އެސެޓް ރިކަވަރީ ކޮމިޝަނުގެ ހިޔާނާތު ލިސްޓުގައިވެސް މަހުލޫފާއި އަކްރަމްގެ ނަން

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް (ވ) އަދި ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން (ވ) -- ސަން ފައިލް ފޮޓޯ

ޔޫތު މިނިސްޓަރު އަހުމަދު މައުލޫފް އާއި ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނުގެ ނަން ޕްރެޒިޑެންޝަލް ކޮމިޝަން އޮން އެސެޓް ރިކަވަރީއިނ ތައްޔާރު ކުރި އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައިވެސް ހިމެނިއްޖެ އެވެ.

މީގެ ކުރިން އޭސީސީއިން އާންމުކުރި އެމްއެމްޕީއާރުސީ ތަހުގީގު ރިޕޯޓުގައިވެސް އެ ދެ ބޭފުޅުންގެ ނަން ހިމެނުނެވެ. ނަމަވެސް ފަހުން އޭސީސީއިން ބުނެފައިވަނީ އެމީހުންގެ ކޮރަޕްޝަނެއް ނެތް ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހާ ހިއްސާކުރި ލިސްޓުގައި ވާގޮތުން އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ މަހުލޫފަށް ވަނީ ލިބިފަ އެވެ. އެނގިފައިވާ ގޮތުން އޭރުގެ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މަހުލޫފަށް އެއް މިލިއަން ރުފިޔާ ދީފައިވާ ކަމަށް ބުނެ އަދީބު ވަނީ ބަޔާން ދެއްވާފަ އެވެ.

އޭގެ އިތުރުންވެސް ރައީސް ޔާމީން ވިދާޅުވެގެން ދެލައްކަ ރުފިޔާ ދިންކަމަށް އަދީބު ވިދާޅުވެފައި ވާކަން ވަނީ އެނގިފަ އެވެ. އެފައިސާ ދިނީ މުހައްމަދު ހުސައިން (އޮއިއްޓޭ) ކަމަށް ބަޔާންތަކުން އެނގެ އެވެ.

ދެހާސް ސާދަވަނަ އަހަރުގެ ފެބުރުއަރީ 26 ވަނަ ދުވަހުވެސް މަހުލޫފަށް ދެލައްކަ ރުފިޔާ ދީފައިވާ ކަމަށް އޮއިއްޓޭ ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ބަޔާން ދީފަ އެވެ. ހަމަ އެ އަހަރުގެ މާޗު މަހުގެ 20 ވަނަ ދުވަހު މަހުލޫފަށް ފަސް ލައްކަ ރުފިޔާ ދިން ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި އެކުޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު ފައިސާއިން 33،000 ޑޮލަރު މަހުލޫފަށް ދިން ކަމަށް ބަޔާނުގައިވެ އެވެ. އެހެންނަމަވެސް އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތްތަކެއްގެ ތެރެއިން ދީފައިވާ ޑޮލަރު ކަމަށާއި އެއަށް ވާ ފައިސާ ލިބިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އަކްރަމް ކަމާލުއްދީނަށްވެސް ފައިސާދިން ކަމަށް އޮއިއްޓޭ ކޮމިޝަނަށް ދީފައިވާ ބަޔާންތަކުގައި ބުނެފައިވެ އެވެ. އެގޮތުން 2014 ވަނަ އަހަރުގެ ނޮވެމްބަރުގެ 10 ވަނަ ދުވަހު ކިނިބިގަސްދޮށުގެ ހުންނަ މަގުން ދެލައްކަ ރުފިޔާ ދީފައިވާ ކަމަށް އޮއިއްޓޭގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި އިކުޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 30،000 ޑޮލަރު ދީފައިވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރިޕޯޓުން އެނގެ އެވެ.

comment ކޮމެންޓް