އަދީބާއި އާޒިމްގެ މެސެޖްތައް، ބޮޑެތި ވޯޓުތަކާ ގުޅިފައި!

އެމްޑީޕީގެ މިހާރުގެ ޕީޖީ ލީޑަރު އަލީ އާޒިމް އާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މުގުލުގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެމެދު ގާތް ގުޅުންތަކެއް ބާއްވަވައި އެކި މަންފާތައް ނަގާފައިވާ ކަމަށް އަބަދުވެސް ވާހަކަ ދެކެވެ އެވެ. އެހެން ނަމަވެސް މިހާތަނަށް ތުންތުންމަތިން ދެކެވުން އައި އެ ވާހަކަތަކާއި މުއާމަލާތްތައް މި ވަނީ މިފަހަރު ޔަގީން ކުރެވިފަ އެވެ. އަދީބާއި އާޒިމް އާއި 2014 ވަނަ އަހަރު ދެކެވިފައިވާ ވާހަކަތަކުގެ ޗެޓްލޮގުތަކުން އާޒިމް އަދީބާ ގުޅިގެން ހިންގެވި އެތައް ކަމަކާއި ހެއްދެވި އެތައް "ޑީލެއް"ގެ ހަގީގަތް ހާމަވެ އެވެ.

އެ މެސެޖްތަކުގެ ސައްހަކަން "ސަން" އަށް ކަށަވަރުވެފައިވާ އެ މެސެޖުތަކުން އެކި ދުވަސް މަތިން ޕީޖީ ގުރޫޕުގެ މައުލޫމާތު އާޒިމް އަދީބާ ހިއްސާ ކޮށްފައިވާކަން އެނގެ އެވެ. އަދި ޕީޖީ ގުރޫޕުގެ ބައެއް ބައްދަލުވުންތަކަށް ފަހު އާޒިމް އަދީބާ އެކި ފަހަރު މަތިން ބައްދަލުކޮށްފައި ވާކަން ވެސް މެސެޖްތަކުން އެނގެ އެވެ.

އޭގެ އިތުރުންވެސް މަޖިލީހުގެ އެހެނިހެން މުހިއްމު ވޯޓުތަކާ ދިމާކޮށް ވާހަކަދެއްކުމަށް އެ ދެބޭފުޅުން ބައްދަލުކޮށްފައި ވާކަން އެ މެސެޖުތަކުން އެނގެ އެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ޖުލައި 16 ވަނަ ދުވަހު އެމްޑީޕީ ޕީޖީ ބައްދަލުވުމުގެ ކުރިން އަދީބާއި އާޒިމްއާ ދެމެދެ މެސެޖު މެދުވެރިކޮށް ވާހަކަތަކެއް ވަނީ ދައްކާފަ އެވެ. އާޒިމް ވިދާޅުވެފައި ވަނީ އެ ބައްދަލުވުމުގެ ކުރިން އަދީބާ ބައްދަލުކޮށް ވާހަކަ ދައްކާލަން ބޭނުންވާ ކަމަށެވެ. ކޮން ވަގުތަކުތޯ އަދީބު އެއްސެވުމުން އާޒިމް ވިދާޅުވެފައި ވަނީ މެންދުރު 2:00 ގައި ކަމަށެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަަލްސާއެއްގެ ތެރެއިން -- ފޮޓޯ މަޖިލިސް

"2:00 ޕީއެމް ރިގާޑިންގް ޕީޖީ،" މިއީ އާޒިމް އަދީބަށް ފޮނުވި މެސެޖުގައި ވާގޮތެވެ. އެ މެސެޖަށް ޖަވާބުދެއްވަމުން އަދީބު ވިދާޅުވެފައި ވަނީ "އޯކޭ ލެޓްސް މީޓް ޓުނައިޓް 2 އޭއެމް." މިހެންނެވެ. ޖެހިގެން އައި ދުވަހު ހެނދުނު "ކޮބާ" މިހެން ބުނެ އަދީބު މެސެޖް ކުރެ އެވެ. އާޒިމް އަދީބު ގާތުގައި "ކޮންތާކު" ތޯ އަހަ އެވެ.

ހަމަ އެދުވަހު ކުރި މެސެޖްތަކުގައި ކޮންމެވެސް ކަމެއް ރަނގަޅު ނޫން ކަމަށް ބުނެ އާޒިމް އަދީބަށް މެސެޖް ކުރެ އެވެ. އެއީ ކޮން ކަމެއްކަން ސީދާ ނޭނގުނު ނަމަވެސް ކޮށްފައިވާ މެސެޖްތަކުން ދޭހަވަނީ އެމްޑީޕީ ޕީޖީއާ ބެހޭ ގޮތުން ވާހަކަތަކެއް ދެކެވުނު ކަމަށެވެ. އަދި ފަހުން އެރޭ އަށެއް ޖަހާއިރު ބައްދަލުކޮށްލެއްވުމަށް އަދީބު އާޒިމްއަށް ދައުވަތުދެ އެވެ.

ޖުލައި 21، 2014 ގައި ވާހަކަ ދައްކާލަން ބޭނުން ކަމަށް ބުނެ އާޒިމް އަދީބަށް މެސެޖްކޮށްފައިވެ އެވެ. ޖަވާބުގައި ދައްކަން ބޭނުންވަނީ ކޮން ވާހަކައެއްތޯ އަދީބު އައްސަވަ އެވެ. އޭގެ ޖަވާބުގައި އާޒިމް މެސެޖް ކުރައްވާފައި ވަނީ "އިތުރު އެހީތެރިކަމެއް ބޭނުންވޭތޯ" އެވެ. އެ މެސެޖަށް ޖަވާބު ދެއްވަމުން އަދީބު ވިދާޅުވެފައި ވަނީ "ނައު އޯކޭ" މިހެންނެވެ. އެއީ ކޮންވާހަކައެއް ކަމެއް މެސެޖްތަކުން ނޭނގެ އެވެ.

ނަމަވެސް ތާރީހުތަކަށް ބަލާއިރު އެދުވަހަކީ ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިން އެ މަގާމަށް އައްޔަން ކުރުމަށް ރުހުންދޭ ވޯޓު މަޖިލީހުގައި ނެގި ދުވަހު އެވެ. ޕީޖީކަމަށް އޭރު ކުރިމަތިލެއްވީ މުހުތާޒުގެ އިތުރުން އޭރުގެ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އާއިލާ ބޭފުޅެއް ކަމުގައިވާ، މައުމޫން ހަމީދެވެ.

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން -- ސަން ފޮޓޯ/ އަލީ ނަސީރު

އެ ވޯޓުގެ ނަތީޖާއަށް އެމްޑީޕީގެ މެމްބަރުން ޕީޖީ ކަމަށް މުހުތާޒު އައްޔަން ކުރަން ވޯޓު ދީފައިވާކަން އެނގެ އެވެ. އެ މަގާމަށް މުހުތާޒު އައީ 62 މެމްބަރުންގެ ވޯޓާއެކު އެވެ. މުހުތާޒާ ދެކޮޅަށް ވޯޓު ދެއްވީ ހަތް މެމްބަރެކެވެ. އެ ވޯޓުގައި ބައިވެރި ނުވެ ތަޅުމުގައި 12 މެމްބަރުން ތިއްބެވެ.

ޕީޖީކަމަށް މުހުތާޒު ގެންނަން ނުފެންނަ ކަމަށް ވޯޓު ދިން މެންބަރުންގެ ތެރޭގައި ހިމެނެނީ؛

  • މައްޗަންގޮޅި އުތުރުދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ
  • ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު
  • ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ)
  • ގަމު ދާއިރާ މެންބަރު ފައްޔާޒު އިސްމާއިލް
  • ގަލޮޅު އުތުރު ދާއިރާ މެންބަރު އީވާ އަބްދުﷲ
  • ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
  • މާފަންނު ހުޅަނގު ދާއިރާ މެންބަރު މުހައްމަދު ފަލާހު

އޭގެ އިތުރުން އެ މެސެޖްތަކުން އެނގޭ ގޮތުން ހަމަ އެ ވޯޓާ ދިމާކޮށް، އެމްޑީޕީގެ އެހެން މެމްބަރުން ވެސް އަނބުރާލުމަށް އަދީބު އާޒިމްއާ ވާހަކަ ދައްކާފައިވެ އެވެ.

އެގޮތުން 21 ޖުލައި 2014 ގައި "ކިހިނެއްވީ ރުކުމާއަށް [އޭރުގެ ހެންވޭރު ދެކުނު ދާއިރާ މެމްބަރު މުހައްމަދު އަބްދުލް ކަރީމް]؟" މިހެން ލިޔެ އާޒިމް އަދީބަށް މެސެޖްކޮށްފައިވެ އެވެ. އަދީބު ޖަވާބުގައި "އައި ޑިޑް ނޮޓް ޑީލް ވިތު ހިމް [އަހަރެން އޭނާއާ ވާހަކައެއް ނުދައްކަން]" މިހެން ލިޔެ މެސެޖްކުރެ އެވެ. އެމެސެޖަށް އާޒިމް ވިދާޅުވީ "ސޯ އައި ކޭން ޑީލް ވިތު ހިމް [އެހެންވީމަ އަހަރެން ރުކުމާއާ ވާހަކަ ދައްކާނަން]" ވިދާޅުވެ އެވެ. އޭގެ އިތުރުން އެ ވޯޓުގައި ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ) އަދީބު ބޭނުންފުޅުވާ ގޮތަށް ވޯޓު ނުދެއްވާނެ ކަމަށް އާޒިމް އަދީބަށް މެސެޖް ކުރައްވާ ވިދާޅުވެ އެވެ.

ހަމަ ޕީޖީކަމަށް މުހުތާޒު އައްޔަނު ކުރުމަށް ނެގި ވޯޓާ ގުޅިގެން އޭރުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވަނީ އަދީބަށް މެސެޖްކޮށްފަ އެވެ. "ސަން" އަށް ލިބިފައިވާ އެ މެސެޖް އަލީ ނިޒާރު ފޮނުއްވާފައި ވަނީ 19 ޖުލައި 2014 ވަނަ ދުވަހު އެވެ. އެއީ މުހުތާޒުގެ ވޯޓު އޮތް ދުވަހުގެ ދެ ދުވަސް ކުރިންނެވެ.

ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު --

"ޕީޕީއެމް ޕީޖީ ގުރޫޕުން ނިންމީ ވަރަށް ރަނގަޅު ނިންމުމެއް [މުހުތާޒު ޕީޖީ ކަމަށް ގެނައުމަށް]. އަހަރެމެން ޕީޖީ ވޯޓުގައި އޮތީ ހުޅުވިފައި އޮތް ވިޕެއް ނުވަތަ މުހުތާޒަށް ވޯޓު ދޭގޮތަށް. ރޮޒައިނާއާ ވެސް މިކަމުގައި ވާހަކަ ދެއްކިން. އޭނާ ނިންމީ މުހުތާޒަށް ވޯޓު ދޭން، އެއީ މައުމޫނު އަބްދުލްގައްޔޫމުގެ މޫނުފުޅުގައި ޖަހާލާނެ ތަފާލެއް. އިތުރު މައުލޫމާތު ލިބޭ ވަރަކުން ދޭނަން،" މިހާރު އައްޑޫގެ އިންތިހާބީ މޭޔަރު އޭރު އަދީބަށް ކުރި މެސެޖުގައިވެ އެވެ.

ޖަވާބުގައި "ގްރޭޓް. ޕްލީސް ޑޫ." މިހެން އަދީބު ވިދާޅުވި އެވެ.

ޖުމްލަ މެސެޖުތަކުން ދޭހަވަނީ އާޒިމްއާ އަދީބާ ގާތް ގުޅުމެއް އޮތްކަމެވެ. ބައެއް ފަހަރު މެސެޖްކުރައްވާ "ބްރޯ ހާލު ކިހިނެތްތޯ"ވެސް އާޒިމް އައްސަވާފައިވެ އެވެ.

ވޯޓުތަކާ ދިމާކޮށް މެމްބަރުންނާއެކު ޑީލްހެދުމަށް މެދުވެރިއަކަށް އާޒިމް

އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ އޭރުގެ 18 ވަނަ މަޖިލީހުގެ ބޮޑެތި ވޯޓުތަކަށް ހަރަދުކޮށްފައިވާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެގޮތުން އެ ވޯޓުތައް އަނބުރާލުމަށް ޓަކައި އޭރުގެ އިދިކޮޅު މަޖިލިސް މެމްބަރުންނަށް ވެސް ހަރުދަކު ކުރިކަމަށް އެކޮމިޝަނުން ބުނެ އެވެ.

އެކަމަށް ބާރުދޭ ހެކިތަކެއް އާޒިމް އާއި އަދީބާ ދެމެދު މެސެޖް މެދުވެރިކޮށް ދައްކާފައިވާ ވާހަކަތަކުން ވަރަށް ރަނގަޅަށް އެނގެ އެވެ. އެގޮތުން ބޭރުމީހުންނަށް މިލްކު ކުރެވޭގޮތަށް އިސްލާހު ގެނެސް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލް މަޖިލީހުން ފާސްކުރި ދުވަސްވަރު އާޒިމް ވަނީ އަދީބަށް ގިނަ މެސެޖްތަކެއް ކޮށްފަ އެވެ.

އެ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ 27 އޮގަސްޓް 2014ގައި އެވެ. ޖެހިގެން އައި 28 އޮގަސްޓު ވަނަ ދުވަހު ފަތިހު 5:13 ގައި "މަރުހަބާ ބްރޯ" ކިޔައި އަދީބަށް އާޒިމް މެސެޖްކޮށްފައިވެ އެވެ. އަދި އެންމެ ފަސްމިނެޓަށް ބައްދަލުކޮށްލަން ބޭނުންވާ ކަމަށް އާޒިމް ވިދާޅުވެ އެވެ. އަނެއްކާވެސް އޭގެ ތިން ދުވަސް ފަހުން އަދީބު އެ މެސެޖަށް ރިޕްލައި ނުކުރުމުން "ބްރޯ ކޮބާ؟" ކިޔައި އާޒިމް މެސެޖް ކުރެ އެވެ. "ލެޓްސް މީޓް ޓުމޯރޯ" މިހެން އަދީބު ވިދާޅުވެ އެވެ.

18 ވަނަ މަޖިލީހުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް --

ސެޒް ބިލު ފާސްކުރުމާ ގުޅޭ ގޮތުން އަދީބާއި އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެމެދު ބަދަލުކޮށްފައިވާ މެސެޖްތަކެއް ވެސް "ސަން" އަށް ވަނީ ލިބިފަ އެވެ. އެތަނުން މެސެޖެއްގައި މެމްބަރު އާޒިމް، އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އަދި އަައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ބައިވެރި ނުވާނެ ކަމަށް އަދީބު ޔާމީން އަރިހުގައި ވިދާޅުވެފައިވެ އެވެ.

"ދޭ ވިލް ލީވް ޓުނައިޓް،" އަދީބު ރައީސް ޔާމީނަށް ފޮނުވި މެސެޖުގައި ވިދާޅުވެފައިވެ އެވެ.

އެމްޑީޕީން ސީދާ ދެކޮޅު ހެދި، ސެޒް ބިލުގެ ވޯޓުގެ ނަތީޖާ ދައްކާގޮތުން އަދީބު ވިދާޅުވި ގޮތަށް އެވޯޓުގައި މެމްބަރު މަވޯޓާ އަދި އާޒިމް ބައިވެރިވެފައެއް ނުވެ އެވެ. އެހެންނަމަވެސް ރޮޒައިނާ ވަނީ ޖަލްސާގައި ބައިވެރިވެ އެމްޑީޕީގެ ސްޓޭންޑާ އެއްގޮތަށް ބިލާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ.

ސެޒް ބިލުގެ ވޯޓުގައި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ބައިވެރި ނުވަނީ ފެލިދޫ ދައިރާގެ މެމްބަރު އަހުމަދު މަރުޒޫގާއި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި މެދުހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރުގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެވެ. އެހެންނަމަވެސް މި މެމްބަރުން އެދުވަހު މަޖިލީހަށް ހާޒިރުވީ ސީދާ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ފޮޓޯ/ މަޖިލިސް

ސެޒް ބިލް މަޖީލީހުން ފާސްވީ 60 މެމްބަރުންގެ ވޯޓާ އެކު އެވެ. އެ ބިލަށް ވޯޓު ނުދޭ ތިބީ 15 މެމްބަރުންނެވެ.

ސެޒް ބިލު މަޖިލީހުން ފާސް ކުރުމުގެ ކުރިން 22 އޮގަސްޓު 2014ގައި އަދީބާއި އާޒިމްއާ ދެމެދު މެސެޖްތަކެއް ބަދަލުކޮށްފައިވެ އެވެ. ބެލެވޭގޮތުން އެމެސެޖްތަކަކީ އެމްޑީޕީއިން އޭރު ސެޒް ބިލަށް ހުށަހެޅި އިސްލާހުތަކާ ގުޅިގެން ކުރެވުނު މަސެޖްތަކެކެވެ. މެސެޖުގައި އަދީބު އެދިފައިވަނީ އިސްލާހުތައް ނަގައި ދިނުމަށެވެ.

"ބްރޯ ތިބޭފުޅާ [އާޒިމް] އަދި މަވޯޓާ ހުރިހާ އިސްލާހެއް [އެސްއީޒެޑަށް ހުށަހެޅި އިސްލާހުތައް] އަނބުރާ ގެނެސް. އަވަހަށް ކޮންމެސްތާކަށް ފުރައިގެން ދޭ،" އަދީބު އާޒިމަށް ފޮނުވި މެސެޖެއްގައިވެ އެވެ. އަދި ޖެހިގެން އައި ދުވަހު އަނެއްކާވެސް އަދީބު އާޒިމަށް މެސެޖް ކުރަނީ "ބްރޯ އެނީ ގުޑް ނިއުސް! [އުފާވެރި ހަބަރެއް ނެތްތަ]،" މިހެންނެވެ.

އާޒިމް ޖަވާބުގައި ވިދާޅުވެފައިވަނީ "އަދި ނެތް" ކަމަށެވެ. "މަވޯޓާ އެއްބަސް ނުވަނީތަ،" މިހެން އަނެއްކާވެސް އަދީބު އެއްސެވުމުން އާޒިމް ވިދާޅުވީ "އޭނާ އެއްބަހެއް ނުވި" ކަމަށެވެ. އެއާއެކު އަދީބު އައްސަވަނީ "މަވޯޓާ ހިތްފުރޭނީ ކިހާ ފައިސާއެއް ދީގެން"ތޯ އެވެ. އާޒިމް ވިދާޅުވީ މަސައްކަތް ކުރި ކަމަށާއި އެއްބަސް ވާނެހެން ހީނުވާ ކަމަށެވެ. އެހެން ބުނުމުން އަދީބު ވިދާޅުވީ އާޒިމަށް އެކަން ވާނެތޯ އެވެ. އަދި ބައްދަލުކޮށްލުމަށް ދައުވަތު ދިނެވެ. ބައްދަލު ކުރެވިދާނެ ކަމަށާއި އެކަމަކު އިސްލާހުތައް އަނބުރާ ނަގަން އުނދަގޫ ކަމަށް އާޒިމް މެސެޖުގައި ވިދާޅުވެ އެވެ.

އެމްޑީޕީއިން އޭރު އެސްއީޒެޑް ބިލަށް 300 އިސްލާހު ހުށަހެޅި އެވެ.

ސެޒް ބިލް މަޖިލީހުން ފާސްކުރި ދުވަހު ޕީޕީއެމްގެ ވައިބާ ގުރޫޕެއްގައި ވެސް ވަނީ އެދުވަހު އެމްޑީޕީ މެމްބަރުންގެ އަމަލުތައް ހުރިގޮތުގެ ވާހަކަ ދައްކާފަ އެވެ. އަދީބު ވެސް އިންނަވާ އެގުރޫޕުގައި އޭރުގެ ތިމަރަފުށީ ދައިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެފައި ވަނީ "ފްލޯ ތެރޭ މިހާ މައިތިރިކޮށް އޮތުމުގެ ކޮންމެސް ހިކުމަތު އަމަލީއެއް އެބައޮތް. ގައިމު ރޮޒައިނާ ވެސް މަޑު ކޭލެކޭ އެއްގޮތް. އަލީ އާޒިމް އާއި މަވޯޓާ ނުވެސް އަންނާނެ" ކަމަށެވެ.

ހަމަ އެގުރޫޕުގައި އޭރުގެ ބާރަށު ދާއިރާގެ މެމްބަރު މިހާރުގެ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެފައި ވަނީ "އެއީ ބަލި ކުދިންކޮޅެއް މުސްތަފާބޭ،" މިހެންނެވެ. އެއަށް ޖަވާބުގައި މުސްތަފާ ވިދާޅުވީ ދިނީ ވަރަށް ލުއި ވެކްސިނެއް ކަމަށެވެ. ހަމަ އެ ގްރޫޕް ޗެޓްގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ލަތީފު ވިދާޅުވެފައި ވަނީ "ތިވާހަކަ މަޖިލިސް ތެރޭގައި ދެއްކުން އެހާ ބުއްދިވެރިއެއް ނޫން ކަމަށް ފެނޭ. ދެން ފަހަރަކު ވެސް ފުރުސަތު އެމީހުން ދޭނީ އޭރުން،" މިހެންނެވެ.

ގުރޫޕު ޗެޓުގައި އޭރުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނުވެސް ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވެފައި ވަނީ "މާކުރިން ޖެހި ވެކްސިންގެ އަސަރު އަދި ކިރިޔާ މި ފެންނަނީ." ކަމަށެވެ.

އަލީ އާޒިމްއާއި އަދީބާ ދެމެދު ދައްކާފައިވާ މެސެޖްތަކެއް ލީކްވެފައި ވާއިރު، އެ މެސްޖްތަކާ ގުޅިގެން ވެސް އަދި ހިޔާނާތުގެ މައްސަލައާކާ ގުޅިގެންވެސް އެސެޓް ރިކަވަރީ ކޮމިޝަނުން އާޒިމާ ސުވާލު ނުކުރާ ކަމަށް އޭނާ ވަނީ ވިދާޅެވަފަ އެވެ. އަދި އެ މެސެޖްތަކާ ގުޅިގެން ކޮމިޝަނުން އަދީބާ ސުވާލު ނުކުރާކަން "ސަން" އަށް ވަނީ ކަށަވަރުވެފަ އެވެ.

މި މެސެޖްތަކާއި ގުޅިގެން "ސަން" އިން ތަކުރާރުކޮށް އާޒިމްއަށް ގުޅުމުންވެސް ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. އެހެންނަމަވެސް އެކި މަސްދަރުތަކުން އެ މެސެޖްތަކުގެ ސައްހަކަން "ސަން" އަށް ވަނީ ކަށަވަރުވެފަ އެވެ.

comment ކޮމެންޓް