ޒުވާނުން ސީރިއަސްވުން އިތުރުވެއްޖެ، އައިސީޔޫގެ 65 ޕަސެންޓު!

އޭޕްރީލް 19، 2021: ރޯދަމަހުގެ ކޮންމެ ދުވަހެއްގެ ހަވީރު ފިންޏަށް ގިނަ ބަޔަކު މަގުތަކަށް ނުކުމެއެވެ. މިކަމުގެ ތެރެއިން އާދަޔާހިލަފަށް މަގުތައްމަތީގައި ސައިކަލާއި ދުއްވާއެއްޗެހި ނުކުމެ މަގުތައް ފުރާލައެވެ. ޕެންޑެމިކްގެ ހާލަތުގައި މާސްކު އަޅައިގެންވިޔަސް ހަވީރު ފިންޏަށް ނުކުތުމުގެ މި އާދަކާދަ ދިވެހިން ދަނީ ދަމަހައްޓަމުންނެވެ. --ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އަށް ޕޮޒިޓިވްވާ ޒުވާނުން ބަލީގައި ސީރިއަސްވާ މިންވަރު އިތުރުވެއްޖެ އެވެ.

ރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާ 65 ޕަސެންޓް މީހުންނަކީ އުމުރުން 40 އަހަރުން ދަށުގެ މީހުން ކަމަށެވެ.

"ކުރިން ފާހަގަކުރެވުނީ އުމުރުން ދުވަސްވީ ބޭފުޅުން ސީރިއަސް ވާކަން. އެހެން ނަމަވެސް މިހާރު މި އައި ސާޖާ އެކު ފާހަގަކުރެވެނީ ޒުވާނުން ވެސް ސީރިއަސްހާލަތަށް އަންނަމުންދާކަން،" އޭނާ ވިދާޅުވި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން، މިވަގުތު ރާއްޖޭގައި ބަލި ޖެހިފައިތިބި 9423 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން 250 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، ބަލި ޖެހޭ ކުޑަކުދިންގެ އަދަދު ވެސް ވަނީ ބޮޑުތަން އިތުރުވެފަ އެވެ. އެޗްއީއޯސީން ބުނީ އުމުރުން 18 އަހަރުން ދަށުގެ 211 ކުއްޖަކަށް ބަލިޖެހި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި 65 އަހަރުން މަތީގެ 29 މީހަކަށް ވެސް އަންނަނީ ފަރުވާ ދެމުންނެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި 250 މީހުންގެ ތެރެއިން، 242 މީހަކަށް ފަރުވާ ދެނީ ވޯޑުގަ އެވެ. ކްރިޓިކަލް ހާލަތުގައި ތިބި ފަސް މީހަކަށް އައިސީޔޫގަ އި ފަރުވާ ދެމުން އަންނަ އިރު، އިތުރު ތިން މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސޫޔޫގައި ހުހަށް ހުރީ އެންމެ އެނދެކެވެ. އިއްޔެ ހަވީރާ ޖެހެންދެން ފުލްކޮށް އޮތް އައިސީޔޫ އިން އެއް އެނދު ހުސްވީ، އެކަކުގެ ހާލު ރަނގަޅުވެ ހުޅުމާލެ ފެސިލިޓީއަށް ބަދަލު ކުރުމުންނެވެ.

އައިސީޔޫގައި ގިނައީ ވެކްސިން ފުރިހަމަ ނުވާ މީހުން

ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ އައިސީޔޫގައި ފަރުވާދެމުން އަންނަ މީހުންގެ ތެރޭގައި ކޮވިޑް19 ވެކްސިން ފުރިހަމަ ނުވާ މީހުން ގިނަ ކަމަށެވެ. އައިސީޔޫގައި ތިބި އަށް މީހުންގެ ތެރެއިން އެއް ޑޯޒް ޖަހާފައި ވަނީ ދެމީހުންނެވެ. އަދި ވެކްސިން ފުރިހަމަކޮށްފައި ވަނީ އެންމެ މީހެކެވެ.

ޑޮކްޓަރު ވިދާޅުވީ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހާ ވެންޓިލޭޓަރަށް ލާން ނުޖެހޭ ކަމަށެވެ. އެއް ޑޯޒް ފުރިހަމަ ކުރި އެކަކު ވެންޓިލޭޓަރަށް ލުމަށް ފަހު، މިހާރު ވަނީ ނަގާފަ އެވެ. އައިސީޔޫގައި މާބަނޑު ދެ އަންހެނުން ތިބި އިރު، ހާލު ފުދޭވަރަކަށް ސީިރިއަސް ދެ މީހަކު ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ވެކްސިން ޖެހުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޑޮކްޓަރު އިލްތިމާސް ކުރެއްވި އެވެ.

ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 300،906 މީހުންނެވެ. އަދި އޭގެ ތެރެއިން ދެވަނަ ޑޯޒު ޖަހައި، ވެކްސިން ފުރިހަމަކޮށްފައިވަނީ 130،886 މީހުންނެވެ.

comment ކޮމެންޓް