ގޮތް ނޭނގޭ އެއްޗެއް ފެނިގެން ސިފައިން ބިހުރޯޒް މިސްކިތް ފާސްކޮށްފި

ރަށްދެބައި މަގުގައި ސިފައިން މިރޭ ހިންގި އޮޕަރޭޝަން: ސިފައިން ބަލައި ފާސްކުރީ ބިހުރޯޒު މިސްކިތް ތެރެ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ހަތިޔާރު އެޅި ސިފައިން ވަދެ ރަށްދެބައި މަގުގައި ހުންނަ ބިހުރޯޒް މިސްކިތް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް މިރޭ ހިންގައިފި އެވެ.

މިރޭ ގާތްގަނޑަކަށް 12:00 އެހާއިރުވެފައި ވަނިކޮށް ހަތިޔާރު އެޅި ސިފައިން ވަނީ ރަށްދެބައި މަގު ބަންދުކޮށް އޮޕަރޭޝަނެއް ފަށައިފަ އެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެންނަ ގޮތުގައި ސިފައިން އެ މަގުގެ ބައެއް ތަންތަން ބަލައި ފާސްކުރާތަން ފެނެ އެވެ.

"ސަން"ގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރުވެސް މުޅި ރަށްދެބައި މަގު އޮތީ ހަތިޔާރު އެޅި ސިފައިން ވަނީ ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ.

އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ސިފައިން ބުނީ ‏ބިހުރޯޒް މިސްކިތް ތެރޭގައި ގޮތް ނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން، ދިވެހި ފުލުހުންނާ ގުޅިގެން އެމްއެންޑީއެފުން އޮޕަރޭޝަނެއް ހިންގަމުން ދާ ކަމަށެވެ. އަދި އެތަން މިހާރު ކުލެއާ ކޮށްފައިވީ ނަމަވެސް ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައެއް ނުވާކަމަށް ވެސް ބުންޏެވެ.

އެމްއެންޑީއެފުން އަދި ބުނި ގޮތުގައި ބިހުރޯޒު މިސްކިތުގެ ހަރިންމަ ތެރެއިން ފެނިފައި ވަނީ ލަގަޖް ފޮއްޓެކެވެ. އަދި އެ ފޮށި ބެލިއިރު އޭގައި އެއްވެސް އެއްޗެއް ނެތެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެން ސިފައިންނާއި ފުލުހުންގެ އެލާޓް ލެވަލް ވަނީ މަތިކޮށްފަ އެވެ. ރައީސް ނަޝީދަށް ހަމަލާ ދިނީ އެމަނިކުފާނު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނިކުމެގެން އެމަނިކުފާނު ކާރުކޮޅަށް އަރުއްވަނިކޮށް ސައިކަލެއްގައި ހަރުކޮށްފައި ހުރި ބޮމެއް ގޮއްވާލައިގެންނެވެ. އެ ހަމަލާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއްވެ 16 ގަޑިއިރުގެ ސާޖަރީއަކަށް ފަހު އޭޑީކޭ ހޮސްޕިޓަލްގައި އަދިވެސް ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު ދުރާލާ ނޭނގުމާއި އަދި ސެކިއުރިޓީ ބުރީޗެއް އޮތްތޯ މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް