ގުދުސްގެ ގެތަކުން ފަލަސްތީނުގެ ރައްޔިތުން ނެރުމާ ބެހޭ ނިންމުން ކޯޓުން ފަސްކޮށްފި

އިސްރާއީލުގެ ފުލުހުން މިދިޔަ ހުކުރު ދުވަހު އަގްސާ މިސްކިތަށް ވަދެ، ރަބަރު އުންޑަ ޖަހާ، ސްޓަން ގްރެނޭޑު އުކާފައިވޭ -- ފޮޓޯ: އޭއެފްޕީ

ގުދުސް (މެއި 10): އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގެ އަވަށެއްގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާތަކެއް އެމީހުންގެ ގެތަކުން ނެރުމާ ބެހޭ ގޮތުން ބާއްވަން އޮތް އަޑުއެހުން އެގައުމުގެ ސުޕްރީމް ކޯޓުން މިއަދު ފަސްކޮށްފި އެވެ.

އިސްރާއީލުގެ ސުޕްރީމް ކޯޓުން ބުނި ގޮތުގައި ގުދުސްގެ ޝައިހް ޖައްރާހުގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާތަކެއް އެމީހުންގެ ގެތަކުން ނެރުމާ ބެހޭ ގޮތުން މިއަދު ގޮތެއް ނިންމަން އޮތް ނަމަވެސް އެޓާނީ ޖެނެރަލްގެ އެދުމުގެ މަތިން އެ އަޑުއެހުން ވަނީ ފަސްކޮށްފަ އެވެ. އަދި އެ އަޑުއެހުން ދެން ބާއްވާނެ ތާރީހެއް ކުރިއަށް އޮތް 30 ދުވަސް ތެރޭ ކަނޑަ އަޅާނެ އެވެ.

އެ މައްސަލައާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން ނުރުހުން ފާޅު ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި އެ މުޒާހަރާތައް ރޫޅާލުމަށް އިސްރާއީލުގެ ފުލުހުން ދަނީ ރަބަރު އުންޑަ ޖަހާ، ސްޓަން ގްރެނޭޑު ބޭނުން ކުރަމުންނެވެ. އޭގެ ސަބަބުން ފާއިތުވި ތިން ދުވަސް ތެރޭ ފަލަސްތީނުގެ 300އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ރެޑް ކްރެސެންޓުން ބުންޏެވެ.

މީގެ އިތުރުން މުޒާހަރާ ކުރާ ފަލަސްތީނުގެ ރައްޔިތުން ގާ ފަދަ ތަކެތި އުކާ، ތަކެތީގައި ރޯކުރާ ކަމަށާއި އޭގެ ސަބަބުން އިސްރާއީލުގެ 20އަށް ވުރެ ގިނަ ފުލުހުންނަށް އަނިޔާވެފައިވާ ކަމަށް އެގައުމުން ބުންޏެވެ.

ޝައިހް ޖައްރާހްގައި މިހާރު ދިރިއުޅެމުން ދަނީ 1948 ވަނަ އަހަރު އިސްރާއީލު އުފެދުމުން، އެބިން ދޫކޮށް ދާން ޖެހުނު ފަލަސްތީނުގެ ބައެއް އާއިލާތަކުގެ މެމްބަރުންނެވެ. އެ އާއިލާތަށް އެ ސަރަހައްދުގައި ވަޒަންވެރިވީ އިރުމަތީ ގުދުސް، އުރުދުންގެ ބާރުގެ ދަށުގައި އޮއްވަ އެވެ. އަދި އެ އާއިލާތަކަށް އޭރު ބިން މިލްކުވާ ގޮތަށް އޮތް ނަމަވެސް އެފަދަ އެއްބަސްވުމެއް ނެހެދެނީސް، 1967ގައި އިސްރާއީލުން އިރުމަތީ ގުދުސްގެ މައްޗަށް ވެރިވެގަތެވެ.

އޭގެ ފަހުން، ގުދުސްގައި ޔަހޫދީން ވަޒަންވެރި ކުރުމަށް ތާއިދު ކުރާ ޖަމިއްޔާތަކަކުން ވަނީ ޝައިހް ޖައްރާހު ނިސްބަތް ވަނީ ޔަހޫދީންނަށް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހަޅާ، އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާތައް ބޭރު ކުރުމަށް އެދިފަ އެވެ. އަދި މީގެ ކުރިން ބައެއް އާއިލާތައް އެމީހުންގެ ގެދޮރުން ނެރެފައިވެ އެވެ.

އެ މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހު އިސްރާއީލްގެ ޑިސްޓްރިކްޓު ކޯޓަކުން ވަނީ ޔަހޫދީ ވަޒަންވެރިންނަށް ޖާގަ ދިނުމަށް ފަލަސްތީނުގެ ހަތަރު އާއިލާއެއް އެ ސަރަހައްދު ދޫކޮށް ދިޔުމަށް މިދިޔަ ހަފްތާގެ އާދިއްތަ ދުވަހާ ހަމަޔަށް މުހުލަތު ދީފަ އެވެ. އަދި އެމީހުންގެ ގެދޮރު ދޫކޮށް ދާން ބޭނުން ނޫން ނަމަ ޔަހޫދީންނަށް ކުލި ދެއްކުމަށް އެއްބަސްވުމެއް ހަދަން އަންގާފަ އެވެ. ނަމަވެސް ފަލަސްތީނުގެ އާއިލާތަކުން ވަނީ އެފަދަ އެއްބަސްވުމެއް ހެދުމަށް ދެކޮޅު ހަދާފަ އެވެ. އަދި އެ މައްސަލައިގައި ދެން ފަހު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.

comment ކޮމެންޓް