ނަޝީދަށް އަމާޒުކުރި ބޮމުގެ ބާރުގަދަ، ޓިނުތައް ވެސް ފޫ އަޅުވާލި

ދިން ބާރުގަދަ ހަމަލާގައި ކަންމަތީ ހުރި ޓިނުތައްވެސް ފޫއަޅުވާފައި --- ސަން ފޮޓޯ

މިދިޔަ ބުރާސްފަތި ދުވަހު ރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބިރުވެރި ވަރުގަދަ ޓެރަރިސްޓު ހަމަލާއިން އެމަނިކުފާނު ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ސައިކަލެއްގައި ހަރުކޮށްގެން އައިއީޑީއެއް ގޮއްވާލި އިރު، އޭގެ ބާރުގަދަ ކުރުމަށް އެއަށް ހުރީ ރޭޒާ ފުއްތަކެއް އަޅާފަ އެވެ. ބޮން ގޮވައިގެން ދިޔަ ބާރު މިނުގައ އެ ރޭޒާ ފުއްތަށް ވިއްސައިގެން ގޮސް ރައީސް ނަޝީދުގެ ހަށިކޮޅު ފޫއަޅުވާލާފައި ވަދެ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާ ކުރި އެވެ.

މިއަދު "ސަން"ގެ ނޫސްވެރިން ބޮން ގޮއްވާލި ސަަހަރައްދަށް ގޮސް ބެލި އިރު، ނީލޯފަރު ގޯޅި ކަންމައްޗަށް ހަދަމުންދާ އިމާރާތުގެ ވަށައިގެން ޖަހާފައި ހުރި ޓިނު ފެންސަށް ވެސް ބޮން ގޮވައި ވިއްސައިގެން ދިޔަ ރޭޒާ ފުއްތައް އަރާފައި ހުރިތަން ފެނުނެވެ. އެއީ ރައީސް ނަޝީދަށް ދިން ހަމަލާގައި ބޭނުންކުރި ސައިކަލް ބަހައްޓާފައި ހުރި އަނެއް ކަންމައްޗެވެ.

ކަންމަތީ ހަދަމުންދިޔަ އިމާރާތުގެ ވަށައިގެން ޖަހާފައި ހުރި ޓިނުތަކަށް ރޭޒާ އޮށްތައް އަރާފައި --- ސަން ފޯޓީ

ގާތްގަނޑަށް އެއް ސެންޓިމޭޓަރު ދިގު މިން -- ސަން ފޮޓޯ

ބޯ އެ ޓިނުތައް ފޫއަޅުވާލައި، ގާތްގަނޑަކަށް 12 ފުއް ޓިނުގަނޑު ފޫއަޅުވާލައި އެތެރެއަށް ވަދެފައިވެ އެވެ. ފުލުހުންގެ ތަހުގީގު ޓީމުން ވަނީ އެ ލޯ ވަޅުތައް ފާހަގަކޮށް މިންވެސް ނަގާފަ އެެވެ. އެ ފުއްތައް ވަނުމުގެ ސަބަބުން ހެދިފައިވާ ލޯވަޅުތަކުގައި ގާތްގަނޑަކަށް އެއް ސެންޓިމީޓަރު ހުންނާނެ ކަމަށް ބެލެވެ.

އޭގެ އިތުރުން އެ ސަރަހައްދުގައި ހުރި ފިހަރާތަކުގެ ބިއްލޫރިގަނޑަށްވެސް އެ ފުއްތައް އަރާފައިވެ އެވެ. މިހާރު ބައެއް ބިއްލޫރުތަކުގައި ހުރީ ޕެޗްއަޅާފަ އެވެ.

ސައިކަލުގެ ހުރި ދިމާލުން، ކަންމަތީގައި ހުރި ފިހާރައިގެ ސީލިންގުވެސް ހުރީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެމްއެންޑީއެފްއިން ބުނި ގޮތުގައި އައިއީޑީގެ ފަނަލް ނޫނީ ބާރު ހުރީ ބޮޑަށް މައްޗަަށްވާ ގޮތަށެވެ. ބައެއް ފުއްތައް އެ ސީލިންގަށްވެސް އަރާފައި ހުއްޓެވެ.

ގިނަ ފުއްތައް ރައީސް ނަޝިދުގެ ހަށިކޮޅަށް، ފުރާނަ ސަލާމަތްވީ ކިރިޔާ!

ރައީސް ނަޝިދުގެ ހަށިކޮޅަށް ލިބުނު ގެއްލުންތައް: ރައީސް ނަޝީދުގެ ހަށިކޮޅުގެ 11 ތަނަކަށް ޒަހަމްވެފައިވޭ ---

ގޮއްވާލި ބާރުގަދަ އައިއީޑީގެ ސަބަބުން ރައީސް ނަޝީދަށް ވަރަށް ބޮޑެތި، ސީރިއަސް ޒަހަމްތަކެއް ލިބިފައިވެ އެވެ. އެގޮތުން އެ ޓިނުތައް ފޫއަޅުވާލި ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ އެތައް ތަނަކަށް ވަދެފައިވާ ކަމަށް އެމަނިކުފާނު ބެއްލެވި ޑޮކްޓަރުންގެ ޓީމުން ބުނެފައިވެ އެވެ.

ހަށިގަނޑު ފޫއަޅުވާލައި، ރޭޒާ ފުއްތަށް ވަނުމުގެ ސަބަބުން އެމަނިކުފާނުގެ ހަށިކޮޅު ވަރަށް ބޮޑަށް ޒަހަމްވެ ލޭ ފޭބި އެވެ. އެތަކެތި ރައީސް ނަޝީދުގެ ހަށިކޮޅުން ނެގުމަށް ގާތްގަނޑަކަށް 16 ގަޑި އިރު އެމަނިކުފާނު ހޭނައްތައިގެން ގިނަ ސާޖަރީތަކެއް ކުރަން ޖެހުނެވެ.

ރައީސް ނަޝިދުގެ ހަށިކޮޅުން ނެގި ރޭޒާ ފުށްތައް ---

ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާގެ އިޒްނައާއެކު މިދިޔަ ހޮނިހިރު ދުވަހު އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ އެމަނިކުފާނުގެ ފުއްޕާމެއަށް ދަގަނޑު އެތިކޮޅު ވަދެފައި ވަނީ، މޭކަށިގަނޑު ފުނޑުފުނޑުކޮށްލާފައި ކަމަށާއި، އެމަނިކުފާނުގެ ހިތަށް އެތިކޮޅު އަމާޒުނުވެ އިނީ އެންމެ ސެންޓިމީޓަރަކުން ކަމަށެވެ.

"ވަރަށް ނުރައްކާތެރި އެތިކޮޅެއް އެއީ. ނަސީބު ރަނގަޅުކަމުން، އެ އެތިކޮޅު ހިތަކަށް ނާރާ. ހިތުގެ ކައިރީ އިނީ. ނަމަވެސް ހިތުގެ ވަށައިގެންވާ ޓިޝޫގަ ޖެހިފަ ހުރީ،" އޭޑީކޭގެ ކާޑިއޯތޮރެސިކް ސާޖަން، ޑރ. ކައުޝަލް ވިދާޅުވި އެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ގޮހޮރުވެސް އަދި ފުއްޕާމޭގެ އެއްފަޅިއަށް ވެސް ރޭޒާ ފުއްތަށް ވަދެ ޒަހަމްވެފައިވެ އެވެ. އެ ބޮމުގެ ބާރުގަދަކަމުން އެމަނިކުފާނުގެ ބޮލަށާއި މޭކަށިގަނޑާއި ފަޔާއި ބަނޑަށް ވެސް ޒަހަމްތައް ލިބިފައި ހުއްޓެވެ. އެމަނިކުފާނު އަދިވެސް ގެންދަވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ. އަދި އާއިލާއިން މިއަދު ހާމަކުރި ގޮތުގައި އެމަނިކުފާނު އިތުރު ފަރުވާއަށް ބޭރަށް ގެންދިޔުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެމަނިކުފާނަށް މިހާރު އެކަނި ތަންތަނުގައި އިންނެވޭ ކަމަށާއި ރިކަވަރީ ރަނގަޅު ކަމަށް އާއިލާއިން ބުނެފައިވެ އެވެ.

comment ކޮމެންޓް