އިސްރާއީލާއި ހަމާސްގެ ހަމަލާތައް ހަނގުރާމައަކަށް ބަދަލުވެދާނެ: އދ

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާއެއްގައި މީހުން ދިރިއުޅޭ އިމާރާތަކަށް ގެއްލުންވެފައި -- ފޮޓޯ: ރޮއިޓާސް

އދ (މެއި 12): އިސްރާއީލާއި ހަމާސްއިން ބަދަލު ކުރަމުންދާ ހަމަލާތައް ބޮޑު ހަނގުރާމައަކަށް ބަދަލު ވެދާނެ ކަމަށް، އދ.އިން މެދުއިރުމަތީގެ ސުލްހަޔަށް އައްޔަންކޮށްފައިވާ މަންދޫބު ތޯރ ވެނެސްލެންޑް ވިދާޅުވެއްޖެ އެވެ.

އިސްރާއީލާއި ހަމާސް ހަނގުރާމައަކަށް މިސްރާބު ޖަހާފައިވާ ކަމުގެ ބިރު އދ.އިން ފާޅު ކުރީ، 2014 ވަނަ އަހަރުގެ ޣައްޒާ ހަނގުރާމައިގެ ފަހުން އެ ދެ ފަރާތުން ބަދަލު ކުރި އެންމެ ވަރުގަދަ ހަމަލާތައް އިއްޔެ ދިން ފަހުންނެވެ.

އިސްރާއީލާއި ހަމާސްއިން ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާ ވެނެސްލެންޑް ވިދާޅުވީ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ދެ ފަރާތުގެ ލީޑަރުން ޒިންމާ ނަގަން ޖެހޭ ކަމަށެވެ. އަދި އެ ހަމަލާތަކުގެ ގެއްލުން ލިބެނީ އާއްމު ރައްޔިތުންނަށްކަން ފާހަގަ ކުރައްވާފަ އެެވެ.

"ހަމަލާތައް ވަގުތުން ހުއްޓާލަން ޖެހޭ. އަޅުގަނޑުމެން މިދަނީ ސީދާ ހަނގުރާމައަކާ ދިމާލަށް. ހަމަނުޖެހުންތައް ހުއްޓުވުމުގެ ޒިންމާ ހުރިހާ ފަރާތެއްގެ ލީޑަރުން އެބަ ނަގަން ޖެހޭ،" ވެނެސްލެންޑް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ހަމަލާތައް ހުއްޓުވުމަށްޓަކައި އދ.އިން ދަނީ ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު މަސައްކަތް ކުރަމުންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އިސްރާއިލުން 2007އިން ފެށިގެން ހިސާރުކޮށްފައި އޮތް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، އެގައުމުން ހޯމަ ދުވަހުން ފެށިގެން ދެމުންދާ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 43 މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރޭގައި 13 ކުޑަކުދިންނާއި ތިން އަންހެނުން ހިމެނެ އެވެ.

އިސްރާއީލާއި ހަމާސްއާ ދެެމެދު ބަދަލު ކުރަމުން ދިޔަ ރޮކެޓް ހަމަލާތައް އިތުރަށް ވަރުގަދަ ކުރީ އިއްޔެ އިސްރާއީލުން ދިން ހަމަލާތަކެއް ޣައްޒާގައި މީހުން ދިރިއުޅޭ އުސް ދެ އިމާރާތަކަށް އަމާޒު ކުރި ފަހުންނެވެ. އެ ހަމަލާތައް އެރުމުގެ ކުރިން ދެ އިމާރާތުން މީހުން ހުސްކުރަން މަސައްކަތް ކުރި ނަމަވެސް، އެހަމަލާގައި އާއްމު ރައްޔިތުން މަރުވި ކަމަށް ޣައްޒާގެ އޮފިޝަލުން ވިދާޅުވި އެވެ.

އިސްރާއީލްގެ ޑިފެންސް މިނިސްޓަރު ބެނީ ގަންޓްޒް ވިދާޅުވި ގޮތުގައި އެގައުމުގެ ހަމަލާތައް "އަދި ކިރިޔާ ފެށުނީ" އެވެ. އަދި ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ވަނީ އީސްރާއީލުން "ހަމަލާތައް އިތުރު ކުރަން ބޭނުން ނަމަ އެޖަމާއަތުން ތައްޔާރަށް އޮތް ކަމަށާއި އެގައުމުން ހަމަލާތައް ހުއްޓާލަން ބޭނުން ނަމަ އެކަމަށްވެސް ތައްޔާރަށް އޮތް ކަމަށް" ވިދާޅުވެފަ އެވެ.

comment ކޮމެންޓް