ހާލަތު ގޯސްވެ، ހުޅުމާލެ ހޮސްޕިޓަލް ކޮވިޑް ފެސިލިޓީއަކަށް ބަދަލުކުރަނީ

ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންޓްރޯލް ނުވެ، ފަރުވާ ދޭ އެނދު އިތުރުކުރަން ޖެހުމާ ގުޅިގެން، ހުޅުމާލޭ ހޮސްޕިޓަލް ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ.

ރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްޕީއޭގެ ޑައިރެކްޓާ އަހްމަދު ނާސިރު ވިދާޅުވީ، މިވަގުތު މާލެ ސަރަހައްދުގެ ކޮވިޑް ބެޑް ކެޕޭސިޓީ އަކީ 293 ކަމަށެވެ. ކޮވިޑްގެ ނަންބަރުތައް އިތުރުވާތީ މިފަހުން ވަނީ އެނދު އިތުރުކޮށްފަ އެވެ. ނަމަވެސް މިހާރު ވެސް 80 ޕަސެންޓު އެނދުތައް ވަނީ ފުރިފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން، މިވަގުތު ރާއްޖޭގައި ބަލި ޖެހިފައިތިބި 9،423 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން 250 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ނަސީރު ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ 30 އެނދު އިތުރުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

"ހަމަ އެއާއެކު ހުޅުމާލެ ހޮސްޕިޓަލް ޑައުންގްރޭޑްކޮށް، ކޮވިޑަށް ފައްސިވާ މަރުކަޒެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރިއަށްދާނެ،" އޭނާ ވިދާޅުވި އެވެ.

ނާސިރު ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ވެގެން ދާނީ 120 އެނދުގެ ޖާގައިގެ މަރުކަޒަކަށް ކަމަށެވެ. ނަމަވެސް ހޮސްޕިޓަލުގައި މިހާރު ހުރި އެނދުތަކުގެ ތެރެއިން ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންކުރާނީ 58 އެނދެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް މެދުކަނޑާލައިފި

ހާލަތު ގޯސްވެ، ހުޅުމާލެ ހޮސްޕިޓަލް ކޮވިޑް ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށުމާއެކު، އިއްޔެ ވަނީ އެ ހޮސްޕިޓަލް ޑައުންގްރޭޑް ކޮށްފަ އެވެ. އަދި މިއަދުން ފެށިގެން ބައެއް ހިދުމަތްތައް ވަނީ މެދުކަނޑާލައިފަ އެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ބައެއް ހިދުމަތްތައް މެދުކަނޑާލި ނަމަވެސް، 24 ގަޑިއިރުގެ އެމަޖެންސީ ހިދުމަތް ލިބޭނެ ކަމަށެވެ.

ކުރިއަށްގެންދާނެ ހިދުމަތްތައް:

  • މިހާރު ރަޖިސްޓްރީކޮށްފައި ތިބި މާބަނޑު މީހުންނަށް ދެވޭ އޭއެންސީގެ ހިދުމަތް
  • ޑައިލިސިސްގެ ހިދުމަތް
  • އޮންކޮލޮޖީގެ ހިދުމަތް
  • ކުޑަކުދިންނަށް ވެކްސިން ޖަހާދިނުން
  • ލެބޯޓަރީގެ ހިދުމަތް
  • ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ ހިދުމަތް

ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި 250 މީހުންގެ ތެރެއިން، 242 މީހަކަށް ފަރުވާ ދެނީ ވޯޑުގަ އެވެ. ކްރިޓިކަލް ހާލަތުގައި ތިބި ފަސް މީހަކަށް އައިސީޔޫގަ އި ފަރުވާ ދެމުން އަންނަ އިރު، އިތުރު ތިން މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

comment ކޮމެންޓް