އިސްރާއީލުގެ އިސްތިއުމާރީ ބާރުތައް އެންމެފަހުން އަގްސާ މިސްކިތުގެ ސަރަހައްދުން ފާބައިފި

އިސްރާއީލު ގެ އިސްތިއުމާރީ ސިފައިން އަގްސާ މިސްކިތުގެ ސަރަހައްދު ދޫކޮށް ދަނީ

ހިފާފައިވާ ގުދްސު (މޭ 11) : މުސްލިމުންގެ ތިންވަނަ ހަރަމްފުޅު އަދި ފުރަތަމަ ގިބްލަ ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަގްސާގައި ނަމާދު ކުރުމަށާއި އެނޫންވެސް އަޅުކަންތައް ކުރުމަށް ދާ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދިޔަ އުދުވާން މިއަދު ނިމުމަކަށް ގެނަސް އަގްސާ މިސްކިތުގެ ސަރަހައްދުން އިސްރާއީލު ސިފައިން އެންމެފަހުން ފާބައިފި އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ އަގްސާ މިސްކިތާ ދެކޮޅަށް 10 ދުވަސްވަންދެން އިސްރާއީލުން ހިންގި އުދުވާނުގައި ފަލަސްތީނުގެ ޖުމްލަ 520 މީހުން ޒަޚަމްވި ކަމަށާ އޭގެތެރެއިން 150 އަށްވުރެ ގިނަ މީހުންނަށް ފަލަސްތީނުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާކަމުގަ އެވެ.

އިސްރާއީލު ސިފައިން އަގްސާ މިސްކިތުގެ ސަރަހައްދުން ފޭބީ "ސައިފުލް ގުދްސު" (ގުސްދުގެ ކަނޑި)ގެ ނަމުގައި އެކަމަށް ބަދަލު ހިފުމުގެ ގޮތުން ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުން އިސްރާއީލުގެ އިސްތިއްުމާރާ ދެކޮޅަށް ޣައްޒާއިން ފެށި ޖިހާދުގެ ވަރުގަދަ ހަރަކާތްތަކާ ގުޅިގެންނެވެ. މި ހަރަކާތްތަކުގައި ހަމާސް ޖަމާއަތާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުން ވަނީ އިސްރާއީލުން އަގްސާ މިސްކިތުގައި ހިންގި އުދުވާނަށް ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުގެ ބައެއް ސަރަހައްދުތަކަށް ސަތޭކައަށް ވުރެ ގިނަ ރޮކެޓް ޙަމަލާތައް ރެއާއި މިއަދު ދީފަ އެވެ.

އިސްރާއީލުން ޒަޚަމްކޮށްލާފައިވާ ފަލަސްތީނުގެ އަންހެނެއް

ޣައްޒާގެ 130 ތަނަކަށް އިސްރާއީލުން ބޮންއަޅައި 22 މީހުން ޝަހީދުކޮށްލައިފި

މިއާއެކު އިސްރާއީލުގެ ހަނގުރާމަމަތީ ޖެޓްތަކުންވަނީ ޣައްޒާގެ 130 ތަނަކަށް ބޮން އަޅައި ފަލަސްތީނުގެ 22 މީހުން ޝަހީދުކޮށް 150 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފަ އެވެ. ރައްދުގައި ހަމާސް ޖަމާއަތުން އިސްރާއީލުގެ ބައެއް ސަރަހައްދުތަކަށާއި ރައްތަކަށް 100 އަށްވުރެ ގިނަ ރޮކެޓް ޙަމަލާތައް ދީފަ އެވެ.

ހަމާސްގެ ރައްދު ޙަމަލާތަކުގައި އިސްރާއީލުގެ ނުވަ މީހުން ޒަޚަމްވެ ތިން އިމާރާތެއް ހަލާކުވެއްޖެ

ހަމާސް އިން ދިން ރޮކެޓް ޙަމަލާތަކުގައި އިސްރާއީލުގެ ނުވަ މީހުން ޒަޚަމްވެ ތިން އިމާރާތެއްގައި ވަނީ އަލިފާން ރޯވެފަ އެވެ. އަދި އިސްރާއީލުގެ ގިނަ ބަޔަކުވަނީ ހަމާސްގެ ރޮކެޓަށް ބިރުން ބިންގަރާސްތަކަށް ވަދެ ފިލާފައެވެ.

އަގްސާ މިސްކިތަށް އިސްރާއީލުން ދީފައިވާ ގެއްލުންތައް

ހަމާސް ބުނާގޮތުން 100 ކިލޯމީޓަރު ދުރަށް ޙަމަލާ ދެވޭވަރުގެ ރޮކެޓްވެސް އެޖަމާއަތުން އުފައްދާފައިވެ އެވެ. އެއީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގެ ކޮންމެ ތަނަކަށް ވެސް ފޯރާފަދަ ރޮކެޓްތަކެކެވެ. އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާން ހުއްޓާނުލާނަމަ 100 ކިލޯމީޓަރުގެ ރާސްތާގެ މިސައިލް ބޭނުންކޮށްގެން އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ހަމާސްގެ ލީޑަރުންވަނީ ދެއްވާފަ އެވެ.

އިސްރާއީލުގެ އަޔަންޑޯމް ދިފާއީ ނިޒާމަށް ހަމާސްގެ ރޮކެޓް މަތަނުކުރެވޭ

ރޮކެޓާއި މިސައިލުން ދިފާއުވުމަށް އިސްރާއީލުން އުފައްދާފައިވާ އަޔަންޑޯމް ނިޒާމުން ޙަމާސްގެ ދެބައިކުޅަ އެއްބައި މިސައިލް ވެސް ވައްޓާލެވިފައިނުވާކަމަށް މައުލޫމާތު ލިބެ އެވެ.

އަގްސާ މިސްކިތުގެ ސަރަހައްދުން އިސްރާއީލު ސިފައިން މިއަދު ހެނދުނު ފޭބުމާއެކު ފަލަސްތީނު ރައްޔިތުންނަށްވަނީ ހަމަޖެހިލައިގެން އަގްސާ މިސްކިތުގައި ނަމާދާއި އެނޫން ވެސް އަޅުކަންތައް ކުރެވޭނެގޮތް އަލުން ތަނަވަސްވެފައިވާ ކަމަށް އެމިސްކިތް ބަލަހައްޓާ ފަލަސްތީނުގެ އިދާރާއިން ބުނެއެވެ.

ފާއިތުވި 10 ދުވަހު އިސްރާއީލު ސިފައިން ހިންގި އުދުވާނުގައި އެމީހުންވަނީ އަގްސާ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އޭގެ ތެރޭގައި އެމިސްކިތުގެ ބައެއް ކުޑަދޮރުތައް ހަލާކުކޮށް ވައްޓާލާފައިވުމާއި ބައެއް ބޮޑު ދޮރުތަކަށް ގެއްލުން ދިނުމާއި ބައެއް މުސްހަފްތަކާއި ދީނީ ފޮތްތައް ހުންނަ ހަރުގަނޑުތަށް ހަލާކުކޮށްލުމާއި ކާޕެޓްތައް ހަލާކުކޮށްލުން ހިމެނެ އެވެ.

ދިހަ ދުވަސްވަންދެން އިސްރާއީލުގެ އިސްތިއްމާރީ ސިފައިންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު އަގްސާގެ އެތެރެއާއި އެމިސްކިތުގެ ހަރިންމަ ތެރޭގައި ހިނގި ކުރިމަތިލުންތަކާ ގުޅިގެން އަގްސާގެ އެތެރެއާއި ބޭރު ވަނީ ހަނގުރާމައިގެ މައިދާނެއް ހެންނެވެ. އަގްސާ މިސްކިތް ބަލަހައްޓާ ފަލަސްތީނުގެ އިދާރާއިން ވަނީ އެމިސްކިތުގެ އެތެރެއާއި ބޭރު ސާފުކޮށް ކުޑަދޮރުތަކާއި ފޮތް ހަރުގަނޑުތައް އަލުން ބަހައްޓައި ކާޕެޓްތައް ސަފުކޮށް އެމިސްކިތް އަލުން އާރާސްތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އަގްސާ ސަރަހައްދުން ސިފައިން ބާލަން އިސްރާއީލަށް މަޖްބޫރުވުމަކީ ފަލަސްތީނަށް ލިބުނު ނަސްރެއް

އިސްރާއީލުން އަގްސާ މިސްކިތާ ދެކޮޅަށް ހިންގި އުދުވާން ނިމުމަކަށް ގެންނަން ޖެހުނީ އެމިސްކިތަށް އަޅުކަންކުރަންދިޔަ ފަލަސްތީނު ރައްޔިތުން އިސްރާއީލު ސިފައިންނާ ދެކޮޅަށް ކުރި ވަރުގަދަ ޖިހާދުގެ ހިއްވަރުން އިސްރާއީލު ސިފައިންނަށް އެހެން ގޮތެއް ނެތިގެންކަމަށް ފަލަސްތީނު ސަރުކާރުން ބުނެއެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުގެ އުދުވާން ކުރިޔަށް ގެންދިޔަ ނަމަވެސް އަގްސާ މިސްކިތުގެ ސަރަހައްދުން ސިފައިން ބާލަން އިސްރާއީލަށް މަޖްބޫރުވެ އެކަން ކުރުމަކީ ފަލަސްތީނަށް ލިބުނު ނަސްރެކެވެ. ހިއްވަރާއެކު ޖިހާދު ކުރުމަކީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީނަށް ނަސްރު ލބޭނެ ކަމެއްކަން އަގްސާ ގެ ކުރިމަތިލުންތަކުން ހާމަވެގެން ހިނގައްޖެ ކަމަށް ފަލަސްތީނުގެ މީޑީއާ ބުނެއެވެ.

comment ކޮމެންޓް