގައި "ދަ ނިއުޔޯރކް ޓައިމްސް" ގައި ޝާއިއު ކުރެއްވި މި މަޒުމޫނު ބައްލަވައިލައްވާށެވެ! "ދަ ގާރޑިއަން" ގައި ޝާއިއު ކުރެވުނު މި މަޒުމޫނާއި، އަލްޖަޒީރާ އޮންލައިންގައި ޝާއިއު ކުރެވުނު މި މަޒުމޫނު ވެސް ބައްލަވައިލައްވާށެވެ! "ދަ ވަޔަރ" ގައި ޝާއިއު ކުރެވުނު މި މަޒުމޫނު ވެސް ކިޔުއްވައިލައްވާށެވެ! އެއަށްފަހު، ބީޖޭޕީން އިންޑިޔާގައި ކަންތައްތައް ކޮށްފައި އޮތް ގޮތުގެ ތާރީޚު ބައްލަވާށެވެ. ޚާއްސަ ގޮތެއްގައި، ގުޖްރާތާއި ދިއްލީ އާއި ކަޝްމީރުގައި މުސްލިމުންނަށް ދީފައި ވާ އަދި ދެމުން ދާ އަނިޔާތަކެވެ. ދެން، އަޅުގަނޑުގެ ސުވާލެވެ. މިފަދަ ބަޔަކާ އެކު ތިޔަ ބެއިފުޅުން ބާއްވަވަމުން ގެންދަވާ "ގާތް ގުޅުން" ތަބްރީރު ކުރައްވަނީ ކިހިނެއްތޯއެވެ؟ ނަރެންދުރަ މޯދީގެ ދެ އަތްތިލައިން މުސްލިމުންގެ ލޭގެ ރަތް ތިކިތައް ޖަހަޖަހައި ހުއްޓައި، އޭނާ ގެންނަވައި ދިވެހި ދައުލަތުގެ ރައްޔިތުންގެ މަޖިލިހަށް ވައްދަވައި، އޭނާ ލައްވައި އެ މަޖިލިހުގައި ވާހަކަ ދައްކުވައިގެން ދިވެހި އިސްލާމީ ދީބުގެ ރައްޔިތުންގެ މަޖިލިހުގެ ހުރުމަތް ކަނޑުއްވައިލައްވައި އެތަނުގެ އަބުރާއި ޝަރަފު ނަންގަވައިލެއްވީމުއެވެ! ދިވެހި އިސްލާމީ ދައުލަތުން ދެވޭ އެންމެ މަތިވެރި އެއް ޝަރަފު އޭނާއަށް ދެއްވީމުއެވެ! އެ އުސޫލެއްގެ ވާހަކަ މިއަދު ތިޔަ ބެއިފުޅުން ތިޔަ ދައްކަވާ ހަރުކަށިކަމާއި ނަފްރަތާ ދެކޮޅުވެރި ވުމުގެ އުސޫލު އެ ދުވަހު އޮތީ ކޮންތާކުތޯއެވެ؟ ހަރުކަށިކަމާއި ނަފްރަތާއި އަނިޔާވެރިކަމުގެ އަހުލުވެރީންނާ ކޮނޑާއިކޮނޑު ޖައްސައިގެން ހިނގައި، މެޔާއިމޭ ޖައްސައި ބަޣަލްގީރު ކޮށް، އަތާއިއަތް ޖޯޑު ކޮށްގެން، އެއް ތަށްޓަކުން ކެއުމަކީ މައްސަލައެއް ކަމަށް ތިޔަ ބެއިފުޅުންނަށް ގަބޫލުފުޅު ނުކުރެއްވެނީތޯއެވެ؟ އެހެން ނަމަ، އެއީ ކީއްވެގެންތޯއެވެ؟

ހަރުކަށިކަމާއި ނަފްރަތާ ދެކޮޅަށް މަސައްކަތް ކުރެވޭނީ ރަހުމުގެ އަހުލުވެރީންނަށެވެ. އޯގާވެރިކަމާއި އިންސާފުވެރިކަމުގެ އަހުލުވެރީންނަށެވެ. މަޑުމައިތިރިކަމާއި މަޑުމޮޅިކަމުގެ އަހުލުވެރީންނަށެވެ. ވީމާ، ތިޔަ ބެއިފުޅުން ހަރުކަށިކަމާއި ނަފްރަތާ ދެކޮޅަށް މަސައްކަތް ކުރައްވާނޭ ނަމަ، އެންމެ ފުރަތަމަ، އިސްވެ ދެންނެވުނު ސުވާލުތަކަށް ޖަވާބު ދެއްވާށެވެ. ނަދާމަތާއި މަގުގައި އިޚްލާސްތެރި ފިޔަވަޅުތަކެއް އަޅުއްވާށެވެ. ތިޔަ ބެއިފުޅުން ހެއްދެވި އަދި ހައްދަވަމުން ގެންދަވާ ގޯސްތައް އިސްލާހު ކުރައްވާށެވެ. މުސްލިމުންގެ ކުޅަދާނަ ޅެންވެރިޔާ ޖަލާލުއްދީން ރޫމީ، އެކަލޭގެފާނުގެ މަޝްހޫރު ޅެމެއްގައި އަޅުގަނޑުމެންނަށް އިރުޝާދު ދެއްވައިފައި އޮންނަނީ، އިސްލާހަށް އެދޭ މީހާ ވަށަވަށައިގެން ތިބިހައި މީހުން އިސްލާހު ކުރުމުގެ ނަމުގައި އެމީހުންނާ ދިމާ ކުރުމުގެ ބަދަލުގައި، އެންމެ ފުރަތަމަ އަމިއްލަ ނަފުސު އިސްލާހު ކުރުމަށެވެ. ބުއްދިވެރީންގެ ގޮތަކީ އެއީ ކަމަށެވެ. ވަކި މީހެއްގެ ހިމާޔަތުގައި، ނުވަތަ ތިމާމެން ރުޅި އަރާ ބަޔަކަށް ލަނޑު ދިނުމަށް އަދި އެ ބަޔަކުގެ ބުރިކަށިތަކުން ހަން ނެގުމަށް ބޭނުން ކުރާ ލަޓިބުރިއެއްގެ ގޮތުގައި، ހަރުކަށިކަމާއި ނަފްރަތާ ދެކޮޅަށް މަސައްކަތް ކުރުމުގެ ނަންބޯޑު އަޅުވައިގެން ގަރާރުތައް ފާސް ކުރުމާއި ގާނޫނުތައް ހެދުމާއި ފިޔަވަޅުތައް އެޅުން ފަދަ ދަށު ދަރަޖައިގެ އަދި މުޑުދާރު އަމަލުތައް ހިންގަވާން ނުއުޅުއްވާށެވެ. ގައުމުތައް ހަލާކު ވެގެން ދަނީ، ގައުމުގައި ބާރުވެރިކަން އޮންނަ މީހުން އެފަދަ ކުށްތައް ކުރުމުގެ ސަބަބުންނެވެ. އަދި، ބަލާން ތިބޭ މީހުން އެފަދަ ކުށްތައް ހުއްޓުވާން މަސައްކަތް ނުކޮށް، ލިބޭ އިނާމުތަކުގެ ދަހިވެތިކަމުގައި، ނުވަތަ ލިބިދާނޭ އަދަބުތަކުގެ ބިރުވެރިކަމުގައި، ހައްޕު ކިޔައިގެން ހިމޭން ވެގެން އަޅައިނުލައި ތިބޭ ތިބުމުގެ ސަބަބުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް