އަޑުބަރޭ އަށް، އަހަރު ދުވަހުގެ ޖަލުހުކުމެއް ކަނޑައަޅައިދޭން އެދެނީ

އަޑުބަރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ޓޫރިޒަމް މިނިސްޓަރު، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލާގައި އެނާގެ ފަރާތުން މައްސަލާގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ގެ މައްޗަށް އެއް އަހަރުގެ ޖަހު ހުކުމެއް ކަނޑައަޅައިދިނުމަށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދެން ނިންމައިފި އެވެ.

އެގޮތަށް އެދެން ނިންމާފައިވާކަން ހާމަކުރައްވާ ޕްރޮސެކިޔުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިޔުޓަރު އަހުމަދު ޝަފީއު ވިދާޅުވީ އަލީ ވަހީދު މައްސަލައިގެ އަޑުއެހުމެއް ބާއްވައިދިނުމަށްވެސް ޕީޖީ އިން ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު މައްސަލާގައި އަޑުބަރޭގެ މައްޗަށް ޖަލު ހުކުމެއް އިއްވައިދޭން އެދުމަށް ދައުލަތުން ނިންމާފައިވަނީ ޖާމިނުވުމުގެ އެއްބަސްވުމާ އޭނާ ހިލާފުވެފައި ވާތީ އެވެ.

ޖާމިނުވާ މީހާ އިގުރާރުވަނީ ބަންދުގައިހުރި މީހާ ބަންދުން ދޫކޮށްލާފައި ހުންނައިރު އޭނާ ކުށެއް ކުރިޔަނުދީ ބަލަހައްޓާނެ ކަމަށާއި އަދި އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށުގެ ތަހުގީގަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާއިން އަންގާ ތަންތަނަށް އޭނާ ހާޒިރުކުރާނެކަން އަދި ޝަރީއަތުގެ މަރުހަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ.

ކުށެއްގެ ތުހުމަތުވާ މީހަކު ބަންދުން ދޫކުރުމުގައި މީހަކު ޖާމިނުވެއްޖެ ނަމަ އޭނާ ބަންދުން ދޫކޮށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ، ބަންދުގައިހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރުމަށްޓަކައި، ބަންދުގައި ހުރި މީހާއަށް ޖާމިނުވާ މީހާ، އޭނާގެ އިގުރާރާ ހިލާފުވެއްޖެނަމަ އޭނާ އެކުރަނީ ކުށެއް ކަމަށެވެ.

ބަންދުން ދޫކޮށްލެވުނު މީހާ ފިލައިފިނަމަ ނުވަތަ ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ހިލާފުވެއްޖެނަމަ، އެ ހިލާފުވި ހިލާފުވުމުގެ ކުޑަ ބޮޑު މިނަށް ބަލައި، ޖާމިނުވި މީހާއަށް އަދަބެއް ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.

އެގޮތުން ޖާމިނުވި މީހާ އެއް އަހަރު ދުވަހަށް ޖަލަށް ލެވިދާނެ އެވެ. ނުވަތަ ދެ އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރެވިދާނެ އެވެ. އަދި 15،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން ހިމެނެ އެވެ.

ބަންދުގައިހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކޮށްފައިވަނިކޮށް، އޭނާއަށް ޖާމިނުވި މީހާ އޭނާގެ އިގްރާރާ ހިލާފުވެއްޖެނަމަ، ނުވަތަ ބަންދުން ދޫކުރެވިފައިވާ މީހާ ފިލައިފިނަމަ، ބަންދުން ދޫކުރެވިފައިވާ މީހާ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެންޖެހޭނެ އެވެ. އަދި އޭނާ ހައްޔަރުކުރެވުމުން، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ.

ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން ކުރި ހަތް ދައުވާއާ ހެދި އަލީ ވަހީދުގެ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮއްވައި އެ ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލުމުން އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފަ އެވެ.

އަލީގެ ޕާސްޕޯޓު ދޫކޮށްލަން ނިންމި ނިންމުން ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އެންގީ އޭނާ އުޅޭ ތަނެއް ޕީޖީއިން ހޯދުމަށެެވެ. އެއީ ޗިޓު ރައްދު ނުކުރެވިގެންނެވެ. ނަމަވެސް، އޭނާ އުޅޭ ތަނެއް ޕީޖީއަށް ނުހޯދުމުން އެ ކޯޓުން ވަނީ އެ މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްފަ އެވެ. ހައިކޯޓުން މައްސަލަ ބޭރުކޮށްފައި ވަނީ، އަލީ އުޅޭ ތަނެއް އެނގިއްޖެ ނަމަ އަލުން މައްސަލަ ހުށަހެޅޭނެ ގޮތަށެވެ.

comment ކޮމެންޓް