އާސިޔަތު ވެސް "މިހާރު" ނޫހަށް އަލްވަދާއު ކިޔައިފި

އާސިޔަތު މުހަންމަދު ސައީދު: ހުނަރުވެރި ލިއުންތެރިއެއް --

ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އާސިޔަތު މުހައްމަދު ސައީދު ވެސް "މިހާރު" ނޫހަށް އަލްވަދާއު ކިޔައިފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެވޯޑް ހާސިލްކޮށްފައިވާ އަދި ސިޔާސީ، އިޖުތިމާއީ ދާއިރާއިން ގިނަ ޝައުގުވެރި ރިޕޯޓްތައް ލިއަމުން އަންނަ ލިއުންތެރިޔާ "މިހާރު"ން ވަކިވި ސީދާ ސަބަބު އަދި އާންމެއް ނުކުރެ އެވެ. އެކަމަކު "ސަން"އަށް އެނގިފައިވާ ގޮތުގައި އާސިޔަތު ދެން ގުޅޭނީ "މިހާރު"ގެ އެޑިޓަރުކަމުން މިދިޔަ މަހު އިސްތިއުފާ ދިން މޫސާ ލަތީފް އާއި ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އިތުރު ފަރާތްތަކެއް ގުޅިގެން މިހާރު ތަރައްގީކުރަމުން އަންނަ އާ މީޑިއާއާ އެވެ.

"އަބަދު ވެސް ދެކެމުން އައީ އަމިއްލަ ކުރިއެރުމަށް ވެސް އަދި ރާއްޖޭގެ ނޫސްވެރިކަން ޒަމާނާ އެއްގޮތަށް ބައްޓަންކުރަން ވެސް، އިނޮވޭޓިވް ކަންތައްތަކެއް ކުރަން އެބަޖެހެއޭ. އެހެންވެ އެކަން ކާމިޔާބުކުރެވޭތޯ ބަލަން މިހާ ހިސާބުން މަސައްކަތް ފަށައިގަންނަން ބޭނުންވީ. އުއްމީދަކީ މިހާރަށް ވުރެ ފެންވަރު ރަނގަޅު، ބޭނުންތެރި އަދި ޕްރޮފެޝަނަލް ނޫސްވެރިކަމެއް އާއްމުންނާ ހިސާބަށް ގެނެސްދިނުން،" އާސިޔަތު ބުންޏެވެ.

މޫސަގެ ފަހަތުން "މިހާރު"ގެ ބިޒްނަސް ޑިވެލޮޕްމަންޓް އަދި މާކެޓިން ހެޑް ޝައްމޫން އަފީފު ވެސް މިދިއަ މަހު ވަނީ އެ ނޫހުން ވަކިވެފަ އެވެ.

މެލޭޝިއާގައި ނޫސްވެރިކަމުގެ ރޮނގުން ފުރަތަމަ ޑިގްރީ ހެދުމަށް ފަހު 2007 އިން ފެށިގެން 2016ގައި "ހަވީރު" ހުއްޓާލުމާ ހަމައަށް އާސިޔަތު މަސައްކަތް ކުރީ އެ ނޫހުގަ އެވެ. އެ ނޫހުގެ އޮންލައިން އެޑިޝަންގެ އެޑިޓަރުކަމާއި ސީނިއަ އެސިސްޓެންޓް އެޑިޓަރު – ފީޗާގެ މަގާމު އާސިޔަތު އަދާކޮށްފައިވެ އެވެ.

"ހަވީރު"ގެ ނޫސްވެރިންނާ އެކު މޭ 2016ގައި "މިހާރު" އުފެއްދުމާ އެކު އޭނާ ގުޅުނީ އެ ނޫހާ އެވެ. މިހާރުގައި ވެސް އާސިޔަތު ވަނީ ސީނިއަ އެސިސްޓެންޓް އެޑިޓަރުކަން ކުރައްވައިފަ އެވެ.

އާސިޔަތު މިވަގުތު ދިރިއުޅެނީ ކެނެޑާގަ އެވެ. އެ ގައުމުގައި އޭނާ ވަނީ އިންވެސްޓިގޭޓިވް ޑޭޓާ ޖާނަލިޒަމްގެ ރޮނގުން މާސްޓާޒް ޑިގްރީ ހާސިލްކޮށްފަ އެވެ. ކެނެޑާގައި ހުރެގެން ވެސް އާސިޔަތު އައީ ތަފާތު ދާއިރާތަކުން ރިޕޯޓްތައް "މިހާރު"އަށް ގަވާއިދުން ލިއަމުންނެވެ. އޭގެ ތެރޭގައި މީހުންގެ ސަމާލުކަން ލިބުނު ވަރަށް ގިނަ ރިޕޯޓްތައް ވެސް ހިމެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް