ލަ މެރެޑިއާން މޯލްޑިވްސް އޮގަސްޓު މަހު ހުޅުވަނީ

ލު މެރެޑިއާން މޯލްޑިވްސް--

ޅ. ތިލަމާފުށީގައި ތަރައްގީކޮށްފައިވާ ލަ މެރެޑިއާން މޯލްޑިވްސް ރިސޯޓު އެންޑް ސްޕާ މި އަހަރުގެ އޮގަސްޓުމަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ލަ މެރެޑިއާން މޯލްޑިވްސް އަކީ މެރިއޮޓް އިންޓަނޭޝަަލްގެ ބްރޭންޑު، ލަ މެރެޑިއާންގެ ދަށުން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ. މި ރިސޯޓުގައި 11 ކެޓަގަރީ އެއްގެ 154 ވިލާ ހުންނާނެ އެވެ. އޭގެ ތެރޭގައި ބީޗް ބަންގަލޯތަކާއި ސަންރައިޒް އޯވާ ވޯޓާވިލާތައް އަދި ބީޗް ވިލާސް ވެސް ހިމެނެ އެވެ.

އެ ރިސޯޓުގައި އެއް ކޮޓަރި އާއި ދެ ކޮަޓަރި އަދި ތިން ކޮޓަރީގެ ވިލާތައް ވަނީ ތަރައްގީ ކޮށްްފައެވެ.

މާލެއިން ފުރައިގެން ސީޕްލޭންގައި 35 މިނެޓުން ދެވޭ ސަރަހައްދެއްގައި ތަރައްގީ ކޮށްފައިވާ މި ރިސޯޓު ހިމެނޭ ސަރަހައްދަކީ ކަނޑުގެ ދިރުންތައް މުއްސަނދި، މަޝްހޫރު ގިނަ ޑައިވް ސައިޓްތަކެއްވެސް ހިމެނޭ ސަރަހައްދެކެވެ.

ރިސޯޓުގައި ހަ ރެސްޓޯރެންޓު ހުންނައިރު، ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ރަހަތައް ލިބޭނެއެވެ.

އާއިލާ އާއި ރައްޓެހިންނާއެކު ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ ފަރާތްތަކަށްވެސް މި ރިސޯޓު ހާއްސަވާއިރު ސްޕާ އާއި ފިޓްނެސް ސެންޓަރުގެ ހިދުމަތްވެސް ޓޫރިސްޓުންނަށް ލިބޭނެ އެވެ.

މެރިއޮޓް އިންޓަނޭޝަނަލް އެހެން ބްރޭންޑުތަކުގެ ރިސޯޓުތައް މިހާރުވެސް ރާއްޖޭގައި ހިންގަ އެވެ.

comment ކޮމެންޓް