ފަލަސްޠީނާ މެދު ދިވެހީންގެ ޝުއޫރުތައް ފިނި ވީ ކީއްވެގެން؟

ޣާޒާ އަށް ދިން މި ބޮމުގެ ހަމަލާގައި 16 ކުޑަކުދީން މަރުވި---

ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންގެ ހާލަތާ މެދު ދިވެހީންގެ ޝުއޫރުތަކަށް، އަދި ފަލަސްޠީނުގައި ހިނގާ ކަންކަމަށް ދިވެހީން އީޖާބު ދެމުން އައި ގޮތަށް މަޑުމަޑުން ނަމަވެސް ބަދަލުތަކެއް އަންނަމުން ދާކަން ފާހަގަ ކުރެވެއެވެ. ފަލަސްޠީނާ މެދު ދިވެހީންގެ ހިތްތަކުގައި އޮތް ލޯތްބާއި ވަފާތެރިކަން ނެތެމުން އަންނަކަމެވެ. ފަލަސްޠީނުގެ ރައްޔިތުންނާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ހަމްދަރުދީގެ ޝުއޫރުތައް ފިނި ވަމުން އަންނަކަމެވެ. ޚާއްސަ ގޮތެއްގައި އަޅުގަނޑުމެންގެ ފަހުގެ ޖީލުތަކުގެ ދަރީންނަށް، ފަލަސްޠީނަކީ އަޅުގަނޑުމެންގެ މުސްލިމް ލެއި ކަމާއި، އެމީހުންނަށް ލިބޭ އަނިޔާ އަކީ އަޅުގަނޑުމެންނަށް ވެސް ލިބޭ އަނިޔާ ކަމާއި، އެމީހުންގެ ހައްގުތައް ނިގުޅައިގަނެވި އެމީހުން އަޅުވެތި ކުރެވިފައި އޮންނަ އޮތުމަކީ އަޅުގަނޑުމެންނަށް ވެސް ލިބިފައި އޮތް ބޮޑު ދެރައެއްކަމުގެ ހަގީގަތް ނޭނގޭ ކަން ފާހަގަ ކުރެވެއެވެ.

މިއީ ހުސް ކަމެއްގެ ތެރޭގައި ހިނގަމުން އަންނަ ކަމެއް ނޫނެވެ. ސަބަބަކާ ނުލައި ހިނގަމުން އަންނަ ކަމެއް ނޫނެވެ. މިއީ މަޑުމަޑުން އަޅުގަނޑުމެންގެ ގައުމު "ޑީއިސްމަލައިޒް" ވަމުން، އިސްލާމް ދީނާ ދުރުހެލި ވަމުން، އިސްލާމީ އުއްމަތާ ދުރުހެލި ވަމުން އަންނަ އައުމެއްގެ ނަތީޖާއެވެ. އިސްލާމް ދީން ހިމާޔަތް ކުރާނަމޭ ބުނެ ހުސް ވާހަކަތައް ދެއްކި އެތައް ބައެއްގެ އިހުމާލާއި، ދީނަށް ނަފުރަތު ކުރާ އެތައް ބަޔަކު އެ ކަމަށް އެދި ބުރަކޮށް ކުރަމުން އައި މަސައްކަތްތަކުގެ ނަތީޖާއެވެ. ދިވެހިރާއްޖޭގެ މައްޗަށް އިސްލާމް ދީނާއި އިސްލާމީ އުއްމަތާ މެދު އެއްވެސް ގަދަރެއް ނުބަހައްޓާ ބައެއްގެ ބާރުވެރިކަން ފެތުރިފައި ވާ ކަމީ މިއަދުގެ ހިތި ހަގީގަތެވެ. މިއަދު އަޅުގަނޑުމެންގެ މުޅި ގައުމާއި ދައުލަތުގެ "ސުޕަރސްޓްރަކްޗަރ" އިން އިސްލާމް ދީނުގެ ފިކުރާއި ބަސް ފޮހެލައި، މުޅި ގައުމު "ޑީއިސްލަމައިޒް" ކުރުމުގެ ރޭވުންތަކެއް ދަނީ ތަންފީޒު ކުރެވެމުންނެވެ. މި ކަންކަން ހިނގަމުން ދާ ކަމަށް ބުނެ ދިވެހީން ކުރެ ބަޔަކު އެތައް އެތައް ހެކިތަކެއްގެ އަލީގައި ވާހަކަ ދެއްކުމުން ވެސް، ގިނަ ބަޔަކަށް ކަމުގެ ހަގީގަތް ނުފެނެއެވެ. ނުވަތަ ފެންނަ ކަމަކަށް ނުހަދައެވެ. ބަލާކަށް ބޭނުމެއް ވެސް ނުވެއެވެ. "ދީން ސިޔާސީ ކުރަނީއޭ، ދީނީ ކާޑު ކުޅެނީއޭ، ދެނެއް ދީނީ ކާޑެއް ނުކުޅެވޭނެޔޭ" ކިޔައިގެން ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ދައްކައިފައި މޫނު އަނބުރައިލަނީއެވެ. ނަމަވެސް ތާރީޚު އޭގެ ދުލުން ހަގީގަތް ލިޔެ ރިކޯޑު ކުރާނެއެވެ. ތެދު ހަގީގަތް ހާމަ ކުރެވުނު ދުވަހު، ބުއްދި އާއި ހިތުގެ ލޯ މަރައިލައި އެ ތެދު ހަގީގަތަށް ފުރަގަސް ދިނީ ކޮން ބަޔަކުކަމާއި، އެ ތެދު ހަގީގަތަށާއި އެ ތެދުހަގީގަތް ހާމަ ކުރި މީހުންނަށް ޖެއްސުން ކޮށް ފުރައްސާރަ ކުރީ ކޮން ބަޔަކުކަން، އެންމެތަކުންނަށް ފެންނާނޭހެން އަދި އެނގޭނޭހެން ރިކޯޑު ކުރާނެއެވެ.

މީޑިއާ ގާތްގަނޑަކަށް ހިމޭނުން

ދިވެހިރާއްޖެ "ޑީއިސްލަމައިޒް" ވަމުން އަންނަ އައުމުގެ ފަސްމަންޒަރުގެ ސިޔާގުގައި، ފަލަސްޠީނުގެ ރައްޔިތުންނާ މެދު އަޅުގަނޑުމެންގެ ވަރިހަމަކަން ބޮޑު ވަމުން އަންނަތަން އެންމެ ރީތިކޮށް ފެންނަ އެއް ދިމާއަކީ ދިވެހި މީޑިއާއެވެ.

ފާއިތު ވެދިޔަ ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި، ސަހުޔޫނީ އިސްރާއީލުގެ ޖައްބާރު ސިފައިން އެ ގެންދަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އަނެއްކާ ވެސް ލާއިންސާނިއްޔަތާއި އަނިޔާވެރިކަމުގެ ކަޅު ސިލްސިލާއެއް ހިންގަމުންނެވެ. މި މުއްދަތުގައި ރާއްޖޭގެ މީޑިއާގައި އެ އަނިޔާވެރިކަމުގެ ޚަބަރުތައް ގެނެސްދީފައި ހުރި ގޮތް އަޅުގަނޑު ކުޑަކުޑައިކޮށް ބަލައިލީމެވެ. ދިވެހި ގައުމީ ޓީވީ އަދި ރޭޑިޔޯ ހިންގާ ޕަބްލިކް ސަރވިސް މީޑިއާގެ ޚަބަރު ވެބްސައިޓުގައި ކަމާ ގުޅޭ ބައެއް ޚަބަރުތައް އެބަހުއްޓެވެ. ނަމަވެސް މި ކަމަށް މާކަ ބޮޑު އިސްކަމެއް ދީފައި ވާތީއެއް ނުފެނެއެވެ. ޚާއްސަ ކަވަރޭޖެއް ހެދުމުގެ އެއްވެސް މަސައްކަތެއް ކުރެވިފައި ވާތީއެއް ނުފެނެއެވެ. މައިގަނޑު އޮންލޭނު ނޫސްތައް ކަމަށް ބެލެވޭ ހަތަރު ފަސް ނޫހަށް ބަލައިލި އިރު، އިސްރާއީލުގެ ޖައްބާރު އަދި ޓެރަރިސްޓް އަސްކަރިއްޔާއިން ހިންގަމުން ގެންދާ ބިރުވެރި ޖަރީމާތަކުގެ ޚަބަރުތައް އެކަށީގެންވާ ގޮތެއްގައި ގެނެސްދީފައި ވަނީ ހަމައެކަނި "ސަން އޮންލައިން" ގައެވެ. ސަންގެ އެޑިޓޯރިއަލް ޓީމަށާއި ނޫސްވެރީންނަށް ޝުކުރިއްޔާއެވެ. އެހެން ހުރިހައި ނޫހެއްގައި، މި ދިޔަ އަށެއްކަ ދުވަހުގެ ތެރޭގައި، ކަމާ ބެހޭ ގޮތުން މުޅި ޖުމުލަ ދިހަ ވަރަކަށް ޚަބަރު ވެސް އޮތް ކަމަކަށް ނުފެނެއެވެ.

ކީއްވެގެންތޯއެވެ؟ މިއީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކެވެ. އިސްލާމް ދީނާއި މުސްލިމުންގެ ދުޝްމަނުން އެ ގެންދަނީ މުސްލިމުންގެ ތިންވަނަ ޙަރަމްފުޅު ކަމަށް ވާ މަސްޖިދުލް އަޤްޞާގެ ހުރުމަތް ކަނޑަމުންނެވެ. އެތަނުގެ ތެރެއަށް ބޫޓާ އެކު ވަދެ، އެތަނުގެ ތެރެޔަށް މުސްލިމުންގެ ލެއި އޮހޮރުވައި، މިސްކިތުގެ އެތަންމިތަން މުގުރައި ސުންނާފަތި ކޮށް ހަދަމުންނެވެ. އެތަނުގެ ތެރޭގައި ހުރި ކީރިތި ޤުރްއާނުގެ މުޞްޙަފުތައް ހަލާކު ކޮށް، އިލާހީ ކަލާމްފުޅުގެ ހުރުމަތަށް ވެސް އަރައިގަންނަމުންނެވެ. މި ކަންކަމުގެ ޚަބަރުތައް ދިވެހި ކޮންމެ ނޫހެއްގެ ކޮންމެ ދުވަހެއްގެ މޫނުސަފުހާގެ ބޮޑު ޚަބަރުތައް ކަމަށް ނުވަނީ ކީއްވެގެންތޯއެވެ؟ މި ކަންކަމާ ބެހޭ ޚާއްސަ ކަވަރޭޖުތައް ނުހެދެނީ ކީއްވެގެންތޯއެވެ؟ މި ކަންކަމާ ބެހޭ ފޮޓޯތަކާއި ވީޑިޔޯތައް، ޚަބަރުތަކުގެ ތަފްސީލުތަކާ އެކު، ގެނެސްނުދެވެނީ ކީއްވެގެންތޯއެވެ؟ މިއީ އަޅުގަނޑުމެންގެ ނޫސްވެރީން ކަންނެތް ވެގެން ވާ ކަމެއްތޯއެވެ؟ ނޫސްވެރިކަމުގެ ޒިންމާ އަދާ ނުކޮށް، ކަންފަސޭހަ ކޮށްލެވޭތީ ވާ ގޮތެއްތޯއެވެ؟ ނޫސްތަކުގެ ވަސީލަތްތައް ހުރި ގޮތުން، މި މަސައްކަތް ބޭނުން ވާ ވަރަށް ނޫސްވެރީން ނެތުމުން ވާ ގޮތެއްތޯއެވެ؟ ނުވަތަ، އެއްކަލަ "ޑީއިސްލަމައިޒޭޝަން"ގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންގެ މީޑިއާ ވެސް ފަލަސްޠީނުގެ ރައްޔިތުންނާ މެދު "އަހަރެމެންނަށް ވަރިހަމަ" ވިސްނުމެއްގެ ތެރެއަށް ދަނީތޯއެވެ؟ މުސްލިމް ފުރާނަޔާއި ލޭގެ އަގު ދަށް ކަމަށް ވަނީތޯއެވެ؟

ސަރުކާރުގެ އީޖާބު

ކަންކަން މި ހިސާބަށް ގޮސްފައި ވާ އިރު، އަޅުގަނޑު މި ކޮލަމް ޑްރާފްޓް ކޮށް ނިންމި އިރު ވެސް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މިކަމާ މެދު އެއްވެސް ވާހަކައެއް ނުދައްކަވައެވެ. ޗުއްޕު ވެސް ވިދާޅެއް ނުވެއެވެ. "ދިވެހީން ތިބޭނީ ފަލަސްޠީނާ އެކުގައޭ" ވިދާޅުވެ، އިސްރާއީލު ކުށްވެރި ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޓުވީޓެއް ކުރެއްވި ޚަބަރު ނޫހަކަށް އެރީ، އަޅުގަނޑު މި ކޮލަމް އީމޭލު ކޮށްލުމުގެ ކުރީން އެއް ފަހަރު ބަލައިލާނަމޭ ހިތައި، ކިޔަމުން ގެންދަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާގެ ޓުވީޓެކެވެ. އެއް ގޮތެއްގައި، އަމިއްލަފުޅު ޚިޔާލެއް ފަދަ އެއްޗެކެވެ. އެވެސް، މުއާލާތް ކެނޑޭ ހިސާބަށް ދިޔަ ފަހުންނެވެ. އިސްރާއީލުގެ ޓެރަރިސްޓް ސިފައިން މުސްލިމުންގެ ތިންވަނަ ޙަރަމްފުޅުގެ ހުރުމަތް ކަނޑައިލިތާ ހަފުތާއެއް ފުރިހަމަ ވާން އުޅެނިކޮށެވެ. ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުން ކުރެ ހަތްސަތޭކައަށް ވުރެ ގިނަ މީހުން ޒައިނިސްޓުންގެ ހަމަލާތަކުގައި ޒަޚަމް ވީ ފަހުންނެވެ. މަދު ވެގެން ދިހަ ކުޑަކުދީން ހިމެނޭ ގޮތުން، ތިރީހަކަށް ސާޅީހަކަށް މީހުން ޝަހީދު ވެގެން ދިޔަ ފަހުންނެވެ. އިސްރާއީލުގެ ޓެރަރިސްޓް ސިފައިން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ވަހުޝީ ޖަރީމާތަކެއް ހިންގާތާ ދިހަ ދުވަސް ފާއިތު ވި ފަހުންނެވެ. ރައީސުލްޖުމްހޫރިއްޔާ އެއްޗެއް ވިދާޅު ނުވެގެން، އެކަމާ މެދު ދިވެހި ރައްޔިތުންގެ އެތައް ބަޔަކު ޝަކުވާ ކޮށް، ރައީސަށާއި ދައުލަތުގެ އެކިއެކި މީހުންނަށް ޓެގު ކޮށް، ސޯޝަލް މީޑިއާގައި އެތައް ޝުއޫރުތަކެއް ފައުޅު ކުރި ފަހުންނެވެ. ވީ އިރު، އެ ކުރެއްވި ޓުވީޓަކީ ފުދޭ ވަރު ކަމަށް، ނުވަތަ އިޚްލާސްތެރި ބަސްފުޅުތަކެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރާން ވީތޯއެވެ؟ ކުރާ ބަޔަކު ކުރާން ވީއެވެ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ.

އަނެއްކޮޅުން، ތުރުކީ ވިލާތުގެ ރައީސް ރަޖަބު ޠައްޔިބް އުރްދުޣާން - ﷲ އެމަނިކުފާނު ރައްކައުތެރި ކުރައްވާށިއެވެ – މުސްލިމު ލީޑަރެއްގެ ޒިންމާ އަދާ ކުރައްވަމުން އެބަ ގެންދަވައެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެ، އިސްރާއީލުގެ ވަހުޝީ އަނިޔާތަކާ މެދު ހަރުދަނާކަމާއި ސާބިތުކަމާ އެކު ބަސް ވިދާޅުވަމުން ގެންދެވިއެވެ. ޢަރަބި ބަހުންނާއި، އިނގިރޭސި ބަހުންނާއި، ޢިބްރީ ބަހުންނާއި، ތުރުކީ ބަހުން، ކަމާ ބެހޭ ގޮތުން މުސްލިމް ލީޑަރަކު ދައްކަވާން ޖެހޭ ވާހަކަތައް ޓުވިޓަރުގައި ދައްކަވަމުން ގެންދެވިއެވެ. ޓީވީ ޕަރޯގިރާމުތަކުގައްޔާއި ރަސްމީ އެކިއެކި މަންސަތަކުގައި އަޑު އުފުއްލެވިއެވެ. ފަލަސްޠީނުގެ އިދާރާގެ ރައީސް މަޙްމޫދު ޢައްބާސާއި ޙަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާއަށް ގުޅުއްވައި، އެ ބެއިފުޅުންނަށް ހިތްވަރު ދެއްވައި، އިސްރާއީލުގެ ޓެރަރިޒަމާ ދެކޮޅަށް ދުނިޔޭގެ ތާއީދާއި އަޑު ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނޭކަމަށް ވިދާޅުވިއެވެ.

ވިސްނަވާށެވެ! މިއީ ޣައްދާރުންނާއި ތެދުވެރި ލީޑަރުންގެ ތަފާތެވެ. އަޅުގަނޑު މިހެން ދަންނަވައިގެން އަޅުގަނޑު ޞަލީބަށް އަރުވާން ނުވަތަ އުލު ބައިންދާން ނުވަތަ ޓެރަރިޒަމަށް ހިތްވަރު ދިނީއޭ، ހައްދުފަހަނައެޅީއޭ، ދީނީ ކާޑު ކުޅެނީއޭ ކިޔައި "ފިޔަވަޅު އަޅާން" އަންނަ މީހަކު އަންނާން ވީއެވެ.

ބައެއް ފަހަރުފަހަރު، މީހަކު ހެދުން އަޅައިގެން ހުންނަ ގޮތަކުން ވެސް، އެ މީހަކު ކުށްވެރި ކުރުމަށް ޓަކައި ތިންހަތަރު ގަޑި އިރު ވާންދެން މަޖިލިހުގެ ތަޅުމުގައި ތިބެގެން ހަޅޭއްފަޅޭއް ލަވައި، ގަރާރުތައް ފާސް ކުރާ "ރައްޔިތުންގެ" މަޖިލިހުން، މި ކަމުގައި ތަށަށް ކިޔަނީ މަރިޔަބުހޭ ވެސް އަހައެއްނުލައެވެ. ޚާރިޖީ ވުޒާރާއިން މުއާލާތް ކެނޑޭން ފެށި ވަގުތު ނިކަން ފިނި ބަޔާނެއް ނެރުނެވެ. ލަފާ ކުރެވޭ ގޮތުގައި، އެއީ ވެސް ސަރުކާރުން މި ކަމުގައި ބަހެއް ނުބުނެގެން ބައެއް ފަރާތްތަކުން ރައީސް އޮފީހާއި ޚާރިޖީ ވުޒާރާ ޓެގް ކޮށް ޓްވިޓަރުގައި ފާޑު ކިޔާން ފެށުމުން، ދުނިޔޭގެ ލަދަށް، އަދި ސިޔާސީ ގޮތުން އަތުވެދާނޭ ފާޑުކިޔުންތަކަކުން ސަލާމަތް ވުމުގެ ނިޔަތުގައި ކުރި ކަމެކެވެ. މި ބަޔާނާ ބެހޭގޮތުން އެންމެ ފާހަގަ ކުރެވޭ އެއް ކަމަކީ، ފަލަސްޠީނުގެ ބިމުގައި ގަދަބާރުން އަދި ޣައިރުގާނޫނީ ގޮތެއްގައި އުފެއްދި ސަހުޔޫނީ ޓެރަރިސްޓް ކިޔާނަކީ ޝަރުއިއްޔަތު ލިބިގެންވާ ދައުލަތެއް ކަމަށް ޟިމްނީ ގޮތުން އެކަމަކު ނުހަނު ސާފު އިބާރާތުން އެއްބަސް ވެފައި އޮތް ކަމެވެ.

ޣާޒާ އަށް ބޮން އަޅާފައި --

ފަލަސްޠީނުގެ ބިމުގައި ބައިނަލްއަގުވާމީ ގާނޫނާއި އަދުލުއިންސާފުގެ ހަމަތަކާއި އިންސާނިއްޔަތުގެ އުސޫލުތައް މުގުރައިލައިގެން އުފައްދައިފައި ވާ ޒައިނިސްޓް، ވައިޓް-ސުޕްރެމަސިސްޓް، ޔޫރަޕިއަން ސެޓްލަރ ކޮލޯނިއަލް، ޓެރަރިސްޓް ކިޔާނަކީ ދައުލަތެއް ނޫނެވެ. އެއީ ޒައިނިސްޓުންނާއި ހުޅަނގުގެ އިސްލާމް ދީނާ ދެކޮޅު ބާރުތަކުން، އިސްލާމީ ޚިލާފަތާއި އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި ވަޙްދަތު ދުވަހަކުވެސް އެނބުރި އަޔަނުދިނުމުގެ މަގުސަދުގައި، އިސްލާމީ އުއްމަތުގެ ހިތުގައި އުފައްދައިފައި ވާ ޣައިރުގާނޫނީ އަދި ޓެރަރިސްޓް ކިޔާނެކެވެ. އެ ކިޔާނުގެ "1967 ބޯޑަރެއް" ވެސް، އަދި އެހެން ބޯޑަރެއް ވެސް ނޯންނާނެއެވެ. އެ ކިޔާނުގައި ތިބި މީހުންނަކީ ރޫސީ ވިލާތާއި، ޖަރުމަނު ވިލާތާއި، ދެން ވެސް ޔޫރަޕުގެ އެކިއެކި ގައުމުތަކުން އައިސް އެ ބިމަށް ވެރި ވެގަނެގެން އުޅޭ "ކޮލޯނިއަލް ސެޓްލަރުން" ނެވެ. އިސްތިއުމާރީ ޔޫރަޕިއަނުންނެވެ. އެމީހުންގެ ތެރެއިން 80 އިންސައްތައަކީ ޔަހޫދީ ނަސްލާ އެއްވެސް ގުޅުމެއް ވެސް ނެތް، ޔޫރަޕިއަން ނަސްލުގެ މީހުންނެވެ. އެމީހުންގެ ބިމާއި ބޯޑަރުތައް ހުންނާނީ އެމީހުންގެ ގައުމުތަކުގައެވެ. ރޫސީ ވިލާތުގައެވެ. ޖަރުމަނުގައެވެ. އިނގިރޭސި ވިލާތުގައެވެ. ފަރަންސޭސި ވިލާތުގައެވެ. އެމެރިކާގައެވެ. ޕޯލަންޑާއި ބުލްގޭރިއާގައެވެ. ހަންގެރީ އާއި ޗެކޮސްލޮވޭކިޔާގައެވެ. ދިވެހި ވެރިކަމުގައި ތބި މީހުންނަށް، ފިނޑިކަމުން މި ވާހަކަތައް މިހެން ބުނާން ނުކެރެނީވިއްޔާ، ނުވަތަ އިސްލާމް ދީނާއި އިސްލާމީ އުއްމަތާ މެދު ހިތްތަކުގައި އޮތް އަދާވާތްތެރިކަމެއްގެ ސަބަބުން މިހެން ބުނާން ބޭނުން ނުވަނީވިއްޔާ، ދެން އޮތް ގޮތަކީ އަނގަމަޑުން ލައިގެން ތިބުމެވެ. ދިވެހީންގެ ނަމުގައި، އިސްރާއީލަކީ ޝަރުއިއްޔަތު ލިބިގެން ވާ ދައުލަތެކޭ ބުނާކަށް ނުޖެހެއެވެ. ބުނެގެން ނުވާނެއެވެ.

މީގެ ދެތިން ދުވަހެއް ކުރީން، ބައިނަލްއަގުވާމީ މައިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި އޮންނަނީ، މަންމައިންގެ މަތިވެރިކަމާ ބެހޭގޮތުން، ޔުނައިޓެޑް ސްޓޭޓްސްގެ ފުރަތަމަ ރައީސް ޖޯރޖް ވޮޝިންގޓަންގެ ބަސްފުޅެއް ކޯޓު ކުރައްވައިފައެވެ. މަންމައިންގެ ހުރުމަތް ދުނިޔޭގެ ތާރީޚުގައި އެންމެ ރީތިކޮށް، އެންމެ މަތިވެރިކޮށް، އެންމެ ފުރިހަމަ ގޮތުގައި އުނގަންނައިދިން ފޮތް – ކީރިތި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅު ކަމަށް ވާ ކީރިތި ޤުރްއާން – އަދި ނަބިއްޔާގެ ރަން ބަސްފުޅުތަކުގެ ތެރެއަކުން، މިކަމާ މެދު ޝާހިދު ހިތްޕުޅު ހަމަޖެހޭ ބަސްފުޅެއް ފެނިވަޑައެއްނުގަތެވެ. ނުވަތަ، ޤުރްއާނާއި ސުންނަތުން ބަސްފުޅެއް ކޯޓު ކުރައްވާން ބިރުފުޅު ނުވަތަ ލަދުފުޅު ގަތީއެވެ.

މާރޓިން ލޫދަރ ކިންގ ވިދާޅުވެފައި އޮންނަނީ، "އެއްވެސް ތަނެއްގައި ބޭއިންސާފެއް ހިނގުމަކީ، ހުރިހައި ތަނެއްގައި މެ އިންސާފު ގާއިމު ކުރުމަށް އޮތް ބިރެއް" ކަމަށެވެ. ވީމާ، އިސްލާމީ އުޚުއްވަތްތެރިކަމުގެ އަވާމިލު އިހަށް ހަނދާން ނައްތައިލައްވައިފައި ވިސްނަވާށެވެ! ފަލަސްޠީނުގެ ރައްޔިތުންނާ މެދު އިސްރާއީލާއި، ހުޅަނގު އިސްވެ ތިބެ ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި ބޭއިންސާފަކީ، މުޅި ދުނިޔޭގައި އިންސާފު ގާއިމު ކުރުމަށް އޮތް ބޮޑު ހުރަހަކަށް، އަދި ދުނިޔޭގެ އަދާލަތަށް އޮތް އެންމެ ބޮޑު ބިރު ކަމަށް ނުވޭތޯއެވެ! މި ސަބަބަށް ޓަކައި އެކަނި ވެސް، ދިވެހި ދައުލަތުން ވެސް މި ބޭއިންސާފާ ދެކޮޅަށް ސާބިތުކަމާ އެކު ބަސް ބުނާކަށް ނުޖެހޭތޯއެވެ؟ ދެން، ބައެއް މީހުން ކުރާނޭ ސުވާލަކީ، ދިވެހި ގައުމު އެފަދަ ގޮތަކަށް މި ކަމުގައި ބަސް ބުނެފިއްޔާ، އަޅުގަނޑުމެންނަށް ލިބިދާނޭ ގެއްލުންތަކެއްގެ ވާހަކައެވެ. އިނގިރޭސި ބުނުމެއްގައި، "ތިބާ ގަބޫލު ކުރާ އުސޫލުތަކުގެ މަތީގައި ދިރިއުޅޭށޭ، ނުވަތަ އެ އުސޫލުތަކާއިގެން މަރު ވެގެން ކަށްވަޅަށް ދާށޭ" މިހެން ނުއޮވޭތޯއެވެ! ފަލަސްޠީނުގެ ރައްޔިތުންނަށް ކުރަމުން އެ ގެންދާ އަނިޔާވެރިކަމާ ދެކޮޅަށް ބަސް ނުބުނެ، ޑޮލަރު ނުލިބިދާނޭތީ ބިރުން، ހައްޕު ކިޔައިގެން ދުނިޔޭގައި އުޅެފައި، ދެން އިންސާފުގެ ދަތުރޭ، އަނިޔާއާ ދެކޮޅޭ، އިސްލާހޭ، ނަޒާހަތްތެރިކަމޭ ކިޔައިގެން އުޅޭ އުޅުމަކީ އަޅުގަނޑުމެންގެ ލަދުހަޔާތް ކުޑަކަން ފިޔަވައި އެހެން ކޮން ކަމެއްތޯއެވެ؟ އެހެން އުޅުނީމާ، ތާއަބަދަށް ދުނިޔޭގައި އުޅެވެނީތޯއެވެ؟

ދެން، ފަލަސްޠީނުގައި މިހާރު ހިނގަމުން ދާ ކަންތައްތަކުގެ މައްޗަށް ކުރު ގޮތަކަށް ބަލައިލަމާ ހިންގަވާށެވެ!

އުފެދިގެން އުޅޭ މައްސަލަ

ފާއިތު ވި ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި އިރުމަތީ ޤުދުސާއި މަސްޖިދުލް އަޤްޞާގެ ޙަރަމްފުޅުގެ ތެރޭގައި، އިސްރާއީލުގެ ޓެރަރިސްޓް ސިފައިން ފަލަސްޠީނީ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ އަދި އުދުވާނީ ޖަރީމާތަކުގެ އަސްލަކީ އިރުމަތީ ޤުދުސްގެ މުސްލިމް އާބާދީއެއްގެ އެއްބައި ރޫޅައިލުމަށް ކުރެވޭ މަސައްކަތެވެ. އެ އާބާދީ އަކީ، ޤުދުސްގެ "ޙާރަތުލް މުސްލިމީން" – މުސްލިމް ފަޅި – ގައި އޮންނަ ޝައިޚް ޖައްރާޙެވެ ކިޔޭ ސަރަހައްދުގައި އޮންނަ ފަލަސްޠީނީ އާބާދީއެވެ.

ޝައިޚް ޖައްރާޙަކީ މުސްލިމުންގެ މަތިވެރި ބަޠަލް ސުލްޠާން ނާޞިރުއްދީން ޞަލާޙުއްދީނުލް އައްޔޫބީ، ޞަލީބީންގެ އަތްދަށުން ޤުދުސް މިނިވަން ކުރެއްވުމަށް ފަހު، އެމަނިކުފާނުގެ ޝާހީ ހަކީމް އަލްއަމީރު ޙުއްސާމުއް ދީނުލް ޖައްރާޙީގެ ނަންފުޅަށް ނިސްބަތް ކުރެވިގެން ނަން ދެވިފައި ވާ ފަލަސްޠީނީ ވިއްޔެކެވެ. ޙުއްސާމުއްދީނުލް ޖައްރާޙީ އެ ވިލީގައި މިސްކިތަކާ އެކު މަދަރުސާއެއް ބިނާ ކުރެއްވިއެވެ. އޭނާ އަވަހާރަ ވުމަށް ފަހު، ފަސްދާނު ލެވިފައި ވަނީ އެ މަދަރުސާގެ ގޮވަތީގެ ތެރޭގައެވެ. އޭނާގެ މަގުބަރާ މިއަދު ވެސް އެތަނުގައި އެބަ ހުއްޓެވެ. ޝައިޚް ޖައްރާޙަކީ މިއަދު ވެސް ފަލަސްޠީނީންގެ 3000 ވަރަކަށް މީހުންގެ އާބާދީއެއް އޮންނަ ވިއްޔެކެވެ.

ޝައިޚް ޖައްރާޙުގައި ދިރިއުޅޭ ފަލަސްޠީނީންގެ ތެރެއިން އެތައް އާއިލާއެއްގެ ގެދޮރު ފޭރިގަނެ، އެމީހުން މަގުމަތި ކޮށްލައި، އެމީހުންގެ ގެދޮރުތައް ހުރި ބިންތަކުގައި އިސްރާއީލުގެ "ކޮލޯނިއަލް ސެޓްލަރުންނަށް" 255 ގެ އަޅައިދިނުމަށް، އިސްރާއީލުގެ ސަރުކާރުން ވަނީ ރާވައިފައެވެ. މި ދެންނެވި ފަލަސްޠީނީ އާއިލާތަކަކީ، 1948 ވަނަ އަހަރު ހިނގި އަރަބި އިސްރާއީލު ހަނގުރާމައިގެ ތެރޭގައި، ޔައްފާ އާއި ހައިފާ އާއި އަދި ޚުދު ޤުދުސްގެ ބައެއް ސަރަހައްދުތަކުން ބޭރު ކޮށްލެވި، ރެފިއުޖީންނަށް ވެގެން ދިޔަ އާއިލާތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ ޖުމުލަ 28 އާއިލާއެވެ. އެމީހުން އަށެއްކަ އަހަރު، އަލިފުދާލުގެ ރެފިޔުޖީންނާ ބެހޭ އިދާރާ – އަންރުވާ –ގެ ބެލުމުގެ ދަށުގައި، އަންރުވާގެ ރެފިއުޖީ ކޭންޕުތަކުގައި ނުހަނު ދަތި ހާލުގައި ދިރިއުޅުނެވެ. އެއަށްފަހު، އެއިރު އިރުމަތީ ޤުދުސް ކޮންޓްރޯލު ކުރަމުން ގެންދިޔަ އުރްދުންގެ ސަރުކާރާއި އަންރުވާއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، އެ އާއިލާތަކަށް ޝައިޚް ޖައްރާޙުގައި ގެދޮރު އަޅައިދިނުމަށާއި، އެ ގެދޮރުތަކުގައި އެމީހުން ތިން އަހަރު ވާންދެން ދިރިއުޅުމުން، އެ ގެދޮރުތައް ގޯތިތަކާ އެކު އެ އާއިލާތަކަށް މިލްކު ކޮށްދޭ ގޮތަށް ހަމަޖެހުނެވެ. ރަސްމީކޮށް ވެވުނު މި އެއްބަސްވުމުގެ ދަށުން، މި ދަންނަވާ 28 އާއިލާ، ޝައިޚް ޖައްރާޙަށް ބަދަލު ކުރެވުނީއެވެ. އެއިރުއްސުރެ މިއަދާ ހަމަޔަށް އެމީހުން ދިރިއުޅެމުން ދަނީ އެ ގެދޮރުގައެވެ.

އުރްދުންގެ ސަރުކާރާއި އަންރުވާއާ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން، ފަލަސްޠީނީ އާއިލާތައް ޝައިޚް ޖައްރާޙުގައި ތިން އަހަރު ވާންދެން ދިރިއުޅުމުން، އެމީހުން ދިރިއުޅުމަށް ޓަކައި ހަދައިދެވުނު ގެދޮރު ގޯތިތަކާ އެކު އެމީހުންނަށް މިލްކު ވާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، އެމީހުންނަކަށް އެ ބިންތަކުގެ މިލްކުވެރިކަމުގެ ރަޖިސްޓްރީ ލިބޭ ގޮތެއް ނުވިއެވެ. އެއީ، އުރްދުންގެ ސަރުކާރުގެ އިދާރީ ނިޒާމުގެ ލަސްކަމާ ހުރެ ގޯއްޗާއި ގެދޮރުގެ ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް ލަސް ވަމުން ގޮސް، އެންމެ ފަހުން އެކަން ނުވެ އޮއްވައި 1967ގެ މަޝްހޫރު ހަ ދުވަހުގެ ހަނގުރާމައިގައި މުޅި އިރުމަތީ ޤުދުސް އިސްރާއީލުގެ އިސްތިއުމާރީ ކޮންޓްރޯލުގެ ދަށަށް ދިޔުމުގެ ސަބަބުންނެވެ.

އިސްރާއީލުގެ ދަށަށް އިރުމަތީ ޤުދުސް ދިޔުމާ އެކު، މުޅި ޤުދުސް ޒައިނިސްޓުންގެ ތަނަކަށް ހަދައި، އެ ޝަހަރުގައި ހުރި ފަލަސްޠީނީންގެ އާބާދީތައް ސުންނާފަތި ކޮށް، އާބާދީއަކަށް ފަހު އާބާދީއެއް ޝަހަރުން ބޭރު ކޮށް، އެ އާބާދީތައް ހުރި ތަންތަނުގައި ޒައިނިސްޓުންނަށް ގެދޮރު އަޅައިދިނުމުގެ ސިޔާސަތެއް އިސްރާއީލުން އަންނަނީ ތަންފީޒު ކުރަމުންނެވެ. ޝައިޚް ޖައްރާޙްގައި ދިރިއުޅޭ ފަލަސްޠީނީންގެ ތެރެއިން، އެއްކަލަ 28 އާއިލާ އެތަނުން ބޭރު ކުރުމުގެ މަސައްކަތް ވެސް 1972 ވަނަ އަހަރު ފެށިއްޖެއެވެ. މިއަދާ ހަމަޔަށް އައި އިރު، އޭގެ ތެރެއިން ބައެއް އާއިލާތައް ވަނީ ބޭރު ކުރެވިފައި ވެސް މެއެވެ. އެއީ 2002 ގައްޔާއި، 2008 ގައްޔާއި، 2017 ގައެވެ. މިހާރު އިސްރާއީލުން މަސައްކަތް ކުރަނީ، މި ދެންނެވި 28 އާއިލާގެ ތެރެއިން ޝައިޚް ޖައްރާޙުގައި މިހާރު ތިބި 13 އާއިލާ ވެސް އެތަނުން ބޭރު ކުރުމަށެވެ. މި މަސައްކަތުގެ ބައެއްގެ ގޮތުގައި، ޒައިނިސްޓުންގެ ކޯޓެއް ކަމަށް ވާ ޖެރޫސަލަމް ޑިސްޓްރިކްޓް ކޯޓުން ވަނީ މި މަހުގެ 02 ވަނަ ދުވަހު އެ އާއިލާތައް ދިރިއުޅޭ ގެދޮރު ހުސް ކޮށް، އިސްރާއީލާ ހަވާލު ކުރުމަށް މުހުލަތުތަކެއް ކަނޑައަޅައިފައެވެ.

މި ކަމާ ބެހޭގޮތުން އެންމެ ފުރަތަމަ ފާހަގަ ކުރާން ޖެހޭ ކަމަކީ، އިރުމަތީ ޤުދްސާއި، އެ ޝަހަރުގެ ބިންތަކާއި، އެ ޝަހަރުގައި ދިރިއުޅޭ ރައްޔިތުންގެ މައްޗަށް އެއްވެސް ކަހަލަ ގާނޫނީ ބާރެއް ހިންގުމަކީ، ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން އިސްރާއީލަށް ނުކުރެވޭނޭ، ޣައިރުގާނޫނީ އަމަލެއް ކަމެވެ. ޝައިޚް ޖައްރާޙްގެ ބިންތަކާއި، އެ ބިންތަކުގައި ދިރިއުޅޭ ފަލަސްޠީނީންގެ ހައްގުތަކާ މެދު ޝަރީއަތް ހިންގުމާއި ހުކުމް ކުރުމަކީ އިސްރާއީލަށް ލިބިގެން ވާ ހައްގެއް ނޫންކަމެވެ.

ދެން، ޖެރޫސަލަމް ޑިސްޓްރިކްޓް ކޯޓުން ޝަރީއަތް ކުރި ގޮތަށް ބަލައިލާ އިރު، ފަލަސްޠީނުގެ އާއިލާތައް ދިރިއުޅެމުން ދާ ބިންތަކަކީ އެމީހުންނަށް ހައްގު ބިންތައް ކަން ސާބިތު ކޮށްދޭ އެއްވެސް ލިޔުމެއް ނުވަތަ ހެއްކަކަށް ކޯޓުން ރިއާޔަތެއް ނުކުރިއެވެ. އަދި، އެ ބިންތަކަކީ ޔަހޫދީންގެ ބިންތަކެއް ކަމަށް ބުނެ ކޯޓަށް ހުށައެޅުނު ދައުވާ ނަފީ ކުރާ އެއްވެސް ހެއްކެއް ވެސް ބަލައެއްނުގަތެވެ. މައްސަލައިގައި، ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ކާފީ ހެކި ކަމަށް ހިމެނޭ މައިގަނޑު ތިން ހެއްކެއް ހުށައެޅުނެވެ. ފުރަތަމަ ހެއްކަކީ، އުރްދުންގެ ސަރުކާރާއި އަންރުވާއާ ދެމެދު ސޮއި ކުރެވުނު އެއްބަސްވުމާއި، އެ އެއްބަސްވުމުގެ ދަށުން ފަލަސްޠީނީ އާއިލާތަކަށް، ތިން އަހަރު ވާންދެން ޝައިޚް ޖައްރާޙުން އެމީހުންނަށް ދެވުނު ގެދޮރުތަކުގައި އުޅުމުން ބިމާ އެކު އެ ގޯތިތައް މިލްކު ވެ، މިލްކުވެރިކަމުގެ ރަޖިސްޓަރީ ހައްދައިދެވޭނޭ ކަމަށް ބުނެ ދެވިފައި ހުރި ރަސްމީ ލިޔެކިޔުންތަކުގެ ޖުމުލަ ސާދަ ލިޔުމެވެ. އުރްދުންގެ ސަރުކާރުން މި ލިޔުންތައް ރަސްމީކޮށް އިސްރާއީލަށާއި، މައްސަލައިގައި ފަލަސްޠީނުގެ ރައްޔިތުން ތަމްސީލު ކުރި ވަކީލުންނަށް ދިނެވެ. އަދި މި ލިޔުންތައް ކޯޓަށް ހުށައެޅުނެވެ. ނަމަވެސް ކޯޓުން ނިންމީ އެ ލިޔުންތަކަށް ރިއާޔަތް ނުކުރުމަށެވެ. ދެވަނަ ހެއްކަކީ، އުރްދުނާއި އަންރުވާއާ ދެމެދު ޝައިޚް ޖައްރާޙްގައި ވަޒަންވެރި ކުރެވުނު ފަލަސްޠީނީންނާ ބެހޭގޮތުން ވެވުނު އެއްބަސްވުމަށް އިސްރާއީލުން ކަމޭ ހިތާނޭ ކަމަށް ބުނެ، 1968ގައި އިސްރާއީލުގެ ސެނެޓުން ފާސް ކޮށްފައި އޮތް ގަރާރެވެ. އެ ގަރާރަށް ރިއާޔަތް ކުރުމަށް ވެސް ކޯޓުން ކުރީ އިންކާރެވެ. ތިންވަނަ ހެއްކަކީ، ޔަހޫދީ ގުރޫޕުތަކުން ކޯޓަށް ހުށައެޅި މައިގަނޑު ދައުވާ ކަމަށް ވާ، ޝައިޚް ޖައްރާޙުގެ ސަރަހައްދަކީ ކުރީން ޔަހޫދީންގެ ބިމެއް ކަމަށް ބުނެ ކުރި ދައުވާ ނަފީ ކުރުމަށް ޓަކައި ހުށައެޅުނު މުސްކުޅި ރިކޯޑުތަކެވެ. މި ރިކޯޑުތައް ހޯދިފައި ވަނީ، ތުރުކީ ވިލާތުގެ ވެރިރަށް އަންކާރާގައި ހުންނަ، ޢުޘްމާނީ ޚިލާފަތުގެ މުސްކުޅި ލިޔެކިޔުންތަކާއި، ބިމުގެ މިލްކުވެރިކަމުގެ ފަތްތަކުގެ ރިކޯޑުތައް ރައްކައުތެރި ކުރެވިފައި ވާ އަރުޝީފުތަކުގައި ހުރި ލިޔުންތައް ބަލައި ދިރާސާ ކުރުމަށް ޓަކައި ކުރެވުނު މަސައްކަތުންނެވެ. އެ ލިޔުންތަކުން އެނގޭ ގޮތުގައި، ޝައިޚް ޖައްރާޙަކީ އިހުއްސުރެ ފަލަސްޠީނީންގެ ބިމެކެވެ. އެއީ އެއްވެސް އިރަކު ޔަހޫދީން އުޅުނު ސަރަހައްދެއް ނޫނެވެ. މި ލިޔުންތައް ކޯޓަށް ހުށައެޅުމުން ވެސް، ފަނޑިޔާރުން ނިންމީ އެ ލިޔުންތައް ހެކީގެ ގޮތުގައި ބަލައިނުގަތުމަށެވެ.

މި ދެންނެވި ފަދަ "ތަހުޒީބު، ޑިމޮކްރެޓިކް، ގާނޫނުގެ ހުކުމާ އެއްގޮތް، އަދި އިންސާފުވެރި" ހުކުމަށް ފަހު، ފަލަސްޠީނީ އާއިލާތަކަށް ޝައިޚް ޖައްރާޙުން ނުކުމެގެން އެމީހުން ދާނޭ ތަނަކަށް ދާން އެންގުމާ ގުޅިގެން، ފަލަސްޠީނީން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރާން ފެށިއެވެ. މަގުތަކަށް ނުކުމެ އަޑު އުފުލާން ފެށިއެވެ. މަގުމަތި ކުރެވުނު އާއިލާތަކުން ވެސް، އިސްރާއީލުގެ ޣައިރުގާނޫނީ އެންގުމާ އެއްގޮތަށް އަމަލު ނުކުރާނޭކަން އެންގިއެވެ. މައްސަލަ މިހާރު އޮތީ ޖެރޫސަލަމް ހައި ކޯޓަށް އިސްތިއުނާފު ކުރެވިފައެވެ. ނަމަވެސް އެ ކޯޓުން ވެސް ފަލަސްޠީނީންގެ ހައްގުތައް ބަލައިގަންނާނޭ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ.

ޝައިޚް ޖައްރާޙުގެ މައްސަލައާ ގުޅިގެން، ފަލަސްޠީނީން އިރުމަތީ ޤުދުސްގައި ނުރުހުން ފައުޅު ކުރާން ފެށުމުން، އިސްރާއީލުން އަމަލު ކުރީ އިސްރާއީލުގެ އާއްމު އަޚްލާގާ އެއްގޮތަށެވެ. ފުރިހަމަ ހަތިޔާރާ އެކު އިސްރާއީލުގެ ޓެރަރިސްޓް ސިފައިން ނުކުމެ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ޖައްބާރުކަމާއި އަނިޔާވެރިކަން އިސް ކުރާން ފެށީއެވެ. ރަބަރު ދުލިފަށެއް ބޭރުގައި ލައިފައި ހުންނަ ދަގަނޑު ވަޒަނާއި، ސްޓަން ގްރެނޭޑް ފަދަ ހަތިޔާރުތަކާއިގެން ނުކުމެ، ފަލަސްޠީނުގެ ރައްޔިތުންނާ ހަމަލަ ދީ، އެތައް ބަޔަކު ޒަޚަމް ކޮށް، އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ކުރާން ފެށީއެވެ. މި އަނިޔާވެރިކަން ހައްދު ފަހަނައަޅައި ދިޔައީ، މި ރަމަޟާން މަހުގެ ހަތާވީސް ވިލޭރޭގައެވެ. އެ ރޭ، އިފްޠާރަށް ފަހު މުސްލިމުންގެ އެތައް ހާސް ބަޔަކު މަސްޖިދުލް އަޤްޞާގައި ނަމާދަށް ތިއްބައި، އިސްރާއީލުގެ ސިފައިން މިސްކިތަށް ވަދެގަނެ ހިންގި ޝައިތާނީ ޖަރީމާތަކާ އެކުގައެވެ. އެމީހުންގެ ބޫޓުތަކާ އެކު މިސްކިތަށް ވަދެ، މިސްކިތުގެ ތެރޭގައި ނަމާދަށް ތިބި މީހުންގެ ގައިގައި ތަޅައި، އަނިޔާ ކޮށް، ލެއި އޮހޮރުވައި ހެދިއެވެ. އަންހެނެއް، ފިރިހެނެއް، ކުޑަ ކުއްޖެއް، މުސްކުޅިއެއް ބެލުމެއް ނެތި، ބަޑި އާއި ސްޓަން ގްރެނޭޑް ފަދަ ހަތިޔާރުތަކުން ހަމަލަ ދީ އެތައް ބަޔަކު ޒަޚަމް ކޮށްލިއެވެ. އެއަށްފަހު އިސްރާއީލުގެ ސިފައިން ވަނީ މަސްޖިދުލް އަޤްޞާ އެމީހުންގެ އަސްކަރީ ކޮންޓްރޯލުގެ ދަށަށް ގެނެސްފައެވެ. ކޮންމެ ދުވަހަކު އެމީހުން ދަނީ މިސްކިތަށް ވަދެ، މިސްކިތަށް އެކި ކަހަލަ ގެއްލުންތައް ދީ، ނަމާދު ކުރާ މީހުންނަށް އަނިޔާ ކޮށް، ކީރިތި ޤުރްއާނުގެ މުޞްޙަފުތައް ހަލާކު ކުރުން ފަދަ ވަހުޝީ އަނިޔާތައް ތަކުރާރު ކުރަމުންނެވެ. މިއީ އިސްރާއީލުން އަބަދުވެސް ފަލަސްޠީނުގެ މުސްލިމުން ރުޅި އަރުވާން، އެމީހުން ބިރު ގަންނުވާން، އަދި އެމީހުން އެމީހުންގެ ހައްގުތަކަށް ޓަކައި ކުރާ މަސައްކަތުގެ ބަދަލު ހިފާން ގެންގުޅޭ ފިނޑި އަދި ލާއިންސާނީ އުކުޅެކެވެ. އާދެ، މަސްޖިދުލް އަޤްޞާއަށް ވަދެގަނެ އެތަނަށް ގެއްލުން ދިނުމެވެ. އެއީ ފަލަސްޠީނީންނާއި، އަދި މުޅި ދުނިޔޭގެ މުސްލިމުންގެ ހިތްތަކަށް ވެސް ނުހަނު ބޮޑު ވޭނާއި ކެކުޅުން ލިބޭ ކަމެއްކަން އެއުރެން ދަނެއެވެ. މި ގޮތުން ފަލަސްޠީނީންނަށް ހިތްދަތިކަން ދެވުމުން، އިސްރާއީލަށް ލިބެނީ ވަރަށް ބޮޑު އުފަލަކާއި ލައްޒަތެކެވެ. "ސޭއިޑިސްޓް ޓެރަރިޒަމް" ނޫނީ، މިއަށް ކިޔާނޭ އެހެން ނަމެއް އެބައޮތްތޯއެވެ؟

މަސްޖިދުލް އަޤްޞާ އާއި މުސްލިމުންނަށް ދިން ބޮޑެތި އަނިޔާއަކާ ގުޅިގެން، ޙަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ރޮކެޓު ހަމަލާތަކެއް ދިނެވެ. ރައްދުގައި އިސްރާއީލުން ޣައްޒާއަށް ބޮން އަޅާން ފެށީއެވެ. އިސްރާއީލުގެ ވަރުގަދަ ހަމަލާތަކެއް ޣައްޒާއަށް އަމާޒު ވަމުން ދާ އިރު، މިހައިތަނަށް ތިރީހަކަށް ފަލަސްޠީނީން ވަނީ ޝަހީދު ވެފައެވެ. އޭގެ ތެރޭގައި ދިހަ ވަރަކަށް ކުޑަ ކުދީން ވެސް ހިމެނެއެވެ. މި ދެންނެވީ އިސްރާއީލުން ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނާއި މަސްޖިދުލް އަޤްޞާއާ ދެކޮޅަށް އެންމެ ފަހުން ފެށި އުދުވާނީ ޓެރަރިސްޓް ހަމަލާތައް ފެށުނު ގޮތެވެ. ފެންނަ ފެނުމުގައި ކުރިޔަށް އޮތީ ބަނަ ދުވަސްތަކެކެވެ. ފެންނަ ފެނުމުގައި، ފަލަސްޠީނުގެ ރައްޔިތުން ބަރަކާތްތެރި ފިޠުރު ޢީދު ފާހަގަ ކުރާން ޖެހޭނީ އެމީހުންގެ ލޭގެ ކޯރުތަކެއްގެ ތެރޭގައެވެ. މުސްލިމުން ދުރުގައި ތިބެގެން "ﷲ މިކަން ހައްލު ކޮށްދެއްވާށޭ" ދަންނަވައި "ދުޢާ" ކޮށްކޮށް ތިބޭނެއެވެ. އަޅުގަނޑުމެންގެ ވެރީން ތިބޭނީ އެމީހުންގެ ޝަރަފެއް ނުވަތަ ހުރުމަތެއް ނެތް މޫނުތައް ފޮރުވައިގެން ފިލައެވެ. ބައެއް މީހުން ހިތުން ޒައިނިސްޓުންނަށް ތާއީދު ކޮށްކޮށެވެ. ހުރިހައި އަމުރުވެރިކަމެއް ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ.

comment ކޮމެންޓް