ނުރަނގަޅު ކަންތަކުން އެނގެނީ ސައްހަ އަގީދާގެ މަތީ ދަރިން ތަރުބިއްޔަތު ކުރަންޖެހޭ ކަން: ރައީސް

ޖެނުއަރީ 12، 2020: އިއްޒުއްދީން ސްކޫލް ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޖުތަމައު ތެރެއިން މިއަދު ފެންނަމުންދާ ނުރަނގަޅު ކަންތަކުން އެނގެނީ، އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި، ތުއްތު ކުދިން ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ދޭންޖެހިފައިވާ މިންވަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން ރައީސް ސޯލިހު ފޮނުއްވި ހިތޯބުގައި ވިދާޅުވީ ލޯތްބާއި އޯގާތެރިކަމާ އެކު ކުޑަކުދިން ބަލައި ބޮޑުކުރުމަކީ މިއަދު ބޮޑު ސަމާލުކަމެއް ދެން ޖެހިފައިވާ ކަމެއް ކަމަށެވެ.

ކުދިން ޒުވާން ފުރާއަށް އަޅައިގެން އަންނަ ދުވަސްވަރު، ބައިބައިކުރުމާއި ފަސާދަކުރުމުގެ ފިތުނަވެރި އެންމެހައި ފިކުރުތަކުން، އެ ކުދިންގެ ސިކުނޑިތައް ތަޣައްޔަރުކުރިޔަ ނުދިނުމަށް އޯގާތެރިކަމާއި، ލޯތްބާއި، އަޅައިލުމާއި، އެކުވެރިކަމާ އެކު ގުޅިގެން އުޅުމަށް ކުދިންގެ ސިކުނޑިތައް ހާނުވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ކޮންމެ މަންމައަކާއި ބައްޕައަކު އަދި ކޮންމެ މުދައްރިއްސަކާއި ބެލެނިވެރިޔަކު ވެސް މިއަދު ސަމާލުވާން ޖެހިފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮންމެ ކުޑަކުއްޖަކާ މެދުވެސް ދެކެންވީ، ތިމާގެ އަމިއްލަ ދަރިއެއް ފަދައިން. އެހެން މީހުންނަށް އިހްތިރާމްކުރުމާއި ކިޔަމަންތެރިވުމުގެ ސިފަ، އެކުދިންގެ ކިބައިން ފެންނާނީ، އަޅުގަނޑުމެން އެ ކުދިންނަށް ލޯތްބާއި އޯގާތެރިކަން ބެހެއްޓި މިންވަރަކުން،" ރައީސް ވިދާޅުވި އެވެ.

ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދީ އެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަކީ، އަބަދުވެސް ސަރުކާރުން އަހައްމިއްޔަތު ކަމެއް ދޭކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން، ކުޑަކުދިންގެ ސިއްހަތަށާއި ތައުލީމަށް އަދި އެ ކުދިންގެ ހެދިބޮޑުވުމަށާއި އެ ކުދިންގެ އިޖުތިމާއީ ރައްކާތެރިކަމަށް، ކުރިމަތިވާ ގޮންޖެހުންތައް ނައްތައިލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ބޭނުމަކީ، މުޖުތަމައުގައި ހިމެނޭ މަދު ބައެއްގެ ފަރާތުން ވިޔަސް، ކުޑަކުދިންނަށް ކުރިމަތިވާ، އެންމެހައި ގޯނާތަކާއި ގަނާކުރުމުގެ އަމަލުތަކުން އެކުދިން ރައްކާތެރި ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެ ކުދިންނަށް އިޖުތިމާއީ ރައްކާތެރިކަމާއި އަދުލު އިންސާފު ހޯދައިދިނުމަށް، މިހާރު ވެސް މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. އޭގެ ތެރެއިން ވެސް އެންމެ މުހިންމު އެއް މަސައްކަތަކީ، 28 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އެކުލަވައިލި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް، މިދިޔަ އަހަރުގެ ކުރީކޮޅު އަމަލުކުރަން ފެށުން،" ރައީސް ވިދާލުވި އެވެ.

ކުޑަކުދިންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތައް ހައްލުކުރުމަކީ، ގާނޫނަކުން އެކަނި ކުރެވޭ ވަރަށް ވުރެ، ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަން ޖެހޭ ކަންތައް ކަމަށާއި އެ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުއީ ދާއިރާ ހިމެނޭހެން، މުޅި ދައުލަތުގެ ބައިވެރިވުމާއި އެއްބާރުލުން ބޭނުންވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ގޭތެރޭގަޔާއި ބޭރުގައި އުޅޭ އުޅުމުގައި ވެސް، ބޮޑެތި މީހުން ކުޑަކުދިންނަށް ނަމޫނާ ދައްކައި، އެކުދިންނަކީ ހަރުދަނާ ބަޔަކަށް ހެދުމަށް މަސައްކަތް ކުުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

comment ކޮމެންޓް