ލިސްޓަކީ ހުކުމެއް ނޫން، ކުށްވެރިން އެނގޭނީ ތަހުގީގު ނިމުމުން: އަސްއަދު

އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހްމަދު އަސްއަދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓަކީ ހުކުމެއް ނޫން ކަމަށާއި ކުށްވެރިން އެނގޭނީ ތަހުގީގު ނިމުމުން ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވެއްޖެ އެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން އަސްއަދު މިރޭ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރި މަސައްކަތަކީ ގާނޫނީ ޒިންމާއެއް އަދާކުރުން ކަމަށާއި، މަޖިލީހުން އެދުމުން އެ ކޮމިޝަނުގައި ހުރި މައުލޫމާތު މަޖިލީހަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެ ފޯރުކޮށްދީފިން. އަޅުގަނޑުމެން ފޯރުކޮށްދިން ލިސްޓު އޮތްގޮތަށް އެބޭފުޅުން އެ އޮތީ ޖައްސަވާފަ،" މިއަދު މަޖިލީހުން އާންމުކުރި ލިސްޓާ ގުޅޭގޮތުން އޭނާ ވިދާޅުވި އެވެ.

އަސްއަދު ވިދާޅުވީ އެ ލިސްޓަކީ ހުކުމެއް ނޫން ކަމަށާއި، އެ ލިސްޓުގައި ހިމެނުނު އެންމެންނަކީ ކުށްވެރިން ނޫން ކަމަށެވެ.

"މި ދަންނަވަނީ އެއީކީ ހުކުމެއް ނުނޭ. އެމީހުން ކުށްވެރި ކުރީވެސް ނޫނޭ. ތަހުގީގު ކުރިއަށްދާވަރަކުން އޭގެތެރެއިން އެއްބަޔަކު ސާފުވެ އަނެއް ބަޔަކުގެ މައްޗަށް ދައުވާ ކުރެވެމުންދާނެއޭ،" އޭނާ ވިދާޅުވިއެވެ.

"ބައްލަވާލައްވައިފިއްޔާ ފެނިވަޑައިގަންނަވާނެ. އެއީ ޕާސަންސް އޮފް އިންޓްރެސްޓޭ. އަދި އެއީ ރަނގަޅުތޯ ގޯސް ބައެއްތޯ އަޅުގަނޑުމެން ނުނިންމަން. އެކަން އެއީ އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް. އެބޭފުޅުން ދެއްވާ މައުލޫމާތާއި އަޅުގަނޑުމެން ހޯދާ ހެކިތަކުގެ އަލީގައި ތަހުގީގުކޮށް އޭގެތެރެއިން އެއްބަޔަކަށް ދައުވާ ކުރަން ދާނެ،" އަސްއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުން އެ ލިސްޓު އާންމު ކުރުމަކީ ތަހުގީގަށް އެޅޭ ހުރަހެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

"ތަހުގީގު ނިމޭވަރަކުން ނިމޭ މީހުންގެ މައުލޫމާތު އަޅުގަނޑުމެން ހާމަކުރަމުން ގެންދާނަން،" އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތު ކުރާ 282 މީހުންގެ ނަމާ އެކު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ރިޕޯޓު މިއަދު ވަނީ އާންމު ކޮށްފައެވެ. މަޖިލީހުން އާންމު ކުރި ލިސްޓުން އެނގޭ ގޮތުގައި 282 މީހުންގެ ތެރެއިން 119 މީހުންނަކީ، ކުރިން ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންނާއި މިހާރު ވެސް މަގާމުތަކުގައި ތިބި މީހުންނެވެ.

comment ކޮމެންޓް