ޖެނީވާ (މެއި 11): އިންޑިއާއިން ފެނުުނު ކޮވިޑް-19 ވޭރިއެންޓާ ބެހޭ ގޮތުން ކަންބޮޑުވާން ޖެހޭ ކަމަށާއި އެއީ ދުނިޔޭގެ ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ.
ޑަބްލިޔުއެޗްއޯގެ ސީނިއާ ސައިންޓިސްޓު މާރިއާ ވަން ކާހޮވް ވިދާޅުވި ގޮތުގައި އިންޑިއާއިން ފެނުނު، ބީ.716.1 ވޭރިއެންޓަކީ އެހެން ވޭރިއެންޓުތަކަށް ވުރެ ފަސޭހަކަމާ އެކު ފެތުރޭ ބާވަތެއް ކަމަށް މިހާރު ލިބެން ހުރި ބައެއް މައުލޫމާތުން އެނގެ އެވެ. އަދި އެ ވޭރިއެންޓާ ދެކޮޅަށް ވެކްސިން މަސައްކަތް ކުރާ މިންވަރު ކުޑަވެދާނެ ކަމަށް ދޭހަވާ މައުލޫމާތު ވެސް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ވޭރިއެންޓާ ދެކޮޅަށް ވެކްސިނާއި ބޭހާއި ޓެސްޓުތައް މަސައްކަތް ނުކުރާ ކަމުގެ އެއްވެސް ހެއްކެއް އަދި ނެތްކަންވެސް ކާހޮވް ފާހަގަ ކުރެއްވި އެވެ.
ޑަބްލިޔުއެޗްއޯއިން މިހާރު ވަނީ އެ ވޭރިއެންޓުގެ ނުރައްކާ މިންވަރު 'ވޭރިއެންޓް އޮފް އިންޓެރެސްޓް" އިން "ވޭރިއެންޓް އޮފް ކޮންސާން"އަށް މަތިކޮށްފަ އެވެ. މީގެ ކުރިން ޑަބްލިޔުއެޗްއޯއިން އެގޮތަށް ކަންބޮޑުވާން ޖެހޭ ވޭރިއެންޓުތައް ކަމަށް ކަނޑައަޅާފައި ވަނީ ފުރަތަމަ އިނގިރޭސިވިލާތާއި ދެކުނު އެފްރިކާ އާއި ބްރެޒިލް އިން ފެނުނު ބާވަތްތަކަށެވެ.
އިންޑިއާއިން މިހާރު ތަޖުރިބާ ކުރަމުންދާ ކޮވިޑްގެ ދެވަނަ ރާޅުގެ ފަހަތުގައި ވަނީ އެގައުމުން ފެނުނު އާ ވޭރިއެންޓުތޯ ބެލުމަށް ސައިންސުވެރިން ދަނީ ދިރާސާތައް ކުރަމުންނެވެ.
އިންޑިއާގައި ފާއިތުވި މަސްތަކުގައި ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވެ، މަރުވާ މީހުންގެ ހަށިތައް އަންދާ ކްރެމަޓޯރިއަމްތަކާއި ހޮސްޕިޓަލްތައް ވަނީ ފުރިފަ އެވެ. އަދި ބަލި މީހުންނަށް ބޭނުންވާ އޮކްސިޖެން އާއި ބޭސް ލިބުމުގައި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
މީގެ އިތުރުން އިންޑިއާއަށް ކޮވިޑް ވެކްސިން ލިބޭ މިންވަރު މަދުވެ، މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ޖަހާފައި ވަނީ އާބާދީގެ އެންމެ 2.5 ޕަސެންޓަށެވެ.
އިންޑިއާގެ ބައެއް ސްޓޭޓުތަކުން ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ބައެއް ސަރަހައްދުތައް ފުރަބަންދުކޮށް، ކާފިއު ހިންގާފަ އެވެ. ނަމަވެސް އެގައުމުގެ އިގުތިސާދަށް ލިބޭނެ ގެއްލުމާ ހެދި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މުޅި ގައުމު ފުރަބަންދު ކުރަން ދެކޮޅު ހައްދަވާފަ އެވެ.