ދެކުނު އޭޝިއާ ގައުމުތަކުގެ ފަތުރުވެރިންނަށް ވިސާ ދިނުން މެދުކަނޑާލަނީ

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެކުނު އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ މީހުންނަށް ރާއްޖެއިން ޓޫރިސްޓު ވިސާ ދިނުން ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފިއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގައި ކޮވިޑް19ގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލާނެ ކަމަށެވެ.

އެ ސަރަހައްދުގެ ގައުމުތަކުން ވަޒީފާ އަދާކުރުމަށް ރާއްޖެއަށް މީހުން އައުން މި މަހުގެ އަށް ވަނަ ދުވަހު ވަނީ މަނާކޮށްފައެވެ. އޭގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުން ރާއްޖެއަށް އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުމަށްވެސް ހުއްޓާލަން އޮތީ އަންގައިފަ އެވެ.

ކޮވިޑްގެ އާ ވޭރިއަންޓެއް އިންޑިއާ އިން ފެނި އެ ވޭރިއަންޓް ލަންކާ އިންވެސް މިހާރު ފެނިފައިވާއިރު، ބަންގްލަދޭޝް، ނޭޕާލް އަދި ޕާކިސްތާނުގައިވެސް ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ވިސާ ދިނުން ހުއްޓާލާއިރު، އިންޑިއާއިން ފެނުުނު ކޮވިޑް-19 ވޭރިއެންޓާ ބެހޭ ގޮތުން ކަންބޮޑުވާން ޖެހޭ ކަމަށާއި އެއީ ދުނިޔޭގެ ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ ބުނެފަ އެވެ.

މީގެ ކުރިން އެޗްޕީއޭ އިން ވަނީ އިންޑިއާގެ ފަތުރުވެރިން މީހުން ދިިރުއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ހޮޓާތަކަށް ޗެކްއިން ވުން ހުއްޓާލަން އަންގައިފައެވެ.

ރާއްޖޭގައި ވެސް ކޮވިޑް ފެތުރޭ މިންވަރު ފާއިތުވި މަހުން ފެށިގެން ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ފަހަކަށް އައިސް ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވް ކޭސްތަކުގެ އަދަދު އުޅެނީ 700 އަށް ވުރެ މަތީގަ އެވެ. އަދި ފާއިތުވި ދެ ދުވަހު، ބެކްލޮގް އާއެކު، ކޮންމެ ދުވަހަކު ވެސް 1000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެ އެވެ. އަދި ބަލީގައި މީހުން މަރުވާ ނިސްބަތް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައިވެސް ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.

comment ކޮމެންޓް